Support Us

ބަދުރުއްނަޞީރުގެ ގަލަމުން: ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް- 7

އަތޮޅުތެރެއަށް ރޭޑިއޯ ފުޅާވާން ފެށުން

ރޭޑިއޯގެ ޕްރޮޑިއުސަރަކު އަތޮޅު ތެރެއަށް ކުރި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ ދަތުރު ކުރެވިފައިވާނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އެޑިޔުކޭޝަން މިނިސްޓްރީގެ އެހީފުޅާއެކު، ލިބުނު ދަތުރުތަކުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީ.ގެ ފަރާތުން، އަތޮޅުތަކުގައި ބިނާކުރަމުން ގެންދިޔަ ކޮމިޔުނިޓީ ސްކޫލްތައް ބިންގާ އެޅުމަށް ކުރެވުނު ދަތުރުތަކާއި ހިސާބުން، އެބޭފުޅުންގެ ހުރިހާ ދަތުރުތަކެއްގައިވެސް، އަޅުގަނޑަށް ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބާއްވާ، މަސްވެރިންގެ ދުވަސްތަކަކީ، ހަމަ ކޮންމެހެންވެސް ރޭޑިއޯ ބައިވެރިވާންޖެހޭ މުނާސަބާތަކެކެވެ. އަދި މި ދެ މިނިސްޓްރީގެ އެކިއެކި މުނާސަބަތު ތަކުގައި އަތޮޅުތެރެއަށް މިނިސްޓްރީގެ ވަފުދެއް، ދާން ރޭވޭ ހަމަ ކޮންމެ ފަހަރަކުހެން ރޭޑިއޯއަށް ޗާންސް ލިބެއެވެ. ޙާލަތު ނިޔާކުރި ގޮތުން، ގިނަ ދަތުރުތައް ކުރެވިފައި ހުރީ އަޅުގަނޑަށެވެ. ސަބަބަކީ، އެ ދުވަސްވަރު، ޕްރޮގްރާމިންގެ ދާއިރާގައި މުވައްޒަފުން މަދުކަމެވެ.

މައިޒާން ހަސަންމަނިކު: މަސްވެރިކަމުގެ ޕްރޮގްރާމްތަކުގެ މޭސްތިރިޔާ

ރޭޑިއޯގެ ޚާއްޞަ އެކުވެރިއެއް ކަމަށްވާ، އަދި އަޅުގަނޑުގެ ވަރަށް ބޮޑު ރަޙުމަތްތެރިއެއް ކަމަށްވާ، އަޅުގަނޑުގެ ގާތް އަޚު، އަލްމަރުޙޫމް މައިޒާން ހަސަންމަނިކަކީ، ރޭޑިއޯ މޯލްޑިވްސްއިން ފޮނުވަމުން ގެންދިޔަ މަސްވެރިކަމުގެ ޕްރޮގްރާމުތަކުގެ މޭސްތިރިޔާއޭ ވެސް ދެންނެވިދާނެއެވެ. މިގޮތުން ހަސަނާއި އަޅުގަނޑާ ދޭތެރޭ އުފެދުނު ގުޅުން، ހަސަން ނިޔާވަންދެން ވެސް ދެމިއޮތެވެ.

މައިޒާން ހަސަން މަނިކު އެއީ، ބްރޯޑްކާސްޓަރަކަށް ނުވިނަމަވެސް، އަޅުގަނޑާ އަދި ރޭޑިއޯގައި ހިމެނޭ ވަރަށް ގިނަ ކުދިންނަށް ތަފާތު މަޢުލޫމާތު ހިއްޞާ ކުރެއްވުމުގެ ރޮނގުގައި އެފަދަ ދެވަނައެއް ނެތް ބޭފުޅެކެވެ. އޭނާގެ މަޢުލޫމާތުތައް އަޅުގަނޑުމެން ރޭޑިއޯގެ ތަފާތު ޕްރޮގްރާމްތަކުގައި، ތަފާތު ގަޑިގަޑީގައި ގެނެސްދެވިފައި ވާނެއެވެ.

އަލްމަރުޙޫމް މައިޒާން ޙަސަން މަނިކު

މައިޒާން ހަސަންމަނިކަކީ، ހަޤީޤަތުގައިވެސް މަސްވެރިކަމުގެ ދާއިރާއިން އަރާހުންނެވި ޕްރޮފެސަރެކޭ ދެންނެވިދާނެއެވެ. ރޭޑިއޯ މޯލްޑިވްސް ދުވަހަކުވެސް ހަނދާން ނުނެތޭނެ، ރޭޑިއޯގެ ރިސޯސް ޕަރސަން އެކެވެ. އަޅުގަނޑުގެ ގާތް އެކުވެރިއެކެވެ.

މައިޒާން ޙަސަންމަނިކުގެ ޚިދުމަތުގެ ތަފާތު ހަނދާންތައް މިއަދުވެސް އަޅުގަނޑުގެ ހިތުގައި ހަމަ ފުންކޮށް ކަނޑާނެނގިފައި އެބަވެއެވެ. ރާއްޖޭގެ ތަފާތު ހިސާބުތަކަށް ހަސަނާ އެކު ކުރެވިފައިވާ ދަތުރުތަކެވެ. އެކި ފަހަރުމަތިން، އެކިއެކި ބޭފުޅުންނާއެކު ކުރެވިފައިވާ އިލްމީ ބަޙުސްތަކެވެ. ތަފާތު ސަމާސާތަކެވެ.

މައިޒާން ހަސަންމަނިކަކީ، ހިތްތިރި މަޑުމައިތިރި މިޒާޖެއްގެ އަޚްލާޤު ރަނގަޅު، ޞުލްހައަށް ލޯބިކުރައްވާ ބޭފުޅެކެވެ. މާތްﷲ އޭނާގެ ފުރާނައަށް ރަޙްމަތް ލައްވާށިއެވެ. އާމީން!

ބަދުރުއްނަސީރު، މައިޒާން ޙަސަން މަނިކު (މ) އިހަވަންދޫ ކަތީބު ޢަދުނާނު

ރޭޑިއޯގެ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ރަށްތަކުގެ އަޑުތައްވެސް ހިމެނުމަށްޓަކައި، އަޅުގަނޑަށް ފުރުޞަތުތައް ލިބިގެންދިޔަ މިނިސްޓްރީތަކުގެ ތެރެއިން، ކުރިން ދެންނެވި ފަދައިން ފިޝަރީޒް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީއާއި އެޓޮލްސް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހެލްތް، ވަރަށް ގާތުން ފާހަގަ ކޮށްލަންޖެހެއެވެ. މި މިނިސްޓްރީތަކަކީ، ރޭޑިއޯ މޯލްޑިވްސްއާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދެވި ދެތިން މިނިސްޓްރީއެވެ. ކުރިން އަޅުގަނޑު ފާހަގަކުރި މިނިސްޓްރީތަކުގެ ތަފާތު ދަތުރުތަކުގައި، ރޭޑިއޯ މޯލްޑިވްސް އިން ފޮނުވާ ޕްރޮގްރާމްތަކާ ބެހޭގޮތުން، ރައްޔިތުންނާ ވާހަކަ ދައްކައިލާ، އެބޭފުޅުންގެ ޚިޔާލު ހޯދައިލުމަށް އަޅުގަނޑަށް ފުރުޞަތު ލިބެއެވެ.

އެގޮތުން ޅ. ނައިފަރުގައި އަޅުގަނޑާއި މައިޒާން ހަސަންމަނިކު، މަސްވެރިންނާ ބައްދަލުކޮށް، ރޭޑިއޯއިން އެމީހުންނަށް ކޮށްދެވޭނީ ކޮންކޮން ކަންތައްތަކެއްތޯ އޮޅުފިލުވަން މަސައްކަތްތަކެއް ކުރީމެވެ. އަދި މަސްވެރިންގެ ޝުޢޫރުތަކާއި ތަފާތު ޚިޔާލުތައް، އެމީހުން މަސްވެރިކަމުގައި އުޅޭ ވަގުތު ތަކުގައި، ރޭޑިއޯ މެދުވެރިކޮށް އަޑުއަހާލަން އެންމެ ބޭނުންވާ އެއްޗަކާ ބެހޭގޮތުންވެސް ވަރަށް ތަފުޞީލުކޮށް ޚިޔާލު ބަދަލުކޮށްލާ ވާހަކަ ދައްކާލުމަށް ފުރުޞަތު ފަހިވެގެންދެއެވެ.

ޅ. ނައިފަރުގެ މަސްވެރިންނާ ބައްދަލުކުރުން

ޚާއްޞަކޮށް ޅ. ނައިފަރަކީ މަސްވެރިކަމުގެ މަޢުލޫމާތެއް ހޯދަން އެވަރުގެ ދެވަނައެއް ނުވާވަރުގެ ރަށެކެވެ. މަސްވެރިންގެ މައުލޫމާތު މުއްސަނދިކަމާއި، މަސްވެރިކަމުގައި އެމީހުންގެ ޝައުޤުވެރިކަން ހުރިލެއް ބޮޑުކަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތްޕުޅުން، އަތޮޅުތަކުގައި ކޮމިޔުނިޓީ ސްކޫލްތައް ބިނާކުރެވުނު ދުވަސްވަރަކީވެސް، ހަނދާންކުރުން ހަމަ ކޮންމެހެން ލާޒިމް ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ، އެ ހުރިހާ ދަތުރެއްގައިވެސް ރޭޑިއޯ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑު ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ އުސްތާޒު މުޙަންމަދު ޒާހިރު ޙުސޭނަށް ހިފޭއްޓުމެއް ނެތް ޝުކުރު އަރިސްކުރަމެވެ. އެ ދަތުރުތަކުގެ ސަބަބުން، ސަރުކާރުގެ އެހެން މިނިސްޓްރީތަކާއި އަދި އޮފީސްތަކާވެސް ރޭޑިއޯ މޯލްޑިވްސްގެ ގުޅުން އިތުރަށް ބަދަހިވެ، އެތަންތަނުގެ އެހީތެރިކަން ނިހާޔަތަށް ރޭޑިއޯ މޯލްޑިވްސްއަށް ލިބުމުގެ ދޮރު ހުޅުވިގެން ދިޔައެވެ.

އެދުވަސްވަރު، ދިވެހިރާއްޖެއަށް ދިމާވި އެންމެ ބޮޑު އެއް ކާރިސާކަމުގައިވާ، ކޮލެރާގައި، ދިވެހިސަރުކާރާއި ރައްޔިތުން ތަޙައްމަލު ކުރަމުންގެންދިޔަ، އަނދިރި ދުވަސްތަކުގައި، ރޭޑިއޯ މޯލްޑިވްސްއާއި އެތަނުގެ ހުރިހާ މުއައްޒަފުން، ހިތްވަރާއެކު މަސައްކަތް ކުރަމުން ގެންދިޔައީ، އެ ވަބާއިން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުގެ ހަމަ އެންމެ އެތެރޭގައި ތިބެގެންނެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި، ކޭމްޕް ޖަހައިގެން، ބަލިވާ މީހުންނަށް ފަރުވާދޭ ރަށްރަށަށް ބޭސް ގެންގޮސްދިނުމުގައިވެސް، އެޑިޔުކޭޝަން މިނިސްޓްރީއާއި ރޭޑިއޯ މޯލްޑިވްސް ހަރަކާތްތެރިވަމުން ދިޔައީ، އެކުއެކީގައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރޭޑިއޯ މޯލްޑިވްސްއަށް ލިބިފައި ހުރި ފުރުޞަތުތައް މަދެއްނޫނެވެ. މިގޮތުން 1978 ވަނައަހަރު ކޮމިޔުނިޓީ ސްކޫލްތައް ރޭއްޖޭގެ އެކިއެކި ރަށްތަކުގައި ބިނާ ކުރެވެމުން ދިޔައިރު، މިނިސްޓްރީގެ ފަރާތްޕުޅުން ދަތުރު ކުރެއްވި ހަމަކޮންމެ ރަށަކަށްވެސް، ރޭޑިއޯ މޯލްޑިވްސް އަށް ދެވުނެވެ. އަތޮޅުތަކާއި، ރޭޑިއޯ މޯލްޑިވްސްއާއި ގުޅުން އުފެދިގެން، އެމީހުންގެ ތެރެއިން ޕްރޮގްރާމްތައް އުފެއްދޭނެ ފުރުޞަތު ތަނަވަސްވެގެން ދިޔަނަމަވެސް، ޓެކްނިކަލް ގޮތުން، ރޭޑިއޯ މޯލްޑިވްސް އެއިރު އޮތީ މުޅި ރާއްޖެއަށް ސިގްނަލް ފޮނުވޭހާ ފެންވަރެއްގައެއް ނޫނެވެ.

ހދ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވުމަށް ކުރި ދަތުރުގެ ބައިވެރިން (ކުޅުދުއްފުށި) ގިނަ ބޭފުޅުންގެ ނަންފުޅުތައް ނޭނގޭތީ ނުލިޔުނީއެވެ.

އެހެން ނަމަވެސް… ހދ. ކުޅުދުއްފުށީގެ އެ މުހިންމު މުނާސަބާ، ރޭޑިއޯ މޯލްޑިވްސްގެ ޒަރީޢާއިން، ލައިވްކޮށް އެހުންތެރިންނާ ހިސާބަށް ފޮނުވީމެވެ. މެހެމާނުން ކުލުދުއްފުޓަށް ވަޑައިގަންނަވަން ފެއްޓި ހިސާބުން، ރަސްމީ ޖަލްސާ ނިމެންދެންނެވެ. ކުޅުދުއްފުށިން އަޅުގަނޑުމެންގެ ޓީމަށް އެހީތެރިވެދެއްވި ބޭފުޅުންގެ މަސައްކަތުން، ފާލަން ފެންނަ ހިސާބުގައި ކުޑަވަރެއްގެ ސްޓޭޖެއް ހައްދަވައިދެއްވުމުން، އެ ސްޓޭޖްމައްޗަށް އަރާހުރެ، މެހެމާނުން ވަޑައިގަތުމުގެ ރަސްމިއްޔާތު ލައިވްކުރަމުން ގެންދިޔައީ، އަޅުގަނޑެވެ. 

ހދ. ކޮމިޔުނިޓީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތަށް މެހެމާނުން ވަޑައިގަތުން ރޭޑިއޯއިން ބަދުރު ލައިވްކުރަނީ

ކުޅުދުއްފުއްޓަކީ އަޅުގަނޑަށް ވަރަށް ގިނަ ފަހަރު އެކިއެކި މުނާސަބާއާ ދިމާކޮށް ގޮސްފައިވާ ރަށެކެވެ. އާބާދީ ބޮޑު، އެހެން ނަމަވެސް ތިމާގެ ކަމާއި ގާތްކަން، އެކުވެރިކަމާއި ރައްޓެހިކަން، ވަރަށްބޮޑަށް ފާހަގަ ކުރެވުނު ރަށެކެވެ.

ކުޅުދުއްފުށީގެ ކުޑަކުދިން ކޮޅަކާއެކު (ކ-ވ) އަޙުމަދު ސަލީމް، މަސްޢޫދު ޢިމާދު، މަރުހޫމް ޙުސެން މުޙަންމަދު، ޙުސެން ޢަފީފް، ބަދުރުއްނަސީރު، ޑރ. މުޞްތަފާ ލުތުފީ

މަގުމަތިން ދިމާވާ އަންހެނުންނާއި ފިރިހެނުންގެ ސަމާސާ ބައްދަލުކުރުން އާދަޔާ ޚިލާފު ރަށެކެވެ. ބީރައްޓެހިންނާ ދޭތެރޭ އެފަދަ އެކުވެރި، ސަމާސާ ގުޅުމެއްގެ ސަގާފަތު އޮތް އެހެން ރަށެއް އަޅުގަނޑު ނުދެކެމެވެ. އެރަށުގައި އަޅުގަނޑުމެންގެ ޓީމް ޙަރަކާތްތެރިވަމުންދިޔައިރު، ރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުންވެސް ލިބުނީ، އާދަޔާ ޚިލާފު އެއްބާރުލެއްވުމަކާއި އެކުވެރިކަމެކެވެ. އެކަމަށްޓަކައި، މިހާ ފަހުންނަމަވެސް ކުޅުދުއްފުށީގެ އެކުވެރި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

ކުޑަބެ އާއި ބޮޑުބެ

ސިންގަޕޫރުން އަޅުގަނޑަށް ދަސްވި އެއްޗެއް އަޅުގަނޑުގެ މަސައްކަތުގައި ބޭނުން ކުރުމުގެ ފުރުޞަތަކަށް އެދިއެދި ހުއްޓާ، ޑިރެކްޓަރ ޢުމަރުޒާހިރު އަޅުގަނޑަށް އެ ފުރުޞަތު ދެއްވައިފިއެވެ. އޭރު މުޙަންމަދު ވަޙީދުއްދީންއަކީ، ރޭޑިއޯ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީއެވެ. ރޭޑިއޯއަށް ހުރި ޝައުޤުވެރި ކަމެއްގެ ސަބަބުން، އަޅުގަނޑާއެކު، ޕްރޮގްރާމް އުފެއްދުމުގައި ވެސް ވަޙީދުއްދީން މަސައްކަތް ކޮށްދެއްވީއެވެ. ވަޙީދުއްދީންގެ އިނގިރޭސިބަހުގެ ހުނަރާއި، އެބޭފުޅާގެ ހިތްހެޔޮ މިޒާޖުގެ ބޭނުން އަޅުގަނޑު ހިފީއެވެ.

އަންނަބީލު މުޙަންމަދު ވަޙީދުއްދީން (ޑީން)

ރޭޑިއޯ މޯލްޑިވްސްއިން ފުރަތަމަ ފޮނުވި ކުޑަކުދިންގެ ޕްރޮގްރާމްގައި ވަޙީދުއްދީން އަޅުގަނޑާއެކު ބައިވެރިވެވަޑައިގަތެވެ. އެ ސިލްސިލާ ޕްރޮގްރާމްތަކުގައި ކުޑަކުދިންނަށް ޕްރޮގްރާމް ހުށަހަޅައިދެނީ، "ކުޑަބެ" އާއި "ބޮޑުބެ" އެވެ. ކުޑަބެއަކީ، އަޅުގަނޑެވެ. ބޮޑުބެ އަކީ ވަޙީދުއްދީންއެވެ. ޕްރޮގްރާމްގެ ނަމަކީ، "ކުޑަކުދިންގެ ބަގީޗާ" އެވެ.

ކުޑަކުދިންނަށްޓަކައި އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ، ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުވުމާއި، ދިވެހި ސަޤާފަތުގެ ތެރެއަށް އެކުދިންގެ ޒުވާން ސިކުނޑިތައް ހުޅުވާލުމެވެ. ދޭތެރެ ދޭތެރެއިން ފަރީދީ ސިނެމާގެ ސްޓޫޑިއޯއަށް ކުޑަކުދިން ގެނެސްގެން، ރާއްޖޭގެ ކޮންމެވެސް މަޝްހޫރު ބޭފުޅެއް ލައްވާ، އެކުދިންނަށް ލަވައާއި ވާހަކަ ކިޔައިދިނުމާއެކު، މަޖާ ލައިވް ޕްރޮގްރާމްތައް ވެސް ހިންގީމެވެ. އެގޮތުން، މަޝްހޫރު ސައިބޯނި އިސްމާއީލްފުޅު ކިޔައިދެއްވާ ހެއްވާ މަޖާ ވާހަކަތަކާއި ދައްކަވާ ފޯރިގަދަ ޝޯވްތަކުގެ ސަބަބުން، އިސްމާލުފުޅަށް ދަޢުވަތު ދީގެން ބާއްވާ ޕްރޮގްރާމްތަކަކީ، ފާހަގަ ކޮށްލެވޭ ޕްރޮގްރާމް ތަކެކެވެ. މަރުޙޫމް ސައިބޯނި އިސްމާޢީލް ފުޅަކީވެސް، ރޭޑިއޯ މޯލްޑިވްސްގެ ކުޑަކުދިންގެ ބަގީޗާގެ ޚާއްޞަ ރަޙްމަތްތެރިޔެކެވެ. އަލްމަރުޙޫމް ސައިބޯނި އިސްމާޢީލް ފުޅަށް ސުވަރުގޭގެ މާތް ރަޙްމަތް، ﷲ މިވަރުކުރައްވާދޭވެ! އާމީން…

ކުޑަކުދިންގެ ޕްރޮގްރާމަށް އިތުރު "ބޭބެއެއް" އަޅުގަނޑުމެން ތަޢާރަފު ކުރީމުއެވެ. އެއީ އިސްމާއީލް މާހިރެވެ. މާހިރު އެއީ ވަރަށް ސަކަމިޒާޖެއްގެ ބޭފުޅެއް ކަމުން، އަޅުގަނޑުމެން އޭނާ، "މެދުބެ"ގެ ނަންދީފައި އެ ޕްރޮގްރާމަށް ތައާރަފުކުރީއެވެ. "މެދުބެ" އަކީވެސް ޕްރޮގްރާމްގައި، ކުޑަކުދިން ވަރަށް ގަޔާވި ކެރެކްޓަރެކެވެ.

އެއާއެކު، އިތުރު ޕްރޮގްރާމް ތަކެއް ޑިޒައިންކޮށް، އޭރު ތިބި އެނައުންސަރުންނާއެކު، އުފެއްދޭތޯ މަސައްކަތް ކުރީމެވެ.

އެގޮތުން ފުރަތަމަ އަޅުގަނޑު މަސައްކަތްކުރީ، ޕްރޮޑިއުސަރުންނަށް ރޭޑިއޯ މިއީ ކޮން އެއްޗެއް ކަމާއި، އޭގެ ބާރާއި ނުފޫޒާއި ރޭޑިއޯއިން ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގައުމެއްގައި ދިރިއުޅެމުންދާ މުޖުތަމަޢުއަކަށް ކޮށްދެވިދާނެ އަގުނުކުރެވޭ ޚިދުމަތް، އަޅުގަނޑަށް އެވަގުތު ދަސްވެފައި ހުރި މިންވަރަށް އެހެން މީހުނަށް ދަސް ކޮށްދޭން މަސައްކަތް ކުރުމަށެވެ. މާބޮޑު ޓްރޭނިންގ ކްލާސްތަކެއް ނުބާއްވާ، އޮންދަޖޮބްގައި އެކަން ކުރަމުން، ޕްރޮގްރާމް ޕްރޮޑަކްޝަން އަކީ ކޮން އެއްޗެއްކަމާއި ތަފާތު ފޯމެޓްއަށް ތައްޔާރު ކޮށްފައިވާ ޕްރޮގްރާމާބެހޭ މައުލޫމާތު، ޕްރޮގްރާމް ދާއިރާގައި އަޅުގަނޑާއެކު މަސައްކަތް ކުރަން ތިބި ކުދިންނާ ޙިއްސާކުރީއެވެ.

އެ މަސައްކަތުގެ ތެރެއިން އިތުރު ބައެއް ޕްރޮގްރާމްވެސް އުފެއްދީމެވެ. ރާއްޖޭގެ މާޙައުލާ ގުޅޭ ގޮތުންނާއި ރައްޔިތުންގެ ބޭނުންތަކަށް ވިސްނުމާ އެކުގައެވެ. އަދި ރާއްޖެއިން ބޭރަށް، ދިވެހިރާއްޖެ ހުޅުވައިލާ، އިޝްތިހާރު ކުރުމުގެ ގޮތުން، 15 މިނިޓްގެ އިންޓްރޮޑަކްޓަރީ ޕްރޮގްރާމްތަކެއް ބައްޓަންކުރެވި، މި ޕްރޮގްރާމްތައް ވެސް ފޮނުވަން ފެއްޓުނެވެ.

މި ޕްރޮގްރާމް އުފައްދަވައިދެއްވީ އަންނަބީލު މުޙަންމަދު ވަޙީދުއްދީން އެވެ.

އެނައުންސަރުންގެ ތެރެއިން އަންވަރީ އަޙުމަދާއި ޒުހޭރާ ޢުމަރާއި ދެބޭފުޅުން ލައްވާ، އެ ޕްރޮގްރާމްތަކުގައި އިނގިރޭސިބަހުން އެނައުންސް ކުރުމުގައިވެސް މުޙަންމަދު ވަޙީދުއްދީން ޓްރޭނިންގ ތަކެއް ދެއްވިއެވެ. ޒުހޭރާއާއި އަންވަރީ އަކީ، އޭރުތި އްބެވި އެނައުންސަރުންގެ ތެރެއިން ހޮވާލެވޭ ދެ ބޭފުޅުންނެވެ.

އަންވަރީ އަޙުމަދު (ކ) އަދި ޒުހޭރާ ޢުމަރު

ރޭޑިއޯ މޯލްޑިވްސްގެ ޙަޔާތުގެ އެންމެ އުފާވެރި ކަމަކީ، މުޅި ސްޓޭޝަންގައި އުޅޭ އެންމެންވެސް އެމީހުންނަކީ، ޕްރޮގްރާމް ސެކްޝަންގެ މީހުން ކަމުގައި ދެކިގެން މަސައްކަތް ކުރަމުން ގެންދިޔަ ގެންދިއުމެވެ. ތައްޔާރު ކުރަމުންގެންދާ ޕްރޮގްރާމް ތަކަށް އެހީއަށް ބޭނުންވާ ކޮންމެ ޙާލަތެއްގައި، ކޮންމެ މުއައްޒަފަކު ވެސް ހުންނަނީ ޕްރޮގްރާމް ތަކަށް އެހީތެރިވެދިނުމަށް އަތުކުރި އޮޅާލައިގެންނެވެ. އެދުވަސްވަރު ސްޓޭޝަނުން ތައްޔާރު ކުރާ ކޮންމެ ޑްރާމާ އެއްގައި، ކޮންމެވެސް ސިފައެއްގައި، އޮފީހުގެ ވަރަށްގިނަ މުއައްޒަފުން ބައިވެރިވާނެއެވެ. އެއީ ހަމައެކަނި ޕްރޮގްރާމް ސެކްޝަންގެ މުއައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ކަމެއްނޫނެވެ. މިގޮތަށް އެންމެން ބައިވެރިވެގެން ޑްރާމާތައް ރެކޯރޑް ކުރުމަކީ ބުރަ ނަމަވެސް، ފައިދާ ކުރުވަނިވި ކަމެކެވެ. ހީވެސް ނުކުރާހާ  ކުޅަދާނަ އެތައް ބައިވަރު މީހުންނެއް މި ކަމުގެ ތެރެއިންވެސް ނިކުތެވެ.

(ކ-ވ) މިންނާ ވަޖީހު، ޢަބުދުﷲ ޞާދިގު، ބަދުރުއްނަސީރު، އިބުރާހިމް ޢުމަރު މަނިކު

އެ ދުވަސްވަރު، ރޭޑިއޯ މޯލްޑިވްސްގެ ސެކްރެޓަރީންކަމުގެ މަޤާމުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި، އަލްމަރުޙޫމް ނައިބުގޭ ޙަސަންޙަލީމު، މުޙަންމަދު ޒާހިރު (ޓޫޓޫ ޒާހިރު)، މުޙަންމަދު ވަޙީދުއްދީން، މިދުޙަތު ޙިލްމީ، ހަސަން މާހިރު ފަދަ ބޭބޭފުޅުން މަސައްކަތް ކުރެއްވިއެވެ. އެއިން ކޮންމެ ބޭފުޅަކީވެސް ކޮންމެވެސް ސިފައެއްގައި ރޭޑިއޯގެ ޕްރޮގްރާމެއްގެ ބައެއް އަދާކުރެއްވި ބޭފުޅެކެވެ.

"ރައްޔިތުންގެ ރޭޑިއޯ"އެއްގެ ފެށުން

"ރޭޑިއޯ ހަވީރު" ސިލްސިލާ

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންއަށް ޒަމާނާ އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުޞަތެއް ހުޅުވިގެންދިޔައީ، 1978 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީސް މެދުވެރިވެގެން، ޔުނެސްކޯގެ އެޑްވައިޒަރ، އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ މިސްޓަރ ކީތް ޖެކްސަންގެ އެހީތެރިކަން ރޭޑިއޯއަށް ލިބޭނެ ދޮރު ހުޅުވުމުންނެވެ. އޭނާއަކީ ފަހުން އޭބީސީ (އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން)ގެ މެނޭޖިންގ ޑިރެކްޓަރުވެސް މެއެވެ.

މިސްޓަރ ކީތް ޖެކްސަން ރޭޑިއޯ މޯލްޑިވްސްއަށް ވަޑައިގަތުމަށްފަހު، ފުރަތަމަ ކަމަކަށްވެސް ހެއްދެވީ، އޭރު އުފައްދަމުން ގެންދިޔަ ޕްރޮގްރާމްތައް ބައިތަކަކަށް ބައްސަވާލެއްވުމެވެ. އަދި ހަމަ އެއާއެކު ދިރިއުޅުމުގެ ތަފާތު ބައިތަކަށާއި، މުޖުތަމަޢުގެ ތަފާތު ގިންތީތަކަށް އަމާޒުކުރެވިގެން ސިލްސިލާ ޕްރޮގްރާމްތަކެއް ގޮތުގައި "ރޭޑިއޯ ހަވީރު"ގެ ނަމުގައި ޕްރޮގްރާމްތަކެއް އުފައްދަން ފެއްޓުނެވެ. މައިގަނޑު ދެބައެއްގެ ދަށުންނެވެ. އެޑިޔުކޭޝަނަލް ޕްރޮގްރާމާއި ނޮން-އެޑިޔުކޭޝަނަލް ޕްރޮގްރާމެވެ. މިއީ ދުރުންދޭ ތަޢުލީމްގެ ބައެކެވެ. އާދެ! ޑިސްޓެންޓް އެޑިޔުކޭޝަންއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި ރޭޑިއޯ މޯލްޑިވްސްގެ ގުޅުމުގެ ތެރެއިން، ރޭޑިއޯގެ ގިނަ ޕްރޮގްރާމް ތަކަކަށް އީޑީސީ (އެޑިޔުކޭޝަން ޑިވަލޮޕްމަންޑް ސެންޓަރު)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން ދިޔައެވެ. އެގޮތުން، ރޭޑިއޯ ހަވީރުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް، އުފެއްދުމުގެ މަސްއޫލިއްޔަތު ހަވާލުކުރެއްވީ، އީޑީސީގެ މުއައްޒަފުންގެ ތެރެއިން ބައެއް މުއައްޒަފުންނަށް، ރޭޑިއޯގެ އަސާސްތައް ދަސްކޮށް ދެއްވައިގެންނެވެ.

ރޭޑިއޯއަކީ ކޮން އެއްޗެއްކަމާއި އޭގެ ބާރާއި ނުފޫޒާ ބެހޭގޮތުން، ރާއްޖޭގެ އަތޮޅުތަކުގައިވެސް އަޅުގަނޑުމެން "ރޭޑިއޯ ފޯރަމް" ތަކެއް ރާވާ ހިންގީމެވެ. އިސް މޭސްތިރިއަކަށް ހުންނެވީ، މިސްޓަރ ކީތް ޖެކްސަންއެވެ.

"ރޭޑިއޯ ހަވީރު"ގެ ސިލްސިލާގެ ތެރޭގައި ހިމެނޭ ބައެއްޕްރޮގްރާމް އުފެއްދުމުގައި އީ.ޑީ.ސީ.ގެ ޕްރޮޑިއުސަރެއްގެ ގޮތުން، މަރުޙޫމް ޙުސެން މުޙަންމަދު ވަރަށް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އޭނާ ފޯރމަލް އެޑިޔުކޭޝަން އަދި ނޮން ފޯރމަލް އެޑިޔުކޭޝަންގެ ގިނަ ޕްރޮގްރާމްތަކެއް އުފައްދަވައި، ރޭޑިއޯއިން ބްރޯޑްކާސްޓް ކުރެވުނެވެ.

"ރޭޑިއޯހަވީރު" ސިލްސިލާގައި ހިމެނޭ ޕްރޮގްރާމްތަކަކީ:-

  • "ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ…": މަސްވެރިކަމާބެހޭ ގޮތުން
  • "ދިވެހިބިމުން": ދަނޑުވެރިކަމާބެހޭ ގޮތުން
  • "ތާރީޚާ އާދަކާދަ": ދިވެހި ތާރީޚާ ސަގާފަތާ ބެހޭގޮތުން
  • "ރާއްޖޭގެ އެތަން މިތަނުން": ރާއްޖޭގެ ހުރިހާހިސާބެއްގެ ޚަބަރު
  • ސިއްހަތާ ބެހޭ: ޢާންމު ސިއްޙަތު

ޕްރޮގްރާމްތައް ބަހާލެވުނު ބައިތަކުގެ ތެރޭގައި، މަސްވެރިކަން، ދަނޑުވެރިކަން، ޢާންމު ޞިއްޙަތު، ތާރީޚާއި ސަޤާފަތު، ޚަބަރާއި މަޢުލޫމާތު، ދަތުރުފަތުރު، ހިމެނިގެން ދިޔައެވެ. މި ޕްރޮގްރާމަތައް، ޕްރޮޑިޔުސަރުންނާ ޙަވާލު ކުރެވިގެން ކުރިއަށް ގެންދެވުނެވެ. މިކަން ކުރަމުން ގެންދިޔައީ، މިސްޓަރ ކީތް ޖެކްސަންގެ ބެއްލެވުމުގެ ދަށުން، އޭނާ ހިންގެވި ޓްރޭނިންގ ޕްރޮގްރާމެއްގެ ގޮތުގައެވެ. ހަމަ އެއާ އެކު ރޭޑިއޯހަވީރުގެ ޕްރޮގްރާމްތައް އުފެއްދުމުގައި މަސައްކަތް ކުރަމުންގެންދިޔަ ފަސް ޕްރޮޑިއުސަރުން، މިދާއިރާގެ ތަމްރީނު ހޯދުމަށް އިނގިރޭސި ވިލާތަށް ދިއުމުގެ ފުރުޞަތު، މިސްޓަރ ކީތް ޖެކްސަން މެދުވެރިވެގެން، އެޑިޔުކޭޝަނުން ހޯއްދަވައިދެއްވިކަން ފާހަގަކުރެވެއެވެ.

(ކ-ވ) ބަދުރުއްނަސީރު، މިސްޓަރ ކީތް ޖެކްސަން، ކީތްގެ ދަރިފުޅު (އޮސްޓްރޭލިޔާގައި)

"ރޭޑިއޯ ހަވީރު" ސިލްސިލާގެ ޕްރޮގްރާމްތަކަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ސާރވީސް ބްރޯޑްކާސްޓިންގެ ކޮންސެޕްޓްގެ ތެރެއިން އުފެދިގެންއައި ޕްރޮގްރާމް ތަކެކެވެ. ސިލްސިލާގެ ކޮންމެ ޕްރޮގްރާމެއްގެ ދިގުމިނަކީ، 15 މިނިޓްއެވެ. ދިވެހިންގެ ދިރިއުޅުމުގެ މައިގަނޑު ބައިތަކެއްގެ މައްޗަށް އަމާޒުކުރެވިގެން އުފެއްދި ޕްރޮގްރާމް ތަކެކެވެ. މައިގަނޑު މަޤުޞަދަކީ، ރައްޔިތުން ހޭލުންތެރިކުރުވުމާއި، އުނގަނައިދިނުމާއި އަދި މުނިފޫހި ފިލުވައިދިނުމެވެ.

މިދެންނެވި ޕްރޮގްރާމްތަކަކީ، މިސްޓަރ ކީތްޖެކްސަންގެ ބެއްލެވުމުގެ ދަށުން، އަޅުގަނޑުމެންގެ ޕްރޮޑިއުސަރުންގެ ޓީމަކުން ރާވާ، އުފެއްދި، ސިލްސިލާ ޕްރޮގްރާމް ތަކެކެވެ. މޭސްތިރިއެއްގެ ގޮތުގައި ކީތު ޖެކްސަން ހުންނަވައިގެން، ހުރިހާކަމެއް ކުރީ އަޅުގަނޑުމެން ފަސް ޕްރޮޑިޔުސަރުންނެވެ. ކީތު ޖެކްސަންގެ އިރުޝާދުގެ ދަށުންނެވެ.

ރޭޑިއޯ މޯލްޑިވްސްއަށް އެވަގުތަށް އެންމެ ބޭނުމީ، މީހުން ބިނާކުރުމެވެ. ރޭޑިއޯއަކީ ކޮން އެއްޗެއް ކަމާއި، ރޭޑިއޯގެ ފައިދާތަކާއި ގެއްލުން، އަދި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކިހިނެއްކަން ދަންނަ ބަޔަކު އުފެއްދުމެވެ. މުޖުތަމަޢަށް ރަނގަޅު ޚިދުމަތެއް ރޭޑިއޯއިން ކޮށްދެވޭނީ، ރޭޑިއޯ ބްރޯޑްކާސްޓިންއަކީ، ކޮން އެއްޗެއް ކަމާއި ރޭޑިއޯގެ ބާރާއި ނުފޫޒު ދަނެގަނެވޭ ބަޔަކު، އެކަންކުރަން އުޅެގެންނެވެ.

ކީތް ޖެކްސަންގެ މަސައްކަތުން، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަނާ ގުޅިގެން، ރޭޑިއޯ މޯލްޑިވްސްއާއި އީ.ޑީ.ސީ.ގައި މަސައްކަތްކުރާ ފަސް ޕްރޮޑިޔުސަރަކު، ރޭޑިއޯ ޕްރޮގްރާމް ޕްރޮޑަކްޝަން ދަސްކުރުމަށް، އެކި ފަހަރު މަތިން އިނގިރޭސިވިލާތަށް ފޮނުވުނެވެ.

އެ 5 ޕްރޮޑިޔުސަރުންނަކީ:

  1. މުޙަންމަދު ވަޙީދު (މަޑުލު)
  2. އަލްމަރުހޫމް ޙުސެން މުޙަންމަދު
  3. ވަސީމާ މުޙަންމަދު (ކެރަފާ)
  4. އިބްރާހިމް މަނިކު (ސަމަރޭ)
  5. ބަދުރުއްނަޞީރު

ރޭޑިއޯ މޯލްޑިވްސްގެ ޙަޔާތުގައި މި މުއައްޒަފުންނަށް ލިބުނު ތަމްރީނުގެ ފައިދާ، ސްޓޭޝަނަށާއި އަދި ދިވެހި ޤައުމަށްވެސް ވަރަށް ފުރިހަމައަށް ލިބިގެންދިޔައެވެ. ޕްރޮގްރާމްތައް ރޭޑިއޯއާ ގުޅޭގޮތަށް ބައްޓަން ކުރުމުގައެވެ. އެހުންތެރިންނާއި ރޭޑިއޯއާ އިތުރަށް ގުޅުން ބަދަހިކުރުމުގައެވެ. އިތުރު ސްޓާފުންނަށް ރޭޑިއޯގެ ތަފާތު ދާއިރާތަކުން ތަމްރީނުދީ، މީހުން ބިނާ ކުރުމުގައެވެ.

ޙަޤީޤަތުގެ މައްޗަށް ބުރަވެހުރެ ދަންނަވާނަމަ، ދިވެހިރާއްޖޭގެ ރޭޑިއޯ ތަރައްޤީ ކުރުމަށާއި، މީހުން ބިނާކުރުމަށް މިސްޓަރ ކީތް ޖެކްސަންގެ ފަރާތުން ލިބުނު އެހީތެރިކަމާއި، އެކަމުގެ ސަބަބުން ރޭޑިއޯ މޯލްޑިވްސް، ރާއްޖޭގައި ފާހަގަކުރެވިގެންދިޔަ ދިއުން އެއީ، ހަމަ ގައިމުވެސް ރޭޑިއޯ މޯލްޑިވްސްގެ މުއައްޒަފެއްގެ ހައިސިއްޔަތުން އަޅުގަނޑު، މިސްޓަރ ކީތް ޖެކްސަންއަށް ހާސްފަށުން ޝުކުރުވެރި ވާނެކަމެކެވެ. އަދި އެ ދުވަސްވަރު ރޭޑިއޯ މޯލްޑިވްސްގައި އުޅުމުގެ ނަޞީބު ލިބިފައިވާ މީހެއްގެ ހައިސިއްޔަތުން، އެކަމާ ފަޚުރުވެރިވެ އަޅުގަނޑު މިއަދުވެސް އުފާކުރަމެވެ.

(ނުނިމޭ)


އެޑިޓަރުގެ ނޯޓު:

މިއީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ބައި ގަރުނުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ބަދުރުއްނަޞީރުގެ ލިއުއްވާފައިވާ ލިއުއްވުމެކެވެ. ބަދުރަކީ 1967 އިން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް (44 އަހަރު) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި އެކި މަގާމުތަކުގައި، ނުހަނު އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފުރަތަމަ ރައީސަކީ ވެސް ބަދުރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންމެ އިސް މަގާމު ކަމަށްވާ، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާ ހަމައަށް ބަދުރު ވަޑައިގަތީ، އަޑުގެ ތަފާތު މަގާމްތައް އަދާކުރައްވައިފައެވެ.

"ދިވެހިރާއްޖޭގެ އަޑުގައި އަޅުގަނޑުގެ ބައެއް ހަނދާންތައް" އާކޮށްލެއްވުމަށް "އަދިވެސް" އިޚްތިޔާރު ކުރެއްވީތީ ބަދުރަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އެ ހަނދާންތައް "އަދިވެސް"ގައި ގެނެސްދޭނީ ސިލްސިލާ ބައިތަކެއްގެ ގޮތުގައެވެ. ވިދާޅުވަމުން ގެންދަވާށެވެ.

ޝުކުރިއްޔާ!

އެހެނިހެން ލިއުންތައް:

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *