Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދުލުން ބޭރު ނުކުރަންވާ 11 ވިހަ ބަސް

ދުލަކީ ބާރުގަދަ އެއްޗެކެވެ. ބުނެލާ ބަހަކުން ހިލާފަތެއް ގާއިމު ކުރެވި އަދި އަނެއްކޮޅުން ވެރިކަމެއް ވެއްޓި ވެސް ދާނެއެވެ.

ތިބާގެ ބަސްކޮށާރު ނުވަތަ "ވޮކެބިއުލަރީ"ގައި ގެންގުޅޭ ބަސްތަކުގެ ސަބަބަން ތިބާގެ އަމިއްލަ ނަފުސާއި ތިބާގެ ވަށައިގެން އުޅޭ މީހުން އަމިއްލަ ނަފުސާމެދު ދެކޭ ގޮތަށް ބަދަލު އާދެއެވެ.

އަހަރެމެން މީހަކާ ދިމާއަށް ބުނާ ބަހެއްގެ ސަބަބުން އެ މީހާ ކަންތައްތަކާމެދު ދެކޭ ގޮތް ވެސް ބަދަލުވެދާނެއެވެ. ރަނގަޅު ގޮތަށް ނޫނީ ނުބައި ގޮތަށް ވެސް މެއެވެ.

ކެތަރިން ޕްރެޓް ލިޔެފައިވާ ފޮތް "ހައު ޓު ޑީލް ވިތު ނެގަޓިވް ޕީޕްލް" ("ނުބައިކޮށް ވިސްނާ މީހުންނާމެދު އަމަލު ކުރާނެ ގޮތް")ގައި އޭނާ ބުނާ ގޮތުން ނެގަޓިވް ނުވަތަ ނުބައި ގޮތަށް ވިސްނުން ގެންގުޅޭ މީހުންނާ ގުޅުން ބަހައްޓާ ނަމަ ތިބާގެ ސިކުނޑި ވަރުބަލިވެ އަދި ޑިޕްރެޝަން ފަދަ ނަފުސާނީ ބަލިތައް ޖެހުން ވެސް އެކަށީގެންވެއެވެ.

މި ބަލައިލަނީ އަހަރެމެންގެ ބަސްކޮށާރުން ފުހެލަން ޖެހޭ 11 ވިހަ ބަހަށެވެ:

  1. މީހަކާ ދިމާއަށް އެ މީހެއްގައި ގާބިލު ކަމެއް ނެތޭ ނުބުނާށެވެ. ކޮންމެ މީހަކީ ވެސް ހުރިހާ ރޮނގަކުން ގާބިލު މީހެއް ނޫނެވެ. އެއް ކަމަކަށް މޮޅުވެފައި އަނެއް ކަމަކުން މޮޅު ނުވެދާނެއެވެ. މިސާލަކަށް، ވެއިޓަރެއްގެ ގޮތުގައި މޮޅު މީހަކު ނޫނަސް ވެބް ޕްރޮގްރާމަރެއްގެ ގޮތުން އޭނާ ކުޅަދާނަ ވެދާނެއެވެ. އެހެންކަމުން ކިޔެވުމާއި މަސައްކަތުގެ ދާއިރާގައި އެ މީހަކު އެންމެ ކުރާހިތްވާ ކަމަކުން ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.
  2. އަހަރެމެން އެންމެނަކީ ވެސް އެކަކު އަނެކަކާ ތަފާތު ބައެކެވެ. އެކި ސަގާފަތުގައި ހުންނާނީ އެކި ވިސްނުންތަކާއި ދެކޭގޮތްތަކެކެވެ. މިހެންވެ، މީހަކާ ދިމާއަށް ބަދުބަހެއް ބުނުމުގެ ކުރިން ތިބާ ހަނދާން ކުރަން ވާނީ ތިބާ ތިޔަ ދެކޭ ރަނގަޅު އާއިލާއަށް ތިބާ އުފަންވެފައިވުމާއި ތިބާގެ ސިއްހަތު ރަނގަޅުވުމުން ތިބާއަށް ލިބިފައިވާ އުފާވެރިކަމަށެވެ. ސަބަބަކީ ކޮންމެ ކޮންމެ މީހަކީ ދުނިޔަވީ ހަޔާތުގައި އެހާ ނަސީބު ގަދަ ބައެއް ނޫނެވެ.
  3. ލޯބީގެ ގޮތުން ބައިވެރިއަކާ ގުޅިގެން އުޅޭ ނަމަ އޭނާއަކީ ތިބާ ބޭނުންވާ މީހެއް ކަމަށް ނުބުނާށެވެ. މިއިން ދޭހަކޮށްދެނީ ޖަޒުބާތީ އަޅުވެތިކަމެވެ. މި ވިސްނުން ގެންގުޅޭނީ އަމިއްލަ ނަފުސާމެދު ރަނގަޅު ނޫން ގޮތްގޮތަށް ދެކޭ މީހުންނެވެ. ނުރަނގަޅު ގުޅުމެއްގައި ނަމަވެސް ދެމިހުރުމުގެ ނިޔަތުގައެވެ. އަމިއްލަ ނަފުސާމެދު ރަނގަޅަށް ދެކޭ މީހުން ނުވަތަ "ސެލްފް-އެސްޓީމް" ހުންނަ މީހުން އަމިއްލަ އުފަލަށްޓަކައި އެހެން މީހުން ގާތްކޮށްގެން ގެންގުޅޭކަށް ބޭނުމެއް ނުވާނެއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާ ވާނީ އޭނާގެ ހަޔާތުގައި އުޅޭ "ކޮމްޕްލިމެންޓަ"ކަށެވެ. މާނައަކީ އެއީ ހަޔާތަށް ލިބިފައިވާ އިތުރު އުފަލެކެވެ. ކޮންމެހެން އެންމެ މުހިންމު އުފަލެއް ނޫނެވެ.
  4. ކަމެއް ނުކުރެވޭނެއޭ ނުބުނާށެވެ. މިއީ ކަމެއް ކުރުމަށް އަމަލު ކުރުމަށް ހުރަސްއަޅާ ބަހެކެވެ. ހިތްވަރެއް ލައި ކެތްތެރިކަން ކުރިއަށް ނެރެފި ނަމަ ތިބާގެ އަމާޒުފަތްގަނޑުތަކަށް ވާސިލު ވާނެއެވެ. ނަމަވެސް އެ ލަނޑުދަނޑިތައް ވާންވާނީ ހާސިލުކުރެވިދާނެ ކަންތައްތަކަކަށެވެ.
  5. ކަމެއް ކުރަންވީ ބާވައޭ ނުވަތަ ނުކުރަންވީ ބާވައޭ، މި ފަދަ ސުވާލުތައް އަމިއްލަ ނަފުސާ ނުކުރާށެވެ. މިއީ މުޖުތަމައުން ގެންގުޅޭ ހިޔާލުތަކާއި މުޖުތަމައުން ގަބޫލުކުރާކުރުންތަކާ ގުޅިފައިވާ ސުވާލުތަކެވެ. މިއީ ތިބާ ކުރަންވީ ކަމެއް އެހެން މީހުން ގޮތް ކިޔައިދިނުމާ ގުޅިފައިވާ ކަމެކެވެ. ތިބާ ކުރާހިތްވާ ކަންތައްތަކާއި ތިބާއަށް އުފާ ލިބޭނެ ކަންތައްތައް އެނގޭނީ ތިބާއަށް އެކަންޏެވެ. މިސާލަކަށް، "އަހަރެން ކައިވެނި ކުރަން ޖެހެއޭ" ނުވަތަ "އަހަރެން ޑޮކްޓަރަކަށް ވާން ޖެހެއޭ" މި ހުންނަނީ މުޖުތަމައުން އެކަކު އަނެކަކު މައްޗަށް ކުރާ ޕްރެޝަރުތަކެވެ. ތިބާގެ ހިޔާލު ބައްޓަން ކުރަންވާނީ ތިބާގެ އަމިއްލަ ނަފުސު ބޭނުންވާ ކަންތައްތަކަށެވެ. މިސާލަކަށް، "އަލިފާން ނިއްވާ މީހަކަށް އަހަރެން ވާން ބޭނުމޭ" ނުވަތަ "ތަންތަނަށް ދަތުރުކުރަން އަހަރެން ބޭނުމޭ" މި ފަދަ ގޮތްގޮތަށް ތިބާގެ ވިސްނުން ގެންގުޅުމުން ރަނގަޅުވާނެއެވެ.
  6. "ނުކުރެވޭނެ" ނުވަތަ "އިމްޕޮސިބްލް" މިއީ ވެސް ތިބާގެ ބަސްކޮށާރުން ފުހެލަން ޖެހޭ ބަހެކެވެ. ބައެއް ހާލަތްތަކުގައި ފިޔަވާ ތިބާ ކަނޑައަޅާ އަމާޒުފަތްގަނޑުތަކަކީ ހާސިލު ކުރެވޭނެ ކަންތައްތަކެކެވެ. އެހެންކަމުން އަމިއްލަ ނަފުސަށް ބުނަންވާނީ މިހެންނެވެ: "މިއީ އުނދަގޫ އެހެނަސް ކުރެވިދާނެ ކަންތައްތަކެކޭ"އެވެ.
  7. "ނަފުރަތު" ނުވަތަ "ހޭޓް"އަކީ ދެކޮޅުވެރިކަމާއި އަނިޔާވެރިކަމަށް ހިތްވަރު ދޭ ނެގަޓިވް ނުވަތަ ނުރަނގަޅު ޖަޒުބާތެކެވެ. ހަފިންޓަން ޕޯސްޓްގައި ނަފުސާނީ އިލްމްވެރިޔާ މެނުއެލް ވިޓޫޝާ ލިޔުއްވައިފައިވާ ގޮތުގައި މި ޖަޒުބާތަކީ އަހަރެމެންގެ ސިކުނޑިއަށް ލިބޭ އަމާންކަން ގެއްލުވައިލައި އެހެން ހުރިހާ އުފަލަކުން މަހްރޫމުކުރާ ޖަޒުބާތެކެވެ. "ނަފުރަތު އިހުސާސް ކުރެވުމަކީ ގޮހޮރުގެ އަލްސާއެއް ތަހައްމަލު ކުރަން ޖެހުން ކަހަލަ ކަމެއް،" އޭނާ ވިދާޅުވެފައިވެއެވެ. އެހެންކަމުން، އެހެން މީހެއް ދެކެ ނަފުރަތުކުރާ ވާހަކަ އެ މީހާގެ ގާތުގައި ބުނުމަކުން ތިބާއަށް ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ތިބާއަށް ކުރިމަތިވާ ހުރިހާ ކަމެއް ވެސް ހަޖަމުކޮށްލައި، ބަލައިގަތުމަށް ފަހު ނުރަނގަޅު ޖަޒުބާތުތައް ދޫކޮށްލައި ތިބާގެ ހަޔާތައިގެން ކުރިއަށް ދިއުން މާ ރަނގަޅުވާނެއެވެ.
  8. "ފޫހިވުން" ނުވަތަ "ބޯޑް"ވުމަކީ ތަހައްމަލުކުރަން ޖެހޭ އިހުސާސެއް ނޫނެވެ. ކުރާނެ ކިތައްމެ ކަމެއް އަބަދުވެސް ހުންނާނެއެވެ. ތިބާއަށް ފޫހިކަން އިހުސާސް ކުރެވޭ ނަމަ އޭގެން ދޭހަކޮށްދެނީ ތިބާ ތިޔަ އުޅެމުންދަނީ ދުޅަހެޔޮ ދިރިއުޅުމެއް ނޫން ކަމެވެ. ސޯފާގައި އިނދެގެން ޓީވީ ބެލުމުގެ ބަދަލުގައި ބޭރަށް ނުކުމެ ހިނގައިލައި ނުވަތަ ދުވެލަން ދާށެވެ. ނޫނީ ނަފުސާނީ އިލްމާ ބެހޭ ފޮތެއް ކިޔާލާށެވެ.
  9. "ރުޅި" ނުވަތަ "އެންގާ" ފާޅުކޮށްފި ނަމަ އެ ކަމާ ފަހުން އަހަރެމެން ދެރަވެއެވެ. މިސާލަކަށް، ތާކުންތާކު ނުޖެހޭ ކަމަކާ އަހަރެމެންގެ ބައިވެރިޔާއަށް އަހަރެމެން ރުޅިގަނޑު ބާލައިލައިފި ނަމަ އެ ކަމަށް ފަހުން މައާފަށް އެދި، ރުޅި އައީ މާ ބޮޑު ކަމަކާ ނުލާ ކަމަށް އަހަރެމެން ލޯބިވެރިޔާގެ ގާތުގައި ބުނަމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ރުޅިއަކީ އަހަރެމެންނަށް ރައްކާތެރިކަމުގެ އިހުސާސް ނުކުރެވި، ބިރު ގަނެ ނުވަތަ ހިތާމައަކާ ކުރިމަތިލާން ޖެހުމުން އެ ކަން ފޮރުވައިދޭ ޖަޒުބާތެކެވެ. އެހެންކަމުން، ރުޅި އައިސްފި ނަމަ އެއީ އިތުރު އެހެން ޖަޒުބާތަކާ ގުޅިގެން އައި ރުޅިއެއްތޯ ދެނެގަންނާށެވެ.
  10. "ގިލްޓް" ނުވަތަ އަމިއްލަ ނަފުސު ކުށްވެރިވެއްޖެކަން އިހުސާސް ކުރެވެނީ އަހަރެމެންނަށް ރައްކާތެރިކަމުގެ އިހުސާސް ނުކުރެވުމުން އެ ކަން ފޮރުވުމަށެވެ. މި ހެން ހެދުމުން އަހަރެމެންނަށް ކުރެވުނު ކުށުގައި މަތިޖަހާލެވެއެވެ. ހަގީގަތުގައި، އަހަރެމެންނަށް ކުރެވުނު ކުށާމެދު ފުންކޮށް ވިސްނާލުމުގެ ބަދަލުގައި އަނެކާގެ ބޮލުގައި އެ ކުށުގެ ޒިންމާ އެޅުވުމަކީ މާ ފަސޭހަ ކަމެކެވެ.
  11. އަހަރެމެން މި އުޅޭ މުޖުތަމައަކީ މީސްމީހުންގެ ޖިސްމާނީ ސިފަތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ ސަގާފަތެއް ކުރިއަރުވާ މުޖުތަމައެކެވެ. ނަމަވެސް އޭގެ މާނައަކީ މީހަކާ ދިމާއަށް ތިޔައީ "ހުތުރު" ނުވަތަ "އަގްލީ" މީހެކޭ ބުނުމުގެ ހައްގު ތިބާއަށް ލިބޭ ކަމެއް ނޫނެވެ.

މި ބަލައިލެވުނު 11 ވިހަ ބަސްތައް ބޭނުން ކުރުމުން އެހެން މީހުން އަހަރެމެންނާމެދު ދެކޭ ގޮތް ވެސް ބަދަލުވާކަން އެނގެއެވެ. ދިރިއުޅުން ކާމިޔާބު ވާނީ އަހަރެމެންގެ އަމިއްލަ ނަފުސާއި އަހަރެމެންނާއެކު މުޖުތަމައުގައި ހަޔާތް ވޭތުކުރާ އެހެން މީހުންގެ ލާބައަށް ވެސް ބަލައިލައިގެން އަހަރެމެން އުޅުމުންނެވެ. އެހެންކަމުން ފާހަގަ ކުރެވުނު މި 11 ވިހަ ބަސް ބޭނުން ކުރެވިދާނެތީ އަބަދުވެސް ސަމާލުވެ ހުރުން ބުއްދިވެރިއެވެ.

  • ތަރުޖަމާއެއް