މޮރޮކޯއަކީ އެފްރިކާގެ ފުޓްބޯޅައިގެ ބޮޑު ބާރަކަށްވަނީވެފައެވެ. އެ ގައުމުގެ ކާމިޔާބީގެ އަސްލަކީ ފުޓްބޯޅަ ވަސީލަތްތަކަށާއި ކުޅުންތެރިން ތަރައްގީކުރުމަށާއި އަދި ބައިނަލްއަގުވާމީ ގުޅުންތަކަށް އެތައް އަހަރެއް ވަންދެންކުރި އިންވެސްޓްމަންޓްތަކެވެ. އެ ގައުމުންވަނީ 2022 ގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2030 ގެ ވޯލްޑް ކަޕް ކޯ-ހޯސްޓްކުރާނީވެސް މޮރޮކޯއިންނެވެ. މީގެ އިތުރުން އަންނަ އަހަރުގެ މާޗް 18 ގައި ފީފާގެ 77 ވަނަ ކޮންގްރެސް ބާއްވަން ހަމަޖައްސައިފައިވަނީ މޮރޮކޯގެ ވެރިރަށް ރަބާތުގައެވެ.
އެފްރިކާގެ ފުޓްބޯޅަ ބައެއް އޮފިޝަލުންނާއި ސަޕޯޓަރުން ދަނީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް)އިން މޮރޮކޯއަށް ހާއްސަ އިނާޔަތްތަކެއް ދޭކަމާމެދު ސުވާލު އުފައްދަމުންނެވެ. މި މައްސަލަ ބޮޑުވީ މި ދިޔަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ފައިނަލަށްފަހުއެވެ. ސެނެގޯލްގެ ކުޅުންތެރިން އިހުތިޖާޖުކުރުމުގެ ގޮތުން ދަނޑުން ފޭބުމުން ކަފްއިން ފުރަތަމަ ނިންމީ 3-0 އިން މޮރޮކޯ މޮޅުވިކަމަށެވެ. ނަމަވެސް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ކަސް)އިން އިއްޔެވަނީ ސެނެގޯލަކީ މުބާރާތުގެ ޗެމްޕިއަނުންކަމަށް އަލުން ކަނޑައަޅައިފައެވެ. މި ނިންމުން އިސްތިއުނާފުކުރާނެކަމަށް މޮރޮކޯއިންވަނީ ބުނެފައެވެ.
ކުޅިވަރުގެ މާހިރު ކަމީލާ ސުވާޓް ބުނީ މޮރޮކޯގެ ކާމިޔާބީއަކީ ދިގު މުއްދަތުގެ ރޭވުންތެރިކަމުގެ ނަތީޖާއެއްކަމަށެވެ. އޭނާ ފާހަގަކުރީ 2010 ގައި ގާއިމުކުރި މުހައްމަދު ހައެއް ފުޓްބޯޅަ އެކަޑެމީއެވެ. އޭނާ ބުނި ގޮތުގައި މޮރޮކޯއިންވަނީ އެތައް އަހަރެއްގެ ތެރޭގައި އެ ގައުމުގެ ހުނަރާއި ގާބިލުކަން ބިނާކޮށްފައެވެ.
ސުވާޓްވަނީ ކަފްގެ އެތައް ހަރަކާތްތަކެއް މޮރޮކޯގައި ބާއްވަމުންދާތީ ހުރި ކަންބޮޑުވުންތައްވެސް ފާހަގަކޮށްފައެވެ.
"އޭގެ ފައިދާ މުޅި އެފްރިކާ ބައްރަށް ނުލިބުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ބުންޏެވެ.
ކެންޔާގެ ކުޅިވަރާ ބެހޭ ގާނޫނީ ވަކީލު ހައިރާން ނޫރުވަނީ ކަފްގެ ނިންމުންތަކުގައި ދެ ފުށް ފެންނަ ނިޒާމު އިތުރަށް ހަރުދަނާކުރަން ގޮވައިލައިފައެވެ.

"މޮރޮކޯއިންކުރި އިންވެސްޓްމަންޓްތަކުގެ ފައިދާ ލިބުމުގެ ހައްގު އެ ގައުމަށް އޮންނަންޖެހޭނެ. ނަމަވެސް އެފްރިކާގެ އެހެން ކޮންމެ ފެޑެރޭޝަނަކަށްވެސް އެ ގައުމެއްގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މާނަހުރި ފުރުސަތެއް ލިބެންޖެހޭނެ،" އޭނާ ބުންޏެވެ.
ބެނިންގެ ކުޅިވަރު މެނޭޖްމަންޓް މާހިރު، ބައިނަލްއަގުވާމީ ކޮންސަލްޓަންޓް އަދި ކުރީގެ ޕްރޮފެޝަނަލް އެތްލީޓް ޖެރާޑް އަކިންޑޭސް ބުނީ މޮރޮކޯގެ ނުފޫޒު ބޮޑުވުން ގުޅިފައިވަނީ އެހެން ގައުމުތަކަށް މުބާރާތްތައް ބޭއްވޭނެ ހާލަތެއް ނެތް ދަނޑިވަޅުތަކުގައި މޮރޮކޯއިން މުބާރާތްތައް ބޭއްވުމަށް އިސްނެގުމާކަމަށެވެ.
"އެއްވެސް ގައުމަކުން ބާއްވަން ބޭނުންނުވި ހަރަކާތްތައް ބާއްވައިދީގެން މޮރޮކޯއިންވަނީ އެތައް ފަހަރަކު ކަފް ސަލާމަތްކޮށްދީ، ބޮޑު ނުފޫޒެއް ހޯދައިފައި. އެ ފަދަ ކަމެއްކުރުމުން އޭގެ ބަދަލުގައި ކޮންމެވެސް ފައިދާއެއް މޮރޮކޯއަށް ލިބޭނެ،" އޭނާ ބުންޏެވެ.
ނައިޖީރިއާގެ ކުޅިވަރު ނޫސްވެރިޔާ އަދެނީޔީ އަދެބަންޖޯވަނީ ކަފްއިން އެވޯޑުތަކުގައި އޮޅުވާލުންތަކެއް ގެންގުޅޭކަމަށްކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޔުނިވާސިޓީ އޮފް ލޭގޯސްގެ ލެކްޗަރާ ވިކްޓާ ދާމިލޯލާ އަދެމޯލާވަނީ ތަމްރީނުކުރާ ވަސީލަތްތަކަށާއި ސްޓޭޑިއަމްތަކަށާއި އަދި ކުޅިވަރުގެ ސައިންސަށް މޮރޮކޯއިންކުރި އިންވެސްޓްމަންޓްތަކަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ އެފްރިކާގެ ގައުމުތަކުން މޮރޮކޯގެ ކުރިއެރުމުން ނަމޫނާ ލިބިގަންނަންޖެހޭނެކަމަށެވެ. އަދި އަމިއްލަ ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި، ޖެހޭ މައްސަލަތައް ބަހަނާއަކަށް ހަދައިގެންނުވާނެކަމަށްވެސް އޭނާ ބުންޏެވެ.



advertisment