މަހު ކަށިކޮޅެއް ކަރުގައި ތާށިވެގެން އިންޑިއާގެ 77 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހި، އެތައް އަހަރެއްގެ ހީނުކުރާ ސިއްރެއް ހާމަވެއްޖެއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ މީހާވަނީ މި އާދަޔާ ހިލާފު، ސިއްހީ ހާދިސާގެ މެދުތެރެއަށް ސީދާ ވެއްޓިފައެވެ.
ކާންޕޫރު ސިޓީގެ ބައްރާ ސަރަހައްދުގައި ދިރިއުޅޭ ގަންގާ ބަކްޝް ނަމަކަށް ކިޔާ މީހާގެ ކަރުގައި ރިއްސައި، އެއްޗެހި ދިރުވަން އުނދަގޫވިއެވެ. މި ކަމާ ގުޅިގެން އޭނާ އެކި ހޮސްޕިޓަލްތަކުން ފަރުވާ ހޯދަން މަސައްކަތްކުރިއެވެ.
ޑޮކްޓަރުންވަނީ އެ މަސް ކަށިކޮޅު ނެގުމަށް ފަސް ފަހަރު މަސައްކަތްކޮށް، އެ ކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުން އޭނާ ދިޔައީ ކާންޕޫރުގެ ޖީ.އެސް.ވީ.އެމް މެޑިކަލް ކޮލެޖުގެ ލާލާ ލަޖްޕަތު ރާއީ ހޮސްޕިޓަލަށެވެ.
އެ ހޮސްޕިޓަލުގެ ސާޖިކަލް ޓީމުން އެންޑޮސްކޯޕީގެ ޕްރޮސީޖަރެއް ހަދައިގެން އެ ކަށިކޮޅު ކާމިޔާބުކަމާއެކު ނެގިއެވެ.
ފަރުވާ ދިނުމުގެ ތެރޭގައި ޑޮކްޓަރުން ބަކްޝް ކުރެން އޭނާ މަސް ކައި އުޅޭތޯ އެހިއެވެ. އޭނާ އެ ކަމަށް އިންކާރުކޮށް، އޭނާއަކީ "ހަރުކަށި" ވެޖިޓޭރިއަނެއްކަމަށް ބުންޏެވެ. މާނައަކީ އޭނާ ކަނީ ހަމައެކަނި ގަސްގަހާގެހީގެ އެއްޗެހިކަމާއި އެއްވެސް ބާވަތެއްގެ މަހެއް އަދި ޖަނަވާރަކުން އުފެދޭ އެއްޗެއްވެސް ނުކައިކަމެވެ.
ނަމަވެސް ޑޮކްޓަރުންނަށް ވަގުތުން ހީނުކުރާ ކަމެއް ފާހަގަކުރެވުނެވެ. އޭނާގެ ކަރުގައި ތާށިވި މަހުގެ ކަށިކޮޅުގެ ސަބަބުން، އާއިލާއަށް ވަންހަނާކޮށްގެން އުޅުނު ސިއްރެއް ފަޅާއެރިކަމެވެ.
ދުފާ އެއްޗެހި ވިއްކާ ފިހާރައެއް ހިންގާ ބަކްޝްއަކީ ވެޖިޓޭރިއަނެއްގެ ގޮތުގައި މަޝްހޫރުވެފައިވައި މީހެއް ނަމަވެސް، އޭނާ ދިޔައީ ސިއްރުން މަސް ކަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ އާއިލާގެ މެންބަރުންނަށް މި ކަން އެނގިފައެއް ނެތެވެ.
ޑޮކްޓަރުންވަނީ، އޭނާގެ ސިއްރު އެންމެ ފަހުން ހާމަވެއްޖެއޭ ބުނެ އޭނާއާ ސަމާސާކޮށްފައެވެ.
ބަކްޝް ހިނިތުންވެލައިފައި ޑޮކްޓަރުންނަށް ޖަވާބުދިނެވެ: "މިހާރު ސިއްރު މި އޮތީ ބޭރުވެފައި!"
މި ސިއްރު ހާމަވުމާއެކު އޭނާއަށް ކާފަ ކިޔާ އަންހެން ކުއްޖަކުވެސްވަނީ އެ ސަމާސާގައި ބައިވެރިވެ ހީ ހަދައިފައެވެ.
ސިއްހީ ޓީމުންވަނީ ކާމިޔާބުކަމާއެކު އެ ކަށިކޮޅު ނަގައިފައެވެ. އޭގެ ފަހުން ބަކްޝްގެ ހާލަތު ރަނގަޅުވެ، ފެނާއި ކިރާއި އަދި ބަތްޕެން ދިރުވުމުގެ ގާބިލުކަން އަލުން ލިބުނެވެ.
މި އާދަޔާ ހިލާފު ހާދިސާއިން ހޮސްޕިޓަލުގެ މުވައްޒަފުންނަށް މަޖާކަން ގެނެސްދިންއިރު، އިންޑިއާގެ މީޑިއާގެ ސަމާލުކަންވެސް މި ހާދިސާއަށް މި ދިޔަ ހުކުރު ދުވަހު ލިބުނެވެ. އެހެނީ، އާދައިގެ ސިއްހީ ކުއްލި ހާލަތެއް ހީނުކުރާ ކަހަލަ އާއިލީ ސިއްރެއް ހާމަވި ހާދިސާއަކަށް ބަދަލުވުމުންނެވެ.



advertisment