Support Us

ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދި ދިއްދޫ- ބޮޑުތިލަދުންމަތީގެ ފަޚުރެއް

އެއީ މާލެއިން އުތުރުގެ އެންމެ ބިޔަ ރަށެއް ނޫނެވެ. އެންމެ އާބާދީ ބޮޑު ރަށެއް ވެސް ނޫނެވެ. އަދި އެންމެ ގިނަ ފުޓުބޯޅަ ދަނޑުތައް ހުރި ރަށެއް ވެސް ނޫނެވެ. ސިޓީއެއްވެސް ނޫނެވެ. އެކަމަކު، މާލެއިން އުތުރުގައި މިވަގުތު އެންމެ މޮޅު، އެންމެ ހުނަރުވެރި ފުޓުބޯޅަ ޓީމެއް އޮތް ރަށަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ އެވެ: ފަސްހާހެއްހާ މީހުން ދިރިއުޅޭ ހއ. ދިއްދޫ އެވެ.

ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ ފުޓުބޯޅަ މުބާރާތް ކަމަށްވާ، ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދުމަށް ރަށުން މާލެ އައުމަށްޓަކައި ދިއްދޫ ސްޕޯޓްސް އިން ވަނީ އެކި ދަނޑުތަކާއި ގަަދަ ކަނޑުތަކުގައި ދިގު ދަތުރެއް ކޮށްފައެވެ. ރާޅާއި ވާރެއާއި އަތްވާއި ހޫނުގައެވެ. ވަރުބަލިވުމެއް ނެތި ގިނަ ލަނޑުތަކެއް ޖަހައި، ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ދިއްދޫ ޓީމު އުފާފާޅުކުރަނީ…

ދިއްދޫ ސްޕޯޓްސްގެ ކާމިޔާބުގެ ދަތުރު

ދިއްދޫ ސްޕޯޓްސް އަކީ، ދިވެހި ޕްރިމިއަރ ލީގަށް އަމާޒުކޮށް މިދިޔަ އަހަރު ފަހުކޮޅު އުފެއްދި މުޅިން އާ ޓީމެކެވެ. ޓީމުގައި ގިނައީ ދިއްދޫގެ ޒުވާން ކުޅުންތެރިންނެވެ. ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ބިދޭސީ ކުޅުންތެރިން ވެސް ގެނައެވެ.

ދިވެހި ޕްރިމިއަރ ލީގަށް އެރުމަށްޓަކައި ދިއްދޫ ޓީމު އެންމެ ފުރަތަމަ ވާދަކުރަންޖެހުނީ ހއ. އަތޮޅު މުބާރާތުގައެވެ. އިހަވަންދުއާ ވާދަކޮށް، އަތޮޅު މުބާރާތުގެ ތަށި ދިއްދޫން ނެގީ ދެ މެޗުން ވެސް މޮޅުވެގެންނެވެ.

ދެން ކުރިމަތިލީ ޒޯން މުބާރާތާއެވެ. އެ މުބާރާތުގައި ވާދަކުރީ އުތުރުގެ އެންމެ އާބާދީ ބޮޑު އަދި އެންމެ ގިނަ ދަނޑުތައް ވެސް ހުރި ކުޅުދުއްފުށި ސިޓީގެ އިތުރުން ހަނިމާދޫއާއެވެ. ދިއްދޫގައި ކުޅުނު މި މުބާރާތުގެ ހުރިހައި މެޗަކުން މޮޅުވަމުން އައިސް ފައިނަލްގައި ހަނިމާދޫ އަތުން ބަލިވި ނަމަވެސް، ރަނަރަޕް ޓީމުގެ ހައްސިއްޔަތުން ނޯތު ރީޖަނަލް މުބާރާތުން ދިއްދޫ ޖާގަ ހޯދިއެވެ.

ޒޯން ފައިނަލްގައި ހަނިމާދޫ އަތުން ބަލިވި ބަލިވުން އެއީ ދިއްދޫ ޓީމަށް ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންވެ ރީޖަނަލް މުބާރާތަށް ނުކުތީ ދިއްދޫ ފަސްގަނޑަށް ތަށި އެރުވުމުގެ ވަރުގަދަ އަޒުމާއެކުގައެވެ. ނަތީޖާއަކަށް ވީ ހޯމް-އެން-އަވޭ އުސޫލުން، އެކި މެޗު އެކި ރަށުގައި ކުޅުނު މުބާރާތުގައި ހަނިމާދޫގެ އިތުރުން ބ. އޭދަފުއްޓާއި ނ. މަނަދުއާ ދެ ލެގުގައި ވާދަކޮށް، އެއްވެސް މެޗަކުން ބަލިނުވެ ނޯތު ރީޖަނަލް ޗެމްޕިއަންކަން ހޯދައި ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން މުބާރާތުން ދިއްދޫ ޖާގަ ކަށަވަރުކުރުމެވެ.

އެއްވެސް މެޗަކުން ބަލިނުވެ ނޯތު ރީޖަނަލް ޗެމްޕިއަންކަން ހޯދުމަށްފަހު ދިއްދޫ ޓީމު އުފާފާޅުކުރަނީ…

އެއަށްފަހު ގަލޮޅު ދަނޑުގައި ބޭއްވި ކޮލިފިކޭޝަންގައި ކުޅެ، ދިވެހި ޕްރިމިއަރ ލީގުން ދިއްދޫ ޖާގަ ކަށަވަރުކުރިއެވެ… ހަ ޓީމު ހިމެނޭ ކޮލިފިކޭޝަން ބުރުގައި ވާދަކުރި އަތޮޅުތަކުގެ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓީމުގެ ގޮތުގައި ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

ކޮލިފިކޭޝަންގެ ފަހު މެޗުގައި މާލޭ ޒޯންގެ ޗެމްޕިއަން ބިސްބުރު އަތުން ދިއްދޫ ރޭ މޮޅުވީ 6-2ން…

ކޮލިފިކޭޝަންގެ ފަހު މެޗުގައި މާލޭ ޒޯންގެ ޗެމްޕިއަން ބިސްބުރު އަތުން ދިއްދޫ ރޭ މޮޅުވީ 6-2ންނެވެ. މި ނަތީޖާއާއެކު ދިއްދޫ ވަނީ 10 ޕޮއިންޓާއެކު ޓޭބަލްގެ ތިން ވަނަ ހޯދައިފައެވެ. ޓީ.ސީ އަށް އެއް ވަނަ އަދި ބިސްބުރަށް ދެ ވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފުރަތަމަ ޑިވިޝަންގެ އެންމެ ގަދަ 10 ޓީމު ވާދަކުރާ ދިވެހި ޕްރިމިއަރ ލީގުން ދިއްދޫ ޖާގަ ކަށަވަރުކުރިއިރު، އެ މުބާރާތުގައި މީގެ އަހަރުތަކެއް ކުރީއްސުރެ ކުޅެމުން އައި، މާލެ އަށް ނިސްބަތްވާ ގްރީން ސްޓްރީޓްސް ވަނީ ދިއްދޫ އަތުންވެސް މޮޅުނުވެ، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ. އަދި ފުރަތަމަ ޑިވިޝަންގައި ކުރިން ވިދާލި ހުނަރުވެރި ހުރާ ޓީމު، ޒުވާން ކުޅުންތެރިންތަކަކާއެކު އަލުން ފުރަތަމަ ޑިވިޝަނަށް އަރަން ކުރި މަސައްކަތް ވެސް ވަނީ، އެއްވެސް މެޗަކުން މޮޅުނުވެ، އެންމެ ޕޮއިންޓަކާއެކު ލީގުގެ ފުލަށް ވެއްޓި، އޮޔާގޮސްފައެވެ.

ދިއްދޫ ސްޕޯޓްސްގެ ކޯޗު މޫސާ މުހައްމަދު (ކ) އަށް ހަނދާނީ ފިލައެއް ހަދިޔާ ކުރަނީ

ދިއްދޫ ސްޕޯޓްސްގެ ދިރުން

ދިއްދޫ ސްޕޯޓްސްގެ މި ހުރިހައި ކާމިޔާބީއެއްގެ ފަހަތުގައި ހުރި އެންމެ މުހިންމު އާރުކާޓީއަކީ، އެއްވެސް ޝައްކެއްވެސް ނެތް ގޮތުގައި، ޒުވާން ކޯޗު މޫސާ މުހައްމަދު (މުސްތަޓޭ) އެވެ. ނ. ހޮޅުދުއަށް އުފަން މަޑުމައިތިރި އަދި ހިތްތިރި ކޯޗު ވެގެންދިޔައީ ޓީމު އެކަތިގަނޑަކަށް ހަދައި، ލަނޑު ޖަހާ ޓީމެއްގެ ގޮތުގައި ދިއްދޫ ބައްޓަންކުރުމުގެ މައިގަނޑު ރޫހަށެވެ. ދިއްދޫއަށް ލިބުނު މި ކާމިޔާބީ ވެގެންދިޔައީ މުސްތަޓޭގެ ކޯޗިން ކެރިއަރުގެ ވެސް ރަން ސަފުހާއަކަށެވެ.

އެއްވެސް މެޗަކުން ބަލިނުވެ ނޯތު ރީޖަނަލް ޗެމްޕިއަންކަން ހޯދުމަށްފަހު ދިއްދޫ ޓީމު އުފާފާޅުކުރަނީ…

ދިއްދޫގެ ފުޓްބޯޅަ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ އެންމެ ބޮޑު ކާމިޔާބީއަކީ، ދިވެހި ޕްރިމިއާ ލީގަށް ކުރި ކާމިޔާބީ ދަތުރެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގުން ޖާގަ ހޯދުމަކީ އަތޮޅުތެރޭގެ ޓީމަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. ނަމަވެސް، ދިއްދޫގެ ކޯޗާއި ކުޅުންތެރިންނާއި މެނޭޖްމަންޓުން ދެއްކި ހިތްވަރާއި ވަރުގަދަ އަޒުމާއެކު، އެ ޓީމުން ވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކްލަބުތަކާ އެއް ސަފެއްގައި ފައިހަމަކޮށްލުމުގެ ފުރުޞަތު ހޯދައިފައެވެ. މި ދަތުރަކީ ދިއްދޫ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު މުޅި ރާއްޖެއަށް އިޢުލާނުކޮށްދިން ދަތުރުވެސް މެއެވެ.

ދިއްދޫ ޓީމުގެ ސަޕޯޓަރުން ޓީމަށް ސަޕޯޓުކުރުމުގައި…

ދިއްދޫ ސްޕޯޓްސްގެ މި ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު ހިތްވަރަކީ އަދި ބާރަކީ ދިއްދޫގެ ޝައުގުވެރި، ކުދިބޮޑު ރައްޔިތުންނެވެ. ޓީމު ކުޅޭ ކޮންމެ މެޗެއްގައި ސަޕޯޓަރުންގެ އަޑު މެދުކެނޑުމެއްނެތި ގުގުމަމުންދިޔައެވެ. އެއީ ދިއްދޫ ފުޓުބޯޅަ ދަނޑުގެ އިތުރުން، ހަނިމާދޫ ދަނޑުން ކަމަށް ވިޔަސް، އޭދަފުށީ ދަނޑުން ކަމަށް ވިޔަސް މަނަދޫ ދަނޑުން ކަމަށް ވިޔަސް އަދި ގަލޮޅު ދަނޑުން ކަމަށް ވިޔަސް، ދިން ސަޕޯޓަށް ބަދަލެއް ނާދެއެވެ. އެންމެން އެއް އަޑަކުން ގޮވަމުންދިޔައީ "ހއ.އިން ދިއްދޫއޭމީ" އެވެ. ޝައްކެއް ނެތް ގޮތުގައި އެއީ ޓީމުގެ ކާމިޔާބީއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. ފެނިގެންދިޔައީ، ރައްޔިތުންގެ އެއްބައިވަންތަކަމެވެ.

ދިއްދޫ ޓީމުގެ ސަޕޯޓަރުން ޓީމަށް ސަޕޯޓުކުރުމުގައި…

ދިއްދޫ ޓީމުގެ ހުށިޔާރު މާލިމީ

ދިއްދޫ ޓީމު ނެގެހެއްޓުމަށް މާލީ ގޮތުން ބައެއް ވިޔަފާރިތަކުންނާއި އާންމު ރައްޔިތުން ދިން އެއްބާރުލުމަކީ ވެސް ކުޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ. އުއްމީދުތައް އާވެގެންދިޔަ ކަމެއްވެސް މެއެވެ. މީގެ އިތުރުން، ދިއްދޫގައި ފުޓްބޯޅަ ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ލަތީބެގެ އިސްނެންގެވުމާއެކު ދިއްދޫގައި ބޭއްވި އެއް ލައްކަ ކަޕް ފުޓުބޯޅަ މުބާރާތްތަކާއި، މާލޭގެ ކްލަބުތަކުން ދިއްދޫ ކުޅުންތެރިންނަށް ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް އޭނާ ކުރެއްވި މަސައްކަތްތައް މިއީ ވަރަށް ކުޑަ މިސާލެކެވެ. ލަތީބެގެ މި މުހިއްމު މަސައްކަތްތައް ވެގެންދިޔައީ، ދިއްދޫގެ ފުޓްބޯޅައިގެ މުސްތަޤުބަލު އުޖާލާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ދިއްދޫ ފުޓްބޯޅައިގެ ކުރިމަގު އުޖާލާވިއެވެ. ހުނަރުވެރި ކުޅުންތެރިން އުފެދުނެވެ. އޭގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) ޓީމާ ސަލާމްކުރައްވަނީ

ދިއްދޫ ޓީމުގެ ހުންގާނުގައި ހުންނެވި ލަތީބެ އަކީ ހަގީގަތުގައި ވެސް ވަރަށް ހުށިޔާރު މާލިމީއެކެވެ. އެހާމެ ކުޅަދާނަ ކައްޕިއެކެވެ. އެހެންވެ ދިއްދޫ ރައްޔިތުން މިއަދު އެމް.ޕީ ލަތީބެ ސިފަކުރަނީ "ބޮޑުތިލަދުންމަތީ ފުޓުބޯޅައިގެ ބާނީ"ގެ ގޮތުގައެވެ. އެކަން ލަތީބެ ކިތަންމެހާ ވެސް ރަނގަޅަކަށް މި ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ދިއްދޫ ކުޅޭ ހުރިހައި މެޗެއް ބައްލަވަން އޭނާ ވަޑައިގެންނެވީ ހަމައެކަނި ގަލޮޅު ދަނޑަކަށް ނޫނެވެ. މަޖުލިސްގައި ބުރަކޮށް އުޅުއްވަމުން އެކި ރަށްރަށަށް ވެސް ދަތުރު ކުރެއްވިއެވެ. ފުޓުބޯޅައިގެ ތަޖުރިބާކާރުންނާވެސް އެކުގައެވެ.

ޒޯން މުބާރާތުގެ ރަން ވަނަތަކަށް އެޕް.ޕީ ލަތީފު އިނާމު ދެއްވާއިރު ޓީމުގެ މަސްއޫލުވެރިޔާ ސިނާން (ކ) ކައިރީގައި…

މީގެ އިތުރުން ވަރަށް ޅަފަތުގައި އޮތް ދިއްދޫ ސްޕޯޓްސްގެ ހިންގުންތެރި މަސްއޫލުވެރިން ކަމަށްވާ މޫސާ ނަސީރާއި އިބްރާހިމް ސިނާނުގެ މަސައްކަތަކީވެސް ފާހަގަކޮށްލުން މުހިއްމު މަސައްކަތެކެވެ. އަތޮޅު މުބާރާތް ފެށުނީއްސުރެ އަދާ ހަމައަށް ވެސް ކުރަމުންގެންދަނީ ބުރަ މަސައްކަތެކެވެ. ވަރުބަލިކަމެއްނެތިއެވެ. ކްލަބަށާއި ރަށަށާއި އަތޮޅަށް ރީތިނަން ހޯދައިދިނުމުގެ މުހިއްމު މަސައްކަތެވެ.

ހއ. އަތޮޅުގައި ބޭއްވި ޒޯން މުބާރާތްތަކަށް ބަލާއިރު، ދިއްދުއަކީ އަބަދުވެސް ވާދަވެރި، ނަތީޖާ ނެރޭ ރަށެކެވެ. މި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ދިއްދޫގެ ޒުވާނުންގެ ހިތްތަކުގައި ފުޓުބޯޅައަށް އޮތް ބޮޑު ޝައުޤުވެރިކަމެވެ. ކުޑަކުދިންނާއި ޒުވާނުން ހަވީރުގެ ވަގުތުތަކުގައި ފުޓްބޯޅަ ދަނޑުތަކުން ފެނުމަކީ އެ ރަށުގެ އާންމު މަންޒަރެކެވެ.

ދިއްދޫގެ ގައުމީވަންތަ ޅަ ކުދިންނާއެކު ދިއްދޫ ޓީމު މެޗަކަށް ނުކުމެ…

ދިއްދޫއަކީ ފުޓްބޯޅައިގެ ގޮތުން ނަމޫނާ ރަށެކެވެ. އަތޮޅު ފެންވަރުން ފެށިގެން ޤައުމީ ފެންވަރާ ހަމައަށް އެ ރަށުން ހޯދައިފައިވާ ކާމިޔާބީތަކަކީ އެކުވެރިކަމާއި، ހީވާގިކަމާއި، އަދި ކުޅިވަރަށް އޮތް ލޯބީގެ ނަތީޖާއެވެ. މުސްތަޤުބަލުގައި ވެސް ދިއްދޫގެ ފުޓްބޯޅަ އިތުރު ހަރުފަތްތަކަކަށް ގޮސް، ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި އެ ރަށުގެ ނަން އަބަދުވެސް ފަޚުރުވެރިކަމާއެކު ދަމަހައްޓަން ރައްޔިތު އެންމެން ތިބީ އަތުކުރި އޮޅައިލައިގެންނެވެ.

ޒޯން މުބާރާތް ފެށުމުގެ ރަސްމީޔާތުގައި ސުޒެއިން (ކ-3) އާއި މާއްޓޭ އަދި ގައުމީ ޓީމުގެ ކޯޗު އުރުބާނީ ދިއްދޫ ދަނޑުގައި…

ތަޖުރިބާކާރު ކޯޗު ސުޒެއިން ބުނަނީ..

ކުރީގެ ގައުމީ ފުޓުބޯޅަ ކޯޗު އަލީ ސުޒެއިނަކީ އެމް.ޕީ ލަތީބެގެ އެންމެ އަރިސް އެއް ރަހުމަތްތެރިޔާއެވެ. އެއް ލައްކަ ކަޕުން ފެށިގެން، ދިއްދޫގައި ކުޅޭ ބޮޑެތި ހުރިހައި މެޗެއް ބެލުމަށް ލަތީބެ އަރިހު ސުޒެއިން ވަނީ އެކި ރަށްރަށަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި ވެސް ލަތީބެ އަރިހުގައި އިން އެކަކީ ސުޒެއިނެވެ.

ޒޯން މުބާރާތް ފެށުމުގެ ރަސްމީޔާތުގައި ސުޒެއިން (ކ) އާއި އެމް.ޕީ ލަތީފު ދިއްދޫ ޓީމާ ސަލާމް ކުރައްވަނީ…

"ދިއްދޫ ޓީމު މި ހޯދީ ވަރަށް ބޮޑު ކާމިޔާބެއް. ޒުވާން ޓީމެއް ނުކުމެ، އަތޮޅު މުބާރާތުން ފެށިގެން ޕްރިމިއަރ ލީގު ކޮލިފިކޭޝަނާ ހަމައަށް ޓީމު ދެއްކީ ވަރަށް މޮޅު، އުންމީދީ ކުޅުމެއް. ލަތީބެ ކަހަލަ ބޭފުޅަކު ޓީމާއެކު ހުރެގެން، ހުރިހައި ކަމެއް ވަރަށް ގާތުން ބައްލަވައި ހުރިހައި ކަމެއް ފަހިކޮށްދިނުން އެއީ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރު. އަނެއްކާ އެކި ރަށްރަށުގައި ދިއްދޫ ކުޅުނު ގިނަ މެޗުތައް ބައްލަވަން ލަތީ ދަތުރު ކުރެއްވި. އަޅުގަނޑުވެސް ލަތީއާއެކު ގޮސް ގިނަ މެޗުތަކެއް ބެލިން. އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރެއް،" ރޭގެ މެޗަށްފަހު ސުޒެއިން ބުންޏެވެ. "އަނެއްކާ ފުރަތަމަ ޑިވިޝަންގައި އެތައް އަހަރަކު ކުޅުނު ތަޖުރިބާކާރު ޓީމެއް ކަޓުވައިލައިފައި ޕްރިމިއަރ ލީގުން ދިއްދޫ ޖާގަ ހޯދުމަކީ ވެސް ކުޑަ ކަމެއް ނޫން."

ކޮލިފިކޭޝަންގެ ފަހު މެޗުގައި މާލޭ ޒޯންގެ ޗެމްޕިއަން ބިސްބުރު އަތުން ރޭ 6-2ން މޮޅުވުމަށްފަހު ޓީމު އުފާފާޅުކުރަނީ…

ދެން އޮތީ ތަފާތު ދަތުރެއް

ފަޚުރުވެރި ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބުމާއެކު ދިއްދޫއަށް ދެން ކުރަންޖެހިފައި ވަނީ މުޅިން ތަފާތު ދަތުރެކެވެ. އެ ދަތުރުގައި ދުއްވަންޖެހޭ ރާޅުބޮޑު ކަނޑުތަކާއި ހުރަސްކުރަންޖެހޭ ގިރިތަކާއި ފަރުތައް މުޅީން ތަފާތުވާނެއެވެ. މި އަހަރު ސެޕްޓެމްބަރުގައި ފަށަންޖެހޭ އެ ދަތުރަށް ޓީމު ތައްޔާރުކުރުމަށް އިތުރު ވިސްނުންތަކާއި ހުނަރު ބޭނުންވާނެކަން ކަށަވަރެވެ. އެކަމަށްޓަކައި ވެސް "ބޮޑުތިލަދުންމަތީ ފުޓުބޯޅައިގެ ބާނީ" ހުންނެވީ އަތުކުރި އޮޅައިލައްވައިގެންކަން ކަށަވަރެވެ. ރަށުގެ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށެވެ. މުހައްމަދު ތަކުރުފާނާާއި ޝަހީދު ހުސެއިން އާދަމްވެސް ނިސްބަތްވެވަޑައިގެންނެވި ބޮޑުތިލަދުންމަތީގެ ޝަރަފަށްޓަކައެވެ. ފަޚުރަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *