Support Us

ރޮހިންޔާ ރެފިއުޖީން މި ދިޔަ ޖުލައިގައި މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ އދ.ގެ ރެފިއުޖީ އެޖެންސީ ދޮށުގައި

ނަސްލު ނައްތައިލަނީ ކަމަށް ހުކުމްކުރިޔަސް މެލޭޝިޔާއިން އެތައް ހާސް ރޮހިންޔާ މީހުން އަނބުރާ މިޔަންމާއަށް ފޮނުވައިލަނީ

ނަސްލު ނައްތައިލަނީކަމަށް އދ.ގެ އުއްތަމަ ކޯޓުން މި ދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރިޔަސް އެތައް ހާސް ރޮހިންޔާ މުސްލިމުން އަނބުރާ މިޔަންމާއަށް ފޮނުވައިލަން މެލޭޝިޔާއިން ނިންމައިފިއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން ހުކުމްކުރީ ރޮހިންޔާ ކޮޅަށްކަމަށްވިޔަސް ރޮހިންޔާ ދަރިކޮޅުގެ 6،803 މީހުން އަންނަ މަހު މިޔަންމާއަށް އަނބުރާ ފޮނުވައިލައިނެކަމަށް މެލޭޝިޔާއިން ބުންޏެވެ.

މި ނިންމުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއްޔެވަނީ ގާނޫނު ހަދާ މަޖިލީހުގައި ދިފާއުކުރައްވައިފައެވެ.

އައި.ސީ.ޖޭން ހުކުމްކުރީ 2017 ގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އޮޕަރޭޝަނުގައި ނަސްލު ނައްތައިލުމުގެ ޖަރީމާ ހިންގައިފައިވައިކަމަށެވެ. އެ އޮޕަރޭޝަނުގައި އެތައް ހާސް ބަޔަކު މަރުވެ، 700،000 އަށްވުރެ ގިނަ ރޮހިންޔާ މީހުންވަނީ ބަނގްލަދޭޝްއަށް ފިލައިގެން ދާން މަޖުބޫރުވެފައެވެ.

އަންވަރު ވިދާޅުވީ އެނބުރި ދާ ރޮހިންޔާ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން މިޔަންމާއިން މެލޭޝިޔާއަށް ދީފައިވައިކަމަށެވެ.

"މިހާތަނަށް މެލޭޝިޔާގެ އިންޓެލިޖެންސުންކުރި މޮނިޓަރިންއަށް ބަލާއިރު އެނބުރިދިޔަ 10،476 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް ކަހަލަ ފިއްތުމެއް ކުރިމަތިކޮށްފައެއްނުވޭ،" އޭނާ ވިދާޅުވިއެވެ.

މިޔަންމާގެ ހާރިޖީ ވުޒާރާއިންވަނީ އައި.ސީ.ޖޭގެ ހުކުމަކީ "ވަރަށް ބޮޑު މާޔޫސްކަމެއް"ކަމަށް ބުނެ އެ ހުކުމް ބަލައިގަތުމަށް އިންކާރުކޮށްފައެވެ. އަދި އަސްކަރީ އޮޕަރޭޝަންތައް އަމާޒުކުރީ ޓެރަރިސްޓުންނަށްކަމަށް އެ ވުޒާރާއިން ބުންޏެވެ. ރެފިއުޖީންނަށް އެނބުރި އާދެވޭނީ "ހާލަތު ތަން ދޭ ވަރަކުން"ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މެލޭޝިޔާގެ ހިއުމަން ރައިޓްސް ކޮމިޝަނުންވަނީ ރޮހިންޔާ މީހުން މިޔަންމާއަށް އަނބުރައި ފޮނުވައިލުން ވަގުތުން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލައިފައެވެ. އަދި އެނބުރި ފޮނުވައިލުމުގެ ސަބަބުން ރެފިއުޖީން އަނިޔާވެރިކަމާއި ބޮޑެތި ގެއްލުންތަކަށް ހުށަހެޅިގެންދާނެކަމުގެ އިންޒާރު އެ ކޮމިޝަނުން ދިނެވެ.

އަންވަރު ވިދާޅުވީ އަންނަ މަހު ހަޔަކާއި ހަތެއްގައި މިޔަންމާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރުގައި 1،500 ރޮހިންޔާ މީހުން އެނބުރި ދާނެކަމަށެވެ. އަދި އިތުރު 5،303 މީހުން އަންނަ މަހުގެ ތެރޭގައި ވައިގެ މަގުން އެނބުރި ދާނެކަމަށެވެ. މި ދަތުރުތަކުގެ ހަރަދުތައް ބަލަހައްޓާނީ މިޔަންމާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *