Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: "ހަށިގަނޑުގެ ބަހުރުވަ" ރަނގަޅު ކުރެވޭނެ 5 ގޮތެއް

ހަމައެކަނި ސިފަ ރީތިވުމަކުން ނޫނަސް މީހާގެ ޝަހުސިއްޔަތުގައި ހުރި ޖާދުވީ އަސަރެއްގެ ސަބަބުން ތިބާ ހައިރާންވާވަރުގެ މީހަކާ ދިމާވި ހެއްޔެވެ؟ ފުރަތަމަ ފެނިލުމުން ވެސް ނުވަތަ ވާހަކަދައްކާ ގޮތުން ވެސް އެ މީހާގައި ޖާދުލެއް ހުރި ފަރުދެކެވެ. މި ކަން ގުޅިފައިވަނީ "ބޮޑީ ލެންގުއެޖް" ނުވަތަ "ހަށިގަނޑުގެ ބަހުރުވަ"އާއެވެ. ތިބާއަށް ވެސް މިފަދަ ޝަހުސިއްޔަތަކަށް ވެވިދާނެއެވެ. އެ ގޮތުން މި ފާހަގަކޮށްލާ ފަސް ސިއްރަކީ މި ފަދަ މީހަކަށް ވާން ތިބާއަށް ކުރެވިދާނެ ކަންކަމެވެ.

  1. ހަށިގަނޑު ސީދަލަށް ބެހެއްޓުން:

ހަށިގަނޑު ސޮހިފައި ހުންނަ ނަމަ އޭގެން ދައްކައިދޭނީ ތިބާއަކީ އަމިއްލަ ނަފުސަށް އިތުބާރު ނުކުރާ އަދި އާރެއް ބާރެއްގެ ކަންފުޅެއް ވެސް ނެތް މީހެއްކަމެވެ. ކޮޅަށް ހުއްޓަސް ނުވަތަ އިށީނދެއިނަސް ކޮނޑު ކަށިގަނޑު ސީދަލަށް ބަހައްޓައިށެވެ. މި ކަމުން ތިބާއަކީ ގުޅެން ފަސޭހަ މީހެއްކަން ވެސް ދޭހަކޮށްދޭނެއެވެ. އަދި ތިބާގެ އެތެރެފުށުން ވެސް ތިބާގެ މޫޑު ރަނގަޅުވެ، ސިކުނޑިން ކަންތައްތަކަށް ސަމާލުކަން ދޭން ފަސޭހަވެއެވެ. ހަށިގަނޑު ސީދަލަށް ބެހެއްޓުމުން ތިބާއާމެދު އެހެން މީހުން ދެކޭ ގޮތް ރަނގަޅުވުމުގެ އިތުރުން ތިބާގެ އަމިއްލަ ނަފުސާމެދު ތިބާ ދެކޭ ގޮތް ވެސް ރަނގަޅުވެއެވެ.

  1. ހަތަރުކަޅި ހަމަކުރުން:

އަމިއްލަ ނަފުސާމެދު ޔަގީންކަން އޮތްކަން އެހެން މީހުންނަށް ފެންނާނެ އެންމެ ރަނގަޅު ގޮތަކީ އެއިން މީހަކާ މުހާތަބުކުރާއިރު އޭނާއާ ހަތަރުކަޅިހަމަކޮށްގެން ވާހަކަދެއްކުމެވެ. މީގެ މާނައަކީ އޭނާގެ ސިކުނޑިއަށް އުނދަގޫވާނެ ފަދަ ގޮތަކަށް އޭނާއާ ދިމާއަށް ކަޅިޖަހައިނުލައި ބަލަހައްޓައިގެން ހުރުމެއް ނޫނެވެ. ހަތަރުކަޅިހަމަކުރުން ވާންޖެހޭނީ އޭނާއާ ދައްކަމުންއަންނަ ވާހަކައަށް ތިބާގެ ޝައުގުވެރިކަން ހުރިކަން ދައްކައި، ދެ މީހުންގެ ދެމެދުގައި އިތުބާރާއި އިންސާނީ ގުޅުމެއް އުފެއްދުމަށްކުރާ ކަމަކަށެވެ. ހަތަރުކަޅިހަމަކުރުމަކީ އިހްލާސްތެރިކަން ފާޅުކުރުމުގެ އިތުރުން ތިބާގެ ސަމާލުކަން އަނެކުންނަށް ދޭ ކަމާއި ދެ މީހުންގެ ދެމެދުގައި ހިނގަމުންއަންނަ މުއާމާލާތަށް ފުން މާނައެއް ގެނުވައިދޭ ކަމެކެވެ. ހަތަރުކަޅިހަމަކުރުމަކީ ހުޅުވިފައިވާ ގޮތަކަށް ތެދުވެރިކަން ވެސް ދައްކައިދެވޭނެ ކަމެކެވެ.

  1. ތެދުވެރިކަމާއެކު ހިނިތުންވުން:

މަޑުމައިތިރި އަދި އިހުލާސްތެރި ހިނިތުންވުމެއް ގެންގުޅުމުން ތިބާއަކީ ރަހްމަތްތެރި އަދި ފަސޭހަކަމާއެކު ގުޅުމެއް ގާއިމުކުރެވިދާނެ މީހެއްގެ ގޮތުގައި ފެންނާނެއެވެ. މިހެންވުމުން ތިބާގެ ގާތަށް އަންނަ މީހުންގެ ސިކުނޑިއަށް ފަސޭހަކަން ލިބި، ތިބާއާމެދު އުފެދޭ "ފަސްޓް އިމްޕްރެޝަން" ނުވަތަ އޭނާއަށް ތިބާ ފެންނަ ފުރަތަމަ ފެނިލުމުން ތިބާއާމެދު އޭނާއަށް ހީކުރެވޭ ހީކުރެވުންތައް ރަނގަޅުވާނެއެވެ. އިހުލާސްތެރިކަމާއެކު ހިނިތުންވުމުން އަނެކާއަށް ތިބާ އެ ކިޔަނީ ހޫނު މަރުހަބާއެކެވެ. ހުޅުވިފައިވާ ހިތަކާއި ސިކުނޑިއަކުންނެވެ. ތިބާއާއެކު މައުލޫމާތު ހިއްސާކުރުމަށް ވާހަކަދައްކައިލައި ހެދުމަށެވެ. ހިނިތުންވުމަކީ އަމިއްލަ މީހާގެ މޫޑު ވެސް ރަނގަޅު ކޮށްދޭކަމެކެވެ. ސްޓްރެސް ދަށްކޮށްދޭ ކަމެކެވެ. ނަތީޖާއަކަށްވާނީ ވާހަކަދައްކައިލަން އެއްވެފައި ތިބި އެންމެންނަށް ވެސް އެ ވަގުތުކޮޅަކީ އަގުހުރި ވަގުތުކޮޅަކަށްވުމެވެ.

  1. ނުބައި މާނަ ނުނެގޭނެ ގޮތަށް ހަރަކާތްތައް ބެހެއްޓުން:

ތިބާ ސްޓްރެސްވެފައިވާކަން ހާމަވެދާނެ އަމަލުތައް ނުކުރާށެވެ. މިސާލަކަށް، ގުނަންތައް ތެޅުވުމާއި އަވަސް ހަރަކާތްތައް ގެންގުޅުމެވެ. އަތްތިލަ ފެންނާނެ ގޮތަށް ހުންނާށެވެ. ދައްކާ ވާހަކައިގައި ބުނާ އެއްޗެކަށް ވަކިން ސަމާލުކަން ދޭން ބޭނުން ނަމަ އަތުގެ ހަރަކާތެއްކޮށްލެވިދާނެއެވެ. އެ ކަމުން ތިބާ އަނެކުންނަށް ސަމާލުކަންދޭކަން އެނގޭނެއެވެ. މި ފަދަ ހަށިގަނޑުގެ ބަހުރުވައިން މުއާމަލާތްކުރުމަށް ހަރުދަނާކަން ގެންނާނެއެވެ. އަނެކާގެ ހިތުގައި ތިބާއާމެދު އިތުބާރު އުފެދޭނެއެވެ. އަމިއްލަ ނަފުސުގެ ޔަގީންކަން އޮންނަ މީހެއްގެ ގޮތުގައި ތިބާ ފެނިގެން އަންނާނެއެވެ. އިހުލާސްތެރި މީހެއްގެ ގޮތުގައި ވެސް މީހުން ދެކެން ފަށައިނެއެވެ. ނަތީޖާއަކަށް ވާނީ ތިބާއާކުރާ މުއާމަލާތް ހަރުދަނާވެ، ތިބާއާ މުއާމަލާތްކުރުމަކީ ކުރާހިތްވާ ކަމަކަށްވުމެވެ.

  1. އަނެކާގެ ހަށިގަނޑުގެ ބަހުރުވަ ކޮޕީކުރުން:

މާ ފާޅުކަން ބޮޑު ގޮތަކަށް ނޫން ނަމަވެސް ތިބާ މުއާމަލާތްކުރަމުންއަންނަ މީހާގެ ހަށިގަނޑުން ފެންނަ ހަރަކާތްތައް ތިބާ ވެސް ގެންގުޅޭ ނަމަ އޭނާއާއެކު ރަނގަޅު ގުޅުމެއް އުފެދޭނެއެވެ. އެ ކަމުން އޭނާއަށް ހިތްހަމަޖެހުމެއް ލިބޭނެއެވެ. މިއީ ހަމްދަރުދީ ކުރިއަށް ނެރެވިދާނެ ގޮތެކެވެ. ތިބާ އޭނާއާ ދައްކަމުން އަންނަ ވާހަކައަށް ތިބާ ސަމާލުކަންދޭކަމުގެ އިޝާރާތަކަށްވާނެއެވެ. ރަނގަޅު ގޮތުގައި މި ގޮތަށް ތިބާއަކީ އޭނާގެ "ލޯގަނޑަ"ކަށްވެއްޖެ ނަމަ، ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެ، ކުރެވޭ މުއާމަލާތްތައް މާ އޮމާން ވާނެއެވެ.

"ބޮޑީ ލެންގުއެޖް" ނުވަތަ "ހަށިގަނޑުގެ ބަހުރުވަ"އަކީ އެންމެ ކުރީ ޒަމާނުއްސުރެ އިންސާނުން އެކަކު އަނެކަކު ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި ބަލައިލި ފަސް ކަމާ އެއްގޮތަށް ތިބާ އަމަލުކުރާ ނަމަ އެހެން މީހުންގެ ކުރިމަތީގައި ތިބާއަކީ ވަރުގަދަ ޝަހުސިއްޔަތަކަށްވެ، ތިބާއަކީ މީހުންގެ މެދުގައި މަގުބޫލު ފަރުދަކަށްވާނެއެވެ.

ނޯޓު: ތަރުޖަމާއެއް