ދެ މީހެއްގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނަސް އަރައިރުންވެދާނެ އެތައް ކަމެއް ކުރިމަތިވާނެއެވެ. މި ބަލައިލަނީ މި ފަދަ ލޯބީގެ "ހަނގުރާމަ"ތަކާ ކުރިމަތިލެވިދާނެ ރަނގަޅު 20 ގޮތަކަށެވެ.
- ދެ މީހުން ދެ މީހުން ދެކެ ވާ ލޯތްބާއި ދެ މީހުން ދެ މީހުންނަށް ބޭނުންވެފައިވާވަރު އަބަދުވެސް ހަނދާންކުރާށެވެ. އެއިރުން އަރައިރުންތައް ހައްލުކުރަން އެދެވޭނެއެވެ. ވަގުތީ ކޮޅިގަނޑެއްގައި ހަގީގީ ލޯބި ވިއްސިވިހާލިވާން ދޫކޮށްނުލާށެވެ.
- ބައިވެރިޔާ ރުންކުރުވާ ކަންތައްތައް ދެނެގަންނާށެވެ. ނަމަވެސް އަބަދުވެސް ކޮންޓްރޯލްގައި ހުރެވޭތޯ މަސައްކަތްކުރާށެވެ.
- އަރައިރުމަކަށް ހިނގައިދާނެ ކަންތައްތައްވުމުގެ ކުރިން ދެ މީހުންގެ ދެމެދުގައި އެކަން ވެދާނެ ގޮތްތައް އެނގިފައި އޮތުން މުހިންމެވެ. ގައުމެއް ހިންގުމަށް ގާނޫނުއަސާސީއެއް ބޭނުންވާ ފަދައިން ދޭދޭ މީހުންގެ ދެމެދުގައި ވެސް ގުޅުން ދަމަހައްޓަން ގާނޫނުތަކާއި ގަވައިދުތަކެއް އޮންނަންޖެހެއެވެ.
- އަރައިރުންވުމަކަށް ހިނގައިދާނެތީ ބިރުން ދެ މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތައް އަނެކުންނަށް ނާންގާ ނުހުންނާށެވެ. ވަރަށް ގިނަ މީހުންނަކީ ލޯބީގެ ގުޅުމެއްގައި ނުވަތަ ޒަވާޖީ ހަޔާތެއްގައި ވަރުބަލިވެ، ފޫހިވެ، މާޔޫސްވެ ނުވަތަ ރުޅިވެރިކަން އިހުސާސްކުރެވޭ މީހުންނެވެ. ސަބަބަކީ ހިތްނުތަނަސްވާ ވާހަކަތަކާމެދު ބައިވެރިޔާއާ މަޝްވަރާކުރަން ޖެހިލުންވަނީއެވެ. މިހެންވެ އެ ގުޅުމެއް ނުވަތަ ކައިވެންޏެއް އިނދަޖެހިދާނެއެވެ. ސަބަބަކީ، ނޫންކަމަށް ހެދިގެން މާ ގިނަ ދުވަހަކު ނޫޅެވޭނެއެވެ.
- ކަމެއްގެ އިލްޒާމް ބައިވެރިޔާގެ ބޮލުގައި އެޅުވުމުގެ ކުރިން ޖެހިގެން އުޅޭ މައްސަލަ ދިރާސާކޮށް، އެ ކަން ދިމާވާން ތިބާގެ ދައުރެއް އޮތްތޯ ބަލާށެވެ.
- އަރައިރުން އުފެދިދާނެ ނުވަތަ ރުންކުރުވެދާނެ ކަމެއް ކުރިމަތިވެދާނެހެން ހީވާ ނަމަ ދެ މީހުން އެހަށް ދުރަށް ޖެހިލާށެވެ. ޖަޒުބާތުތައް މައިތިރިވަންދެނެވެ. ރުޅިވެރިކަމާއެކު ވާހަކަނުދައްކާށެވެ. ދެ މީހުން ހަމަޖެހިލުމަށް ފަހު ވާހަކަ ދައްކާށެވެ.
- ދެ މީހުން ކުޅެނީ އެއް ޓީމަކަށްކަން ހަނދާނުގައި ބަހައްޓާށެވެ. ތަޅާފޮޅާ ނަމަ ހަގީގަތުގައި އެ ތަޅާފޮޅަނީ ދެ މީހުންގެ ދެމެދުގައިވާ ގުޅުމަށެވެ. މާނައަކީ ތިބާ ތިޔަ ތަޅާފޮޅަނީ ތިބާގެ އަމިއްލަ ނަފުސާއެވެ.
- ބަދު ބަހެއް ނުބުނާށެވެ. ތިބާގެ ދޫ މަތަކުރާށެވެ. ވޭން ހުރި ބަސްތަކުން މައްސަލަ އިތުރަށް ހޫނުވާނީއެވެ. ދުލުން ބަހެއް ބޭރުކޮށްލުމުން އެ ބަހެއް އަނބުރާ ނުގެނެވޭނެއެވެ.
- އެކަކު އަނެކަކާ ހިއްސާކޮށްފައިވާ ސިއްރެއްގެ ނާޖާއިޒު ފައިދާ ނުނަގާށެވެ. ބައިވެރިޔާއަށް ހަމަލާދޭން ނުވަތަ ނުތަނަވަސްކޮށްލަން އެ ސިއްރުތަކުގެ ނަހަމަ ބޭނުންނުކުރާށެވެ.
- ދެ މީހުންގެ ދެމެދުގައިވާ މައްސަލަތައް ތިންވަނަ ފަރާތަކާ ހިއްސާނުކުރާށެވެ. ދެ މީހުން އެކަނި މަސައްކަތްކޮށްގެން އެ މައްސަލައެއް ހައްލުކުރާށެވެ. ތިބާގެ ބައިވެރިޔާގައި ހުރި އުނި ސިފަތައް ތިބާގެ އާއިލާ އާއި ރަހްމަތްތެރިންނަށް ކިޔައިނުދޭށެވެ. ދާވެފައިވާ އަންނައުނު އާއްމު ތަންތާނގައި ހިއްކަން ނާޅާ ފަދައިންނެވެ. ދެ މީހުންގެ އައުރަ ދެ މީހުންނަށް ކަޝްފު ވިޔަސް އެހެން މީހުންގެ ކުރިމަތީގައި އަންނައުނު ލައިގެން ހުންނާށެވެ.
- އެކުގައި ދުއާކުރާށެވެ. ދުއާކުރުމަކީ ވައި ސާފުވެ، ލޯބި ހަމަމަގަށް އެޅި، ދެ މީހުންގެ އަމާޒުތައް އެއްގޮތްކޮށްދީ، މާތްﷲ އަބަދުވެސް ބައްލަވައިވޮޑިގެންވާކަން ހަނދާންވާނެ ކަމެކެވެ.
- މައްސަލައަކާމެދު ވާހަކަދައްކާއިރު، އެ ކަމާ ފުރިހަމަކޮށް މަޝްވަރާކުރާށެވެ. އަރައިރުން އުފެދުމުގެ އަސްލު ސަބަބު ހޯދާށެވެ. އަދި ފާޅުގައި ފެންނާނެހެން އެ މައްސަލަ "މޭޒުމަތީގައި ހާމައަށް ބާއްވާ"ށެވެ. މައްސަލައެއް އެއްކޮށް ހައްލުނުކުރާ ނުވަތަ އޭގެ ސަބަބުތައް ފަހުމްނުވާ މައްސަލައެއް ނަމަ، އެ މައްސަލަ ތަކުރާރުކޮށް ފާޅުވާނެއެވެ.
- ބައިވެރިޔާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދޭށެވެ. އެއްވެސް މީހަކުގެ އަނގަބަންދުކޮށްލައިގެން ނުވާނެއެވެ.
- ތިބާގެ ހަށިގަނޑުގެ ހަރަކާތްތައް ނުވަތަ "ބޮޑީ ލެންގުއެޖް" ހުންނަ ގޮތާމެދު ސަމާލުވާށެވެ. ތިބާގެ ދުލުން އެއްޗެއް ނުބުންޏަސް، ތިބާގެ ޖިސްމުން ފެންނަ އަމަލުތައް ތިބާގެ ބައިވެރިޔާއަށް ފާހަގަކުރެވޭނެއެވެ. މަލާމާތްކުރާ ޒާތަށް ހިނިތުންވެ، ތިބާ ރުންކުރުވެފައިވާކަން ހާމަނުކުރާށެވެ.
- ދެމަފިރިންގެ ދެމެދުގައި ހިނގައިފާނެ "ފިނި ހަނގުރާމަ"އެއްގައި ދަރިން އައްޑަނައަކަށް ނުހަދާށެވެ. ދެމަފިރިން ދެކެ އެއްވަރަށް އެ ކުދިން ލޯބިވާނެތީއެވެ.
- ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކުރާށެވެ. ދެ މީހުންގެ ދެމެދުގައި ނުތަނަވަސްކަން ދިގުލައި ނަމަ އެއީ ދެ މީހުންގެ ގުޅުމަށް އޮތް ނުރައްކަލެކެވެ.
- ޒިންމާދާރުވާށެވެ. އުމުރުން ދުވަސްވުމުގެ މާނައަކީ ކުށެއް ނުކުރެވޭނެއެކޭ ނޫނެވެ. އޭގެ މާނައަކީ ކުށެއް ކުރެވުމުން މައާފަށް އެދުމުގެ ހިތްވަރު މިހާރު ހުންނާނެކަމެވެ. ތިބާއަށް ކުށެއްކުރެވިއްޖެ ނަމަ މައާފަށް އެދޭށެވެ. އަދި އެހެން މީހެއްގެ ކުށުން ތިބާއަށް ދެރައެއް ލިބިއްޖެ ނަމަ އޭނާއަށް މައާފުކުރާށެވެ.
- އަރައިރުންވި ކަހަލަ މައްސަލައެއް ކުރިމަގުގައި ދިމާނުވާނެ ގޮތް ހެދުމަށް ދެ މީހުން މަޝްވަރާކުރާށެވެ. އަދި ދެ މީހުންގެ ދެމެދުގައި އޮތް ގުޅުމުގައި ކުންޏެއް ޖެހުނަސް އެ ކަންތައް ސީރިއަސް ހާލަތަކަށް ނުދާނެ ގޮތެއްވޭތޯ ބަލައިށެވެ.
- ބައްދައިލައި، ބޮސް ދީ ނުވަތަ އެއްދާން ކުރުމަކުން އަރައިރުންތައް ހައްލުކޮށްލާށެވެ.
- އެއްވެސް ތޫފާނަކީ ދިގުދެމިންދާ އެއްޗެއް ނޫނެވެ. ހަގީގަތުގައި ދެ މީހުންގެ ގުޅުމުގައި ޖެހޭ މައްސަލަ ހައްލުކުރުމުން އެ ކަމުން ގުޅުން އިތުރަށް ހަރުދަނާވެ، ދެ މީހުންގެ ދެމެދުގައި އޮތް ގާތްކަން އިތުރުވާނެއެވެ.
މި ބަލައިލި 20 ކަންތަކުން ހާމަވަނީ ދެ މީހެއްގެ ދެމެދުގައި ވާ ލޯތްބަކީ "ހަނގުރާމަ"ކޮށްގެން ނަމަވެސް ދެމެހެއްޓުން މުހިންމު އެއްޗެއް ކަމެވެ. ނަމަވެސް އެއީ ދެ މީހުންގެ ދެމެދުގައި ރުޅިވެރިކަމުގެ ހަނގުރާމައެއްކޮށްގެންނެއް ނޫނެވެ.
ނޯޓު: ތަރުޖަމާއެއް
