Support Us

އިސްލާމްދީނާއި މިނިވަންކަމާއި ސިޔާދަތީ ބާރާ ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނަން: ރައީސުލްޖުމްހޫރިއްޔާ

އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި، ދިވެހިން ޤަބޫލުކުރާ ކަންކަމާއި ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭކަމަށާއި ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ގެދޮރުވެރިކަމަށް ސަރުކާރުން މިހާތަނަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރަސްމާލެއާ ބެހޭ ގޮތުން ދެކެވޭ ވާހަކަފުޅުތަކަށް ބައްލަވާލެއްވިއެވެ. އެގޮތުން، އެއީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ވިސްނުން ގެންގުޅޭ ފަރާތްތަކުން ފަސޭހަކަމާއެކު ކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތެއް ނެތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި، ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުންތަކަށް ބުރޫ އަރާނޭ ކަންކަމަށް އެއްވެސް ޖާގައެއް ނޯންނާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މިކަންކަމަކީ ވަރަށް ސާފުކޮށް ބަޔާންކޮށް، އެސްޓޭންޑެއްގައި މިސަރުކާރުން ހިފަހައްޓާފައިވާ ސްޓޭންޑެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، އެކަންކަމުގައި ޝައްކު އުފައްދާ، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުން އެކަންކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫންކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިން ސައްތައެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އަންނަ އަހަރަކީ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ސަރުކާރުގެ އަމާޒަކީ، އާބާދީގެ ނިސްބަތާއި އެރައްޔިތަކު ދިރިއުޅޭ ސަރަޙައްދަށް ނުބަލާ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަމަށާއި އެޚިދުމަތެއް ނުލިބިވާ ފަރާތްތަކަށް އެޚިދުމަތް ޤާއިމްކޮށް، ޚިދުމަތް އެއް ފެންވަރެއްގައި ފޯރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަން ޤާއިމްކުރުމާއެކު، އާބަން ސެންޓަރުތަކަކާއި އިންޓަރގްރޭޓެޑް ޒޯންތަކެއް ޤާއިމްކޮށް، އެސަރަޙައްދުތަކުން އެއަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްލިބި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ފޯރުކޮށްދެވޭނެ އަސާސީ ޚިދުމަތްތަކެއް ހުންނާނޭ ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ބޭންކިންގ، ފުލުހުންގެ ޚިދުމަތް، ކުނިމެނޭޖްކުރާ ނިޒާމު ފަދަ ޚިދުމަތްތައް ޤާއިމްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެފަދަ ޚިދުމަތްތައް އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެކަމަށާއި އެއީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެފަދަ މަޝްރޫޢުތަކަށް ދަޢުލަތުން ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ނޫންކަމަށާއި އެފަދަ ކަންކަމަކީ ދެމެހެއްޓެނިވި ވިސްނުންފުޅެއްގައި ކުރައްވާ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެއީ ސަރުކާރު ހިންގުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ޢަމަލުކުރަމުން އައި އުޞޫލުކަމަށާއި އަދި އެކަމުގައި ދެމިހުންނަވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *