Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަނތްބަކު އަނތްބަކަށް ހެދޭނެ 11 ގޮތެއް

ތިބާގެ އަނބިމީހާއަކީ އަނތްބެއްގެ ސިފަތައް ހުންނަ ބައިވެރިޔަކަށް ހަދަން ބޭނުން ނަމަ، ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެއެވެ. މި ބަލައިލަނީ މި ގޮތުން ފާހަގަކުރެވޭ 11 ކަމަކަށެވެ.

  1. ތިބާގެ އަނބިމީހާ ތިބާއާ ލޯބިކުރަން ގިނަގިނައިން އެދޭ ނަމަ، ފުރަތަމައިން ވެސް އޭނާގެ ހިތަށް ފަރުވާ ދޭށެވެ. އޭނާއަށް އިހާނެތިކޮށް ހިތައިފައި އެއަށް ފަހު ދެން ގިނަގިނައިން އެއްދާންކުރާނެ ކަމަށް ހީނުކުރާށެވެ.
  2. ތިބާގެ އަނބިމީހާ ތިބާއަށް އިހުތިރާމްކުރަން ބޭނުން ނަމަ، އިހުތިރާމާއި ލޯބި ލިބޭނެ ފަދަ އަމަލުތައްކުރާށެވެ. އޭނާގެ އަގުވައްޓައިލައި އެ ކަމަށް އޭނާ މައާފުކުރާނެ ކަމަށް ހީނުކުރާށެވެ. އޭނާއަކީ ވޭންތައް ތަހައްމަލުކުރަން ޖެހޭ މީހެއް ނޫނެވެ.
  3. ތިބާގެ އަނބިމީހާ ތިބާގެ މުށުތެރޭގައި ރައްކާތެރިކަން އިހުސާސްކޮށް، އޭނާގެ ކަންތައްތައް ތިބާއަށް ހުޅުވައިލަން ތިބާ އެދޭ ނަމަ، ޖިސްމާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން އޭނާއަށް ކުރާ އަނިޔާތައް ހުއްޓައިލައިށެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވައްދައިފައި އެއާ ވިދިގެން އޭނާ ތިބާގެ ފަރާތުން ބަރީއަވެގަންނަނީ ކީއްވެތޯ ވިސްނުމުގެ ބޭނުމެއް ނެތެވެ.
  4. ތިބާގެ އަނބިމީހާ ތިބާއާ ޖިސްމާނީ ގޮތުން ގާތްވާން ބޭނުން ނަމަ ތިބާގެ އަނގަ އާއި ހަށިގަނޑުގެ ސާފުތާހިރުކަން ދަމަހައްޓަންޖެހެއެވެ. ތިބާއަށް ބޮސް ދީ އަދި އެ ފަދަ ހަށިގަނޑުގެ ގާތްކަން ހިމެނޭ އަމަލުތައް ކުރަން ބަލާއިރު ތިބާގެ ގައިން ދާ ވަސް ދުވާ ނަމަ، ނުވަތަ ތިބާ ފެންނުވަރާ ނަމަ، ނުވަތަ ތިބާ ދަތްނޫނގުޅާ ނަމަ، ނުވަތަ ތިބާގެ ގައިން ސިނގިރެޓު ވަސް ދުވާ ނަމަ ތިބާގެ އަނބިމީހާ ތިބާއާ ގާތްވާކަށް ނޫޅޭނެއެވެ.
  5. ތިބާގެ އަނބިމީހާ ޝަކުވާކުރުން ހުއްޓައިލަން ބޭނުން ނަމަ ތިބާ އަބަދު ހަދާ ގޯސްތައް ހެދުން ހުއްޓައިލަންޖެހެއެވެ. އޭނާ ޝަކުވާ ކުރުމުގެ ބޭނުމަކީ އޭނާއަށް އެ ކަންތައްތައް ފާހަގަކުރެވޭކަން އެނގޭކަން ހާމަކުރުމުން ތިބާ އެ ކަންތައްތައްކުރުން ހުއްޓައިލަން އެދެވޭތީއެވެ.
  6. ތިބާގެ އަނބިމީހާގެ މާލީ ކަންތައްތައް ތިބާއަށް އެނގިގެން ކުރިއަށްގެންދަން ބޭނުން ނަމަ ތިބާއަކީ މާލީ ހާލަތަށް ޒިންމާދާރުވާ މީހެއްކަން ހާމަކުރާށެވެ. ތިބާއަކީ ޒިންމާދާރުކަމެއް ނުބަހައްޓައި ފައިސާ ހޭދަކުރާ މީހެއް ނަމަ ތިބާއާ ހިއްސާ ނުކޮށް ސިއްރިޔާތުގައި އޭނާ ފައިސާ ފަހަށް ރައްކާކޮށް، އެ އިންވެސްޓްކޮށް، ތިބާއަށް ނާންގާ ނަމަވެސް އޭނާ އާއި ތިޔަ ދެމަފިރިންގެ ދަރިންގެ ކުރިމަގު އޭނާ ރައްކާތެރިކުރާނެއެވެ.
  7. ތިބާގެ އަނބިމީހާ ތިބާއާމެދު ފަހުރުވެރިވާކަން އޭނާ އެހެން މީހުންނަށް ދައްކަން ބޭނުން ނަމަ ތިބާއަކީ ޝަރަފުވެރި މީހެއްގެ ގޮތުގައި އަމަލުތައް ބަހައްޓާށެވެ. ތިބާއަކީ "ގަދަ" މީހެއް ނޫން ނަމަ ތިބާގެ މޮޅުކަމުގެ ވާހަކަ ދައްކާނެ ޖާގައެއް ނޯންނާނެއެވެ.
  8. ތިބާގެ އަނބިމީހާ ކޫސަނިކަން ނުދައްކައި، މޫޑު ރަނގަޅުކޮށް ހުންނަން ބޭނުން ނަމަ، އޭނާއާއެކު ހޭދަކުރާނެ ވަގުތު ހޯދައި، އޭނާއަކީ ހާއްސަ މީހެއްކަން އިހުސާސްވާނެ ކަންތައްތައްކުރާށެވެ. އަންހެނަކު ކޫސަނިވެ ރުންކުރު ވާނީ އޭނާއާމެދު އަޅާނުލާކަމަށް އޭނާއަށް ހީވާ ނަމައެވެ. ލޯބި ލިބޭކަން އިހުސާސްކުރެވޭ އަންހެނުން ތިބޭނީ ހިތްހަމަޖެހިފައެވެ.
  9. ތިބާގެ އަނބިމީހާ ތިބާގެ ރަހްމަތްތެރިންނާ ދެކޮޅުވެރިކަމެއް ބާއްވާ ނަމަ ތިބާ ނުރަނގަޅު ރައްޓެހިން ނުގެންގުޅޭށެވެ. އެއީ ތިބާ ތިބާގެ އާއިލާއާ ދުރަށްލުމަށް މަސައްކަތްކުރާ އެކުވެރިންނެވެ. ތިބާގެ އަނބިމީހާ އެ މީހުންނާ "ހަނގުރާމަ ކުރަނީ" އެ މީހުންގެ ކިބައިން ތިބާއަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ.
  10. ތިބާގެ އަނބިމީހާއަކީ ތިބާގެ އަނބިމީހާކަމަށްވުމަށް ފަހުރުވެރިވާ މީހަކަށް ވާން ބޭނުން ނަމަ، ތިބާއަށް އޭނާ "އާނއެކޭ" ބުނާނެ ކަންތައްތައް ކޮންމެ ދުވަހަކު ކުރުންމަތީ ދެމިހުންނާށެވެ. އޭނާއަކީ ހަމައެކަނި ނަމެއްގައި އަނތްބަކަށްވާކަށް އޭނާ ބޭނުމެއް ނުވާނެއެވެ. ތިބާ ދިން ކައިވެނީގެ އަނގޮޓި ވައަތު ކަށި އިނގިލީގައި އެޅުމަކުން ނުވަތަ ކައިވެނީގެ ސެޓްފިކެޓެއް އޮތުމަކުން ނުވަތަ ތިޔަ ދެމަފިރިންގެ ދަރިން ތިބުމަކުން އަދި އެއީ ތިބާގެ އަނބިމީހާއަށްވުމުގެ ޝަރަފު ލިބޭ ކަމެއް ކަމަށް އޭނާ ނުދެކޭނެއެވެ.
  11. ތިބާގެ އަނބިމީހާގެ ފަރާތުން އެހީ އާއި ތަރުހީބު ބޭނުން ނަމަ ތިބާއަކީ ދިރިއުޅުމުގެ ތަސައްވުރެއް ގެންގުޅެ، އެ ކަން އޭނާއާ ހިއްސާކުރާ މީހަކަށް ވާންޖެހެއެވެ. ތިބާއަށް އެހީތެރިވެވޭނީ ތިބާ ދަނީ ކޮން ދިމާއަކަށްކަން އޭނާއަށް އެނގުމުންނެވެ. އަދި އެ ކަމަށް އޭނާއަށް ޖާގަ ދިނުމުންނެވެ.

މި 11 ކަންތައްތަކަށް ސަމާލުކަން ދީފި ނަމަ، ތިބާގެ އަނބިމީހާގައި ހުންނަން ތިބާ އެދޭ ސިފަތައް އޭނާގައި އުފެދޭނެއެވެ. އަދި އޭނާ ވެގެން އަންނާނީ ތިބާގެ ޒަވާޖީ ހަޔާތުގެ ރީތި ފޭރާމަކަށެވެ. ދިރިއުޅުން އާރާސްތުވެ ކުރިއަރައިއަންނާނީ ފަސޭހަކަމާއެކުއެވެ.

ނޯޓު: ތަރުޖަމާއެއް