Support Us

ބަރަބޮލަކީ ދޫކޮށްލެވެން ނެތް ސުޕަ ފުޑެއް

ބަރަބޮލުގައި ނުކައި ދޫކޮށްލާނެ އެއްޗެއް ނެތެވެ. ތޮއްޓާއި، ބަރަބޮލާއި، ކަރުގަނޑު އަދި އޮށެވެ. ބަރަބޮލަކީ ސުޕަފުޑެއް ކަމަށް ނިއުޓްރިޝަނިސްޓުން ބުނާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް، ސުޕަފުޑަކީ އޭގެ މީރު ރަހަ އަށް ވުރެ ބޮޑަށް ލިބޭ ފައިދާ އަށް ބަލައި ކުރެވޭ ދަރަޖައެކެވެ.

ބަރަބޮލު ތޮށި އެންމެ މީރީ ތެއްލައިގެންނެވެ. އަވަނުގައި ފިހެގެން ވެސް ރަނގަޅެވެ. މިއީ ކަޅު ކޮފީއަކާ އެކު – ދެ ކެއުމެއްގެ ދެމެދަށް ބަނޑަށް ރަނގަޅު ހަދިޔާއެކެވެ. ރަހަތަފާތުކޮށްލަން ބަރަބޯ އޮށް ކޮޅެއް ވެސް ހަނާކޮށްލާށެވެ.

ބަރަބޮލުން، ނަން ހުސްކޮށް ކާއެއްޗެހި އުފައްދަ އެވެ. އަހަރެމެންނަށް އެންމެ މަޝްހޫރީ ބަރަބޯ ރިހަ އެވެ. ބަރަބޯ މަސްހުނި، ބޯކުރި ބަރަބޯ، ބަރަބޯ ޕައި، ބަރަބޯ ކޭކް އަދި ބަރަބޯ ޕާނެވެ. އެއް ފަހަރު ވެސް އެއް ފޮތިން ނުފުދެ އެވެ.

ބަރަބޮލަކީ ސުޕަފުޑެއް ކަމަށް ބުނަނީ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް ފައިދާ ލިއްބައިދޭތީ އެވެ. ލޮލާއި، ބޮލާއި ހިތާއި އަދި ހަމެވެ. ބަރަބޮލަކީ ބަރުދަން ލުއިކުރަން އެދޭ މީހުންނަށް ވެސް އެހީތެރިއެކެވެ.

ބަރަބޯ އޮށާ ބެހޭ ގޮތުން މުދައްރިސް ބުނެދެއްވާފައި ނުވާ އެއްޗެއް ބުނެދީފާނަމެވެ. ބަރަބޮލަކީ ސުޕަފުޑެއް ކަމަށް ބުނުވަށް ވުރެ، ބަރަބޯ އޮށަކީ ސުޕަފުޑެއް ކަމަށް ބުނުން މޮޅެވެ. މިއީ ޚާއްސަކޮށް ފިރިހެނުން އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ނުވާނެ އެއްޗެކެވެ.

ބަރަބޯ އޮށުގައި ހެޔޮވަރު ވަރަކަށް ޒިންކް ހުރެ އެވެ. ޒިންކަކީ ޕްރޮސްޓޭޓްގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާއެކެވެ. އާންމުކޮށް ދެ ދުވަހުން އެއް ދުވަހު ނަމަވެސް، ބަރަބޯ އޮށް ކާ ނަމަ ޕްރޮސްޓޭޓް ހެޔޮ ހާލުގައި ދެމެހެއްޓިދާނެ އެވެ.

ފިރިހެނުން ދޮށީ އުމުރަށް އަޅައިގެން އަންނައިރު ޕްރޮސްޓޭޓް މައްސަލަ ޖެހެ އެވެ. މިއީ ވަރަށް ގިނަ ފިރިހެނުންނަށް މެދުވެރިވާ ހާލަތެކެވެ. ކުޑަކަމު ދާއިރު އެއް ވާނަކަށް ނުލެވުމާއި ބުރިބުރި އަށް ލެވުމަކީ ޕްރޮސްޓޭޓް ދުޅަވެފައި ހުރި ކަމުގެ އަލާމާތަކަށް ވެދާނެ އެވެ.

ބަރަބޯ އޮށުގައި ފައިބާ ގިނަ އެވެ. އެއްފަހަރާ މާ ގިނައިން އަދި މުޅިން އަލަށް ބަރަބޯ އޮށް ކައިފި ނަމަ، ބަނޑުގައި ވައި އުފެދި ނުވަތަ ބަނޑު ހަރުވުމަކީ ވެސް ވެދާނެ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ މަދު މިންވަރަކަށް – ދޭތެރެ ދޭތެރެއިން ކެއުމެވެ.

ބަރަބޯ އޮށުގައި އެކުލެވިގެން ވާ މިނެރަލްތަކަށް ބަލާއިރު، މެގްނީޒިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، އަޔަން އަދި ކޮޕާ ހިމެނެ އެވެ. އެކުލެވޭ ވިޓަމިން އަށް ބަލާއިރު، ވިޓަމިން އޭ، ފޮލޭޓް، ތަޔަމިން، ރައިބޯފްލޭވިން އަދި ނަޔަސިން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *