އެންމެ ދަށް މުސާރައިގެ މައްސަލައިގައި ބަނގްލަދޭޝްގެ ހެދުން ފަހައި ފެކްޓަރީތަކުގައި މަސައްކަތްކުރާ މީހުންނާ ފުލުހުންނާ މިއަދު ކުރިމަތިލުމެއް ހިނގައިފިއެވެ.
ވެރިރަށް ޑާކާ ކައިރީގައިވާ ގާޒީޕޫރު ސިޓީގައި އެތައް ހާސް މަސައްކަތްތެރިން ހިންގި މުޒާހަރާ ރޫޅައިލުމަށް ފުލުހުންވަނީ ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައެވެ.
މުޒާހިރީންވަނީ އެޅިގާ އުކައި، ވެހިކަލްތަކުގައި ހުޅުޖަހައި، އަދި ޑާކާއާއި މައިމެންސިންގް ސިޓީ ގުޅުވައިދޭ މައި ހަލިމަގު ބަންދުކޮށްފައެވެ. އަދި ހެދުން އުފައްދާ މުހިންމު ސަރަހައްދުތައްކަމަށްވާ ސަވާރު ސިޓީއާއި އަދި އާޝުލިއާ ސިޓީއަށްވެސް މި މުޒާހަރާވަނީ ފެތުރިފައެވެ.
މަސައްކަތްތެރިން އެދެނީ މަހަކު އެންމެ ކުޑަމިނުން ދޭންޖެހޭ މުސާރައަކީ 30،000 ޓާކާ (ގާތްގަނޑަކަށް 240 އެމެރިކާ ޑޮލަރު ނުވަތަ 3،700.8ރ.)ކަމަށް ހަމަޖެއްސުމަށެވެ. މިހާރު އެންމެ ދަށް މުސާރައަކީ 12،500 ޓާކާ (100.17 ޑޮލަރު ނުވަތަ 1،544.62ރ.)އެވެ. އެ މީހުން ބުނާ ގޮތުގައި ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި އަދި ސިއްހީ ހިދުމަތްތަކުގެ އަގުތައް އުފުލުމުގެ ސަބަބުން ދިރިއުޅުންވަނީ އިންތިހާއަށް ދަތިވެފައެވެ.
"ފެކްޓަރީތަކުގެ ވެރިން އަހަރެމެންގެ މުސާރައިގެ ޑިމާންޑްތަކަށް އިޖާބަ ދޭން ބޭނުންނުވާ ކަހަލަ. އެ މީހުން ދަނީ މި ކަމުގައި ފަސްޖެހެމުން،" އުމުރުން 24 އަހަރުގެ މަސައްކަތްތެރިއެއްކަމަށްވާ ހާނަމް އޭ.އެފް.ޕީއަށް ބުންޏެވެ.
"އަހަރެމެން ބޭނުންވަނީ އަނބުރާ އަހަރެމެންގެ މަސައްކަތަށް އެނބުރި ދާން،" އެހެން މަސައްކަތްތެރިއެއްކަމަށްވާ އުމުރުން 28 އަހަރުގެ ރާކިބު ބުންޏެވެ.

މުސާރައާ ބެހޭ ބޯޑުން މަސައްކަތްތެރިންގެ ޑިމާންޑްތަކަށް ރިއާޔަތް ނުކޮށްފާނެތީ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.
މުސާރަ ބޮޑުކުރުމުންކުރާނެ މާލީ އަސަރުތަކާމެދު ފެކްޓަރީތަކުގެ މަންދޫބުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބަނގްލަދޭޝްގެ ތައްޔާރީ ހެދުމުގެ ސިނާއަތް ތަމްސީލުކުރާ މައިގަނޑު ވިޔަފާރިއާ ބެހޭ ޖަމިއްޔާ، ބަނގްލަދޭޝް ގާމަންޓް މެނުފެކްޗަރާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން (ބީ.ޖީ.އެމް.އީ.އޭ)ގެ އޮފިޝަލެއް، އަދި ކިއުޓް ޑްރެސް އިންޑަސްޓްރީ ލިމިޓަޑް ކުންފުނީގެ މެނެޖިން ޑިރެކްޓަރު ޝައިހް ހުސައިން މުހައްމަދު މުސްތަފީޒް ބުނީ އެކަށީގެންވާ ރަނގަޅު ދިރިއުޅުމެއް އުޅެވޭ ފަދަ މުސާރައެއް މަސައްކަތްތެރިންނަށް ލިބެން ޖެހޭކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ ބްރޭންޑްތަކުގެ ކިބައިން އިންސާފުވެރި އަގުތަކެއް ނުލިބޭނަމަ މުސާރަ ބޮޑުތަނުން ބޮޑުކުރުމުން ފެކްޓަރީތައް ޕްރެޝަރަށް ހުށަހެޅި، ވަޒީފާތަކަށް ނުރައްކާވެދާނެކަމަށެވެ.

ސަރުކާރުން އުއްމީދުކުރަނީ މުރާޖައާކުރާ އެންމެ ދަށް މުސާރަ އަންނަ މަހު އިއުލާނުކުރުމަށެވެ. އަދި އާ މުސާރައަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީގައެވެ.
މުސާރައާ ބެހޭ ބޯޑުގެ ދެން އޮންނަ ބައްދަލުވުން ބާއްވަން ހަމަޖައްސައިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.



advertisment