Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ދިގު މުއްދަތަކަށް ލޯބީގެ ގުޅުން ދެމެހެއްޓޭނެ 7 ގޮތެއް

ލޯބި ލިބުމަށް ފަހު ވެސް ގުޅުން ރަނގަޅަށް ކުރިއަށްގެންދަން ބައެއް މީހުންނަށް ދަތިކަމަށް ފެނެއެވެ. މި ބަލައިލަނީ ލޯބީގެ ގުޅުން ހަރުދަނާކުރުމަށް ނަފުސާނީ އިލްމްވެރިން ފާހަގަކުރާ ހަތް ގޮތެކެވެ.

  1. ގުޅުމުގެ ފުރަތަމަކޮޅު ދެ މީހުން އެކަކު އަނެކަކާ އެއްވަރަށް އަޅައިލިޔަސް ފަހުން އަމިއްލަ އެދުން ބޮޑުވާ ގޮތްވެއެވެ. މި ކަމަށް ފަރުވާތެރިވެ، ތިބާގެ ފަރާތުން ކަންތައްތައް ކޮށްދިނުމުގައި ދެމިހުންނާށެވެ.
  2. މުއާމަލާތްކުރުމުގައި ތެދުވެރިކަމާއެކު ތިބާގެ އިހުސާސްތައް ހިއްސާކުރާށެވެ. އެހެން ނޫނީ ދެ މީހުންގެ ދެމެދުގައި ގިރާކުރަން އުނދަގޫ ނަފުސާނީ ފާރެއް އުފެދޭނެއެވެ.
  3. ދެ މީހުންގެ ދެމެދުގައި އެއްވެސް ކަމެއްގައި ވާދަނުކުރާށެވެ. ދެ މީހުންގެ ގުޅުމަށް ވާދަވެރިކަން ވެރިވެއްޖެ ނަމަ ހަގީގީ ލޯތްބާއި އަޅައިލުން ނެތިދާނެއެވެ. ދެން ދިރިއުޅުން ބަދަލުވާނީ ކުޅިވަރެއް ކަހަލަ ކަމަކަށެވެ. ތިބާ އަބަދު މޮޅުވާން ބޭނުން ނަމަ، ލޯބީގައި ތިބާއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެކެވެ.
  4. ބައިވެރިޔާގެ ވިސްނުމާއި އިހުސާސްތައް ހުންނަ ގޮތް ދެނެގަންނާށެވެ. މިސާލަކަށް، ތިބާގެ ގައިގައި އޭނާ ބައްދައިލައިހިތްވާ ވަގުތު ތިބާ ބޭނުންވެދާނެ ކަމަކީ އޭނާއާއެކު ވާހަކަދައްކައިލުމެވެ. ލޯބީގައި އެކި މީހުން ކުރާހިތްވާ ކަންތައްތައް ތަފާތުވާނެއެވެ. އެހެންކަމުން ތިބާގެ ބައިވެރިޔާއަކީ ތިބާ ކަހަލަ މީހެއް ކަމަށް ހީނުކުރައިށެވެ. އޭނާ ލޯބި ބޭނުންވާ ގޮތް ދަސްކުރާށެވެ.
  5. ބައިވެރިޔާގެ އަމިއްލަވަންތަކަމަށް ޖާގަ ދޭށެވެ. ސައްވީސް ގަޑިއިރު އޭނާގެ ގާތުގައި ހުންނާކަށް ނުޖެއެވެ. ކޮންމެވެސް ވަރަކަށް ދެ މީހުން ދެ މީހުންނާ ވަކިން ވަގުތު ހޭދަކުރުމަކީ ވެސް ހަގީގަތުގައި މުހިންމު ކަމެކެވެ. މިހެން ހެދުމުން ތިބާގެ އެހެން ގާތްމީހުންނާއެކު ހޭދަކުރާނެ ވަގުތު ތިބާއަށް ހޯދޭނެއެވެ. ތިބާގެ ހޮބީތަކަށް ދޭނެ ވަގުތު ވެސް ވާނެއެވެ. ދެން އަނބުރާ ބައިވެރިޔާގެ ގާތަށް ދާއިރު ދައްކާނެ އިތުރު ވާހަކަ ވެސް ހުންނާނެއެވެ. މީގެ އިތުރުން ބައިވެރިޔާ ޝައުގުވެރިވާ ކަންތައްތައް ވެސް ދެނެގަނެވޭނެއެވެ.
  6. "ހުނުމަކީ އެންމެ ރަނގަޅު ފަރުވާ" ކަމަށް ބުނާ އަޑު އަބަދުމެ އަހަރެމެން އަހަމުއެވެ. މިއީ މުސްކުޅި ބުނުމެއް ކަމަށް ވިޔަސް މިއީ ހަގީގަތެކެވެ. ސަކަ މިޒާޖެއް ހުންނަ ނަމަ، ނުވަތަ ކަންތައްތަކާ މަޖަލާއެކު ކުރިމަތިލާން އެނގޭ ނަމަ ބައިވެރިޔާއާ އަރައިރުންވުމަށް މެދުވެރިވެދާނެ މައްސަލަތައް ހައްލުކުރެވޭނެއެވެ.
  7. ދޫދިނުމަކީ އަބަދުވެސް މުހިންމު ކަމެކެވެ. މިސާލަކަށް، ބައިވެރިޔާ ވަރުބަލިވެފައިވާ ނަމަ ތިބާ ތަށިތައް ދޮވެލައިށެވެ. ނަމަވެސް ދޫނުދޭނެ ކަންތައްތައް ވެސް ބުނެދީފައި ބާއްވާށެވެ؛ އެއީ މުއާމަލާތްކުރުމާއި ވަފާތެރިވުމާއި ތެދުވެރިކަމެވެ. ހަގީގަތަކީ ކޮންމެ ގުޅުމެއްގައި ވެސް ކުޑަކޮށް އަދި ބޮޑުކޮށް ވެސް ދޫދޭން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ.

މި ބަލައިލި ހަތް ކަމުން އެނގެނީ ލޯބީގެ ގުޅުމަކީ ވެސް މަސައްކަތްކޮށްގެން ދެމެހެއްޓޭނެ ގުޅުމެއް ކަމެވެ. މި ކަންތައްތަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ ދުޅަހެޔޮ، ގިނަ ދުވަހަށް ދެމެހެއްޓޭނެ ލޯބީގެ ގުޅުމެއް ގާއިމުކުރެވޭނެއެވެ.

ނޯޓު: ތަރުޖަމާއެއް