Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: "ހޭންގިން ކޮފީއެއް" ނެތްތަ؟

އެއް ދުވަހަކު މީހަކު ކޮފީ ކަޑައަކަށް ވަނެވެ.

އެ ވަގުތު ދިމާވީ އެހެން ދެ މީހުން ވެސް އެ ތަނަށް ވަތް ވަގުތަށެވެ. އެ ދެ މީހުން ކައުންޓަރު ކައިރިއަށް ގޮސް ބުންޏެވެ: "ފަސް ކޮފީ ދީބަލާށެވެ. އެއީ ދެ ކޮފީ އަހަރެމެން ދެ މީހުންނަށެވެ. އަނެއް ތިން ކޮފީ 'ހޭންގިން’އަށެވެ."

ފަސް ކޮފީއަށް އެ ދެ މީހުން ފައިސާ ދެއްކިއެވެ. ނަމަވެސް ދެ މީހުން ގެންދިޔައީ އެ ދެ މީހުންނަށް ވާވަރަށް ދެ ކޮފީއެވެ.

އެ ކަޑައަށް ވަތް ފުރަތަމަ މީހާއަށް މި ވީ ގޮތް ނޭނގިގެން ވެއިޓަރެއްގެ ގާތުގައި އޭނާ ސުވާލުކުރިއެވެ: "’ހޭންގިން' ކޮފީއަކީ ކޮން އެއްޗެއް ހެއްޔެވެ؟"

"މަޑުކޮށްލާށެވެ. ވާގޮތް ތިބާއަށް ފެންނާނެއެވެ،" ވެއިޓަރު ޖަވާބު ދިނެވެ.

ދެން އިތުރު ބަޔަކު އެ ކަޑައަށް ވަނެވެ. އޭގެ ތެރެއިން ދެ އަންހެނުން ކޮފީއަށް އޯޑަރު ދީފައި، ފައިސާ ދައްކައިފައި ނިކުމެގެން ދިޔައެވެ.

ދެން އައީ ހަތް ކޮފީއަށް އޯޑަރެކެވެ. އެއީ ތިން އަންހެނުން ދިން އޯޑަރެކެވެ.

"އެއީ އެ ތިން އަންހެނުންނަށް ތިން ކޮފީއެވެ. އަނެއް ހަތަރު ކޮފީއަކީ 'ހޭންގިން' ކޮފީއެވެ،" ވެއިޓަރު ބުންޏެވެ.

އެއްކަލަ މީހާއަށް އަދިވެސް ލިބެމުން ދިޔައީ ހައިރާންކަމެވެ. 'ހޭންގިން' ކޮފީއަށް އޯޑަރު ދީފައި ކަސްޓަމަރުން ނިކުމެގެން ދަނީ ކީއްވެ ހެއްޔެވެ؟

ދެން ވަރަށް ބާވެފައިވާ ގަމީހަކާއި ފަޓުލޫނެއް ލައިގެން ހުރި މީހަކު ވަނެވެ. އެ މީހާ ވައްތަރީ ގެދޮރު ނެތް ފަގީރު މީހަކާއެވެ. އެ މީހާ ކައުންޓަރު ކައިރިއަށް ގޮސް ވަރަށް އިހުލާސްތެރި ރާގަކަށް ބުންޏެވެ: "’ހޭންގިން' ކޮފީއެއް އެބަހުރި ހެއްޔެވެ؟"

ވެއިޓަރު ޖަވާބު ދިނެވެ: "އާނއެކެވެ. އެބަހުއްޓެވެ."

މިހެން ބުނެފައި ވެއިޓަރު އެ މީހާއަށް ކޮފީއެއް ދިނެވެ.

ސުވާލު އުފެދިފައި އިން މީހާއަށް ޖަވާބު ލިބުނީ ދެނެވެ. މި ވާ ގޮތަކީ ހޫނު ބުއިމަކަށް ފައިސާ ދެއްކޭނެ ތަނަވަސްކަމެއް ނެތް މީހުންނަށްޓަކައި އެ ކަޑައަށް ވަންނަ ފޯރާ މީހުން އެޑްވާންސްކޮށް ފައިސާ ދައްކައިފައި ކޮފީ ގަނެދީފައި ދަނީއެވެ. ކާކުކަން ނޭނގޭ ގޮތަށް ހިލޭސާބަހަށް އަނެކާއަށް ހެޔޮ ކަމެއް ކޮށްދެނީއެވެ.

މި ސަގާފަތް ފެށުނީ އިޓަލީގެ ވެރިރަށް ރޯމް އާއި މިލާން ނަގާފައި އެ ގައުމުގެ ތިން ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ނޭޕްލްސްގައެވެ. މިހާރު މި ސަގާފަތް ވަނީ ދުނިޔޭގެ އެހެން ސަހަރުތަކަށް ވެސް ފެތުރިފައެވެ.

މި ސަގާފަތް ތަރައްގީ ވަމުން އައިސް މިހާރު 'ހޭންގިން' ކޮފީގެ އިތުރުން 'ހޭންގިން' ސޭންޑްވިޗް އަދި ފުރިހަމަ އަގުހެޔޮ ކެއުން ވެސް ލިބެއެވެ.

ރާއްޖޭގައި ވެސް ހުރިހާ ރަށެއްގައި މި ސަގާފަތް ތަރައްގީ ކުރުމުން ކިހާ ސަޅިވާނެ ހެއްޔެވެ؟ މި ކަހަލަ ކުޑަ ހެޔޮކަމަކުން އަހަރެމެން ހީވެސް ނުކުރާ ފަދައިން އެތައް ބައެއްގެ ދިރިއުޅުމަށް ރަނގަޅު އަސަރުކުރާނެ ނޫން ހެއްޔެވެ؟ އަހަރެމެން އެންމެން މި ސަގާފަތަށް ފުރުސަތެއް ދިނުން ކިހިނެތް ވާނެ ހެއްޔެވެ؟

  • ތަރުޖަމާއަކާއި އިތުރުކޮށްލުމެއް