އދ.އިން ދަނީ ސިއްރު ވޯޓުތަކަކާއި ސިޔާސީ މަޝްވަރާތަކެއް މެދުވެރިކޮށް އެ ޖަމާއަތުގެ ދެން އަންނަ އަމީން އާއްމު ކަނޑައަޅަން ތައްޔާރުވަމުންނެވެ. އެ ޖަމާއަތުގެ އުއްތަަމަ މަގާމަށް އަށް ކެންޑިޑޭޓަކު ދަނީ ވާދަކުރަމުންނެވެ. މިހާރުގެ އަމީން އާއްމު، ޕޯޗްގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ގުތެރޭޝްގެ ދައުރު ހަމަވެ، މަގާމުން ވަކިވެވަޑައިގަންނަވާނީ އަންނަ މަހު 31 ގައެވެ.
އދ.ގެ އަމީން އާއްމު ކަނޑައެޅުމުގެ ކަންތައް ފުރިހަމައަށް ކޮންޓްރޯލްކުރަނީ 15 މެންބަރުން ހިމެނޭ އދ.ގެ ސަލާމަތީ މަޖިލިސް ނުވަތަ ޔޫ.އެން ސެކިއުރިޓީ ކައުންސިލް (ޔޫ.އެން.އެސް.ސީ)ންނެވެ. ދާއިމީ ފަސް މެންބަރުންކަމަށްވާ އެމެރިކާ، ޗައިނާ، ރަޝިޔާ، އިނގިރޭސި ވިލާތް އަދި ފްރާންސްގެ އަތުގައި ވީޓޯ ނުވަތަ ދެކޮޅު ހެދުމުގެ ބާރު އޮވެއެވެ. ބާކީ 10 މެންބަރުންނަކީ ދެ އަހަރުގެ ދައުރެއް ފުރިހަމަކުރާ ގައުމުތަކެކެވެ.
އދ.ގެ އަސާސީ ގަވައިދުގެ 97 ވަނަ މާއްދާގެ ދަށުން ސަލާމަތީ މަޖިލީހުން ކެންޑިޑޭޓަކު ހުށަހަޅައެވެ. އެއަށްފަހު 193 މެންބަރުން ހިމެނޭ އދ.ގެ އާންމު މަޖިލީހުން އެ މީހަކު އެ މަގާމަށް އައްޔަންކުރެއެވެ. ކާމިޔާބުވާ ކެންޑިޑޭޓަކަށް ސަލާމަތީ މަޖިލީހުން މަދުވެގެން ނުވަ ވޯޓު ލިބެންޖެހޭއިރު، ދާއިމީ ހުރިހާ މެންބަރުންގެ ވީޓޯއިން ސަލާމަތްވާން ޖެހެއެވެ.
ސަލާމަތީ މަޖިލީހުން "ސްޓްރޯ ޕޯލް"ގެ ނަމުން ނަންދީފައިވައި ސިއްރު ފުރަތަމަ ވޯޓުތަކެއް ނަގައެވެ. މެންބަރުންނަށް ކެންޑިޑޭޓުންގެ ނަންތަކާ ޖެހިގެން "ހިތްވަރުދެން"(encourage)، "ހިތްވަރެއްނުދެން"(discourage) ނުވަތަ "ހިޔާލެއް ނެތް"(no opinion) މިހެން ފާހަގަ ޖެހިދާނެއެވެ. ފަހުގެ ބުރުތަކުގައި ދާއިމީ މެންބަރުންނާއި ދާއިމީ ނޫން މެންބަރުންގެ ވޯޓު ވަކިކުރުމަށް ކުލަޖެއްސި ވޯޓު ކަރުދާސް ބޭނުންކުރެއެވެ.
ވޯޓުލުމުގެ އަށް ބުރު ބޭއްވުނުއިރުވެސް ސާފު އިއްތިފާގަކަށް އާދެވިފައެއްނުވެއެވެ. ކޮސްޓަ ރީކާގެ ރެބެކާ ގްރިންސްޕަންވަނީ އެންމެ ފަހުގެ ވޯޓުގައި 12 "ހިތްވަރުދެން" ވޯޓާއި ތިން "ހިތްވަރެއްނުދެން" ވޯޓާއެކު ކުރިހޯދައިފައެވެ. ނިއުކްލިއަ ހަކަތައާ ބެހޭ ބައިނަލްއަގްވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީގެ ވެރިޔާ ރަފައެލް ގްރޮސީ ދެވަނައަށް ދިޔައީ ނުވަ "ހިތްވަރުދެން" ވޯޓު، ހަތަރު "ހިތްވަރެއްނުދެން" ވޯޓު އަދި "ހިޔާލެއް ނެތް" ދެ ވޯޓާއެކުއެވެ.
އެހެން ކެންޑިޑޭޓުންގެ ތެރޭގައި ގުޔާނާގެ ކެރޮލިން ރޮޑްރިގޭސް-ބާކެޓް، އެކުއަޑޯގެ އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް މާރިއާ ފެރްނާންދާ އެސްޕިނޯސާ އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ސްޓޭޓް ފޮރިން މިނިސްޓަރު ލާނާ ނުސައިބާ ހިމެނެއެވެ.
އދ.އަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ މިނިވަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، ޔޫ.އެން އެސޯސިއޭޝަން-ޔޫކޭގެ ޗީފް އެގްޒެކެޓިވް ޖޭން ކިނިންމޮންޓްވަނީ އދ.ގެ އަމީން އާއްމު ހޮވުމުގައި ގެންގުޅޭ ސިއްރުވެރިކަމަށް ފާޑުކިޔައިފައެވެ.
"ސަލާމަތީ މަޖިލީހުން ދަނީ އެ މަޖިލީހުގެ ސިއްރުވެރިކަން ވަރަށް ބޮޑަށް ހިފަހައްޓަމުން. މިއީ އެހެން ގިނަ ގައުމުތަކުން ބާވެފައިވާ ކަމެއްގެ ގޮތުގައި ދެކޭ ސިޔާސީ ސަގާފަތެއްގެ ބައެއް،" އަލްޖަޒީރާއަށް އޭނާ ބުންޏެވެ.
ވަކިވަކި ގައުމުތަކަށް ލިބިފައިވައި ވީޓޯކުރުމުގެ ބާރާމެދުވެސް އޭނާވަނީ ސުވާލު އުފައްދައިފައެވެ.
"އެހެންކަމުން، ސަލާމަތީ މަޖިލީހުގެ އެހެން ގިނަ ގައުމުތަކެއްގެ ތާއީދާއި އަދި ހަގީގަތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދު އޮތް ކެންޑިޑޭޓަކު ނަމަވެސް، އެންމެ ގައުމަކަށް އެ ކެންޑިޑޭޓަކު ވީޓޯކުރެވޭނެ ގޮތަށް އޮތުމަކީ ދިފާއުކުރަން ދަތި ހިޔާލެއް،" އޭނާ ބުންޏެވެ.
އަންނަ މަހުގެ 31 ގެ ކުރިން އާ އަމީން އާއްމެއް ހޮވުމަށް ސަލާމަތީ މަޖިލީހުން ނުކުޅެދިއްޖެނަމަ އދ.ގެ އަސާސީ ގަވައިދުން ސާފު ހައްލެއް ލިބިދީފައެއްނުވެއެވެ. މަޖިލީހަށް ޖެހޭނީ ކުރު މުއްދަތެއްގެ ކެންޑިޑޭޓެއް ނުވަތަ އެންމެނަށް އެއްބަސްނުވެވޭ ކެންޑިޑޭޓަކާމެދު ވިސްނައިށެވެ.
އަލްޖަޒީރާއިން އދ.އަށް ކަނޑައަޅައިފައި ހުންނަ މުރާސިލު ގޭބްރިއެލް އެލިޒޮންޑޯ ބުނީ ނަތީޖާ އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައިކަމަށެވެ.
"ވާނީ ކިހިނެއް؟ އެއްވެސް މީހަކަށް ނޭނގޭ. ސަބަބަކީ ކުރިން ދުވަހަކުވެސް މި ފަދަ ކަމެއް ކުރިމަތިވެފައި ނެތީމާ،" އޭނާ ބުންޏެވެ.



advertisment