ދަތުރުވަރިއެއްގައި އުޅޭއިރު ހޮޓަލެއް، ގެސްޓްހައުސެއް ނުވަތަ މޮޓަލެއްގައި ރޭ ކުރުން ނުވަތަ ދުވަސްތަކެއް ހޭދަ ކުރަން ޖެހެއެވެ. އެ ގޮތުން، ކޮޓަރިއަށް ވަނުމާއެކުހެން ކޮންމެހެން އަޅަން މުހިންމު ފިޔަވަޅުތަކެއްވެއެވެ. އެއީ ތިބާގެ ސަލާމަތާއި އަރާމު ކަމަށްވެސްމެއެވެ. މި ބަލައިލަނީ އޭގެ ތެރެއިން ކުރަން ޖެހޭ ކޮންމެހެން މުހިންމު 10 ކަމަކަށެވެ.
- ކޮޓަރީގެ ހުރިހާ އާލާތްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާށެވެ. ބޮކިތަކާއި އޭސީ އާއި ފެން އާދޭތޯ ޗެކު ކުރާށެވެ. ވަކިން ހާއްސަކޮށް ތަނުގެ ސާފު ތާހިރުކަމަށް ބަލާށެވެ. މިސާލަކަށް، އަތް ލާން ޖެހޭ ތަންތަނާއި ތަކެއްޗަށެވެ. އޭގެ ތެރޭގައި ދޮރުގެ އަތްގަނޑާއި ރިމޯޓް ކޮންޓްރޯލާއި ފާހާނާގައި ހަރުކޮށްފައި ހުންނަ އެއްޗެއްސެވެ. މި ތަކެތި ރަނގަޅަށް ހުރި ނަމަ، ސާފު ތާހިރު އަދި އުނދަގުލެއް ނެތް މާހައުލެއްގައި އުޅެވޭނެއެވެ.
- މި ފަހަކަށް އައިސް ސިއްރު ކެމެރާ ހަރުކޮށްފައިވާ ކަމީ ސީރިއަސް މައްސަލައެކެވެ. ޓީވީގައާއި ކޭބަލް ޓީވީ ލިބޭ ފޮށްޓާއި ކުރެހުން ހަރުކޮށްފައިވާ ފްރޭމްތަކާއި މާ ބަހައްޓާފައިވާ ވަށިތަކާއި ކޮޓަރީގެ ރީތިކަމަށް ބަހައްޓާފައި ހުންނަ ތަކެތީގައި ކެމެރާ ހަރުކޮށްފައިވުން އެކަށީގެންވެއެވެ. މި ފަދަ ކެމެރާތައް މަސައްކަތް ނުކުރާނެ ގޮތް ހެދޭނެއެވެ. އެ ގޮތުން ޓީވީގެ ވާގަނޑު ޕްލަގުން ނައްޓައިލައިފައި ބަހައްޓާށެވެ. އިންފްރާރެޑް އަލި ހޯދައިގަތުމަށް ސްމާޓްފޯނުން ވީޑިއޯ ރިކޯޑް ކުރުމުން ސްކްރީނަށް ދިއްލޭ ތިކިތަކެއް އަރާނެއެވެ. ކޮޓަރީގެ ކަންތަކާއި އެހެނިހެން ވެސް އަޑިގުޑަންތަކާ ދިމާއިން ދަޅައެޅޭ އެއްޗެއް ފެނޭތޯ ފޯނުގެ ބައްތިން އަލިކޮށްލާށެވެ.

- ހޮޓަލުގެ ވެރިފަރާތުން ދޭން ޖެހޭ އެމެނިޓީތައް ދީފައި ހުރިތޯ ޗެކު ކުރާށެވެ. މިސާލަކަށް، ވައި-ފައިގެ ހިދުމަތާއި މިނިބާ އާއި އިތުރު ބެޑު ޝީޓުތަކެވެ. ރޫމް ސާވިސް މެނޫގައި ހުރި ކާބޯތަކެތި ޗެކު ކުރާށެވެ. ހޮޓަލުން ޗެކް-އައުޓް ކުރާ ގަޑި ދެނެގަންނާށެވެ. އިތުރު ހަރަދެއް ހިނގާ ގޮތަށް ހޮޓަލުން ގެންގުޅޭ ސިޔާސަތުތައް ދެނެގަންނާށެވެ.

- ކޮޓަރީގައި ހަމަޖެހިލުމުގެ ކުރިން ދޮރުފޮތިތައް ލައްޕާލާށެވެ. ބޭރުން އެތެރެ ނުފެންނަ ގޮތް ހެދުމަށްޓަކައެވެ. ތިބާގެ ޕްރައިވެސީ ކަށަވަރު ކުރުމަށްޓަކައެވެ. އަދި ބޮކިތައް ނިއްވާލުމަށް ފަހު ރަތް ނުވަތަ ނޫކުލައިގެ، ދިއްލިފައިވާ ތިކިތަކެއް ކަހަލަ އަލިތަކެއް ފެނޭތޯ ބަލާށެވެ. މިއީ ވީޑިއޯ އާއި އަޑު ރެކޯޑު ކުރަން ސިއްރުން ބަހައްޓާފައިވާ އާލާތްތަކުން ފެންނާނެ އަލިތަކެކެވެ.

- ކޮޓަރި ރީތި ކުރުމަށް ބަހައްޓާފައިވާ ތަކެއްޗާއި ފާނިޝިން ޗެކު ކުރާށެވެ. ފާރުގައި ހުންނަ ކުރެހުންތަކާއި ލޯގަނޑާއި މާވަށިތަކާއި ނިދާ ބޮކި ބަހައްޓާ ކުދި ކަބަޑުތަކުގައި ވެސް ސިއްރު ކެމެރާ ހަރުކޮށްފައި ހުރެދާނެއެވެ. ވަކިން ހާއްސަކޮށް ފާހާނާއަކީ މި ފަދަ މައްސަލަތަކުގައި ކަންބޮޑުވާންޖެހޭ ތަނެކެވެ. އާދަޔާ ހިލާފު ގޮތަކަށް އެއްޗެއް ބަހައްޓައިފައި ހުރި ނަމަ، ނުވަތަ ޝައްކު ކުރެވޭ ފަދަ އެއްޗެއް ހުރިތޯ ބަލާށެވެ.

- ކޮޓަރީގައި ކެމެރާ ހަރުކޮށްފައި ނެތްކަން ޔަގީން ކުރުމަށް ފަހު ކޮޓަރީގެ ސެކިއުރިޓީ ހުރިނެތް ގޮތް ބަލާށެވެ. ޑެޑްބޯލްޓާއި ޗޭނު ހިމެނޭ ގޮތަށް ދޮރުތަކުގެ ތަޅުތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ޗެކު ކުރާށެވެ. ހުރިހާ ކުޑަދޮރެއް ރަނގަޅަށް ލެއްޕި، ތަޅުލެވޭތޯ ބަލާށެވެ. އެކަނި ކުރާ ދަތުރެއް ނަމަ ޕޯޓަބަލް ޑޯ ލޮކް ނުވަތަ ސްޓޮޕާއެއް ބޭނުންކުރާށެވެ.

- ގިނައިން އަތް ލާން ޖެހޭ ތަންތަނާއި އެއްޗެހި ސެނިޓައިޒް ކުރާށެވެ. ކިތައްމެ ސާފުތާހިރު ހޮޓަލެއް ނަމަވެސް ގިނައިން އަތް ލާން ޖެހޭ ތަންތަނާއި އެއްޗެހީގައި ޖަރާސީމު އުޅޭނެއެވެ. މިހެންވެ، ޑިސިންފެކްޓެންޓެއް ބޭނުންކޮށްގެން ދޮރުގެ ގޮބުތަކާއި ރިމޯޓް ކޮންޓްރޯލްތަކާއި ފާހާނާގެ ކައުންޓަރުތައް ސާފުކުރާށެވެ. މި ކަހަލަ ކުޑަ ކަމެއް ކޮށްލުމުން ވެސް ތިބާގެ ދަތުރުވަރީގައި ބައްޔެއް ނުޖެހި ސަލާމަތުން ހުރެވޭނެއެވެ.

- ކުއްލި ހާލަތެއްގައި ހޮޓަލުން ނުކުންނަން ޖެހިއްޖެ ނަމަ، އެ ފަދަ "އެމަޖެންސީ އެގްޒިޓް" ދޮރުތަކާއި ސިޑިތައް ފާހަގަކޮށްފައި ބަހައްޓާށެވެ. ހޮޓަލް ދޫކޮށްލާފައި އެވަކުއޭޓް ކުރާ އިޖުރާއަތްތައް ދަސްކުރާށެވެ. މި ފަދަ މައުލޫމާތު ކޮޓަރީގެ ދޮރުތަކުގައި ހަރުކޮށްފައި ހުރެއެވެ. ނުވަތަ ހޮޓަލްގެ ގައިޑުތަކުގައި ހުންނާނެއެވެ. މިހެން ހެދުމުން ކުއްލި ހާލަތެއްގައި ހޮޓަލުން އަވަހަށް ނުކުތުމަށް ފަސޭހަވާނެއެވެ.

- ކޮޓަރީގައި ތިޖޫރިއެއް ހުރި ނަމަ ޕާސްޕޯޓާއި އިލެކްޓްރޯނިކް ސާމާނާއި ގަހަނާ ފަދަ އަގުބޮޑު ތަކެތި އެއަށް ލާން ވާނީ އެ ރަނގަޅަށް މަސައްކަތް ކުރޭތޯ ފުރަތަމަ ޗެކު ކުރުމަށް ފަހުއެވެ. ތިޖޫރިއެއް ނެތް ނަމަ، ފަސޭހައިން ނުފެންނަ ތަންތާނގައި އަގުބޮޑު ތަކެތި ފޮރުވާށެވެ. ދިމާއަށް ފެންނަ ހިސާބުގައި މި ފަދަ ތަކެތި ނުބާއްވާށެވެ.

- ޓީވީއަކީ ގިނަ ފަހަރަށް އެނދަށް ކުރިމަތިވާ ގޮތަށް ބަހައްޓާފައި ހުންނަ އެއްޗެކެވެ. އަދި ޓީވީއަކީ ސިއްރު ކެމެރާ އާއްމު ގޮތެއްގައި ލެވޭ ފަދަ ގޮތަކަށް ހުންނަ އާލާތެކެވެ. ޓީވީގެ ވާގަނޑު ޕްލަގުން ނައްޓާލުމުން އޭގެ އިންފްރާރެޑް ބޭނުންކޮށްގެން ކެމެރާގެ ނަހަމަ ބޭނުމެއް ނުކުރެވޭނެއެވެ. ތިބާގެ ޒާތީ ކަންތައްތަކުގެ ރައްކަލަށްޓަކައި މި ކަން ކުރުން މުހިންމެވެ.

މި ބަލައިލެވުނު 10 ފިޔަވަޅު އެޅުމުން ތިބާ ހޮޓަލުގައި ހޭދަކުރާ ދުވަސްތަކުގައި ރައްކާތެރިކަން ލިބޭނެއެވެ. އެ ކަމުން އަރާމު ލިބި، ސްޓްރެސް ފިލާނެއެވެ. ޒާތީ ސަލާމަތާއި ސާފުތާހިރުކަމާއި ރައްކާތެރިކަމަކީ ފުރިހަމަ އަރާމު ލިބި، ތިބާގެ ދަތުރުން އުފާވެރިކަން ލިބޭނެ ކަމެކެވެ.
