Support Us

ފަންނީ ކޮމިޓީތަކާއި މަޝްވަރާ މަޖިލިސްއާ ބެހޭ އުސޫލެއް ކަނޑައަޅުއްވައިފި

ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި، ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލެއް ކަނޑައަޅުއްވައި، އެއަށް ޢަމަލުކުރައްވަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި އުސޫލު ކަނޑައަޅުއްވާފައިވަނީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

މި އުސޫލުގެ މަޤްޞަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް ފުރުޞަތު ދިނުމަށް އުފައްދަވާ "ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމާއި، ހިންގުމުގައި ޢަމަލުކުރައްވާނެ ގޮތް ކަނޑައެޅުއްވުމެވެ.

މިގޮތުން ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ އުސޫލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް