Support Us

އެޑްވަޓޯރިއަލް

ބޮޑެތި ބަދަލުތަކަކާއެކު، ބޮޑު ތަނުން ޚަރަދު ކުޑަކުރުމަށް ފެނަކަ އަމާޒު ހިފައިފައި

މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް ފެނަކައިން ވަނީ ފަށައިފައެވެ. އެގޮތުން، އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ދިނުމުގައި ޚަރަދު ކުޑަ ގިނަ އުޞޫލުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށައިފައެވެ. އޭގެ ތެރޭގައި، މީގެ ކުރިން ނުއަގުގައި ހޯދަމުން އައި ޚިދުމަތްތައް އަމިއްލައަށް ކުރުމާއި، ކުންފުނީގެ މެޝިނަރީޒް ސަރވިސް ކުރުމަށް އިންވެސްޓް ކުރުމާއި، ޑީސަލަށް ކުރަމުންދާ ޚަރަދު އެތައް ތަނަކުން ކުޑަކުރުން ހިމެނެއެވެ.

މުދާ އުފުލުމަށް، ދަތުރުތަކަށް މަހެއްގެ މައްޗަށް ހަތް މިލިއަން ރުފިޔާއަށްވުރެ މަތިން ކުރަމުން އައި ޚަރަދަށް ނިމުމެއް ގެނެސް، ފެނަކައިން ކުރު މުއްދަތަށް ދޯނި ކުއްޔަށް ހިފައިގެން މުދާ އުފުލުމުގެ ދަތުރުތައް ކުރަން ފެށުމަކީ، އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން، އަހަރަކު އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. މީގެ އިތުރުން، ކުންފުނީގެ މެޝިނަރީސް، އަދި ބޮޑެތި އިކުއިޕްމަންޓް އުފުލުމަށް ބޭނުންކުރާ ހެވީ ވެހިކަލާއި ލޭންޑިން ކްރާފްޓްތައް ހޯދުމަކީވެސް، އެކަމަށް ކުރިން ކުރަމުން އައި ހޭދަ އެތައް ގޮތަކުން ކުޑަވެގެންދާނެ ކަމެއް ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ޚަރަދު ކުޑަކުރުމަށް ކުރަން ނިންމާފައިވާ އެންމެ މުހިއްމު އެއް އިންވެސްޓްމަންޓަކީ، ސަރވިސް އަދި ޓްރެއިނިން ފެސިލިޓީއެއް ޤާއިމްކުރުމުވެ. ޖުމްލަ 61 މިލިއަން ޚަރަދުކޮށްގެން ޤާއިމުކުރެވޭ މި ފެސިލިޓީއާއެކު، ކުންފުނީގެ މެޝިނަރީސް އަދި އިކުއިޕްމަންޓްތައް މަރާމާތު ކުރުމަށް އަމިއްލަ ފަރާތްތަކާ ޙަވާލުނުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި، ފެނަކަ ސަރވިސް ފެސިލިޓީގައި ތާވަލުކޮށްގެން ހަރުދަނާ އުސޫލަކުން އެ މައްސަކަތް ކުރެވޭނެއެވެ. މި ފެސިލިޓީ ޤާއިމްކުރެވި ހިންގަން ފެށުމުން، އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން އަންދާޒާ ކުރެއެވެ. އަދި އަލަށް ޤާއިމް ކުރެވޭ ފެސިލިޓީން ރިސޯޓްތަކަށާއި، އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށާއި، ސަރުކާރުގެ އެހެން ކުންފުނިތަކަށް ޚިދުމަތް ދިނުމަކީވެސް އެ ކުންފުނީގެ އަމާޒެއްކަމަށް ފެނަކައިން ހާމަކުރެއެވެ.

ފެނަކަ އިންހައުސް ސޯލާ ޕްރޮގްރާމް ފަށައި، ޑީސަލަށް ކުރާ ޚަރަދު ކުޑަ ކުރުމަކީވެސް ޚާއްސަ އިސްކަމެއް ދީގެން އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގައި ސޯލާ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢުގެ ޖުމުލަ އަގަކީ 92 މިލިއަން ރުފިޔާ ކަމަށާއި މި މަޝްރޫޢުގެ ދަށުން އަހަރަކު 2.6 މިލިއަން ލީޓަރ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށާއި، އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލް ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫގެ ދަށުން 18 އަދި 30 ކވ.ގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫޢު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ފިއުލް މޮނިޓަރިން ސިސްޓަމް ތައާރަފްކޮށް ފިއުލް ފްލޯ މީޓަރ ހަރުކުރުމަކީ ވެސް އެ ކުންފުނީގެ ޚަރަދުތައް ކުޑަ ކުރުމަށް ކުރެވޭ މަސައްކަތް ތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމެވެ. މީގެ ސަބަބުން ތެލުގެ އިންވެންޓްރީ އާއި ތެޔޮ ބޭނުންކުރާ މިންވަރު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާނެއެވެ. އަދި ތެޔޮ ލީކްވުން ފަދަ ކަންކަން އިޞްލާޙުކުރެވޭނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

ކުންފުނިން ދޭ ޚިދުމަތްތަކަށް ބޭނުންވާ އަދަދަށްވުރެ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުވުމަކީ، ކުންފުނިން މަހުންމަހަށް ކުރަން ޖެހޭ ޚަރަދު އެންމެ ބޮޑުވާ މައިގަނޑު ސަބަބެވެ. އެހެންކަމުން، ފެނަކައިން ދެމުންގެންދާ ޚިދުމަތްތަކާ އެކަށީގެންވާ ގޮތަށް ކުންފުނި ރައިޓް ސައިޒް ކުރުން ވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ. އަދި ސީއެސްއާރުގެ ދަށުން ކުރަމުންއައި ބޮޑެތި ހޭދަތައް ހުއްޓާލައި، އެފަދަ ޙަރަކާތްތަކަށް ހަމައެކަނި ފަންނީ އެހީތެރިކަން ދޭ ގޮތަށްވެސް އެ ކުންފުނިން ވަނީ ނިންމައިފައެވެ.

ފެނަކައިގެ އައު މެނޭޖްމަންޓް ހަވާލުވެ މިވީހާ ތަނަށް ގެނައި އެކި ބަދަލުތަކާއެކު، ކުންފުނީގެ މާލީހާލަތުގެ މިސްރާބު ރަނގަޅު ވެފައިވާކަން މެނޭޖިންގ ޑިރެކްޓަރ މުޢާޒު ވެސް ވިދާޅުވެފައިވެއެވެ. ޚަރަދު ކުޑަކުރަން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއެކު ކުންފުނީގެ އަމާޒަކީ، ދަރަނިން ސަލާމަތްވެ މުސްތަޤުބަލުގައި ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުމެވެ.