Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގޮދަޅުކޮށް މަތިންދާބޯޓު ދަތުރުކުރަނީ ކީއްވެ؟

ސީދާ ރޮނގެއްގެ ބަދަލުގައި ބަނބުވެފައިވާ މިސްރާބަކަށް މަތިންދާބޯޓު ދަތުރުކުރަނީ ޓެކްނިކަލް ކަމަކާހުރެއެއް ނޫނެވެ؛ މިއީ ދުނިޔެ އޮންނަނީ ގާތްގަނޑަށް ސީދާ ވަށް އެއްޗެއްހެން ކަމަށްވާތީއެވެ.

ޖޯމެޓްރީ އިލްމުން އެނގޭ ގޮތުގައި ދެ ތަނެއްގެ ދެމެދުގައި ހުންނާނެ އެންމެ ކުރު ރާސްތާއަކީ ސީދާ ރޮނގެއް ކަހަލަ މިސްރާބެކެވެ. ނަމަވެސް މި ކަން މި ގޮތަށް އޮންނަނީ ދަތުރުކުރާ ތަނަކީ ފަތިކޮށް އޮންނަ ތަނެއް ނަމައެވެ. މިސާލަކަށް، ކަރުދާސްގަނޑެއްގެ ސަތަހަ އޮންނަ ގޮތަށެވެ.

ދުނިޔެ އޮންނަނީ ވަށް ބައްޓަމަކަށް ވާތީ ދެ ތަނެއްގެ ދެމެދުގައިވާ ރާސްތާ އޮންނަނީ ބަނބުވެފައެވެ. މި ބަނބުވުމަށް ކިޔަނީ ޖިއޯޑެސިކްއެވެ.

މިއީ ރައިމެނިއަން ޖޯމެޓްރީން ދެނެގަނެވިފައިވާ ކަމެކެވެ. މިއީ ދުނިޔެ ފަދަ ބަނބުވެފައިވާ ސަތަހަތަކާ ބެހޭ އިލްމެވެ.

ފްލައިޓްތަކުން ދަތުރުކުރާނެ އެންމެ ކުރު މަގު ކަނޑައެޅުމަށް ޗާޓުގައި ކުރަހާލާ ގޮދަނޑި މިސްރާބަކީ މިއެވެ. މިހެން ހެދުމުން އެންމެ ކުރު ރާސްތާއިން ދަތުރުކުރެވެއެވެ. ތެލާއި ވަގުތު ސަލާމަތްކުރެވެއެވެ.

މި ޖިއޯޑެސިކް މަގުތަކަކީ ދުނިޔެ ކަހަލަ ވައްކޮށް އޮންނަ ސަތަހައެއްގައި އޮންނާނެ އެންމެ ކުރު މަގުތަކެވެ. ފަތާ ސަތަހައެއްގެ މަތިން ސީދާކޮށް ދަތުރުކުރިއަސް ދުނިޔެ ކަހަލަ ވަށް އެއްޗެއްގެ ސަތަހައިގައި ފްލައިޓްތައް ދަތުރުކުރަނީ ގޮދަނޑިކޮށް އޮންނަ މިސްރާބަކަށެވެ.

މިއީ ދުނިޔެއަކީ ފަތާ ސަތަހަކޮށް އޮންނަ އެއްޗެއް ނޫންކަން ދައްކައިދޭ ވަރުގަދަ ހެއްކެކެވެ. އެންމެ ކުރު ރާސްތާއަކީ ސީދާ ރޮނގެއް ކަހަލަ މިސްރާބެއްހެން ހީވިއަސް ދުނިޔެ ކަހަލަ ވަށް ބައްޓަމަކަށް އޮންނަ އެއްޗެއްގެ ސަތަހައިގައި އެންމެ ކުރު ރާސްތާއަކަށް ދަތުރުކުރެވޭނީ ބަނބުކޮށް އޮންނަ މިސްރާބަކުންނެވެ.

 

* ނޯޓު: "ގޮދަޅު"، "ބަނބު"، އަދި "ގޮދަނޑި"އަކީ ދުނިޔެ ވައް އެއްޗަކަށްވާތީ ދުނިޔޭގެ ސަތަހަ ނުވަތަ "ސާފޭސް" "ކާވް"ކޮށް އޮންނާތީ އެ "ކާވޭޗާ" ދޭހަކޮށްދޭން ބޭނުންކުރާ ލަފުޒުތަކެކެވެ.