އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަނަކީ އާ ޖޭމްސް ބޮންޑްކަމަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ.
އުމުރުން 40 އަހަރުގެ އެކްޓަރު މި ރޯލަށް ހޮވިކަން އިއުލާނުކުރީ އެމެޒޯން އެމް.ޖީ.އެމް ސްޓޫޑިއޯސް ފިލްމް ސްޓޫޑިއޯގެ ޝޯޓްލިސްޓަކުން އިއްޔެއެވެ.
މި ސީރީޒްގެ 26 ވަނަ ފިލްމުގައި މަޝްހޫރު އިނގިރޭސި ސިއްރު އެޖެންޓުގެ ރޯލުން ޑެނިއަލް ކްރެއިގްގެ ބަދަލުގައި ދެން ފެންނާނީ ޕެޓިންސަނެވެ.
ޕެޓިންސަން މަޝްހޫރުވެގެންދިޔައީ "ހެރީ ޕޮޓާ"، "ޓްވައިލައިޓް"، "ދަ ބެޓްމޭން" އަދި މި އަހަރު ނުކުތް "ދި އޮޑިސީ" ފަދަ ފިލްމުތަކުންނެވެ. އޭނާއަކީ ބޮޑު ބަޖެޓް ފިލްމްތަކާއި އަދި މިނިވަން ކުޑަ ބަޖެޓް ފިލްމްތަކުގައިވެސް ތަފާތު ބާވަތްތަކުގެ ޝަހުސިއްޔަތުތައް ކުޅޭތީ ގިނަ ބައެއްގެ މަގުބޫލުކަން ލިބި، ވަރަށް މަޝްހޫރުވެފައިވާ އެކްޓަރެކެވެ.
ޕެޓިންސަން ބޮންޑްގެ ރޯލުގެ ފުރުސަތު ސިފަކުރީ "އުމުރުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު"ގެ ގޮތުގައެވެ.
"ޖޭމްސް ބޮންޑަކީ ސިނަމާގެ ތާރީހުގައިވެސް އެންމެ އާދަޔާ ހިލާފު އެއް ޝަހުސިއްޔަތު. އަދި 'އެޖެންޓް 007’ގެ ޝަހުސިއްޔަތު އަހަރެންނާ ހަވާލުކުރުމަކީ މުޅި އުމުރުގައިވެސް ލިބުނު އެންމެ ބޮޑު ޝަރަފު،" އޭނާ ބުންޏެވެ.
"މި ރޯލަކީ ހަގީގަތަކަށްވި ހުވަފެނެކޭ ބުނުމަކުންވެސް ނުފުދޭނެ،" އޭނާ އިތުރަށް ބުންޏެވެ.
ބޮންޑްގެ ރޯލު ކުޅެން ޝައުޤުވެރިކަން ހުރިކަން 2012 ގައި ދިން އިންޓަވިޔުއެއްގައިވެސް ޕެޓިންސަން ފާޅުކުރިއެވެ.
"އަހަރެން ހަމަ ޔަގީނުންވެސް ބޮންޑްގެ ރޯލު ކުޅެން ބޭނުން. އެކަމަކު ގާތްގަނޑަކަށް 20 އަހަރު ފަހުން،" އޭނާ އެއިރު ބުންޏެވެ.
ޕެޓިންސަން ބޮންޑްގެ ރޯލު ކުޅޭ އާ ބޮންޑް ފިލްމް ޑިރެކްޓްކުރާނީ "ޑިއުން" ސީރީޒް ޑިރެކްޓްކުރި ފިލްމު އުފެއްދުންތެރިޔާ، ފްރާންސްގެ ދެނީ ވިލްނާވެވެ. ސްކްރީންޕްލޭ ލިޔާނީ "ޕީކީ ބްލައިންޑާސް" ޓީވީ ސީރީޒް އުފެއްދި އިނގިރޭސި ވިލާތުގެ ސްޓީވަން ނައިޓެވެ.
ޕެޓިންސަން ވެގެންދާނީ ބޮންޑްގެ ރަސްމީ ފިލްމު ސީރީޒްގައި ބޮންޑްގެ ރޯލު ކުޅޭ ހަތްވަނަ އެކްޓަރަށެވެ. މީގެ ކުރިން މި ރޯލު ކުޅުނު އެކްޓަރުންގެ ތެރޭގައި ޝޯން ކޮނަރީ، ރޮޖާ މޯ އަދި ޕިއާސް ބްރޮސްނަން ހިމެނެއެވެ.



advertisment