އެމެރިކާގެ އެކްޓަރު ނޯއާ ވައިލް، ސިއްހީ ދާއިރާގެ ހެދުން އުފައްދާ އެމެރިކާގެ ކުންފުނި ފިގްސްއާ ގުޅިގެން، ދަތިހާލުގައި ދިރިއުޅޭ އެމެރިކާގެ އެތައް ހާސް އާއިލާއަކަށް އެހީތެރިވުމުގެ މަސައްކަތްވަނީ ފަށައިފައެވެ.
މި އިސްނެގުން އައިސްފައި މިވަނީ އެމެރިކާގައި ބޭސްފަރުވާއަށްވެފައިވައި ދަރަނީގެ ބޮޑު މައްސަލައެއް އެތައް ރައްޔިތުންނަށް ކުރިމަތިވެފައިވައި ދަނޑިވަޅެއްގައެވެ. ފިގްސްއިން އަންދާޒާކުރާ ގޮތުގައި އެމެރިކާގެ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަށް ސިއްހީ ފަރުވާގެ ދަރަނީގެ މައްސަލަ ކުރިމަތިވެފައިވެއެވެ. މީގެ ޖުމްލަ ދަރަނި 220 ބިލިއަން ޑޮލަރު (3.39 ޓްރިލިއަން ރުފިޔާ)އަށްވުރެ ބޮޑެވެ.
ވައިލްއާއި ފިގްސްގެ އަމާޒަކީ 150،000 އަށްވުރެ ގިނަ އެމެރިކާގެ ރައްޔިތުންގެ ސިއްހީ ފަރުވާގެ ދަރަނީގެ ތެރެއިން މަދުވެގެން 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ)ގެ ދަރަނި ނައްތައިލުމެވެ.
އުމުރުން 55 އަހަރުގެ، އެމެރިކާގެ ޕީޕްލް މަޖައްލާއިން މި އަހަރުގެ އެންމެ ރީތި ފިރިހެނާކަމަށް ހޮވައިފައިވައި ވައިލްއާއި ފިގްސްއިން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ ފަރާތަކުން އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ) ހައިރާތުކުރާނެއެވެ. އެ ފަރާތްތަކުން މަސައްކަތްކުރާނީ އަންޑިއު މެޑިކަލް ޑެޓް ނަމަކަށް ކިޔާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކާ ގުޅިގެންނެވެ. މި ޖަމިއްޔާގެ ޕްރޮގްރާމަށް އެއްވެސް ރައްޔިތަކު ނަން ހުށަހަޅައިކަށްވެސްނުޖެހެއެވެ.
އެމެރިކާގައި ސިއްހީ އެހީތެރިންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭ ޓީވީ ސީރީޒް "ދަ ޕިޓް"ގެ މިހާތަނަށް ނުކުތް ދެ ސީޒަނުން، އެމެރިކާގައި ޓީވީ އުފެއްދުމަށް ދޭ އެންމެ ޝަރަފުވެރި އެމީ އެވޯޑު ދެ ފަހަރު ލިބިފައިވައި ވައިލްވަނީ ކުރިންވެސް ސިއްހީ ހިދުމަތްތެރިންނަށް އެހީތެރިވުމުގެ ކެމްޕޭންތަކުގައި ފިގްސްއާއެކު މަސައްކަތްކޮށްފައެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް އިތުރު އެހީތެރިކަން ހޯދައިދިނުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ބާރުއެޅުމުގެ މަސައްކަތުގައިވެސް އޭނާ ބައިވެރިވެފައިވެއެވެ.
އަންޑިއު މެޑިކަލް ޑެޓުންކުރާ ކަމަކީ ނުދައްކައި ހުރި ސިއްހީ ފަރުވާގެ ދަރަނިތައް ވަރަށް އަގުހެޔޮކޮށް ގަތުމަށްފަހު، އެއަށް އެ ޖަމިއްޔާގެ ޝަރުތުތައް ފުރިހަމަވާ އާއިލާތަކުގެ ދަރަނި މާފުކުރަނީއެވެ. ހައިރާތުކުރާ ކޮންމެ ޑޮލަރަކުން (15.42 ރުފިޔާއިން) ނިސްބަތުން 100 ޑޮލަރު (1،542ރ.)ގެ ސިއްހީ ފަރުވާގެ ދަރަނި ފުހެލެވެއެވެ.
ސިއްހީ ފަރުވާގެ ދަރަނި މާފުކުރުމުގެ ފުރަތަމަ ބުރު އަންނަ މަހުގެ ބަންދު ދުވަސްވަރުގެ ކުރިން ކުރިއަށްދާނެކަމަށް ބެލެވެއެވެ.
ވައިލް ބުނީ ސިއްހީ ފަރުވާގެ ދަރަނީގެ ސަބަބުން އާއިލާތަކަށް ސީރިއަސް މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި ބޭސްފަރުވާ ލިބޭތާ އެތައް ދުވަހެއް ފަހުންވެސް އޭގެ އަސަރު އެ މީހުންގެ ދިރިއުޅުމަށްކުރާކަމަށް އޭނާ ބުންޏެވެ.
"ސިއްހީ ފަރުވާގެ ދަރަންޏަކީ މީހުންގެ ގެތަކާ ހަމައަށް ފަހަތުން އަންނަ، ދިގު މުއްދަތުގެ ހަލާކު އުފައްދައި، އަދި ސިއްހީ ފަރުވާ ލިބުމުގެ މުޅި ތަޖުރިބާ ބަދަލުކޮށްލައި ކަމެއް،" ވައިލް ބުންޏެވެ.
އާއިލާތަކަށާއި ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކޮށްދޭނެ މި ފަދަ އިސްނެގުމަކަށް އެހީތެރިވެދެވޭތީ އުފާކުރާކަމަށް އޭނާ އިތުރަށް ބުންޏެވެ.
ޑޮކްޓަރުންނާއި ނަރުހުންނަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުންވެސް ވައިލް ވާހަކަދެއްކިއެވެ. އޭނާ ބުނީ ބޭނުންވާ ފަރުވާގެ ހަރަދު ބަލިމީހުންނަށް ނުބެލެހެއްޓޭ ހާލަތްތަކުގައި ސިއްހީ ހިދުމަތްތެރިންނަށްވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހޭކަމަށެވެ.
ފިގްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި ކޯ-ފައުންޑަރު ޓްރީނާ ސްޕިއާ ބުނީ ސިއްހީ ހަރަދުތަކުގެ ސަބަބުން ގިނަ ފަހަރަށް ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ލިބުމަށް ހުރަސްއެޅޭކަމަށެވެ. މި އިސްނެގުމުގެ ސަބަބުން ފަރުވާގެ ހަރަދުތަކާ ބެހޭ ގޮތުން ބަލިމީހުންނާ ވާހަކަދެއްކުމަށް ސިއްހީ ހދުމަތްތެރިންނަށް އެހީތެރިވެދޭނެކަމަށް އޭނާ ބުންޏެވެ.
އަންޑިއު މެޑިކަލް ޑެޓްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރު އެލިސަން ސެސޯ ބުނީ ސިއްހީ ފަރުވާގެ ދަރަނީގެ ސަބަބުން ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ދެމެދުގައި އޮންނަ އިތުބާރަށް ގެއްލުންވާކަމަށެވެ.
ޑޮކްޓަރެއްގެ ޝަހުސިއްޔަތު އަދާކުރާ ވައިލްގެ "ދަ ޕިޓް"ގެ 15 އެޕިސޯޑް ހިމެނޭ ތިންވަނަ ސީޒަން އަންނަ ޖެނުއަރީގައި އެޗް.ބީ.އޯ މެކްސުން ދައްކަން ހަމަޖައްސައިފައިވެއެވެ.



advertisment