ސިކުނޑިއަށް ލިބުނު ނުރައްކާތެރި އަނިޔާއަކަށްފަހު އަޔަލެންޑްގެ ބޮކްސިން ތަރި ލީ ރީވްސް އުމުރުން 31 އަހަރުގައި މަރުވެއްޖެއެވެ.
އޭނާ މަރުވީ މި ދިޔަ އޮގަސްޓް އެކެއްގައި އަޔަލެންޑްގެ ވެރިރަށް ޑަބްލިންގައި އެ ގައުމުގެ ބޮކްސަރު ގެރީ ކަލީއާ ދެކޮޅަށް ކުޅުނު މެޗެއްގައި ސިކުނޑިއަށް ލިބުނު ނުރައްކާތެރި އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލުގައި ތިން މަހަށްވުރެ ދިގު މުއްދަތެއް ހޭދަކުރި ފަހުން މި ދިޔަ ހޯމަ ދުވަހުއެވެ.
ކަލީވަނީ 3އަރީނާގައި ބޭއްވި ޖޫނިއާ ވެލްޓާވެއިޓް މެޗުގެ 10 ވަނަ ރައުންޑުގައި ރީވްސް ދެ ފަހަރު ނޮކް ޑައުންކޮށްފައެވެ.
ރީވްސްއަށް ބޯމޮންޓް ހޮސްޕިޓަލުގައި ސިކުނޑީގެ ކުއްލި އޮޕަރޭޝަނެއްކުރިއެވެ. ޑޮކްޓަރުންވަނީ އޭނާއަށް ބޭސް ދީގެން ކޯމާއެއްގައި ބާއްވައިފައެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގައި ނުރައްކާތެރި އިންފެކްޝަނެއް އުފެދުނެވެ. އަޔަލެންޑްގެ ބްރޯޑްކާސްޓަރު އާރް.ޓީ.އީން ރިޕޯޓުކުރި ގޮތުގައި އޭނާ މަރުވީ އާއިލާގެ މެންބަރުންގެ ހާޒިރުގައި ޔުނިވާސިޓީ ހޮސްޕިޓަލް ލިމަރިކްގައެވެ.
"ލީއަކީ އިންތިހާއަށް ހުނަރުވެރި ބޮކްސިން ކުޅުންތެރިއެއް. އަދި އޭނާގެ މުޖުތަމައަށް ހަގީގީ ނަމޫނާއެއް އަދި ހިތްވަރު ލިބޭ ފަދަ ޝަހްސިއްޔަތެއް،" އޭނާގެ ޕްރޮމޯޓަރު ކުއީންސްބެރީން ބުންޏެވެ.
ކަލީވަނީ އޭނާގެ ކުރީގެ ވާދަވެރިޔާއަށް އިހްތިރާމް އަދާކޮށްފައެވެ.

"އަހަރެމެންގެ ދެމެދުގައި އެކުވެރިކަމާއި ލޯބި ފިޔަވައި އެހެން އެއްޗެއް ދުވަހަކުވެސް ނެތް،" އޭނާ ބުންޏެވެ.
ރީވްސްވަނީ އޭނާ ކުޅުނު ޕްރޮފެޝަނަލް 18 މެޗުގެ ތެރެއިން 16 މެޗު ކާމިޔާބުކޮށްފައެވެ. އޭގައި 11 ނޮކްއައުޓް ހިމެނެއެވެ. އަދި 2022 ގައި އުތުރު އެމެރިކާގެ ސަރަހައްދީ މުބާރާތެއްވެސް ކާމިޔާބުކުރިއެވެ.
މި ދިޔަ މޭގައި ދި އައިރިޝް ސަންއަށް ދިން އިންޓަވިއުއެއްގައި ރީވްސްވަނީ ބޮކްސިންގެ ސަބަބުން އޭނާގެ ދިރިއުޅުމަށްކުރި އަސަރުތަކާމެދު ވާހަކަދައްކައިފައެވެ.
"ބޮކްސިންގެ ސަބަބުން އަހަރެންނަށް ފާޅުގައި ވާހަކަދެއްކުމަށާއި އަމިއްލަ ނަފުސަށް އޮތް ޔަގީންކަން ބޮޑުކަމާއެކު ތަންތަނަށްވަނުމުގެ ހިތްވަރު ލިބުނު. އަހަރެންގެ އިހްސާސްތައް ފާޅުކޮށްލައި، އަހަރެންނަށް ކުރިމަތިވި ނަފްސާނީ އަނިޔާތަކާމެދު ވާހަކަދެއްކުމުގެ ހިތްވަރު ލިބުނު،" އޭނާ ބުންޏެވެ.
ރީވްސް ކުޑައިރު އޭނާގެ މަންމަ ކެތީއާއި ބައްޕަ ޓޯނީ ވަކިވިއެވެ. ނަމަވެސް ބައްޕަ ޓޯނީ ރީވްސްއާ ގާތް ގުޅުމެއް ބަހައްޓަމުން ދިޔައެވެ. ރީވްސްގެ ބޭބެ ޓޯނީ، ރީވްސްގެ އުމުރުން 12 އަހަރުގައި ޑްރަގް އޯވަޑޯޒަކުން މަރުވިއެވެ. އަދި އެއާއެކު ރީވްސްގެ ހަގަށް ތިބި ތިން އަންހެން ކުދިން ކެތީ ބެލެހެއްޓީ އެކަނިވެރި މައެއްގެ ގޮތުގައެވެ.
ރީވްސް އުޅުނު ސަރަހައްދުން އޭނާއަށްވަނީ އޭނާގެ ކުޑައިރުގެ ދުވަސްވަރު އަނިޔާވެރިކަން ފެނިފައެވެ. އަދި ހުދު އޭނާވެސްވަނީ ހަނގާކުރުމުގެ ޝިކާރައަކަށްވެ، ތަޅާފޮޅުމާ ކުރިމަތިލާންޖެހިފައެވެ. ފަގީރުކަމާއި އަދި އާއިލީ ދަތިތަކާ ކުރިމަތިލާންޖެހުނުކަންވެސް އޭނާގެ އިންޓަވިޔުގައި ހާމަކުރިއެވެ. ކެތީއާއި ޓޯނީ މަރުވުމާ ގުޅިގެން އޭނާއަށް އިންތިހާއަށް ބޮޑު ހިތާމައެއް ކުރިމަތިވިކަމަށްވެސް ރީވްސް ބުންޏެވެ.
ކެތީ އުރަމަތީގެ ކެންސަރާއި ނަފްސާނީ މައްސަލަތަކާ ގުޅިގެން 2015 ގައި އަމިއްލައަށް މަރުވީއެވެ. އެއާއެކު ތިން އަންހެން ކޮއްކޮ ބެލެހެއްޓީ ރީވްސްއެވެ.
"މި ދިރިއުޅުމުގައި މިއަށްވުރެ ރަނގަޅު ބޭބެއެއް އަހަރެންނަކަށް ނުލިބުނީސް. އަހަރެންނަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ ބޭބެއެއް. އަހަރެމެންގެ ކުޑަކުޑަ އާއިލާއިން ބާކީ ތިބި މީހުން ގުޅުވައިދިން އެންމެ ބޮޑު ބާރަކީ ތިޔަ ބޭބެ،" އޭނާގެ އަންހެން ކޮއްކޮ ޖެސީ ބުންޏެވެ.
މި ދިޔަ އޮގަސްޓްގައި ލިބުނު އަނިޔާއަށްފަހުވެސް ރީވްސްގެ ކަންތައްތައް އޭނާގެ ބައްޕަ ޓޯނީ ގާތުން ބަލަމުންދިޔައެވެ.
"އެއްވެސް ބައްޕައަކަށް ފިރިހެން ދަރިއަކާމެދު މިއަށްވުރެ ބޮޑަށް ފަހުރުވެރިއެއް ނުވެވޭނެ. ލީއާ ބައްދަލުވި ކޮންމެ މީހެއްގެ ހިތަށްވެސް އޭނާ ހާއްސަ އަސަރެއް ދޫކޮށްލި. އަދި އޭނާއާ ބައްދަލުވުމަށްފަހު އެންމެ ހެޔޮ ގޮތުގައި ނޫނީ ދުވަހަކުވެސް އޭނާ މަތިން ހަނދާނެއް ނުނެތޭނެ،" އަންގާރަ ދުވަހު ލިމަރިކް ލައިވްގައި ވާހަކަދައްކަމުން އޭނާ ބުންޏެވެ.
ރީވްސްއަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަކާލާތުކުރި މީހެއްވެސްމެއެވެ. އޭނާވަނީ، ލިމަރިކް ސިޓީގައި އަމިއްލައަށް މަރުވުމާ ދެކޮޅަށް، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، ލިމަރިކް ޓްރީޓީ ސުއިސައިޑް ޕްރިވެންޝަންގައި ދަރުމަވެރިއެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. އެ ޖަމިއްޔާއަކީ ލިމަރިކްގެ ކޯރުގައި ހާލުގައި ޖެހިދާނެ މީހުންނަށް އެހީވުމަށް 2018 ގައި އުފެއްދި ޖަމިއްޔާއެކެވެ.
ރީވްސް 2024 ގައި ޝެނަން ކޯރަށް ގެނބެމުންދިޔަ އަންހެނަކު ސަލާމަތްކުރިއެވެ. އޭނާ 2024 ގައި އަޔަލެންޑްގެ އަސްކަރިއްޔާއާ ގުޅި، އެންމެ މޮޅު ރެކްރޫޓުގެ އެވޯޑު ހޯދިއެވެ. އަދި 2023 ގައި ބީ.ބީ.ސީގެ ރިއަލިޓީ ޝޯ "’ސަވައިވާ ޔޫކޭ"ގެ ފަހު މަރުހަލާތަކާ ހިސާބަށްވެސް އޭނާ ފޯރިއެވެ.



advertisment