Support Us

ކޮލަމް މީތިނުކިޔާތި: ކޮންމެ 10 މިނެޓަކުން މީހާ ބަދަލުވާކަން އެނގޭތަ؟

ތިބާގެ ހަށިގަނޑު އަބަދުވެސް ހުންނަނީ ރިޖެނެރޭޓް ނުވަތަ އާވެއާވެއެވެ. އާ ސެލްތައް އުފެދި، ބާ ސެލްތައް ފަނާވެގެންދެއެވެ.

ކޮންމެ ހަތް އަހަރަކާއި 10 އަހަރާ ދެމެދު ތިބާއަށް މުޅިން އާ ހަށިގަނޑެއް ލިބެއެވެ. ގުނަވަންތަކާއި ޓިޝޫތައް މުޅިން އާވެއެވެ. ކޮންމެ ހަތަރު ދުވަހަކު ބަނޑު މުޅިން އާވެއެވެ. ކާބޯތަކެތި ހަޖަމުކުރާ ސެލްތައް ކޮންމެ ފަސް މިނެޓަކުން އާވެއެވެ.

ތިބާގެ މޭ ކޮންމެ 150 ދުވަހަކުން އާވެއެވެ. ކޮންމެ ހަތަރު ހަފުތާއަކުން ތިބާގެ ހަމުގެ ބޭރު ފަށަލަ ނުވަތަ އެޕިޑާމިސް އާވެއެވެ. ތިބާގެ ލޭގައި ހުންނަ ހަކުރު ރެގިއުލޭޓްކުރާ ޕޭންކްރިއަސް ކޮންމެ 50 ދުވަހަކުން އާވައެވެ.

ކޮންމެ ހަތަރު މަހަކުން ހަށިގަނޑުގެ ލޭގައި ހުންނަ ހުރިހާ ރަތް ސެލްތައް އާވެއެވެ. ލޭ ހަދިޔާ ކުރުމަށް ފަހު ހަށިގަނޑުން މަދުވެގެން އެ ދިޔަ ހުރިހާ ރަތް ސެލްތައް އާވުމަށް ނަގަނީ އެންމެ 12 ހަފުތާއެވެ.

ކާބޯތަކެތީގެ ރަހަ ދެނެގަންނަ ދުލުގެ ޓޭސްޓް ބަޑްތައް ކޮންމެ 10 ދުވަހަކުން އާވެއެވެ.

ބައެއް ގުނަންތައް އާވުމަށް ދިގު މުއްދަތެއް ނަގައެވެ. އެ ގޮތުން ކަށިތައް މުޅިން އާވުމަށް 10 އަހަރު ނަގައެވެ. އުމުރުން ދުވަސްވާ ވަރަކަށް ކަށިތައް އާވުމުގެ ދުވެލި މަޑުވެއެވެ. އަދި ކަށިތައް ނިކަމެތިވާން ފަށައެވެ.

އިންސާނާގެ ހަށިގަނޑު އާވުމުގެ ވަސީލަތްތައް ހުރި ނަމަވެސް، އަހަރެމެންގެ ހަށިގަނޑުގެ ބައެއް ގުނަވަނަކީ އާނުވާ ގުނަވަނެވެ. މިސާލަކަށް، ލޮލަށް މަންޒަރު ފޯކަސް ކޮށްދޭ އެތެރޭގެ ލެންސްގެ ސެލްތަކެވެ. އަދި ސިކުނޑީގެ ސެރެބްރަލް ކޯޓެކްސްގައިވާ ނާރުތަކުގެ ސެލްތައް ނުވަތަ ނިއުރޮންތަކެވެ. ސެރެބްރަލް ކޯޓެކްސްއަކީ ސިކުނޑީގެ ބޭރު ފަށަލައެވެ. މިއީ ހަނދާނާއި ވިސްނުމާއި ވާހަކަ ދައްކާ ބަސް ކޮންޓްރޯލް ކުރާ ބައެވެ.

ޑައެޓާއި ޖިސްމާނީ ހަރަކާތްތެރިކަން ހުންނަ ގޮތުން ސަރުބީ ނުވަތަ ފެޓް ޖަމާވުން އެކަށީގެންވެއެވެ.

ތިބާގެ ހަށިނގަޑުގެ ހުރިހާ އެއްޗެއް އާވިޔަސް، ބަދަލުނުވެ ހުންނަ ހަމައެކަނި އެއްޗެއްސަކީ ތިބާގެ ހޭވެރިކަމާއި އަމިއްލަ ނަފުސު ދެނެގަނެވޭ ބާރާއި އަދި ހަނދާންތަކެވެ. ޓޭސްޓް ބަޑްތައް ކޮންމެ 10 ދުވަހަކުން އާވިޔަސް، ކުރިން ކޭ ތަކެތީގެ ރަހައިގެ ހަނދާންތައް ތިބާގެ ސިކުނޑީގައި ހުންނާނެއެވެ. އަދި އާވާ ޓޭސްޓް ބަޑްތަކުން ތައްޔާރުވާނީ އެ ހަނދާންތައް އާކޮށްލުމަށެވެ.