ދިރާސާތަކުން ދައްކައި ގޮތުގައި ފިރިހެނުންނާ އެއްވަރުގެ ނިސްބަތަކަށް އަންހެނުން އެކަނިވެރިކަން ތަހައްމަލުކުރި ނަމަވެސް، އަންހެނުންގެ އެކަނިވެރިކަމަށް ގިނަ ފަހަރަށް އޮންނަނީ ސަމާލުކަން ނުލިބިއެވެ.
އަންހެނުން އެކަނިވެރިކަން ތަހައްމަލުކުރަނީ ފިރިހެނުންނާ އެއްވަރުގެ ނިސްބަތަކަށެވެ. ނަމަވެސް، ދުނިޔޭގައި އޮތް އެކަނިވެރިކަމުގެ ކާރިސާއާ ބެހޭ ގޮތުން އާންމުކޮށް ކުރެވޭ ބަހުސްތައް ގިނައިން އަމާޒުވަނީ ފިރިހެނުންނަށެވެ. އަންހެނުންގެ ތަޖުރިބާތަކަށް އޮންނަނީ ބޮޑުތަނުން އަޅާނުލެވިފައެވެ.
ދިރާސާތަކުން ދައްކައި ގޮތުގައި އަންހެނުންނަށް ހާއްސަ އަދި ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. މީގެ ތެރޭގައި މައިވަންތަކަމާއި ދަރިން ހޯދުމުގައި ކުރިމަތިވާ ދަތިތަކާއި އެހެން މީހުން ބެލެހެއްޓުމުގެ ޒިންމާތަކާއި މައްސަރުގެ ސިއްހަތާއި އަދި މުޖުތަމައުން އެ މީހުންނާމެދުކުރާ އުއްމީދުތައް ހިމެނެއެވެ.
އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ އަދި އެ ގައުމުގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ވެރިރަށް ސިޑްނީއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ސާޝާއަށް ގާތް ރަހްމަތްތެރިންނާއި ހަރަކާތްތެރި އިޖުތިމާއީ ދިރިއުޅުމެއް ލިބިފައި އޮތް ނަމަވެސް އޭނާއަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. އޭނާގެ އެކަނިވެރިކަން ފެށުނީ މައިވަންތަކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ.
"އެއީ ފުރަތަމަ ދަރިފުޅާއެކު އަމިއްލަ އައިޑެންޓިޓީއަށް އަންނަ ބަދަލާއި ކުރެވެނީ ކޮން ކަމެއްކަން ނޭނގުމާއި ކަންކަން ވަގުތުން ދަސްކުރަމުން ދިއުން. އެއިރު އިހުސާސްވީ އެކަނިވެފައިވައިކަމަށް،" އޭނާ ބުންޏެވެ.
ސިޑްނީ ޔުނިވާސިޓީގެ ދިރާސާ ޓީމުތަކުގައި އިސްކޮށް އުޅޭ އަދި އދ.ގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ އެޑްވައިޒަރު މިޝެލް ލިމް ބުނީ ދިރާސާތަކުން ދައްކަނީ ފިރިހެނުންނާއި އަންހެނުންގެ މެދުގައި އެކަނިވެރިކަން އޮތީ އެއްވަރެއްގައި ކަމަށެވެ.
"ހަގީގަތުގައި އެއްވެސް ތަފާތެއް ނެތް. ދެބައި މީހުންވެސް އެކަނިވެރިވާ މިންވަރު އެއްވަރު،" އޭނާ ބުންޏެވެ.
އޭނާ ތަފްސީލުކޮށްދިން ގޮތުގައި ފިރިހެނުން އިޖުތިމާއީ ގުޅުންތައް މަދުކުރެވޭތޯ ބަލައެވެ. އަންހެނުން އާންމުކޮށް ގިނަ ގުޅުންތައް ދަމަހައްޓައި ނަމަވެސް އެ ގުޅުންތަކުގެ ތެރޭގައިވެސް އެ މީހުންނަށް އެކަނިވެރިކަން އިހުސާސްކުރެވޭ ގޮތްވެދާނެކަމަށް އޭނާ ބުންޏެވެ.
އަންހެނުންނަށް އެހެން މީހުން ބެލެހެއްޓުމުގެ ބޮޑެތި ޒިންމާތަކާއި މުސާރަ ނިސްބަތުން ކުޑަވުމާއި އަދި މާލީ ރައްކާތެރިކަން ކުޑަވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. މި ސަބަބުތަކާ ހުރެ ރަހްމަތްތެރިކަމާއި އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށް އެ މީހުންނަށް ލިބޭ ފުރުސަތުތައް ހަނިވެގެންދެއެވެ.
އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެކްސެޓާގެ މީހުންނާއި ޖަމާއަތްތަކާމެދު އޮންނަ ގުޅުންތަކާ ބެހޭ ޕްރޮފެސަރު މަނުއޭލާ ބަރޭޓޯ އަންހެނުންގެ އެކަނިވެރިކަން ސިފަކުރީ ވަކި ޖިންސަކަށް ހާއްސަ ތަޖުރިބާއެއްގެ ގޮތުގައެވެ.
"މިއީ ވަރަށް ބޮޑަށް ޖިންސާ ގުޅިފައިވާ ތަޖުރިބާއެއް،" އޭނާ ބުންޏެވެ.
ސިއްހީ މައްސަލަތަކުގެ ސަބަބުންވެސް އަންހެނުންގެ އެކަނިވެރިކަން އިތުރަށް ގޯސްވެގެންދެއެވެ. ބަރޭޓޯ ބުނީ އެންޑޯމެޓްރިއޯސިސް ފަދަ ސިއްހީ ހާލަތްތަކުގެ ސަބަބުން އެހެން މީހުންގެ ފަރާތުން އެކަށީގެންވާ ފަހުމްވުމެއް ނުވަތަ އެހީތެރިކަމެއް ނުލިބި، އަންހެނުން އަމިއްލައަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމަށެވެ.
"އަމިއްލައަށް ކަންކަމާ ކުރިމަތިލައި، ކަންކަން ހައްލުކުރަންޖެހެނީ އަމިއްލައަށް. އޭގެ ސަބަބުން ހަގީގަތުގައިވެސް ވަރަށް ބޮޑަށް އެކަނިވެފައިވާކަމުގެ އިހުސާސްކުރެވޭނެ،" އޭނާ ބުންޏެވެ.
މުޖުތަމައުން އަންހެނުންނާމެދުކުރާ އުއްމީދުތަކުގެ އަސަރު ހުސްހަށިބައި އަންހެނުންނަށްވެސްކުރެއެވެ. ނިއުޒީލެންޑުގެ އެންމެ ބޮޑު ސިޓީކަމަށްވާ އޯކްލަންޑަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ލޯރާ ބުނި ގޮތުގައި އަމިއްލަ އިހްތިޔާރުގައި އެކަނި އުޅޭ ފިރިހެނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ މީހުންގެ ގޮތުގައި މުޖުތަމައުން ދުށް ނަމަވެސް އަންހެނުންނާމެދު ދެކެނީ ތަފާތު ގޮތަކަށެވެ.
"އެކަނި އުޅޭ ފިރިހެނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ކެރިގެން އެ ހިތްވަރުގަދަ ފިޔަވަޅު އަޅައިގެން އުޅޭ މީހެއް. ނަމަވެސް އެކަނި އުޅޭ އަންހެނަކީ ނާކާމިޔާބު، އެކަހެރިކުރެވިފައިވައި، ތަފާތު، މީހަކަށް ލޯބިނުވެވޭނެ ހުސްހަށިބައި އަންހެނެއް،" އޭނާ ބުންޏެވެ.
ދިރާސާވެރިން ވަކާލާތުކުރަނީ މުޖުތަމައުން ހަމައެކަނި ފިރިހެނުންނަށް އަމާޒުނުކޮށް އެކަނިވެރިކަމަށް ހައްލު ހޯދައިދިނުމަށެވެ. އަދި ޖިންސީ ހަމަހަމަކަން އިތުރުވުމާއެކު އެކަނިވެރިކަމުގެ ނިސްބަތް ދަށްވާކަން ދައްކާ ދިރާސާތަކަށްވެސް އެ ފަރާތްތަކުން އަލިއަޅުވައިލައެވެ.
ސާޝާއަށް ބަލާއިރު، އޭނާގެ ދަތިތަކާމެދު ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދެއްކުމުން އޭނާގެ އިޖުތިމާއީ ގުޅުންތައް އަލުން ބިނާކުރުމަށް އެހީތެރިވެދިނެވެ.
"އަހަރެންނަށް ފާހަގަކުރެވުނީ އަހަރެން ބޮޑަށް ފާޅުކޮށް ވާހަކަދެއްކި ވަރަކަށް، އަހަރެންގެ އިޖުތިމާއީ ގުޅުންތައް ބޮޑަށް ބަދަހިވާކަން އިހުސާސްކުރެވުނުކަން،" އޭނާ ބުންޏެވެ.



advertisment