Support Us

އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރަށް މިންކުރެވޭ ތަރައްޤީއެއް: ރައީސުލްޖުމްހޫރިއްޔާ

އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރަށް މިންކުރެވޭ ތަރައްޤީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މީހުން ބިނާކުރުމަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ފެއްޓެވި ދިވެހި ވަޠަނީ ޚިދުމަތުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން 1028 ކުދިން ވަޠަނީ ޚިދުމަތުގެ ތަމްރީނު މިހާތަނަށް ފުރިހަމަ ކޮށްފައިވާކަމަށާއި މިހާރުވެސް ތިންސަތޭކަ އެތައް ކުދިންނެއް މި ތަމްރީނު ފުރިހަމަ ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ދުވަހަކު، އަހަރަކު އެއްހާސް ކުދިން މަދުވެގެން ތަމްރީނު ކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތްކުރާނެ، މައިންބަފައިން ފަޚުރުވެރިވާނެފަދަ ޒުވާނެއް ބިނާކުރުމަކީ ޢިމާރާތްތަކެއް ބިނާކުރުމަށްވުރެ މާ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިސަރުކާރުން ކުރާނީ އެފަދަ ބިނާކުރަނިވި، ފައިދާވާ، މާނަހުރި ދެމެހެއްޓެނިވި ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚަޠީބުން ބިނާކުރުމަކީ މީގެ ކުރިން ކުރަމުންއައި ކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރުކާރުން ޒުވާން ޚަޠީބުން ބިނާކުރަން ދެއްވާ އަހަންމިއްޔަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުން މިހާތަނަށް 717 ޒުވާން ޚަޠީބުން ބިނާކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޢަދަދު 1000 އާ ހަމައަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ޒުވާން ޚަޠީބުންނަކީ އެކުދީންގެ ފަރާތުން މުޖުތަމަޢަށް ބޮޑު ދަރުމައެއް ލިބިދޭ ބައެއް ކަމަށާއި މިއީ އެކުއްޖާއަށާއި މުޖުތަމަޢަށް އެކަމުން ސަވާބު ލިބި މައިންބަފައިންނަށް އޭގެ އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް