Support Us

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024:

ޑރ. އަނާރާ: ހުރާ ދާއިރާ ފަޚުރުވެރިވާނެ ފަދަ ކެންޑިޑޭޓެއް، ޢިލްމާއި ތަޖުރިބާގެ ނަމޫނާ ކަނބަލެއް

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާންވާނީ ތައުލީމީ، ގާބިލް ބޭފުޅުން ކަމަށް އެންމެން ވެސް ގަބޫލްކުރާއިރު އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރާ ދާއިރާއަށް ވާދަކުރައްވާ ޑރ. އަނާރާ ނައީމަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން އެންމެ ގިނަ މާކްސް ލިބިވަޑައިގެެންނަވާނެ ކެންޑިޑޭޓެވެ. އެ މާކްސްއާ އެއްވަރަށް މިހާރު ބޭނުންވަނީ ރައްޔިތުންގެ އިތުބާރާއި ތާއީދެވެ.

މަކުނުދޫ ދާއިރާގެ މަޖިލީސްގެ މެމްބަރުކަން ކުރިން ކުރައްވައިފައިވާ ޑރ. އަނާރާ ނައީމަކީ އިސްލާމީ ޝަރުއީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަނާރާއަކީ މީގެ ކުރިން މަޖިލީހުގައި މަަސައްކަތްކުރެއްވިއިރު ވެސް ފަސްބައި ސާފު ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ބޭފުޅެކެވެ.

ޑރ. އަނާރާ ވިދާޅުވި ގޮތުގައި ހުރާ ދާއިރާއަށް ކުރިމަތިލައްވާ އެހެން ބޭފުޅުންނާ އޭނާއާ ހުރި އެންމެ ބޮޑު ތަފާތަކީ އެކަމަނާ އަކީ ގާނޫނު ހެދުމާ ބެހޭ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަަކަށްވުމެވެ.

"މިހާރު ވަރަށް މުހިންމު ގާނޫނުތަކެއް ހަދަން ޖެހިފައިވަނީ. އެހެންވީމަ އެކަމުގައި ތައުލީމާއި ތަޒުރިބާ ހުރި މީހަކަށް ވަަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމުގައި އަޅުގަނޑު ގަބޫލުކުރަން،" ޑރ.އަނާރާ ވިދާޅުވި އެވެ.

ރައްޔިތުން ތާއީދާއެކު ހުރާ ގޮނޑިއަށް ޑރ. އަނާރާ ހޮވައިދީފިނަމަ ދާއިރާގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އަނާރާ ވަނީ ޕްލޭންތަކެއް ހައްދަވައިފަ އެވެ.

ހުރާ، ހިންމަފުށި އަދި ގުޅީގެ ރައްޔިތުންނަށް އަނާރާއަކީ އާ ބޭފުޅަކަށް ނުވާނެ އެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާއި ދާއިރާގެ ހާލަތު ޑރ. އަނާރާ ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ.

ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު އަނާރާ ކެމްޕޭނުގައި ހިންމަފުށީގައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ޑރ. އަނާރާ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް ކެންޕެއިންގެ ފުރަތަމަ ދުވަހުން ފެށިގެން ސަރުކާރުގެ އިސް ބޭފުޅުންނާއި ވަޒީރުން ގެންދަވަނީ ޑރ. އަނާރާގެ ކެންޕެެއިންގައި ބައިވެރިވެވަޑައިގެންނަވަމުންނެވެ.

ޑރ. އަނާރާ ވިދާޅުވި ގޮތުގައި ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގެންނަވަ އެވެ.

ދާއިރާގެ މެމްބަރު ކަމަށް އިންތިހާބު ވެވަޑައިގެންފިނަމަ އެ ދާއިރާ ތަމްސީލް ކުރައްވާނީ ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތްކުރައްވާ މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް ޑރ. އަނާރާ ވިދާޅުވި އެެވެ.

މީގެ އިތުރުން ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނެސްދެއްވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"ގާނޫނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް ގާނޫނު ތަކަށް އިސްލާހުތަކެއް ހުށަހެޅި، އާ ގާނޫނުތަކެއް އެކުލަވާލައިގެން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުުގެ މެމްބަރެއްގެ ގޮތުން އަދާކުރެވިދާނެ ދައުރު ވަރަށް ބޮޑު،" އަނާރާ ވިދާޅުވި އެވެ.

ހުރާ ދާއިރާގެ ތިން ރަށުގެ ވެސް ސިއްހީ ނިޒާމާއި ތައުލީމީ ދާއިރާގެ ހާލަތު އޮތީ އެންމެ އެދެވޭ ފެންވަރުގައި ނޫން ކަމުގައިވާއިރު ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ދާއިރާގެ މެމްބަރު ކަމަށް ހޮވިއްޖެނަމަ ސިއްހީ ނިޒާމަށާއި ތައުލީމީ ނިޒާމަށް ކުރިއެރުންތަކެއް ގެނެސްދެއްވޭނެ ކަމަށް އަނާރާ ދެކެވަޑައިގެންނަވަ އެވެ.

މީގެ އިތުރުން ވަޒީފާ ނެތް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ޕްރައިވެޓް ސެކްޓަރުން ހޯދައިދެއްވުމާއި ގޯތިގެދޮރުގެ އެޅުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތުތައް ހައުސިން ސްކީމްތަކުން ލިބޭނެ ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އަނާރާ ދެއްވަ އެވެ.

"ވަޒީފާގެ ފުރުސަތުތައް ރަށުގައި ހުރެގެން ލިބޭނެ ގޮތް ވުމުން ރަށަށް ވެސް އިތުރު ތަރައްގީތައް އައުމަށް އެބަމަގުފަހިވޭ،" އަނާރާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އަލަށް ކަނޑައެޅި ހުރާ ދާއިރާގެ ގޮނޑިއަށް ރައްޔިތުން އިތުބާރުކޮށް އަނާރާ ހޮވައިފިނަމަ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމާއި ރައްޔިތުން ފަހުރުވެރިވާނެ ފަދަ މެމްބަރަކަށް ވެވަޑައިގެންނަވާނެ ކަމުގެ ޔަގީން ޑރ. އަނާރާ ދެއްވަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *