Support Us

ދުނިޔޭގެ އެންމެ ބޮޑު އެއާލައިން ބުކިން ނިޒާމާ މޯލްޑިވިއަން ގުޅުވައިލައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތުގެ ވިއުގަ އަނެއްކާވެސް ފާހަގަކޮށްލެވޭ ދަރަޖައަކަށް ފުޅާކޮށްލައިފިއެވެ. މޯލްޑިވިއަން ހިންގާ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސް (އައި.އޭ.އެސް)އިން ބުނީ އަމަޑެއަސް ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (އަމަޑެއަސް ޖީ.ޑީ.އެސް)އާ މޯލްޑިވިއަން ގުޅުވައިލައިފި ކަމަށެވެ.

އަމަޑެއަސް ޖީ.ޑީ.އެސް.އަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާގައި އެއާލައިން ޓިކެޓް ބުކްކުރާ ނިޒާމެވެ. ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއި ދަތުރުފަތުރާ ބެހޭ ކުންފުނިތަކަށް ދަތުރުތަކާ ގުޅޭ ހައްލުތައް ފޯރުކޮށްދޭ ޕޯޓަލްއެކެވެ. އަވަސްކަމާއި ފުރިހަމަކަމާއެކު ދަތުރުތަކުގެ އައިޓިނަރީ ފޯރުކޮށްދޭ ސިސްޓަމެކެވެ.

"މިއީ މި ކުންފުނިން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތާއި ކުންފުނީގެ ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ދޭ ފަސޭހަތައް އިތުރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް،" އައި.އޭ.އެސް.އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އަމަޑެއަސް ޖީ.ޑީ.އެސް.އާ ގުޅުމުގެ އިތުރުން އިންޑިއާގެ މާކެޓްގައި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައި.އޭ.ޓީ.އޭ) ބިލިންގް އެންޑް ސެޓްލްމަންޓް ޕްލޭން (ބީ.އެސް.ޕީ)އާ ވެސް މޯލްޑިވިއަން މިއަދުން ފެށިގެން ގުޅުވައިލައިފި ކަމަށް އައި.އޭ.އެސް.އިން ބުންޏެވެ.

އައި.އޭ.ޓީ.އޭ.އަކީ ދުނިޔޭގެ އެއާލައިންތަކުން ގުޅިގެން 1945 ގައި ގާއިމުކުރި ވިޔަފާރީގެ ޖަމިއްޔާއެކެވެ. އެއާލައިންތަކުގެ ޓެކްނިކަލް ކަންތައްތައް ވަކި ފެންވަރެއްގައި ހިފެހެއްޓުމުގެ އިތުރުން އެއާލައިންތަކުގެ ޓިކެޓާއި ހިދުމަތްތަކުގެ އަގުތައް ވެސް ކަނޑައަޅަނީ މި ޖަމިއްޔާއިންނެވެ. ޓްރެވެލް އެޖެންޓުންނާއި އެއާލައިންތަކާ ދެމެދު ކުރާ މާލީ މުއާމަލާތްތައް ހަމަޖައްސައިދެނީ އައި.އޭ.ޓީ.އޭ.އިންނެވެ.

ބީ.އެސް.ޕީ.އަކީ އައި.އޭ.ޓީ.އޭ.އިން އެކްރެޑިޓްކޮށްފައިވާ ޕެސެންޖަރ ސޭލްސް އޭޖެންޓުން ނުވަތަ ޕީ.އެސް.އޭ.އިން ދޭ ހިދުމަތްތައް ފަހިކޮށްދިނުމަށް އެކުލަވައިލައިފައިވާ ނިޒާމެކެވެ. ބީ.އެސް.ޕީ.އާ ގުޅިފައިވާ އެއާލައިންތަކުގެ މާލީ ކޮންޓްރޯލްތަކާއި ކޭޝް ފްލޯ ރަނގަޅުކުރުމުގެ މަސައްކަތްކުރަނީ ވެސް ބީ.އެސް.ޕީ ނިޒާމުންނެވެ. ބީ.އެސް.ޕީ.ގެ ހިދުމަތް 180 ގައުމެއްގައި ދެއެވެ. އެޖެންޓުންނާއި އެއާލައިންތަކާ ދެމެދު ހިނގާ މުއާމަލާތްތައް ވިލަރެސްކޮށް، ކޮންމެ ފަރާތެއްގެ ޓްރާންސެކްޝަނެއް އެންމެ މާލީ ޓްރާންސްފާއަކުން ފުދޭނެ ގޮތަށް ހަދައިލަދެއެވެ.

މިހެންވެ ކިއު2-986 ޓިކެޓްގެ ޓެމްޕްލޭޓް ބޭނުންކޮށްގެން އަމަޑެއަސް ޖީ.ޑީ.އެސް މެދުވެރިކޮށް އިންޑިއާގައި ހުރި އައި.އޭ.ޓީ.އޭ އެކްރެޑިޓްކޮށްފައިވާ ބީ.އެސް.ޕީ ޓްރެވެލް އެޖެންޓުން ފަސޭހަކަމާއެކު މޯލްޑިވިއަން ފްލައިޓްތަކަށް އިލެކްޓްރޯނިކް ނުވަތަ އީ-ޓިކެޓް ފޯރުކޮށްދޭން މަގުފަހިވެގެންދާނެއެވެ. އައި.އޭ.ޓީ.އޭ އެކްރެޑިޓްކޮށްފައިވާ ހުރިހާ ބީ.އެސް.ޕީ ޓްރެވެލް އެޖެންޓުންގެ ސޭލްސް ހުޅުވައިލުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

"އަމަޑެއަސް ޖީ.ޑީ.އެސް އާއި އައި.އޭ.ޓީ.އޭ.ގެ ބީ.އެސް.ޕީގެ އެހީގައި މޯލްޑިވިއަންގެ ޑިސްޓްރިބިއުޝަން ކެޕެސިޓީ ފުޅާކޮށްލުމުން އަހަރެމެންގެ ޕާޓްނަރުންނާއި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދެވޭނެ. އެއީ އަހަރެމެންގެ ތަރައްގީވަމުން އަންނަ ދަތުރުފަތުރުގެ ވިއުގައިގެ ތެރެއިން. އަހަރެމެން މި ގާއިމުކުރި ގުޅުންތަކުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ އިހުތިޔާރުތައް އިތުރުވެ، އަހަރެމެންގެ ވިޔަފާރި އާއި ކަސްޓަމަރުންނަށް ކުރިމަގުގައި ޝައުގުވެރި ފުރުސަތުތަކެއް ހުޅުވިގެންދާނެ،" މޯލްޑިވިއަންގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ އިސްމާއީލް އަމްރާހް އުމަރު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޒަރީއާއިން އިންޑިއާގެ ތިން މަންޒިލަކަށް ހަފުތާއަކު 13 ފްލައިޓް މޯލްޑިވިއަނުން އޮޕަރޭޓްކުރެއެވެ. އެ ގޮތުން ކޮޗިންއަށް ހަފުތާއަކު ހަތަރު ފްލައިޓާއި ހަފުތާއަކު ފަސް ފްލައިޓް ތިރުވަނަންތަޕުރަމްއަށާއި ހަފުތާއަކު ދެ ފްލައިޓް ބެންގަލޫރުއަށް އޮޕަރޭޓްކުރެއެވެ. އެއީ އޭ.320 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.

ހަފުތާއަކު ދެ ފަހަރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޒަރީއާއިން ތިރުވަނަންތަޕުރަމްއަށް ދަތުރުކުރެއެވެ. އެއީ ޑޭޝް.8-300 މަރުކާގެ މަތިންދާބޯޓެއް ބޭނުންކޮށްގެންނެވެ.

މި ހުރިހާ ރޫޓުތަކަށް މޯލްޑިވިއަނުން ވަށާޖެހޭ ހިދުމަތް ދެއެވެ. އިންޑިއާގެ ބީ.އެސް.ޕީ.އާ ގުޅިގެން އަމަޑެއަސް ޖީ.ޑީ.އެސް މެދުވެރިކޮށް ސޭލްސް ހުޅުވައިލުމުން މި މަންޒިލުތަކަށް ދަތުރުކުރާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި އެތައް އިހުތިޔާރުތަކެއް ލިބޭނެއެވެ.

އެ ގޮތުން ރާއްޖޭގެ 17 ޑޮމެސްޓިކް އެއާޕޯޓު ހިމެނޭ ވިއުގައަށް އެޖެންޓުންނަށް އެކްސެސް ލިބޭނެއެވެ. މިހެންވުމުން ލަކްޝަރީ ރިސޯޓުތަކާއި އަތްފޯރާފަށުގައި ޗުއްޓީ ހޭދަކުރެވޭނެ ފުރުސަތުތައް ވެސް ފަހިވެގެންދާނެއެވެ.

މޯލްޑިވިއަނުންވަނި އެމިރޭޓްސް އާއި އެތިހާދު އެއާވޭސްއާއެކު އިންޓަލައިން ޕާޓްނަޝިޕެއް ގާއިމުކޮށްފައެވެ. މި ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި އެއާލައިންތަކުގައި އެކި އައިޓިނަރީތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ދޭ ހިދުމަތްތައް ވިލަރެސްކުރަން ފަސޭހަވެފައިވެއެވެ. މޯލްޑިވިއަން މިހާރު ވަނީ ކުރިމަގުގައި އިތުރު އެއާލައިންތަކާއެކު މިފަދަ އިންޓަލައިނިން އެއްބަސްވުންތައް ގާއިމުކުރުމަށް ހަމަޖައްސައިފައެވެ.

އަލަށް ގާއިމުކުރި އަމަޑެއަސް ޖީ.ޑީ.އެސް އާއި ބީ.އެސް.ޕީ.އާ ބެހޭ މައުލޫމާތު މޯލްޑިވިއަންގެ ވެބްސައިޓުން މިހާރު ލިބޭނެއެވެ. މޯލްޑިވިއަންއާ ގުޅެން ބޭނުންވާ އެޖެންޓުން [email protected] މި އީމޭލް އެޑްރެހަށް އީމޭލްކުރުމުން މޯލްޑިވިއަންގެ މި ހިދުމަތްތަކާ ގުޅެވޭނެ ގޮތުގެ މައުލޫމާތު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *