Support Us

އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ އާ "ހަނގުރާމައިގެ މައިދާން"- އެފްރިކާގެ މައުދަނުގެ މުއްސަނދިކަން ހޯދަންކުރާ ވާދަ

އެފްރިކާގެ މައުދަންތަކުގެ ވަސީލަތްތައް އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ މެދުގައި ބޮޑު "ހަނގުރާމައިގެ މައިދާނަ"ކަށްވަނީވެފައެވެ. މި ތިން ބާރުން ވާދަކުރަމުންދަނީ ކޮބާލްޓް، ލިތިއަމް، ރަތުލޯ، ރަން އަދި ޔޫރޭނިއަމް ލިބިގަތުމުގެ ފުރުސަތު ހޯދުމަށެވެ. މި މައުދަންތަކަކީ އިލެކްޓްރިކް ވެހިކަލްތަކަށާއި އިޔާދަކުރަނިވި ހަކަތައަށާއި ކުރިއަރައިފައިވައި ޓެކްނޮލޮޖީ އަދި ދިފާއީ ސިނާއަތްތަކަށް ކޮންމެހެން ބޭނުންތެރި މައުދަންތަކެކެވެ.

ޗައިނާއިންވަނީ އެފްރިކާގެ މައިންތަކަށާއި ސާފުކުރާ ވަސީލަތްތަކަށާއި އުމްރާނީ ތަރައްގީއަށް އަހަރުތަކެއް ވަންދެންކުރި އިންވެސްޓްމަންޓްތަކުގެ ޒަރީއާއިން ވަރުގަދަ މަގާމެއް އެފްރިކާގައި މިހާރުވެސް ހޯދައިފައެވެ. ޗައިނާގެ ކަސްޓަމްސް ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ވޭތުވެދިޔަ އަހަރު ޗައިނާ-އެފްރިކާގެ ވިޔަފާރިވަނީ ރެކޯޑް އަދަދެއްކަމަށްވާ 348 ބިލިއަން ޑޮލަރު (5.36 ޓްރިލިއަން ރުފިޔާ)އަށް އަރައިފައެވެ.

އެމެރިކާއިން ބޭނުންވަނީ ޗައިނާގެ މައުދަން ސަޕްލައިއަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ. މި ދިޔަ ފެބްރުއަރީގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ "ޕްރޮޖެކްޓް ވޯލްޓް" އިއުލާންކުރައްވައިފައެވެ. ބާރަ ބިލިއަން ޑޮލަރު (184.8 ބިލިއަން ރުފިޔާ)ގެ މި މަޝްރޫއުގެ މަގްސަދަކީ އެމެރިކާގެ ސިނާއަތްތަކަށް ބޭނުންވާ ސްޓްރެޓީޖިކް މައުދަން ރިޒާވެއް ގާއިމުކުރުމެވެ.

ރަޝިޔާއިންވަނީ އެފްރިކާގެ ހާއްސަކޮށް ސާހިލް ސަރަހައްދުގައި އަސްކަރީ އެއްބާރުލުމާއި ސަލާމަތީ ގުޅުންތަކަށް އިސްކަންދީފައެވެ. ރަޝިޔާގެ އަސްކަރީ އެފްރިކާ ކޯއިންވަނީ ރަޝިޔާގެ އަސްކަރީ ވާގްނާ ގްރޫޕުގެ ކުރީގެ ހަރަކާތްތަކުގެ ބޮޑު ބައެއްގެ ކޮންޓްރޯލް ނަގައިފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީ.އާރް.ސީ) އޮތީ އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ވާދަވެރިކަމުގެ މެދުގައެވެ. އެމެރިކާގެ ދާހިލީ ވުޒާރާގެ ސައިންސާ ބެހޭ އިދާރާ، ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ދައްކައި ގޮތުގައި މި ދިޔަ އަހަރު ދުނިޔޭގައި ނެގި ކޮބާލްޓްގެ 73 ޕަސެންޓް ނެގީ ޑީ.އާރް.ސީންނެވެ. ޑީ.އާރް.ސީގެ މައިންކުރައި ބޮޑެތި އޮޕަރޭޝަންތަކުގައި ޗައިނާގެ ކުންފުނިތަކުގެ ހިއްސާ އޮވެއެވެ.

އެމެރިކާއަށް މުހިންމު މައުދަންތައް ލިބޭނެ މަގު އިތުރަށް ފުޅާކުރަން އެމެރިކާއިންވަނީ ޑީ.އާރް.ސީއާއެކު ސްޓްރެޓީޖިކް ޕާޓްނަޝިޕް އެއްބަސްވުމެއްގައި މި ދިޔަ އަހަރުގެ ޑިސެމްބަރުގައި ސޮއިކޮށްފައެވެ. ނަމަވެސް ޑީ.އާރް.ސީގެ އިގްތިސާދީ ވަޒީރު ޑެނިއަލް މުކޯކޯ ސަމްބާ މި މަހުވަނީ، ހަގީގީ އިންވެސްޓެއް ޑީ.އާރް.ސީގައިކުރުމަށް އެމެރިކާއަށް އިލްތިމާސްކުރައްވައިފައެވެ.

"ކާމިޔާބީ ބިނާވާންވާނީ ސޮއިކުރައި އެއްބަސްވުންތަކުގެ މައްޗަކަށް ނޫން، ނަމަވެސް ނިމިފައިވައި މަޝްރޫއުތަކުގެ މައްޗަށް،" އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައްވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެމެރިކާ، ޔޫރަޕް އަދި އެފްރިކާގެ ބައިވެރިން ދަނީ "ލޮބީޓޯ ކޮރިޑޯ" ގާއިމުކުރަން ހިތްވަރުލަމުންނެވެ. މި ވިއުގައިން އެންގޯލާގެ އެޓްލާންޓިކް އައްސޭރި، ޑީ.އާރް.ސީގެ މައުދަން އުފައްދައި ސަރަހައްދުތަކާ ގުޅުވައިދީ، ޒެމްބިއާއާ ހަމައަށް ވިއުގަ ފުޅާކުރާނެއެވެ.

މާލީ އަދި ނީޖޭއަކީ އެމެރިކާ، ޗައިނާ އަދި ރަޝިޔާގެވެސް ޝައުގުވެރިކަން ހުރި ދެ ގައުމެވެ. މާލީން މި ދިޔަ އަހަރު ގާތްގަނޑަކަށް 9,400 ޓަނުގެ ލިތިއަމް އުފެއްދިއެވެ. ނީޖޭގައި އެމެރިކާއިންވަނީ މި ދިޔަ ސެޕްޓެމްބަރުގައި "ދާސާ" ޔޫރޭނިއަމް ޕްރޮޖެކްޓަށް 414 މިލިއަން ޑޮލަރު (6.38 ބިލިއަން ރުފިޔާ)އާ ހަމައަށް ހަރަދަކުރަން ނިންމައިފައެވެ.

އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ މެދުގައި އިތުރުވަމުންދާ ވާދަވެރިކަމުގެ ސަބަބުން އެފްރިކާގެ ގައުމުތަކަށް އިންވެސްޓްމަންޓްތައް ހޯދުމަށާއި އެ ކަމުގެ ފައިދާ އިތުރުކުރެވިދާނެ އެއްބަސްވުންތަކަށް ވާހަކަދެއްކުމުގެ ފުރުސަތުތައް ލިބިގެންދެއެވެ. ނަމަވެސް ބޭރު ގައުމުތަކުގެ މިލްކުވެރިކަމާއި ކޮރަޕްޝަނާއި ރައްކާތެރިކަން ނެތުމާއި އަދި ދޯދިޔާ އިންފްރާސްޓްރަކްޗަރުގެ ސަބަބުން އެފްރިކާގެ ވަޒަންވެރިންނަށް އޭގެ ފައިދާ ލިބުމަށް ހުރަސްއެޅިދާނެއެވެ.

އެފްރިކާގެ ސަރުކާރުތަކަށް ކުރިމަތިވެފައިވައި މައިގަނޑު ގޮންޖެހުމަކީ ވަޒީފާތައް އުފެއްދުމާއި އެ ގައުމުތަކުގައި ކާރުހާނާތައް ގާއިމުކުރުމާއި އަދި އިގުތިސާދުތައް ވަރުގަދަކުރުމެވެ.

އެމެރިކާ، ޗައިނާ އަދި ރަޝިޔާއިން އެފްރިކާގެ ވަސީލަތްތަކަށް ވާދަކުރަމުންދާއިރު ހަގީގީ ސުވާލަކީ އެފްރިކާގެ މައުދަނުގެ މުއްސަނދިކަމުގެ ތެރެއިން އެފްރިކާގެ ރައްޔިތުންނަށް ލިބޭނީ އަދި ހިފެހެއްޓޭނީ ކިހާ ވަރެއްގެ ފައިދާއެއް ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *