"އައި ލަވް ޔޫ" ނުވަތަ "އަހަރެން ތިބާ ދެކެ ލޯބިވަމޭ" ބުނަން އެންމެ ރަނގަޅީ ކޮންކޮން ވަގުތުތަކެއްގައި ހެއްޔެވެ؟ މި ބަލައިލަނީ މި ލޮބުވެތި އިބާރާތްކޮޅު ބައިވެރިޔާއާ ދިމާއަށް ބުނެލަން އެންމެ މުނާސަބު 13 ދަޑިވަޅަށެވެ.
- އެއްދާން ކުރުން ހަމަ ނިމުމާއެކު ލޯބިވާ ވާހަކަ ބުނުމަކީ އެންމެ މުހިންމު އެއް ތަންވަޅެވެ.
- ދެބަސްވުމެއް އުފެދިގެން އުޅޭއިރު އަރައިރުންވުމުގެ މެދުތެރޭގައި އެހެން ބުނެލާށެވެ. މި ކަން މި ގޮތަށް މުހިންމުވާ ސަބަބަކީ މައްސަލައެއް ޖެހިގެން އުޅޭއިރު ވެސް ތިބާ އޭނާ ދެކެ ވާ ލޯބި މަރުނުވާ ކަމަށާއި އެ ލޯތްބަށް ނުރައްކަލެއް ކުރިމަތި ނުވާނެކަން އަންގައިލުމެވެ.
- ދަރިންގެ ކުރިމަތީގައި ބައިވެރިޔާ ދެކެ ލޯބިވާ ވާހަކަ ބުނެލުމަކީ މުހިންމު ކަމެކެވެ. ލޯބިވާ މަންޒަރު ފެންނަ މާހައުލެއްގައި ބޮޑެތިވާ ކުދިން ބޮޑުވާނީ ވަށާޖެހޭ އިންސާނުންގެ ގޮތުގައެވެ. އަދި ހަގީގީ ލޯތްބަކީ ކޮބައިކަން އެނގި، އެ ކަން ފަހުމްވާ މީހުންގެ ގޮތުގައެވެ.
- ބައިވެރިޔާ ބަލިވެ އުޅޭ ވަގުތު ލޯބިވާ ވާހަކަ ބުނެލުމުން އެ ލިބޭ ނަފުސާނީ ހިތްހަމަޖެހުމުން އޭނާގެ ސިކުނޑިއަށް ލިބޭ ފިނިކަމުގައި އޭނާގެ ބަލި ފަސޭހަވެއެވެ. ސަބަބަކީ ހުރިހާ ސްޓްރެސްއަކުން އޭނާ ސަލާމަތްވާނެތީއެވެ.
- ބައިވެރިޔާގެ މޫޑު ކަޓައިފައި ހުންނަ ވަގުތު ނުވަތަ ކޮންމެވެސް ކަމެއްގައި ފޭލިވެއްޖެހެން އޭނާއަށް ހީވެގެން އުޅޭ ވަގުތުގައި އޭނާ ދެކެ ތިބާ ލޯބިވާ ވާހަކަ ބުނާށެވެ. އޭގެ ސަބަބުން އޭނާ ހަނދާންވާނީ އޭނާއަކީ އެކަނިވެރިއެއް ނޫންކަމާއި އޭނާއާއެކު އޭނާގެ ހުރިހާ ކަމެއްގައި އިތުރު މީހަކު ބައިވެރިވާ ކަމެވެ. އޭނާއަށް ތަރުހީބު ދޭން ތިބާ އެބަހުރިކަން އޭނާއަށް ހަނދާންވުމުންނެވެ.
- ހަޔާތުގައި އަންނަ ފާހަގަކޮށްލެވޭ މަރުހަލާތަކުގައި އޭނާ ދެކެ ލޯބިވާ ވާހަކަ ބުނެލާށެވެ. މިސާލަކަށް، އޭނާގެ އުފަންދުވަހު، ނުވަތަ ދަސްވެނިވާ ދުވަހު ނުވަތަ ވަޒީފާގެ ކުރިއެރުމެއް ލިބޭ ދުވަހުއެވެ. އެ ކަހަލަ ދަނޑިވަޅެއްގައި ލޯބިވާ ވާހަކަ ބުނުމުން އޭނާއަށް އިހުސާސް ކުރެވޭނީ ތިޔަ ދެމަފިރިންނަކީ ހުރިހާ ކަމެއްގައި ބައިވެރިވެގެން އެކުގައި އުޅޭ ދެ މީހުންކަމެވެ.
- އާއިލާގެ މެންބަރުން ތިޔަ ދެމަފިރިންގެ ޒަވާޖީ ހަޔާތް ހަލާކުކޮށްލަން މަސައްކަތްކުރާ ދަނޑިވަޅުގައި ތިބާ ލޯބިވާ ވާހަކަ ބައިވެރިޔާގެ ގާތުގައި ބުނާށެވެ. އެއިރުން އޭނާއަށް ގަބޫލުކުރެވޭނީ ތިޔަ ދެމަފިރިންގެ ބަދަހި ގުޅުން އެއްވެސް މީހަކަށް ގުޑުވާ ނުލެވޭނެކަމެވެ.
- ބޮސް ދިނުމަށް ފަހު ލޯބިވާ ވާހަކަ ބުނެލާށެވެ. އެއިރުން އެ ދިން ބޮސް ފޮނިވެފައި ހަނދާނުގައި ހަރުލާ ފަދަ ތަޖުރިބާއަކަށްވާނެއެވެ.
- ބައިވެރިޔާ ވިހައި ނިމުމުން ލޯބިވާ ވާހަކަ ބުނާށެވެ. އެއިރުން އޭނާއަށް އިހުސާސްކުރެވޭނީ ހަޔާތުގެ އެންމެ މުހިންމު އެއް ފިޔަވަޅު އެޅުނީ ދެ މީހުން އެކުގައި ބައިވެރިވެގެންކަމެވެ.
- ދެމަފިރިން އެކުގައި ދުއާއެއްކޮށް ނިންމައިލައިފައި އެކަކު އަނެކަކާ ދިމާއަށް ލޯބިވާ ވާހަކަ ބުނެލާށެވެ. އެއީ ފުރިހަމައަށް "އާމީން"އެއް ކިޔައިލެވުން ކަހަލަ ކަމެކެވެ.
- ބައިވެރިޔާއަށް އޭނާގެ އަމިއްލަ ނަފުސާމެދު ޔަގީން ކުޑަވެފައިވާ ދަނޑިވަޅެއްގައި އެ ބިރު ނައްތައިލުމަށްޓަކައި އޭނާ ދެކެ ލޯބިވާ ކަމަށް އޭނާ ގާތުގައި ބުނެލާށެވެ.
- ވަކި މުނާސަބު ނޫން ވަގުތެއްގައި ވެސް ލޯބިވާ ކަމަށް ބުނެލައިގެން ބައިވެރިޔާ "ސަޕްރައިޒް"ކޮށްލާށެވެ. މި ކަމުން އޭނާގެ ހިތަށް ފިނިކަން އިހުސާސްކުރެވޭނެއެވެ.
- ދުވަސް ފެށޭ ވަގުތާއި ދުވަސް ނިމޭ ވަގުތު ބައިވެރިޔާގެ ގާތުގައި އޭނާ ދެކެ ލޯބިވާ ވާހަކަ ބުނާށެވެ. ނިދުމަށް ފަހު ހޭލެވުމަކީ މުއުޖިޒާތެކެވެ. އެއީ ޔަގީން ކަށަވަރު ކަމެއް ނޫނެވެ. މިހެންވެ، ބައިވެރިޔާ ނޭވާ ލައި، ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އޭނާ ދެކެ ލޯބިވުން މަތީގައި ތިބާ ހުރިކަން ހަނދާންކޮށްދޭށެވެ.
މި ބަލައިލެވުނީ "އައި ލަވް ޔޫ" ނުވަތަ ދެމަފިރިންގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ދެމެހެއްޓުމަށް ލޯބިވާ ވާހަކަ ބުނެލަން ބޭނުންކުރާ ލޯބިލޯބި އިބާރާތްކޮޅު ބުނެލަން މުނާސަބު 13 ވަގުތުކޮޅަކަށެވެ. މި އިބާރާތަކީ ދެމަފިރިންގެ ގުޅުން އެތައް ގޮތަކުން ދުޅަހެޔޮކޮށްދޭ އިބާރާތްކޮޅެކެވެ. ނަމަވެސް މި އިބާރާތްކޮޅުގެ ވަރުގަދަ ނަތީޖާ ނެރެވޭނީ އެންމެ މުނާސަބު ވަގުތުތަކުގައި ބުނެލައިގެންނެވެ.
ނޯޓު: ތަރުޖަމާއެއް
