ކްރިސްޓިއާނޯ ރޮނާލްޑޯވަނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކު ހޭދަކުރި 23 އަހަރުގެ ބައިނަލްއަގުވާމީ ކެރިއަރު ނިންމައިލައިފައެވެ. އޭނާ ކުޅުން ހުއްޓައިލުމުން ނިމިގެން އެ ދިޔައީ ރެކޯޑުތަކާއި ތަށިތަކާއި އަދި ދުނިޔޭގެ މަޝްހޫރުކަން ލިބުނު ފުރިހަމަ ދަތުރެކެވެ. ނަމަވެސް އޭނާގެ ފަހު ބާބު ފެނިގެންދިޔައީ މައްސަލަތަކާއި އަދި ހެޑް ކޯޗު ޖޯޖް ޖީސަސްއާއެކު ހިނގި ފާޅުކަންބޮޑު ހިޔާލުތަފާތުވުންތަކާއެކުގައެވެ.
އުމުރުން 41 އަހަރުގެ، ފުޓުބޯޅައިގެ އެންމެ މަގުބޫލު ބެލޯން ޑޯ އިނާމު ފަސް ފަހަރު ލިބިފައިވައި ރޮނާލްޑޯ ބައިނަލްއަގުވާމީ ދަނޑު ދޫކޮށް އެ ދިޔައީ ފާހަގަކޮށްލެވޭ ރެކޯޑަކާއެކުގައެވެ. އޭނާވަނީ ބައިނަލްއަގުވާމީ 234 މެޗު ކުޅެ، 146 ލަނޑު ޖަހައިފައެވެ. މި ދެ އަދަދަކީވެސް ފިރިހެނުންގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރެކޯޑުތަކެވެ.
"ޕޯޗުގަލްއަކީ އަބަދުވެސް އަހަރެންގެ ބައެއް،" މި ދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ވަދާއީ ވީޑިއޯއެއްގައި ރޮނާލްޑޯ ބުންޏެވެ.
އޭނާވަނީ 2016 ގެ ޔޫރޯ ކާމިޔާބުކޮށް، ޕޯޗުގަލްއަށް، ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ތަށްޓެއް ފުރަތަމަ ފަހަރަށް ހޯދައިދިނުމަށް އެހީތެރިވެދީފައެވެ. އަދި އޭނާ ވަނީ 2019 އަދި 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުވެސް ޕޯޗުގަލްއަށް ކާމިޔާބުކޮށްދީފައެވެ.
ނަމަވެސް 2022 ގައި ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި އޭނާގެ ނުފޫޒު ކުޑަވާން ފެށިއެވެ. ނޮކްއައުޓް ދެ މެޗެއްގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަ ގެއްލުނެވެ. ޕޯޗުގަލް މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ. ޔޫރޯ 2024 ގައިވެސް އޭނާއަށް މި ފަދަ ފާޑުކިޔުންތަކެއް ކުރިމަތިވިއެވެ.
މި އަހަރުގެ ވޯލްޑް ކަޕް ވެގެންދިޔައީ ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ފެނުނު ފަހު ފަހަރަށެވެ. އޭނާވަނީ ތިން ލަނޑު ޖަހައި، ތަފާތު ހަ ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށްވެފައެވެ. އެހެންނަމަވެސް، ގަދަ 16 ގެ މެޗުން ޕޯޗުގަލްވަނީ، ފަހުން މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ސްޕެއިން އަތުން ބަލިވެފައެވެ.
"އަހަރެން 2016 ގެ ޔޫރޯ ކާމިޔާބުކުރީމު. އަހަރެންނަށް އެއީ ވޯލްޑް ކަޕާ އެއްވަރުގެ މުހިންމު ކަމެއް. އެއީ އަބަދަށް އަހަރެންގެ ހަނދާނުގައި ހުންނާނެ ކަމެއް،" މި އަހަރު ކުރީކޮޅު ރޮނާލްޑޯ ބުނެފައިވެއެވެ.
އޭނާ ކުޅުން ހުއްޓައިލީ ޖީސަސްއާއެކު ހިނގި ފާޅުކަންބޮޑު ހިޔާލުތަފާތުވުމަކަށްފަހުއެވެ. ނޭޝަންސް ލީގުގެ ޖެހިޖެހިގެން ދެވަނަ މެޗުގެ ފުރަތަމަ އެގާރައިން ޖީސަސް އޭނާ އުނިކުރުމުން، ރޮނާލްޑޯވަނީ ޕޯޗުގަލްގެ ޓްރެއިނިން ކޭމްޕު ދޫކޮށް ގޮސްފައެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މެނޭޖަރު އެރިކް ޓެން ހެގްވަނީ ޓީމަށް ރޮނާލްޑޯގެ ފަރާތުން ލިބެން ޖެހޭ ކޮމިޓްމެންޓާމެދު ސުވާލު އުފައްދައިފައެވެ. އޭނާ ބުނީ ރޮނާލްޑޯ އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށާއި ޓީމުގެ ޕްރެސިންއަށް އެހީތެރިވުމުގައި ފޭލިވިކަމަށެވެ.
"ކޮންމެ މޮޅު ޓީމަކުންވެސް މޮޅު ކުޅުންތެރިޔާ ބަލައިގަންނަންޖެހޭނެ. އަދި އެ މޮޅު ކުޅުންތެރިޔާ ޓީމަށްޓަކައި މަސައްކަތްކުރަންވެސް ޖެހޭނެ،" ޓެން ހެގް ބުންޏެވެ.
ފާޑުކިޔުންތަކާއެކުވެސް، ރޮނާލްޑޯއަކީ އަދިވެސް ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކާ ރޮނާލްޑޯ ކުޅެލި ފަދައިން ކުޅެލެވުނީ މަދު ކުޅުންތެރިއަކަށް. އެއީ އާދަޔާ ހިލާފު ކުޅަދާނަކަމާއި ދޫދިނުމެއް ނެތް އަޒުމާއި އަދި ކުރެވިދާނެ ކަންކަމުގެ އިމުން ބޭރަށް ދިއުމަށް އޮތް ގުޑުމެއް ނެތް އެދުމުން ސިފަވެގެންދިޔަ ކެރިއަރެއް،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުންޏެވެ.
ރޮނާލްޑޯގެ ކޮމްޕްލިކޭޓެޑް ނުވަތަ "ކަންތައްގަނޑު ބޮޑު" ތަރިކައާމެދު ކުރިމަގުގައިވެސް ހިޔާލު ތަފާތުވަމުންދާނެއެވެ. އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ މަޝްހޫރު ޝިއާރުން އެ ކަން އެންމެ ރަނގަޅަށް ސިފަކޮށްދޭ ކަހަލައެވެ. އެއީ، "ނަފްރަތުކުރެވުނު، ލޯބިވެވުނު، ނަމަވެސް އެއްއިރަކުވެސް އަޅައިނުލައި ނުހުރެވުނު"އެވެ.



advertisment