Support Us

ތުރުކީގެ އަސްކަރީ ޑްރޯންގެ ސަބަބުން އިންޑިއާގެ ވައިގެ ބެލެހެއްޓުން ރާއްޖެއިން ދޫކޮށްލުން

ތުރުކީ ވިލާތުން ދިވެހި ރާއްޖެއަށް ގެނައި "ބައިރަކްތާރު ޓީ.ބީ.2″ގެ ދެ ޑްރޯން އާއެކު ދިވެހި ރާއްޖެއިން ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ. ރާއްޖެ މިހާރު ވެފައިވަނީ ވައިގެ ސިފައިން ނުވަތަ އެއާ ކޯގައި، މީހުން ނެތި ބޭނުންކުރާ އުދުހޭ އުޅަނދު ނުވަތަ "އަންމޭންޑް އޭރިއަލް ވެހިކަލްސް" (ޔޫ.އޭ.ވީ.) އެކަނި ގެންގުޅޭ ހަމައެކަނި ގައުމަށެވެ.

ނ. މާފަރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި މި ޑްރޯންތައް ތައާރަފު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކާމެދު ދިވެހި ރާއްޖެ ހަތުރުވެރިކަމުގެ ނަޒަރަކުން ނުބައްލަވާ ކަމަށާއި ބޭނުމަކީ ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމާއި އަދި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ކަމަށްވާ "އެކްސްކްލޫސިވް އިކޮނޮމިކް ޒޯން" (އީ.އީ.ޒެޑް.) މިނިވަން ކަމާއެކު ރާއްޖެއިން އަމިއްލައަށް ބެލެހެއްޓުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއީ އަންނަން އޮތް ޖީލުތަކަށް ތަނަވަސް ކުރިމަގެއް ބައްޓަން ކުރުމަށް ގައުމުގެ އިގުތިސާދު ފުޅާކުރަން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ސަރަހައްދު ދެން ބަލަހައްޓާނީ އަމިއްލަ މިނިވަންކަމާއެކު ކަމަށް ވިދާޅުވިއެވެ. ނަން ނުގަނެ ނުސީދާކޮށް އިންޑިއާ އަށް އަމާޒު ކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ "އިން ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެން ދިޔައީ" ކަމަށާއި "އެހެން ގައުމުތަކުން މިކަމާ ފިކުރު ބޮޑުވާން ނުޖެހޭނެ" ކަމަށެވެ.

ޔޫ.އޭ.ވީ.ގެ އުޅަނދުތަކެއް ހިލޭ ގެނައުމަށް ގައުމަކާ މަޝްވަރާ ކުރަމުން ގެންދިޔަ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)އިން ބުނާ ބުނުމާމެދު ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބައެއް ކަހަލަ އާލާތްތައް ތުރުކީން ހިލޭ ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް މިއީ ކޮން ކަހަލަ އާލާތްތަކެއް ކަމެއް ރައީސް ޑރ. މުއިއްޒު ހާމައެއް ނުކުރައްވައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ފަދަ އާލާތްތައް ތުރުކީން ލިބުނީ އެ މަނިކުފާނާއި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން އާދެމެދު އޮތް ގާތް ރަހްމަތެރިކަމުގެ ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން މި ބާވަތުގެ އަސްކަރީ އެހީތައް ފޯރުކޮށްދިނުމުގައި އާއްމު ގޮތެއްގައި ނަގާ ގިނަ ވަގުތު ނުނަގާ ކަމަށާއި މިހެންވެ ދެ ޑްރޯންތައް މިހާ އަވަހަށް ލިބުނީ ކަމަށެވެ.

މީގެ ތެރެއިން ހަދިޔާގެ ގޮތުގައި އުރުދުޣާން ފޮނުއްވީ ކޮން އާލާތްތަކެއް ކަމާއި ހަދިޔާގެ ގޮތުގައި ކިތައް ޑްރޯން ފޮނުއްވަން ހަމަޖެހިފައިވާ ކަމެއް ވެސް ރައީސް ޑރ. މުއިއްޒު ހާމައެއް ނުކުރައްވައެވެ. މި ފަދަ ހާލަތްތަކުގައި، ހީކުރެވުނު ގޮތަށް، ދެ ގައުމުގެ ދޭތެރޭގައި ހެދި މި އެއްބަސްވުމުގެ ތަފުސީލު މީޑިއާއަކަށް ނުދެއްވިއެވެ. ހަނދާނަށް އަންނަނީ، ކުރީގެ ސަރުކާރުތަކާއި އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ ދެމެދުވެސް ބޭރުގެ ފަރާތްތަކާއެކު ހަދާ އެއްބަސްވުންތައް، ރައްޔިތުންގެ މަޖިލީހާއި މުޅި ގައުމާ ހިއްސާ ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ވިދާޅުވުމެވެ.

ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން މީޑިއާއަށް ރައީސް ޑރ. މުއިއްޒު ދެއްވި މައުލޫމާތުން އެނގޭ ގޮތުގައި ތުރުކީން ދެ ޑްރޯން ގެންނެވީ 37 މިލިއަން ޑޮލަރަށެވެ. އަސްކަރީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މި ފަދަ ޑީލެއްގައި ފަސް ނުވަތަ ހައެއްކަ ޑްރޯން ހިމެނިދާނެއެވެ. މިހެންވެ މި ޑްރޯން ޑީލްގެ މުހިންމުކަން ހާމަވެއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަހުގެ މަރުހަލާތަކުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ޑްރޯން ފޮނުއްވާނެ ކަމަށާއި އެއީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ވުން އެކަށީގެންވާ ކަމަށެވެ. އަދި މޮރިޝަސް އާއި ރާއްޖެ ގުޅޭ ކަނޑުގެ އިމާ ކައިރީގައިވާ ރާއްޖޭގެ އެއާޕޯޓްތަކަށް ވުން ވެސް އެކަށީގެންވެއެވެ. ކަންދިމާކުރި ގޮތުން މޮރިޝަސްގެ އަގެލްގާ ޖަޒީރާގައި އިންޑިއާއިން އަސްކަރީ ވައިގެ ބަނދަރެއް ވަނީ ބިނާކޮށްފައެވެ.

ވައިގެ ސިފައިންގެ ދާއިރާއަށް ރާއްޖެ ވަދެފައިވަނީ ވިސްނުންތެރިކަމާއެކުކަން މިއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެއީ ވައިގެ އަސްކަރީ މުވައްޒަފުންނާއި ޑްރޯނަށް ވުރެ އަގު ބޮޑު، ހަމަލަ ދޭ ޒާތުގެ ވައިގެ އުޅަނދުތަކެއް ނުހޯދައެވެ. ނޫސް ރިޕޯޓްތައް ދިރާސާ ކުރާ އެމެރިކާގެ ފަރާތްތަކުން ބުނާ ގޮތުގައި ވައިގެ އަސްކަރީ މަތިންދާބޯޓެއް ނުވަތަ "ފައިޓާ ޖެޓެއް" ހޯދުމަށް ދާ ހަރަދަށް ވުރެ ޑްރޯނެއް ހޯދުމަށްދާ ހަރަދު 20 ގުނަ ކުޑައެވެ. ނަމަވެސް މި ފަދަ ދިރާސާތައް ހަދާފައިވަނީ ރާއްޖޭގައި މިހާރު ފެންނަމުންދާ ހާލަތްތަކަށް ބަލައިފައެއް ނޫނެވެ. ޑްރޯނެއް ދުއްވުމަށް ވުރެ ފައިޓާ ޖެޓެއް ދުއްވުމަށް ލިބޭ ފުރުސަތުތައް ހަންޏެވެ. ނަމަވެސް ޑްރޯންއަކީ ވެސް އެކަށީގެންވާ މިންވަރަކަށް އަމާޒުފަތްގަނޑަށް ގެއްލުންދޭ އެއްޗެކެވެ. އެއީ ހަމަލާ ދީގެންނާއި އަދި ދިފާއީ ރޯލެއްގެ ގޮތުގައިވެސްމެއެވެ.

އެހެން ނޫނަސް ރާއްޖެއިން ފުރިހަމަ މާނައެއްގައި އެއްވެސް ގައުމަކާ ނުވަތަ ޖަމާއަތަކާ ހަނގުރާމަ ކުރާނެ ކަމަކަށް ނުބެލެވެއެވެ. މިހެންވެ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ފަދަ ކަމަކަށް، ރާއްޖެއިން ހޯދި މަދު އަދަދެއްގެ ޑްރޯން ބޭނުން ކުރާނެ ކަމަކަށް ނުފެނެއެވެ. ނަމަވެސް ރާއްޖެއިން ވައިގެ ޒަރީއާއިން ހޯދާ މައުލޫމާތު އިންޑިއާއަށާއި މޮރިޝަސްއަށް މުހިންމު ވެދާނެއެވެ. އަދި އަވަށްޓެރިއެއްގެ ގޮތުން ޝްރީ ލަންކާއަށްވެސް މުހިންމު ވެދާނެއެވެ.

ސުވާލަކީ ސާދާ ސުވާލެކެވެ: ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ އިންޑިއާގެ އަސްކަރީ އަމާޒުފަތްގަނޑުތަކަށް ރާއްޖެއިން ޑްރޯން ބޭނުންކޮށްފާނެ ހެއްޔެވެ؟ މި ފަދަ ހާލަތަކުން ރެކެވެން ނެތިއްޔާ، ރާއްޖެއިން ގަސްދުގައި އިންޑިއާއާ ދެކޮޅަށް ޑްރޯން ބޭނުން ކޮށްފާނެ ހެއްޔެވެ؟ އޭގެ ފަހުން ދެން ޑްރޯންތަކުގެ ވަސީލަތްތައް ޗައިނާ އާއި ޕާކިސްތާނު ފަދަ އިންޑިއާގެ ދުޝްމިން ގައުމުތަކާ ރާއްޖެއިން ހިއްސާ ކޮށްފާނެ ހެއްޔެވެ؟

ޑްރޯން ބޭނުން ކުރެވެނީ ހަނި ގޮތަކަށް ކަމަށްވާތީ، ޑްރޯން ބޭނުން ކުރާނީ ވައިގެ މަގުން ދިފާއީ ބާރު ވަރުގަދަ ކުރުމަށާއި ކުރިން ހަމަލަ ދިނުމަށް ނޫން ކަމަށް ރާއްޖެއިން ބުނާ ބުނުމުގައި ހަގީގަތެއް ވާކަމަށް ހެކި ދެއެވެ. ގައުމީ ދިފާއީ ބާރުގައި ވައިގެ ގޮތްޕެއް ގާއިމު ކުރުމަށް ޑްރޯން ގެންގުޅުމަކީ އެންމެ ހަރަދު ކުޑަ ގޮތެވެ. ރާއްޖޭގެ މި ތަޖުރިބާއިން އެހެނިހެން ކުދި ގައުމުތަކާއި ވަސީލަތްތައް މަދު ގައުމުތަކަށް ފިލާވަޅެއް ލިބިދާނެއެވެ. އެއީ ޖަޒީރާ ގައުމުތަކަކަށް ވިޔަސް ނުވަތަ ނުވިޔަސް މެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއްސުރެ ރައީސް ޑރ. މުއިއްޒު ވިދާޅުވި ފަދައިންނެވެ. އެއީ އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ކުރީކޮޅުވެސްމެއެވެ.

ކަން ދިމާކުރި ގޮތުން ރާއްޖެއިން ޑްރޯން ތައާރަފު ކުރުމަށް ބޭއްވި މުނާސަބު ދިމާވީ އިންސާނީ އެހީ އާއި ރާއްޖޭގެ ބޮޑު އީ.އީ.ޒެޑް. ބެލެހެއްޓުމަށް އިންޑިއާއިން ހަދިޔާ ކުރި ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ހިންގަން ރާއްޖޭގައި ތިބި އިންޑިއާގެ ތިން ފައުޖުގެ ތެރެއިން ފުރަތަމަ ފައުޖު ރާއްޖެއިން ފޭބި ދަނޑިވަޅާއެވެ. އިންޑިއާގެ މި ފައުޖުތަކަކީ ހަތިޔާރު އެޅި ބައެއް ނޫނެވެ.

ރައީސް ޑރ. މުއިއްޒު އެދިވަޑައިގަތް ގޮތަށް އިންޑިއާގެ މިލިޓަރީ ޕައިލެޓުންނާއި ފަންނީ މުވައްޒަފުން ރާއްޖެއިން ފޮނުވާލަނީ އިންޑިއާގެ ސިވިލް ފަންނީ މުވައްޒަފުން ޕައިލެޓުންނާއި ޓެކްނީޝަނުން ރާއްޖެ ގެނެސްފައެވެ. ރާއްޖޭގައި މިހާތަނަށް ތިބި އިންޑިއާގެ މިލިޓަރީ ޕައިލެޓުން އިންޑިއާ އަށް އަނބުރާ ފޮނުވާލީ އިންޑިއާއިން ފޮނުވި ޓެކްނިކަލް މުވައްޒަފުން ރާއްޖެއަށް ހޭނުމުން ދާދި ފަހުންނެވެ. ސުވާލަކީ ރާއްޖެއިން އަމިއްލައަށް އެއާ އެމްބިއުލެންސް ހިދުމަތާއި އީ.އީ.ޒެޑް. ބެލެހެއްޓުން ތުރުކީގެ ދެ ޑްރޯންގެ އެހީގައި ފެށުމުން އިންޑިއާގެ ހުރިހާ ޓެކްނިކަލް މުވައްޒަފުން ރާއްޖެއިން އަނބުރާ އިންޑިއާއަށް ފޮނުވާލާނީތޯއެވެ؟

ކަން މިހެން ހުރި ނަމަވެސް، ރައީސް ޑރ. މުއިއްޒު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، ދެ ގައުމުގެ ގުޅުންތަކާ ބެހޭ މަޝްވަރާތައް ކުރުމަށްޓަކައި ދުބާއީގައި ގާއިމު ކުރެއްވި މަތީ ފަންތީގެ ނުވަތަ "ހައި ލެވެލް ކޯ ގްރޫޕް"ގެ ތިން ވަނަ ބައްދަލުވުން ވަނީ އާދީއްތަ ދުވަހު މާލޭގައި ބާއްވައިފައެވެ. އެ ބައްދަލުވުމަށް ފަހު އިންޑިއާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން އިންސާނީ އެހީ ދިނުމަށް އިންޑިއާއިން ރާއްޖޭގައި ގާއިމު ކޮށްފައިވާ ހިދުމަތް، ދެ ގައުމުން މުރާޖައާކުރި ކަމަށެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި މުއާމަލާތް ކުރުމާއި ރާއްޖޭގައި އިންޑިއާއިން ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ދެ ގައުމުން އެކުއެކީގައި ބެލެހެއްޓުމާއި ވިޔަފާރި އާއި އިންވެސްޓްމެންޓްގެ މުއާމަލާތްތަކާއި މީހުން ބިނާ ކުރުމާއި ދަތުރުކުރުމުގެ ޒަރީއާއިން ދެ ގައުމުގެ ރައްޔިތުންގެ ގުޅުންތައް ކުރިއެރުވުމަށް މަޝްވަރާ ކުރި ކަމަށް އިންޑިއާގެ ހާރިޖިއްޔާއިން ބުންޏެވެ. ސީދާ ނުބުނި ނަމަވެސް މި އިޝާރާތް ކުރަނީ އިންޑިއާއިން ފައިސާ ދޭ މަޝްރޫއުތަކާއި ރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި އިންޑިއާއިން 500 މިލިއަން ޑޮލަރު ދީގެން ހަދާ މާލެ-ތިލަމާލެ ބްރިޖް ހިމެނެއެވެ.

އިންޑިއާގެ ޕައިލެޓުން ރާއްޖެއަށް އަންނަމުން ދިޔައީ ޑިއުޓީ ބަދަލުކުރާ ގޮތަށެވެ. ނަމަވެސް ރާއްޖޭގައި ތިބެން ޖެހުނީ ރާއްޖޭގެ އަސްކަރިއްޔާ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) އިން އިންޑިއާއިން ތަމްރީން ކުރި ޕައިލެޓުން ހިދުމަތުން ބޭރުވުމުންނެވެ. އިންޑިއާގެ ޕައިލެޓުން ރާއްޖެ ދޫކޮށް ނުދެވުނީ މިހެންވެއެވެ. މި ކަން އިންޑިއާގެ އޮފިޝަލުން ވަނީ ތަކުރާރުކޮށް ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. ހާއްސަކޮށް ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅުއެވެ. ޑްރޯންތައް ދިވެހި ސިފައިން އޮޕަރޭޓް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އެމް.އެން.ޑީ.އެފް. އިން މިހާރު ވަނީ އާއްމުކޮށްފައެވެ. ނަމަވެސް، ތަމްރީން ކުރެވޭ ޕައިލެޓުންނަށް ބައިނަލްއަގުވާމީ ޑިމާންޑެއް އޮވެދާނެއެވެ.

ރާއްޖޭގެ އީ.އީ.ޒެޑް. ބެލެހެއްޓުން އިންޑިއާގެ ރައްޔިތުން ކުރާ ކަމެއްގެ ބަދަލުގައި ދިވެހި ރައްޔިތުން ކުރާ ކަމެއްގެ ގޮތަށް ހަދަން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގަތް ވައުދު ވަނީ ފުއްދަވައިފައެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޑްރޯންތަކެއް ރާއްޖެއަށް ލިބުމުން ރާއްޖޭގެ އެތެރެއިންނާއި ބޭރުން ވަނީ ސުވާލު އުފައްދައިފައެވެ. ބެލެވޭ ގޮތުގައި އިންޑިއާއިން ވައިގެ މަގުން ކަންތައްތައް ބެލެހެއްޓުމުގެ ބަދަލުގައި ޑްރޯން ބޭނުން ކުރުމާއި ތުރުކީ އާއެކު ވިޔަފާރީގެ މަޝްވަރާތައް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފަހުކޮޅު ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް، ވަނީ ނުރަސްމީ ސިފައެއްގައި ފަށާފައި ކަމަށް ބެލެވެއެވެ.

މިހެން ކަމަށް ވަނީ ނަމަ، ރައީސް ޑރ. މުއިއްޒުއަށް އުކުޅުތައް އުނގަންނައިދިނީ ދިވެހިން ތޯ ނުވަތަ ބޭރު ބައެއްތޯ މިއީ ކަންބޮޑުވުން އޮތް ކަމެކެވެ. މީގެ އިތުރުން ޑްރޯންތައް ގަންނަން ފައިސާ ހޯދި ގޮތާމެދު ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. ސަބަބަކީ 2024 ގެ ޖަނަވަރީގައި ފެށި މި ފިސްކަލް އަހަރުގެ ދިވެހި ސަރުކާރުގެ ބަޖެޓުގައި މި ކަން ހިމެނިފައި ނެތީމައެވެ. ބައެއް އާލާތްތަކަކީ ރައީސް އުރްދުޣާން ދެއްވި ހަދިޔާތަކެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވާ ވިދާޅުވުން ތެދެއް ކަމަށް ވިޔަސް، ފައިސާގެ ގޮތުން ބަލާއިރު މި ފަދަ މުއާމަލާތެއްގައި ހުސް ބާގަނޑެއް އެބައޮތެވެ. ދިވެހި ސަރުކާރުން ފައިސާ ހޯދީ ކޮން ތަނަކުން ހެއްޔެވެ؟ އަދި ކިހިނެތް ހެއްޔެވެ؟

ރައީސް ޑރ. މުއިއްޒުއަށް ލަފާއެރުވީ ކޮންމެ މީހަކު ކަމަށް ވެސް ވެދާނެއެވެ. ފަސް އެނބުރި ބަލައިލާއިރު ކުރު މުއްދަތަކަށް ނުވަތަ މެދު މުއްދަތަކަށް ބެލި ނަމަވެސް ސާފު ހަގީގަތަކީ މިހާރު ވެސް ފަށާފައިވާ އެއާ އެމްބިއުލެންސް ހިދުމަތާއި ޑްރޯން އޮޕަރޭޓް ކުރާ ފަރާތްތަކުން ތަމްރީން ވެފައިވާތީ، ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕްރޭޓް ކުރާ އިންޑިއާގެ ރައްޔިތުން އެއްކޮށް މިހާރު ވެސް ރާއްޖެއިން ބޭރުކޮށްލެވިދާނެއެވެ. މިހާރު ވެސް އެއާ އެމްބިއުލެންސްގެ ހިދުމަތަށް ރާއްޖެއިން ވަނީ އަވައްޓެރި ޝްރީ ލަންކާގެ ހޮސްޕިޓަލްތަކާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް މި ވަގުތަށް އެއާ އެމްބިއުލެންސްގެ ހިދުމަތް ފަށާފައިވަނީ ހުޅުމާލެއާއި މާލެއާ ދޭތެރޭގައެވެ.

ހަރުދަނާ ނިޒާމީ ސިސްޓަމެޓިކް ގޮތަކަށް ކަންތައްތައް ކުރެއްވުމުން، އެއް އިރެއްގައި ސިޔާސީ އެދުރުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ބެއްލެވި ކުރީގެ ރައީސް ޔާމީންގެ މައްޗަށް މިހާރު ރައީސް ޑރ. މުއިއްޒު ހުންނެވީ ކުރި ހޯއްދަވައިގެންނެވެ. ރައީސް ޔާމީން މިހާރު ޓެކްނިކަލް ގޮތުން ހުންނެވީ ޖަލުގައެވެ. ނަމަވެސް މިނިވަންކަމާއެކު 21 އެޕްރީލްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގްރޭޓާ މާލެ ރީޖަން ސަރަހައްދުގައި ވަޑައިގަންނަވަނީ ކެމްޕޭން ކުރެއްވުމުގައެވެ. ރައީސް ޔާމީން 2013 އިން 2018 އަށް ވެރިކަން ކުރެއްވިއިރު، ވެރިކަމުގެ ފަހު ދުވަސްވަރު އިންޑިއާގެ ކިބައިން އަމިއްލަ ގޮތުން އެދިވަޑައިގަތީ ދެ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާބޯޓާއި އެ ތަކެތި އޮޕަރޭޓް ކުރަން އިންޑިއާއިން ފޮނުވާފައިވާ އޮޕަރޭޓަރުން އަނބުރާ ގެންދިއުމަށެވެ. އޭގެ ފަހުން 2018 އިން 2023 ގައި "އިންޑިއާއާ ރަހްމަތްތެރި" ކަމަށް ބެލެވޭ އެމް.ޑީ.ޕީ.ގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިދިކޮޅުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ "އިންޑިއާ ބޭރުކުރޭ" ނުވަތަ "އިންޑިއާ އައުޓް" އަދި "އިންޑިޔާގެ އަސްކަރިއްޔާ ބޭރުކުރޭ" ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" ޝިޔާރުތަކުގެ ދަށުން ކެމްޕޭން ކުރައްވައިފައެވެ.

ރައީސް ޔާމީންގެ އެދުންތަކާ އާއްމު ދިވެހިން ނުރުހުނެވެ. އެއީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގެ އިތުރުން ވެރިކަމުން ފައިބާވަޑައިގަތްއިރު އެއަށްވުރެވެސް ބޮޑަށެވެ. ޖަޒީރާ ގައުމެއްގައި ސިއްހީ ގޮތުން މީހުން އުފުލައިދިނުން ވީ ރަނގަޅު ކަމަކަށެވެ. ވައިގެ މަގުން ކަންތައްތައް ބެލުމުގެ އިންތިޒާމު ވެސް ވީ ރާއްޖޭގެ ސަލާމަތީ ބާރުތައް ބަލައިގަތް ކަމަކަށެވެ. އެއީ ރާއްޖޭގެ ސަރަހައްދުން ދައުރުކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް އެހީއަކަށްވީތީއެވެ.

މާލޭގައި ހުރި އިންޑިއާގެ ހައި ކޮމިޝަނުން ވެސް މި ކަން ތަކުރާރުކޮށް ފާހަގަކުރިއެވެ. އެ ގޮތުން ފަސް އަހަރުގެ ތެރޭގައި 500 ބަލިމީހުން އުފުލައިދީފައިވެއެވެ. އަދި ވައިގެ މަގުން ބަލައިގެން ވަގަށް ދައުރު ކުރާ މަސްތުވާތަކެތި ވެސް އަތުލައިގަނެވުނެވެ. ދިވެހިންގެ އާބާދީގެ ތެރެއިން 10 ޕަސެންޓް ރައްޔިތުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ބައެކެވެ.

ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގާގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ރާއްޖެ ހިމެނޭތީ އެއީ ވެސް ކަންބޮޑުވުމެކެވެ. ސަބަބަކީ އިންޑިއާގެ އިތުރުން ރާއްޖެ ވެސް ހިމެނެނީ "އިންޑިއާ ކަނޑުގެ ތިނެސްކަން" ނުވަތަ "އިންޑިއަން އޯޝަން ޓްރައިންގަލް"ގައި، އިންޑިއާގެ ހުޅަނގު-އުތުރާއި އިރުމަތީ-އުތުރުގައި ހިމެނޭ "ގޯލްޑަން ކްރެޒެންޓް" އަދި "ގޯލްޑަން ޓްރައިންގަލް" ސަރަހައްދުގައި ގިނަ އަދަކަކަށް މަސްތުވާތަކެތި ދައުރު ކުރާ ސަރަހައްދެއްގައި ކަމަށް ވާތީއެވެ. ރައީސް ޑރ. މުއިއްޒުގެ މިހާރުގެ އުކުޅަކީ ރާއްޖޭގެ އެތެރޭގެ މައްސަލަތައް ހައްލުކޮށްފައި ރާއްޖެއިން އިންޑިއާ ބޭރުކުރުން ކަމަށް ފެނެއެވެ. މިހެންވެ، މި ކަމުގައި ރައީސް ޔާމީންއަށް ލިބުނު ނުގަބޫލުކަން ރައީސް ޑރ. މުއިއްޒުއަކަށް ނުލިބެއެވެ.

ރައީސް ޑރ. މުއިއްޒުގެ ސިޔާސީ އިސްނެގުންތަކަށް ރައީސް ޔާމީން "އަތްބާނާފައިވުމަކީ" ޝައްކެއް އޮތް ކަމެއް ނޫނެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ސަލާމަތީ ސިޔާސަތުގައި ސިޔާސީ މިނިވަންކަމުގެ ސިއްކަ ޖައްސަވަން ރައީސް ޔާމީން އެކަށައެޅުއްވީ، ޖަނަވަރީ 2014 ގައި ރައީސް ޔާމީން ހުށަހެޅުއްވި، ގިނަ ބަޔަކަށް ނޭނގޭ، އަދި ގިނަ ބަޔަކު މިހާރު ހަނދާން ނެތިފައިވާ ޑޮކިއުމަންޓް "އިގުތިސާދީ މިނިވަންކަން" ނުވަތަ "އިކޮނޮމިކް އިންޑިޕެންޑެންސް" ސިޔާސަތެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ ރައީސް ޔާމީންގެ މި ސިޔާސަތު އެފުށްމިފުށަށް ޖައްސަވައި، ރައީސް ޑރ. މުއިއްޒުގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކުގެ ބިންގަލަކީ ރާއްޖޭގެ ސަލާމަތީ ކަންތައްތައް ކަމަށް ހައްދަވައިފައެވެ.

މި ހާލަތަށް ބަލާއިރު، ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ސޮއި ކުރެއްވި "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޫޕަރޭޝަން އެގްރީމަންޓް" ވެސް ހަނދާން ކޮށްލަން ޖެހެއެވެ. ހަމައެއާކު ހަނދާން ކޮށްލަން ޖެހެނީ ރައީސް ޔާމީންގެ ދައުރުގައި ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" (ބީ.އާރް.އައި) އެވެ. މީގެ އިތުރުން "ގްލޯބަލް ޑެވެލޮޕްމެންޓް އިނިޝިއެޓިވް" (ޖީ.ޑީ.އައި.) އާއި ގްލޯބަލް ސެކިއުރިޓީ އިނިޝިއެޓިވް (ޖީ.އެސް.އައި.) އަދި ގްލޯބަލް ސިވިލިޒޭޝަން އިނިޝިއެޓިވް" (ޖީ.ސީ.އައި.) ވެސް ފާހަގަ ކޮށްލެވެއެވެ. ކުރު އަދި މެދު މުއްދަތެއްގައި ރައީސް ޑރ. މުއިއްޒު ޗައިނާ އާއި ތުރުކީ އާ ކުރައްވާ މުއާމަލާތްތަކުން "އިކޮނޮމިކް އިންޑިޕެންޑެންސް"ގެ އަސަރު ފެނޭތޯ ތިބެން ޖެހޭނީ ބަލާށެވެ. ހާމަކޮށްފައިވާ ހިސާބުތަކުން ފެންނަނީ "ސްޓްރެޓެޖިކް ކޫޕަރޭޝަން އެގްރީމެންޓް"އަކީ 2028 ގައި ހަމަވާ ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ފަސް އަހަރުގެ ދައުރާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގެ ގޮތުގައެވެ.

އެންމެ ކުޑަ މިނުން މި ވަގުތަށް ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން (އެމް.އެމް.އޭ.) އިން ބުނީ ފެބްރުއަރީ މަހަށް ކަނޑައެޅި ބަޖެޓް ނިމިފައިވަނީ ރަނގަޅަށް ކަމަށެވެ. ސަބަބެއް ކަމަށް ދެއްކީ ޓެކްސް އާއި ޑިއުޓީ ރަނގަޅުވުމާއި އަދި ޓޫރިސްޓުން އައި މިންވަރު ވެސް އިތުރުވުމެވެ. ނަމަވެސް ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކުރީ ފެބްރުއަރީ މަހު ތަރައްގީގެ އިންވެސްޓްމަންޓް އެނގުންވާ ވަރަކަށް ނުލިބޭ ކަމަށާއި އަދި މި ގޮތަށް ކަންތައް ކުރިއަށްދާ ނަމަ އޭގެ ނުރަނގަޅު ނަތީޖާ މެދު އަދި ދިގު މުއްދަތެއްގައި ފެންނަން ފަށާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ އިގުތިސާދު ދަންނަ މީހުން ބުނަނީ ރާއްޖޭގެ އިގުތިސާދު އަންނަނީ ކުރިއަރަމުން އަންނަ ރަނގަޅު މިސްރާބެއްގައި ކަމަށާއި އެކަމަކު އެއް ވާނެއްގައި ހިފަހައްޓާލަން ވަގުތު ނަގާނެ ކަމަށެވެ. އެއާއެކު މި މީހުން ކަންބޮޑުވީ ވަކި ހަމައެއް ނެތި ބޮޑެތި އަދަދުތަކަށް މުދާ ގަތުން ނުވަތަ "ޕްރޮކިއުމަންޓް" އާއި އިންތިހާބު ކައިރިވުމުން މުޅި އަހަރަށް ދެމިގެންދާ ގޮތަށް ރައީސް ސޯލިހު ވެވަޑައިގަތް ފަދަ ވައުދުތައް ރައީސް ޑރ. މުއިއްޒު ވެސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބުގައި ދެއްވަން އުޅުއްވަފާނެތީއެވެ.

"ބޮއިކޮޓް މޯލްޑިވްސް"ގެ ކެމްޕޭންގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން 33 ޕަސެންޓް ދަށަށް ގޮސްފައިވިޔަސް މި ކަމުގެ އާހިރު ނަތީޖާ، އެއީ އާހިރު ނަތީޖާއެއް ފެންނާނެ ނަމަ، އެނގޭނީ ކުރިއަށް އޮތް މަސްތަކުގައެވެ. ރާއްޖޭގެ ތިން ޖޫނިއާ މިނިސްޓަރުން މޯދީ އާއި އިންޑިއާ އާ ދެކޮޅަށް ވިދާޅުވި ބަދުބަސްތަކުގެ ސަބަބުން ފެށުނު "ބޯއިކޮޓް މޯލްޑިވްސް"ގެ ކުރިން ވެސް، ކޮވިޑްގެ ފަހުން ޗައިނާ ހުޅުވާލުމުން، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓްގެ އެއްވަނަ އަށް ޗައިނާ އަރާފައިވެއެވެ. މި ކަމަށް އަލިކަމެއް އަޅުއްވާލުމަށްޓަކައި ޗައިނާ ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު އެ ގައުމުގައި ހުންނަވައިގެން ވެސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ޗައިނާގެ ރައްޔިތުންނަށް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލައްވައިފައެވެ. އިންޑިއާގައި ހިންގި "ބޯއިކޮޓް މޯލްޑިވްސް" ކެމްޕޭންގެ އަސްލު އަސަރު އެނގޭނީ އެ ގައުމުގެ ސްކޫލްތަކުގެ އިމްތިހާނު ނިމޭ ދުވަސްވަރު ކަމަށް ދިވެހިން ދެކެއެވެ. ސަބަބަކީ އިމްތިހާނުގެ ނިމުން އާއިލީ ޗުއްޓީތަކުގެ ދުވަސްވަރާ ދިމާވާނެތީއެވެ.

މާނަވީ ގޮތެއްގައި ޑްރޯންތަކުގެ މަސައްކަތް ވިލަރެސް ކުރަން ކެބިނެޓުން ވަނީ ރާއްޖޭގެ ހުރިހާ ކަނޑުގެ އުޅަނދުފަހަރުގައި ޓްރެކް ކުރެވޭ އާލާތް ހަރުކުރަން މަޖުބޫރުކޮށްފައެވެ. އެއީ އެއިން ކޮންމެ އުޅަނދެއް ދެނެގަތުމަށެވެ. ވޭތުވެދިޔަ އެތައް އަހަރެއްގައި ދިވެހި ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އެހީއެއްގެ ގޮތުންނެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ނުވަތަ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށް ދިވެހި ސަރުކާރުން މި ކަން ކުރިއަށް ގެންދާ ކަމަށް ބުނެވެން އެބައޮތެވެ. ސަބަބަކީ ރާއްޖެއިން ހުރިހާ އުޅަނދެއްގައި ޓްރެކިން ޑިވައިސް ހަރުކުރަން އަންގާފައިވާއިރު އެހެން ގައުމުތަކުން މި ކަން މަޖުބޫރު ކުރަނީ ހަމައެކަނި ބޮޑެތި ބޯޓުފަހަރަށް ކަމަށް ވާތީއެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ކުރިން ވެސް އެމް.އެން.ޑީ.އެފް. އަންނަނީ ބޭރު ގައުމުތަކުގެ ބޯޓުފަހަރު ރާއްޖޭގެ އީ.އީ.ޒެޑް.ގައި އުޅޭ ނަމަ، ހޯދައިގަންނަމުންނެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ޝްރީ ލަންކާގެ މަސް ބާނާ އުޅަނދުފަހަރު ވެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް 2.27 މިލިއަން ރުޕީސް ދައްކަން އިންޑިއާގެ އުޅަނދަކަށް ހުކުމް ކުރިއެވެ. އަދި ދާދި ފަހުން ވެސް ވަނީ އުޅަނދެއް ހިފަހައްޓައިފައެވެ. އެހެން ބޭރު ގައުމެއްގެ އުޅަނދެއް ބޮޑު ޖޫރިމަނާއެއް ދައްކަން ރާއްޖޭގެ މަދަނީ ކޯޓުން ދާދި ފަހުން ވަނީ ހުކުމް ކޮށްފައެވެ. މިއީ ރާއްޖެއިން ދޭ ވަރުގަދަ މެސެޖެކެވެ.

އިންޑިއާގެ ނަޒަރުން ބަލާ ނަމަ އެމް.އެން.ޑީ.އެފް.ގެ މި އިސްނެގުންތަކާއި އަދި މިހާރު ޑްރޯންގެ އެހީގައި އުޅަނދުފަހަރު ހޯދުން ވެގެންދާނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުމަށް އެޅޭ އިތުރު ހީނަރުވުމުގެ ބޮޅަކަށެވެ. ނަމަވެސް އަވަށްޓެރި ޝްރީ ލަންކާއާ ހިލާފަށް މަސްވެރި އުޅަނދުފަހަރުގެ މައްސަލައަކީ ރާޢްޖެއަށް މާބޮޑު ފިކުރެއް ކުރަން ނުޖެހޭ ކަމެއް ކަމަށް ވެދާނެއެވެ. "ރައްކާތެރި މަގެއް" ހޯދަން ކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރާ އިންޑިއާގެ މަސްވެރި ބޯޓުފަހަރު ވަރަށް މަދެވެ. ނަމަވެސް ރާއްޖެއިން ދޭ މެސެޖު ވަރަށް ސާފެވެ. މި ފަދަ އުޅަނދުތައް ކުށަކަށް އަރައިގެން ނުވާނެއެވެ. އަދި އުޅަނދުގައި ބާނާފައި ހުރި މަސް ވެސް އެއީ ރާއްޖޭގެ ސަރަހައްދީ ކަނޑުން ބޭނި މަހެއް ނޫން ކަމުގެ ސާބިތު ހެކި ދައްކަން ޖެހޭނެއެވެ.

____

ނޯޓު: މިއީ އިންޑިއާގެ "ފަސްޓްޕޯސްޓް" ނޫހުގައި 19 މާރިޗު 2024 ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *