Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަގީގީ ލޯބި ދެނެގަންނާނެ 12 ގޮތެއް

ތިބާ ދެކެ މީހަކު ލޯބިވެއްޖެ ނަމަ، އެ ކަން އެނގޭނެއެވެ. ތިބާއަށް އެ ކަން އިހުސާސްކުރެވޭނެއެވެ. އެ ކަން ފަހުމްވާނެ ހެކިތައް ހުންނާނެއެވެ. މި ބަލައިލަނީ މި ފަދަ 12 ހެއްކަކަށެވެ.

  1. ސަމާލުކަން ލިބުން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާ ތިބާއަށް ސަމާލުކަން ދޭނެއެވެ. ސަބަބަކީ އަހަރެމެން ލޯބިވާ މީހުންނާއި އެއްޗެއްސާއި ކަންކަމަށް ސަމާލުކަން ދެމުއެވެ.

  1. އަޅާލުން:

ތިބާ ދެކެ މީހަކު ލޯބިވުމުން ތިބާގެ ހާލަތާމެދު އޭނާ އަޅާލާނެއެވެ. ތިބާއާމެދު ފަރުވާތެރިކަމެއް ނެތް މީހުންނަކީ ތިބާ ދެކެ ލޯބިވާ ބައެއް ނޫނެވެ.

  1. މުއާމަލާތްކުރުން:

ތިބާ ދެކެ މީހަކު ލޯބިވުމުން ތިބާއާ ގިނަގިނައިން މުއާމަލާތް ކުރެވޭތޯ އޭނާ ބަލާނެއެވެ. ސަބަބަކީ ލޯބިވާ މީހެއްގެ އަޑު އިވުމަކީވެސް ހިތަށް އުފާވެރިކަން އިހުސާސްކުރެވޭ ކަމެކެވެ.

  1. ކަންތައްތައް ކޮށްދިނުން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާ ތިބާއަށް ކަންތައްތައް ކޮށްދޭނެއެވެ. އެއީ ކޮންމެހެން ފައިސާގެ އެހީއަކަށް ނުވެދާނެއެވެ. ކަންތައްތައް ކޮށްދެވިދާނެ އެތައް ގޮތެއް ވެއެވެ.

  1. އެކުގައި ވަގުތު ހޭދަކުރުން:

ތިބާ ދެކެ މީހަކު ލޯބިވުމުން ތިބާއާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންވާނެއެވެ. ސަބަބަކީ ލޯބިވުމުން އެ ލޯބިވާ މީހާ ގާތުގައި ހުރުމަށް އެދެވޭތީއެވެ. ތިބާއާއެކު ވަގުތު ހޭދަކުރަން ނޭދޭ މީހަކީ ތިބާ ދެކެ ލޯބިވާ މީހަކަށް ނުވާނެއެވެ.

  1. ގުރުބާނީވުން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާގެ އަމިއްލަ އެދުމެއް ނުހުންނާނެއެވެ. ލޯބިވުމުގެ ހެއްކަކީ ގުރުބާނީވުމަށް ތައްޔާރަށް ހުރި ކަމެވެ. ލޯބިވުން ދެމިހުންނާނީ ގުރުބާންވުމުގެ މަތީގައެވެ. ތިބާއަށްޓަކައި ގުރުބާނީގެ އަމަލެއް ނުކުރާ މީހަކީ ތިބާ ދެކެ ލޯބިވާ މީހެއް ނޫނެވެ. ސަބަބަކީ ލޯތްބަކީ ގުރުބާނީއެވެ.

  1. ކެތްތެރިކަން:

ތިބާ ދެކެ މީހަކު ލޯބިވުމުން ތިބާއާ ދޭތެރޭގައި އޭނާ ކެތްތެރިކަން ބަހައްޓާނެއެވެ. ތިބާގެ ނޭދެވޭ ސިފަތަކާއި ތިބާގެ މޫޑު ގޯސްވާ ފަދަ ދަނޑިވަޅުތަކުގައި ތިބާއާއެކުގައިވާނެއެވެ.

  1. ރައްކާތެރިކަން ދިނުން:

ތިބާ ދެކެ ލޯބިވުމުން ނުރައްކާތަކުން އޭނާ ތިބާ ރައްކާތެރިކޮށްދޭނެއެވެ. ތިބާގެ ސަލާމަތްތެރިކަން އޭނާ ކަށަވަރުކޮށްދޭނެއެވެ.

  1. ހިތްހެޔޮކަން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާ ތިބާއަށް ހިތްހެޔޮވާނެއެވެ. ލޯތްބަކީ ހިތްހެޔޮކަމެވެ. އެއާ ހިލާފަށް ހަރުކަށިކަމަކީ ނަފުރަތާއި ރުޅިވެރިކަމެވެ؛ އެއީ ލޯތްބެއް ނޫނެވެ.

  1. ނިކަމެތިކަން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާގެ ނިކަމެތިކަން ތިބާއަށް ދައްކަން އޭނާ ޖެހިލުމެއް ނުވާނެއެވެ. ތިބާ އޭނާ ދިފާއުކޮށްދޭނެކަމުގެ ނިޔަތުގައެވެ.

  1. ތަރުހީބުދިނުން:

ތިބާ ދެކެ މީހަކު ލޯބިވުމުން އޭނާގައި ހުރި ހުރިހާ ގާބިލުކަމަކާއެކު ތިބާއަށް އެހީތެރިވެދޭނެއެވެ. ތިބާގެ ހުވަފެންތަކާއި އުއްމީދުތަކަށް ތަރުހީބުދޭނެއެވެ. މާލީ، ރޫހީ، ޖަޒުބާތީ އަދި އެހެނިހެން ގޮތްގޮތުން ވެސް ތިބާއަށް ވާގިވެރިވާނެއެވެ.

  1. އިންވެސްޓްކުރުން:

ތިބާ ދެކެ މީހަކު ލޯބިވުމުން ތިބާ އިތުރަށް ތަރައްގީކުރުމަށް ތިބާއަށް އޭނާ އިންވެސްޓްކުރާނެއެވެ. ތިބާގެ ސިކުނޑީގެ ހަމަޖެހުމާއި ޖަޒުބާތީ ތަރައްގީ އާއި އިގުތިސާދީ ތަރައްގީ ފަދަ ކަންތައްތަކަށެވެ. ލޯތްބަކީ އިންވެސްޓްމަންޓެކެވެ. ލޯތްބަކީ ތަރައްގީވުމެކެވެ.

ހަގީގީ ލޯބި ދެނެގަތުމުގައި ކަންތައްތައް އަވަސްއަރުވައިލައިގެން ނޫޅޭށެވެ. ވަގުތު ދޭށެވެ. ވަގުތު ދާ ވަރަކަށް ތިބާ ދެކެ ލޯބިވާ ކަމަށް އޭނާ އެ ބުނަނީ ތެދުތޯ ނުވަތަ ނޫން ތޯ މަޑުމަޑުން ހާމަވަމުން އަންނާނެއެވެ. ލޯތްބަކީ ކެތްތެރިކަމެކެވެ. އަދި ވޭނެއް ވެސް މެއެވެ. ލޯބިވުމުގައި ތިބާ ދެމިހުއްޓަސް އާހިރުގެ ނަތީޖައަކީ ކޮބައިކަން އެނގެންދެން ސަމާލުވެ ހުންނާށެވެ.

ނޯޓު: ތަރުޖަމާއެއް