އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ބޭއްވެވި، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ޤައުމުގެ މާޒީއާއި މިއަދާއި މުސްތަޤުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސްކަމުގައި ސިފަކުރައްވައި، ޖުމްހޫރީ ވެރިކަމުގެ މާނައަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަންކަމަށެވެ. އެހެންކަމުން ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތާރީޚީ ނަސީބުވެރިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ވަރަށް ފަހަކާ ޖެހެންދެން ވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާޢުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ޚިލާފު ޙަޤީޤަތެއްކަމަށެވެ. އަދި ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށް ޓަކައި އަބަދުވެސް މާތް ﷲއަށް ޝުކުރުވެރިވާން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން ޚިޔާރުކުރިކަމާއި، މި ސަރަޙައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ޤާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާޞިލުވުމުން އެނގެނީ، ޤައުމަށް އެންމެ ފައިދާހުރި މަގުތައް ޚިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮތެވެ.



advertisment