Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މައެއްގެ "ހިމޭން ލޯބީ"ގެ މާނައަކީ މިއީ

އަހަރެންގެ މަންމަ އަހަރެން ބްލޮކް ކުރިއެވެ. އަހަރެން ދެކެ ނަފުރަތު ކުރާތީއެއް ނޫނެވެ. އެކަމަކު އަހަރެންނަށް އެ ވަގުތު ފަހުމް ނުވިޔަސް، ހަމަ އަހަރެންގެ ރަނގަޅަކަށް، އަހަރެންގެ ރައްކަލަކަށެވެ.

އަހަރެން މަންމައާ ދިމާއަށް ބުނީމެވެ: "މަންމާއެވެ. އަނބުރާ ދޭ ގޮތަށް ފައިސާކޮޅެއް ލިބިދާނެ ހެއްޔެވެ؟"

މަންމަ ޖަވާބު ދިނެވެ: "ނޫނެކެވެ."

އަހަރެން: "މަންމާއެވެ. އަހަރެން އުޅޭ ތަނުގެ ކުއްޔަށް ކޮންމެވެސް އެއްޗެއް ދެވިދާނެ ހެއްޔެވެ؟"

މަންމަ: "ނޫނެކެވެ."

އަހަރެން: "މަންމާއެވެ. އަހަރެން އަނބުރާ މަންމަގެ ގެއަށް ބަދަލުވަން ހެއްޔެވެ؟"

އެ ސުވާލަށް މަންމަ ޖަވާބެއް ނުދިނެވެ. ހުރީ ހަމަހިމޭނުންނެވެ.

އެ ރޭ މަންމަ އަހަރެން ބްލޮކް ކުރިއެވެ. އަހަރެންގެ ކޯލްތަކާއި މެސެޖްތަކެވެ. ހުރިހާ އެއްޗެއް ހިމެނޭ ގޮތަށެވެ.

އަހަރެންގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ.

"އަހަރެންނަށް އެހެން ހެދީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ އޭނާގެ ދަރިއެކެވެ!" އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެން ބުނެލީމެވެ.

ރަހްމަތްތެރިއެއްގެ ގޭގެ ތަޅުންމަތީގައި އަހަރެން ނިދީމެވެ.

އެހެން ރަހްމަތްތެރިއެއްގެ ސޯފާގައި ވެސް އަހަރެން ނިދީމެވެ.

ނަމަވެސް އެއިން އެކަކަށް ވެސް އަހަރެންނާއެކު ހަފުތާއަކަށްވުރެ ގިނަ ދުވަހަކު ކެތެއް ނުކުރެވުނެވެ.

އެއް ދުވަހަކު އަހަރެން މަންމަގެ ގެއަށް ދިޔައީމެވެ.

މަންމަ ދޮރެއް ނުހުޅުވިއެވެ. އެކަމަކު ދޮރު ދަށުން ސިޓީއެއް ދިއްކޮށްލިއެވެ.

އޭގައި ބުނެފައިވަނީ މިހެންނެވެ:

"އަހަރެން ތިބާ ދެކެ ލޯބިވަމުއެވެ. ނަމަވެސް ތިބާ އިހްތިޔާރު ކުރާ ކަންތައްތަކުން ތިބާއަށް ކުރިމަތިވާ ނަތީޖާތަކުން ތިބާ އަބަދުމެ ސަލާމަތް ކޮށްދެވޭކަށް އަހަރެންނަކަށް އަބަދަކު ނޫޅެވޭނެއެވެ. އެހެނީ، އަހަރެން ކޮންމެ ފަހަރަކު އެ ގޮތަށް އަމަލުކޮށްފި ނަމަ، އެއީ އަހަރެން ތިބާއަށް އެހީވަނީއެއް ނޫނެވެ. މައުނަވީ ގޮތެއްގައި އެ ކަން ވާނީ ތިބާ ތާށިވެފައިވާ ތާނގައި ތާށިކޮށްލައިފައި ބަހައްޓަނީ ކަމަށެވެ. އަހަރެން ބޭނުންވަނީ، ހަމައެކަނި ހަމަޖެހިލައިގެން އުޅޭ ދަރިއެއް ނޫނެވެ. އަހަރެން ބޭނުންވަނީ ފުރިހަމަ މާނައިގައި މިނިވަންކަންމަތީ އަބަދަށް ދިރިއުޅޭ ދަރިއެކެވެ. ހަގީގަތުގައި، މިނިވަންކަމަކީ ތިބާ އަމިއްލައަށް ހޯދައިގަންނަ އެއްޗެކެވެ. އަދި އާއްމު ގޮތެއްގައި މިނިވަންކަން ލިބޭނީ ވޭން ތަހައްމަލު ކޮށްގެންނެވެ."

ސިޓީ ކިޔައިފައި އަހަރެންނަށް ރޮވުނެވެ. ވަރަށް ބާރަށެވެ.

އޭގެ ފަހުން އެތައް މަހެއް ފާއިތުވިއެވެ.

އަހަރެން ވަޒީފާއެއް ހޯދީމެވެ.

ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފީމެވެ.

ދުވާލުގެ ހަރަކާތްތައް ވަކި ތައްގަނޑަކަށް ފެއްތީމެވެ.

ފުރަތަމަ މުސާރަ ލިބުނު ދުވަހު އަހަރެން މަންމައަށް މެސެޖެއް ފޮނުވީމެވެ. އެއަކަށް މަންމަ ޖަވާބެއް ނުދެއެވެ.

ނަމަވެސް އެ ދުވަހު ހަވީރު އަހަރެންގެ ކޮޓަރިއަށް އަހަރެން އެނބުރި އައިއިރު އަހަރެން ކައްކާ މޭޒަކަށް ބޭނުންކުރި ކުޑަ މޭޒުމަތީގައި ކަރުދާސް ކޮތަޅެއް ހުއްޓެވެ. އޭގެ ތެރޭގައި ވަނީ އަހަރެންނަށް އެންމެ ކަމުދާ ކެއުމާއި ނޯޓެކެވެ. އެ ނޯޓުގައި މަންމަ ބުނެފައިވަނީ މިހެންނެވެ:

"އަނބުރާ ގެއަށް އަންނަން ތިބާ މިހާރު ތިޔަ ހުރީ ތައްޔާރުވެފައެވެ. އަހަރެންގެ ފަރާތުން ކަމެއް ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް ތިބާ ތިޔަ ތަރައްގީކުރި ދިރިއުޅުން އަހަރެންނާ ހިއްސާ ކުރުމަށްޓަކައެވެ."

މި ހާދިސާގެ ރޫހާނީ އިބްރަތް:

ބައެއް ފަހަރު ތިބާގެ ފަރާތުން ބޭރުވާ "މެސެޖް"ތަކަށް "ލޯބި" ޖަވާބެއް ނުދޭނެއެވެ. ސަބަބަކީ ލޯބީގެ އެ "ހަމަހިމޭންކަން" ތިބާއަށް ފަހުމްވާ ހިސާބަށް ދާންދެން ތިބާގެ "ނަފުސު" ތަރައްގީ ވަންދެން އެ ލޯބި "ކެތްތެރިކަމާއެކު މަޑުކޮށްލަނީ"އެވެ.

  • ތަރުޖަމާއެއް