އެތައް ސަރަހައްދަކުން ގެދޮރު ދޫކުރުމަށް އަމުރު ނެރެފައި އިސްރާއީލުން ދިން އާ ހަމަލާތަކެއްގައި ގައްޒާގައި ދެ މީހުން މަރުވެއްޖެއެވެ.
ހަމަލާތައް އިއްޔެ ދީފައިވަނީ ގައްޒާ ސިޓީ، ބުރައިޖު އަދި ޖަބާލިޔާގެ ރެފިއުޖީ ކޭމްޕްތަކާއި އިތުރު ނޭބަހުޑްތަކަކަށެވެ.
މި ހަމަލާތައް ދީފައި މި ވަނީ ދެ އަހަރު ވީ ގައްޒާ ހަނގުރާމަ ހުއްޓައިލަން، ގައްޒާ ހިންގާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު އެމެރިކާއިން މި ދިޔަ އަހަރު އޮކްޓޫބަރުގައި ސީޒްފަޔާއެއް ގާއިމުކޮށްދީފައިވަނިކޮށެވެ.
ސީޒްފަޔާއަށްފަހު ވެސް އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. މިހެންވެ، ގައްޒާ ހަނގުރާމަ މީގެ ދެ އަހަރު ކުރިން ފެށިފަހުން މިހާތަނަށް 73،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
އދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)އިން ބުނީ ގައްޒާގެ އިންސާނީ ހާލަތް އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށެވެ.
"ގައްޒާގެ ރަށްވެހިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކުރިއަށްގެންދިއުމަށާއި އެ މީހުންނަށް ބޭނުންވާނެ އަސާސީ ކަންތައްތައް ފުރިހަމަކޮށްދިނުމަށް ފައިސާ ފޯރުކޮށްދިނުމަށް ސަރުކާރުތަކަށާއި އެހީ ދޭ ޖަމާއަތްތަކަށް ގޮވައިލަން،" އެ އިދާރާގެ ކުއްލި ހާލަތްތަކާ ބެހޭ ޑިރެކްޓަރު ރޮސް ސްމިތު ބުންޏެވެ.



advertisment