Support Us

ކުރެހުންތެރިކަމުގެ އުފެއްދުންތެރިކަމަށް "އިލްހާމް" އުފެދެނީ ކިހިނެތް ކަމެއް ނޭނގޭ: ފާއިޒު

މާލޭގެ ނެޝަނަލް އާޓް ގެލެރީގައި މި ދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ނިންމައިލި އަބްދުﷲ ފާއިޒު ނުވަތަ ކުރެހުންތެރިކަމުގެ ނަމުން ނަމަ "ފާއިޒު އިމްޕްރެޝަނިސްޓް"ގެ "އިހުސާސް"ގެ ނަމުން ނަން ދީފައިވާ "ސޯލޯ" ނުވަތަ ހަމައެކަނި ފާއިޒުގެ ކުރެހުންތައް ދައްކައިލި މައުރަޒުގައި ހުރި ކުރެހުންތަކަކީ، ކުރިން ވެސް އިހުސާސް ކުރެވޭ ފަދައިން، އެ ކުރެހުންތަކުގެ ކުރެހުންތެރިކަމުގެ އުފެއްދުންތެރިކަމަށް "އިލްހާމް" އުފެދެނީ ކިހިނެތްކަން ނޭނގޭ ކަމެއް ހުންނަ ކުރެހުންތަކެއް ކަމަށް އޭނާ ބުނެއެވެ.

"އަޅުގަނޑު ކުރަހަނީ ހަމައެކަނި ހަނދާނަކުން ނޫން. ފެންނަ ތަސްވީރުތަކަށް ވެސް ބިނާކޮށް،" އޭނާގެ "ހުވަފެނީ" ކުރެހުންތަކުން ފެނުނު ކުރެހުމަކާ މެދު ސުވާލު ކުރުމުން ފާއިޒު، 69، ބުންޏެވެ.

އިމްޕްރެޝަނިސްޓް ކުރެހުންތެރިކަމަކީ، 1860 ގެ އަހަރުތަކުގައި ފްރާންސްގައި އުފެދުނު ހަރަކާތެކެވެ. މި ވައްޓަފާޅީގައި ދައްކައިދެނީ، އައްޔަށް ތަފާތުތައް ގެނެސްގެން، ހަގީގީ މަންޒަރު ލޮލަށް ފެންނަހެން ހުށަހެޅުމުގެ ބަދަލުގައި، ބަލާ މީހާއަށް އިހުސާސް ކުރެވޭ އަމިއްލަ ޒާތުގެ ތަސައްވުރަކަށް ފުރުސަތު ދޭ ގޮތަކަށް ކުރެހުމުގެ ހުނަރު ބައްޓަންކޮށްލާ ޒާތުގެ ކުރެހުންތެރިކަމެކެވެ.

ފިހީގެ ކުދި ހަރަކާތްތަކުން، ކުލަ އާއި އަލި އެޅިފައިވާ ގޮތާ ކުޅެލައި، ވަގުތުގެ ހިނގުން ދައްކުވައިދެއެވެ. ކުލަތައް އެކަތި އަނެކައްޗަށް ފާއްދައިލުމުގެ ބަދަލުގައި ވަކިވަކި ގޮތަކަށް ފިހިން ކުލަ ޖެއްސުމުން، ކުރެހުމުގައި ހަރަކާތްތެރިކަމަކާއި ބަލާ މީހާއާ ގާތް ކަމެއް ހުންނަ ގޮތުގެ އިހުސާސެއް ކުރެވެއެވެ.

އިމްޕްރެޝަނިޒަމް "އާޓް" ނުވަތަ ކުރެހުންތަކުގައި ގިނައިން ދައްކުވައިދެނީ އާދައިގެ ގޮތުން ކޮންމެ ދުވަހެއްގައިމެ ހިނގާ އާއްމު ކަންތައްތަކެވެ. އޭގެ ތެރޭގައި ބިން ދުރުން ފެންނަ ގޮތާއި މީހުންގެ ޒާތީ ތަސްވީރަކީ، ތާރީހީ ނުވަތަ ފުލޯކު ވާހަކަތައް ކިޔައިދޭ ކުރެހުންތެރިކަމެއް ނޫނެވެ.

އިމްޕްރެޝަނިސްޓް ކުރެހުންތެރިންނަކީ ސަގާފީ ގޮތުން، ތިލަފަތް ހަމަކޮށްގެން އިހުގައި ކުރަހައި އުޅުނު ގޮތާ ހިލާފަށް، ވަކި ތަރުތީބެއް ނެތި، ހަރަކާތްތެރިކަން ގިނަ ފަހަރަށް ދައްކުވައިދޭން މަސައްކަތްކުރާ ކުރެހުންތަކެކެވެ.

އިމްޕްރެޝަނިސްޓް ގިނަ "އާޓިސްޓު"ން ނުވަތަ ކުރެހުންތެރިންނަކީ ބޭރުތެރެ، ސީދާ ގުދުރަތީ ގޮތުން އެ ތަންތަން ހުންނަ ގޮތް، އައްޔާއި މާހައުލަށް އަންނަ ބަދަލުތައް އަތުލައިގަނެގެން ހުވަފެނީ ޒާތަކަށް މަންޒަރު ހުށަހަޅައިދޭން މަސައްކަތް ކުރާ ފަންނާނުންނެވެ.

އާހިރުގައި އިމްޕްރެޝަނިސްޓް އާޓްގެ ލަނޑުދަނޑިއަކީ، ފެންނަ މަންޒަރެއް ފޮޓޯއެއް ރަމްޒުވާ ގޮތަށް ނުވަތަ އޭގެ ހަގީގަތާ އެއްގޮތަށް ދައްކުވައިދިނުމުގެ ބަދަލުގައި، ކުރެހުންތެރިޔާގެ ޒާތީ، އަމިއްލަވަންތަ ގޮތަށް މަންޒަރެއް ހުށަހަޅައިދިނުމެވެ.

އޭގެ އަސްލަށް ބަލާ ނަމަ، އެ ހިނދުކޮޅަކު ދިމާވާ ވަގުތަކާމެދު އިހުސާސް ކުރެވޭ ނުވަތަ ދެކޭ ގޮތް އަތުލައިގަތުމަށް ކުރާ މަސައްކަތެކެވެ. ހަގީގީ ދުނިޔެ، ބެލުންތެރިންގެ ކުރިމަތީގައި ކުޅެލައިދިނުމަށް ކޮންމެހެން ސީދާ އަދި ތަފުސީލީ ކަންތައްތަކެއް ހުށަހަޅައިދިނުމެއް ނޫނެވެ.

ފާއިޒު "އިންސްޕަޔާ"ވާ ނުވަތަ އޭނާގެ ކުރެހުންތެރިކަމަށް "އިލްހާމެއް" ގެނުވައިދޭ ފަދަ އަސާސެއް ނުވަތަ "މިއުސް"އެއް ނެތް ނަމަވެސް އޭނާގެ ޒަމާންވީ ކުރެހުންތަކުގެ ތެރެއިން އޭނާގެ މައުރަޒުތަކަށް "ކިއުރޭޓް" ކޮށްދެނީ ނުވަތަ ހޮވައިލަ ދިނީ އެހެން މީހެއް ކަމަށް ފާއިޒު ބުންޏެވެ. އެއީ އުމުރުން 50 ގެ އަހަރުތައް ގުނަމުން އަންނަ، ރާއްޖޭގެ އެތައް އެވޯޑެއް ލިބިފައިވާ އިބްރާހީމް މާން ނަމަކަށް ކިޔާ ފަންނާނެކެވެ.

"އޭނާ އަޅުގަނޑުގެ ކުރެހުންތައް ހޮވައިލައިފައިވަނީ ކުރެހުންތަކުގެ ބޮޑުކުޑަމިނާއި އޭގެ ޒާތާއި އޭގައި ދައްކުވައިދޭން އުޅޭ އެއްޗެއް ނުވަތަ ކަމަކާއި އެ ކުރެހުމެއްގެ އުމުރަށް ވެސް ބަލައިފައި،" ފާއިޒު ބުންޏެވެ.

ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތް ކުރާ، މާލެއަށް އުފަން ފާއިޒުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ އޭނާ ކުޑަ އިރުއްސުރެ ފެށިގެން ކުރަހަން ފެށި ކަމަށެވެ. އެއީ މަޖީދިއްޔާ ސްކޫލްގައި ކުރެހުންތެރިކަމުގެ ހުނަރުގެ ބިންގަލެއްގެ މަތީގައި ފެށި ދަތުރެކެވެ.

އޭނާގެ އަމިއްލަ ވައްޓަފާޅިއެއްގެ އިމްޕްރެޝަނިސްޓް ކުރެހުންތެރިކަމަކީ ރާއްޖޭގެ ސަގާފަތާއި އަމާންކަމާއި އަދި ބަދަލުވަމުންދާ ދިރިއުޅުމުގެ ވައްޓަފާޅިތަކާއި ވެރިރަށާއި އެހެނިހެން ރަށްރަށުގެ އިންފްރާސްޓްރަކްޗަރަށް އަންނަމުންދާ ބަދަލުތަކަށް އިހްތިރާމް އަދާ ކުރުމެކެވެ.

ލުއި ގޮތަކަށް، ނަމަވެސް ސަމާލުކަން ދަމައިގަންނަ ފަދަ، ކެންވަސް މަތީގައި ފިހިން ދަމާލައި ނިޝާންތަކާއި އަލިގަދަ ކުލަތަކުން، ކަނޑުގެ އުދަރެސްތަކާއި ބިންތައް ދުރުން ފެންނަ ގޮތާއި، ހަރަކާތްތެރިކަން ދައްކުވައިދޭ ގޮތަށް، މާލެ ސިޓީގެ ދިރުން ހުރި މަގުތަކަށް ފުރާނައެއް އަޅައި ކަހަލައެވެ.

"އަމިއްލަ މީސްމީހުންގެ ޒާތީ އެއްކުރުންތަކުގައި (’ކަލެކްޝަން’ތަކުގައި) ނުވަތަ ގެލެރީތަކުގައި އަދި އާއްމު ތަންތާނގައި ފެންނަ ގޮތަށް ބެހެއްޓިޔަސް އޭނާގެ އުއްމީދަކީ (އޭނާގެ ކުރެހުންތައް) ރާއްޖޭގެ ފުން އަދި ވަރުގަދަ ރީތިކަމާއި ލާމަސީލު ސަގާފަތް ހަނދާންކޮށްދޭ ކުރެހުންތަކަކަށްވުމެވެ،" ފާއިޒުގެ ރަސްމީ ވެބްސައިޓްގައިވާ އޭނާގެ ކުރު ތައާރަފުގައި ބުނެފައިވެއެވެ.

"އަދިވެސް" މަޖައްލާއަށް ދިން އިންޓަވިޔުއެއްގައި ފާއިޒު ބުނީ ފިހިން ކުދި ރޮނގު ކުރެހުމަށާއި ކުރެހުންތަކުގައި އަލިކަން ގަދަ ކުލަތައް ބޭނުން ކުރަން އޭނާ ލޯބި ކުރާ ކަމަށެވެ.

"އަހަރެން އަބަދުވެސް ކުރަހަން ބޭނުންވި ގޮތަކީ މިއީ. އެހެންވެ، މި ހުނަރު މި ގޮތަށް އަހަރެން ތަރައްގީ ކުރަމުން ދިޔައިން އެތައް އަހަރެއް ވަންދެން. އެއީ ހަމަ މި ވައްޓަފާޅިއަށް ކުރެހޭތޯ. ގިނަ ފަހަރަށް އަހަރެން ކުރަހަނީ ހަގީގަތަށް ލޮލަށް ފެންނަ ގޮތަކަށް ނޫން. ނަމަވެސް ކުރެހުމެއް ކުރަހާއިރު އެހެން މަސްދަރަކަށް ބަލަން. ތިބާއަށް ތިޔަ ފެންނަ ތާރީހީ މަންޒަރުތައް ދައްކުވައިދޭ ބައެއް ކުރެހުންތަކުގެ މަސްދަރަކީ ބާވެ، ކަޅާއި ހުދުން ހުރި، ފުސް ބުރާފައި ހުންނަ ޒާތުގެ ފޮޓޯތަކެއް ބަލައިގެން އަހަރެން ކުރަހައިފައިވާ ކުރެހުންތަކެއް،" ފާއިޒު ބުންޏެވެ.

އޭނާ ބުނީ މަސްދަރު ފޮޓޯގައި ފެންނަން ހުންނަ އެއްޗެއްސާއި އޭނާ އަތުރައިލައިފައިވާ ގޮތް ނުވަތަ "ކޮމްޕޮޒިޝަން"އަށް ގިނަ ބަދަލުތަކެއް ގެންނަ ކަމަށެވެ. އެއީ އޭގެ މައްޗަށް ބިނާކޮށް އޭނާ ތައްޔާރުކުރާ އޭނާގެ ކުރެހުމުގައި ތިލަފަތް ހަމަ ގޮތެއް އިހުސާސް ކުރުވައިދިނުމަށާއި އަދި ބަލާ މީހާ ގަޔާވާނެ ގޮތެއް ގެނެސްދެވޭތޯއެވެ.

"ބައެއް ކުރެހުންތަކަކީ އަހަރެންގެ އަމިއްލަ އުފެއްދުންތަކެއް،" ފާއިޒު ބުންޏެވެ.

އޭނާ ބުނީ ކުރަހާއިރު ބޭނުން ކުރަނީ އޭނާގެ އަތްފޯރާފަށުން ލިބޭ އެންމެ ރަނގަޅު އާލާތްތަކާއި ތަކެތި ކަމަށެވެ.

"އަދި އަހަރެން ވަރަށް ގިނަ ކުލަތައް ބޭނުންކުރަން. ތިބާ އަހަރެންގެ ކުރެހުންތަކަށް ކައިރި ނަޒަރަކުން ބަލައިލައިފި ނަމަ ފެންނާނީ އޭގެ ގިނަ ކުރެހުންތަކުގައި ފިހީގެ ހަރަކާތްތައް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނަކަމާއި އަދި ކުލައިގެ އެތައް ފަށަލައެއް މަތިމައްޗަށް ބޯކޮށް ލައިފައި ހުންނަކަން،" ފާއިޒު ބުންޏެވެ.

"އަހަރެންނަށް ކޮންމެ އުޑަކީ ނޫކުލައިގެ އެއްޗެއް ނޫން އަދި ކޮންމެ ވިނަކޮޅަކީ ފެހި ކުލައިގެ އެއްޗެއް ނޫން،" އޭނާ އިތުރަށް އަލިއަޅުވައިލިއެވެ.

ފާއިޒު ބުނީ އޭނާ ގިނައިން ބޭނުން ކުރަނީ "ހަގީގީ" ސިފަ ޖައްސުވައިދޭ ކުލަތަކެއް ނޫން ކަމަށެވެ. އޭނާ ދޭހަކޮށްދިނީ އޭނާއަށް ކަމުދާ "އިލޫޝަނަރީ" ނަތީޖާ ކަމަށެވެ. މާނައީ ހަގީގަތް އޮޅޭ ކަހަލަ ގޮތެކެވެ. އެއީ ހިއްސުތަކާއި ސިކުނޑިއާ ކުޅެލައިގެންނެވެ.

"މިސާލަކަށް، ތިބާއަށް ކަމުދާ 'ޕީޗް' (މަޑު ފިޔާތޮށްޓާއި އޮރެންޖް މަސްހުނި ކުރި ކަހަލަ ކުލައެއް ފާޅުވާ) އުޑުމައްޗެއް. ތިބާ ބުނިހެން ޕީޗް ކުލައިގެ އުޑުގެ ރީތިކަން ހަމަ ވަރަށް ފުރިހަމަ ވާނެ. އެއީ އޭގެ ކޮމްޕޮޒިޝަންގައި ހިމެނޭ ސިފަތަކާއި، ގުޅޭ އެހެނިހެން ކުލަތައް ބޭނުން ކުރުމުން،" ފާއިޒު ކިޔަދިނެވެ.

އޭނާ ބުނީ މިއީ ކުލައިގެ "ތިއަރީ" ކަމަށެވެ. ޔައުނީ، ސީދާ އެއީ ކުލައަކީ ކޮން އެއްޗެއްކަން ކިޔައިނުދެވުނަސް އޭގެ އަސާސް ކިޔައިދޭން މަސައްކަތް ކުރާ އުސޫލުތަކެވެ.

"ކުރެހުންތެރިއެއްގެ ގޮތުން މި ތިއަރީތައް ފަހުމްވުމަކީ މުހިންމު ކަމެއް. އެއީ ކުރެހުންތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ކުލަތައް ބޭނުންކުރުމަށްޓަކައި،" ފާއިޒު ބުންޏެވެ.

ފާއިޒު ބުނީ އޭނާ ކުރަހާއިރު ކޮންމެ ކުރެހުމަކަށް ބޭނުން ކުރަނީ ވަކި "ޕެލެޓް"އެއް ނުވަތަ ކުލަ ބަހައްޓައި، އެ މަސްހުނި ކުރާ ބޯޑެއް ކަމަށެވެ. އަދި އޭގައި ބޭނުން ކުރަނީ ހަމައެކަނި އެ ކުރެހުމަކަށް ބޭނުންވާ ކުލަތައް އެކަނި ކަމަށެވެ.

"މިސާލަކަށް، މިވެނި ކުރެހުމަކަށް އަހަރެން ބޭނުންކޮށްފާނެ ކުލަތަކަކީ ނޫ، ފެހި، މުށި އަދި ހުދު. އެ ކުރެހުން އެއްކޮށް ނިންމައިލަނީ ހަމައެކަނި އެ ކުލަތައް ބޭނުންކޮށްގެން،" އިންޓަވިޔު ނިންމައިލަމުން ފާއިޒު ބުންޏެވެ.