Support Us

އެމެރިކާގެ ރައީސުން އަވަހާރަކޮށްލި ގާތިލުންގެ ފަތިފުށަކީ ކޮބާ؟

މިދިޔަ ހޮނިހިރު ދުވަސް ވެގެންދިޔައީ އެމެރިކާގެ ތާރީހުގައި އަނެއްކާވެސް ރައީސެއްގެ މަގާމު ލިބިވަޑައިގެންނެވި ބޭފުޅަކު އަވަހާރަކޮށްލަން މަސައްކަތްކުރި ދުވަހަކަށެވެ. އެއީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާ ނާކާމިޔާބުވި ދުވަހެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ކޮންމެ 20 އާއި 40 އަހަރާ ދެމެދު އެމެރިކާގައި އަވަހާރަކޮށްލި ރައީސުންގެ ލިސްޓަށް ރައީސަކު ވަޑައިގަނެއެވެ.

އެ ގޮތުން ތިރީގައި މި ވަނީ އަވަހާރަކޮށްލި ރައީސުންނާއި އެ ބޭފުޅުން އަވަހާރަކޮށްލި ތާރީހުތަކެވެ:

  • އެބްރަހަމް ލިންކަން (14 އެޕްރިލް 1865)
  • ޖޭމްސް އޭ. ގާފީލްޑް (2 ޖުލައި 1881)
  • ވިލިއަމް މެކިންލީ (6 ސެޕްޓެމްބަރު 1901)
  • ޖޯން އެފް. ކެނެޑީ (22 ނޮވެމްބަރު 1963)

މި ރައީސުން އަވަހާރަކޮށްލުމުގައި ކާމިޔާބު ހޯދި ގާތިލުންނާއި އިތުރު ރައީސުން އަވަހާރަކޮށްލަން މަސައްކަތްކޮށް، ނަމަވެސް ނާކާމިޔާބު ލިބުނު މީހުންގެ ޝަހުސިއްޔަތަށް ބަލައިލައިއިރު ފާހަގަ ކުރެވެނީ މި އެންމެންނަކީ ވެސް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނާކާމިޔާބުވެފައިވާ ބައެއް ކަމެވެ.

"މި މީހުންގެ ނަފުސާނީ ޝަހުސިއްޔަތު ދެނެގަންނަން ދިރާސާތަކެއް ހެދި. އެއީ ގާތިލަކަށް ވެދާނެ ބަޔަކު ދެނެގަންނަން،" އެމެރިކާގެ ސިއްރު ސިފައިން ނުވަތަ ސީކްރެޓް ސާވިސްގެ ކުރީގެ އެޖެންޓެއް ކަމަށްވާ މާޓީ ވެންކަރ އެއްފަހަރަކު ލިޔުއްވިއެވެ.

އެ ގޮތުން ނަފުސާނީ ޕްރޮފައިލް ހެދި ގާތިލުންގެ ތެރޭގައި ރައީސް އަބްރަހަމް ލިންކަން އަވަހާރަކޮށްލި ޖޯން ވިލްކްސް ބޫތާއި އަވަހާރަކޮށްލި ރައީސް ޖޯން އެފް ކެނެޑީގެ ކޮއްކޮ ރޮބަޓް ކެނެޑީ އަވަހާރަކޮށްލި ސަރްހާން ބިޝާރާ ސަރްހާން ހިމެނެއެވެ.

"ތާރީހީ ނަޒަރަކުން ބަލާއިރު މި ގާތިލުންނަކީ ހަޔާތުގައި ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލައިފައިވާ މީހުން. އަވަހާރަކޮށްލި ހުރިހާ ރައީސުންގެ ގާތިލުންނަކީ ވެސް ހަޔާތުގައި ފޭލިވެފައިވާ މީހުން،" މާޓީ ލިޔުއްވައިފައިވެއެވެ.

މި ގާތިލުންނަށް އެމެރިކާގެ ރައީސުން އަވަހާރަކޮށްލަން ހިތްވަރު ލިބުނު ސަބަބުތަކުގެ ތެރޭގައި އެ މީހުންގެ ހަޔާތަށް ކުރިމަތިވި ހަގީގީ ދެރަތައް ހިމެނެއެވެ. އަދި ހަމަ އެއާކު ހަގީގީ ނޫން، ނަމަވެސް އެ މީހުންނަށް ހަގީގަތެއްހެން ހީވި ދެރަތަކާ ހުރެ ވެސް މި ފަދަ ބޮޑު ކުށެއް ކުރަން ހިތްވަރު ލިބުނެވެ. ތާރީހުގެ ތެރެއަށް ވަދެވެން އޮތީ "މިނިވަން ދުނިޔޭގެ ޒައީމު" އަވަހާރަކޮށްލައިގެން ކަމަށް މި ގާތިލުންނަށް ގަބޫލުކުރެވުނެވެ.

ރައީސް މެކިންލީ އަވަހާރަކޮށްލި ލެއޯން ސޮގޮސްއަކީ އޭނާގެ ދަށު ފަންތީގެ ދިރިއުޅުމާމެދު މާޔޫސްވި މީހެކެވެ.

ރައީސް ޖޭމްސް ގާފީލްޑް އަވަހާރަކޮށްލި ޗާލްސް ގޫޓެއޮ "ހަޔާތުގައި ކުރި ކޮންމެ ކަމެއްގައި ވަނީ ފޭލިވެފައި" ކަމަށް އެމެރިކާގެ ނޫސްވެރިޔާ ކޭންޑިސް މިލާޑް ލިޔުއްވައިފައިވެއެވެ.

"ހަޔާތް ބާއްޖަވެރި ކުރަން ކުރެވޭނެ ހުރިހާ ކަމެއް އޭނާ ކުރި ނަމަވެސް ފޭލިވީ،" ޗާލްސް އާ ބެހޭ ގޮތުން ކޭންޑިސް ލިޔުއްވިއެވެ.

ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލި ލީ ހާވީ އޯސްވޯލްޑް އާއި ސަރްހާންގެ އަހުލާގީ މައްސަލަތަކެއް ހުރުމުން އޯސްވޯލްޑް އާއި ސަރްހާން ވަނީ އެ މީހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.

ހަމަލާ ދިނުމުން ޓްރަމްޕު ހިމާޔަތްކޮށް، ސްޓޭޖުން ބާލައިގެން ގެންދަނީ

އެމެރިކާގެ ރައީސުންގެ ތެރެއިން އަވަހާރަނުކޮށްލެވުނު ރައީސުންނަށް ބަލާއިރު ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ތޯމަސް މެޓްހިއު ކްރޫކްސްގެ އުޒުރަކީ ކޮބައިކަން އަދި ނޭނގޭ ކަމަށް ތަހުގީގާ ބެހޭ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)ގެ އެޖެންޓް ކެވިން ރޯޖެކް ވިދާޅުވިއެވެ. ކްރޫކްސް މަސައްކަތް ކުރީ ބަދިގެއެއްގެ މުވައްޒަފެއްގެ ގޮތުގައެވެ.

ރައީސް ރިޗަޑް ނިކްސަން އަވަހާރަކޮށްލަން މަސައްކަތްކުރި ސެމިއުލް ބެކް އެ ގަތުލު ހިންގަން މަސައްކަތްކުރީ ނިކްސަންގެ ދައުރުގައި އެމެރިކާގައި ސިޔާސީ ކޮރަޕްޝަން ބޮޑު ކަމަށް ތުހުމަތުކޮށްފައެވެ. އަދި ނިކްސަންގެ ޒަވާޖީ ހަޔާތާއި މާލީ މައްސަލަތަކާމެދު ވެސް ސެމިއުލް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މަދްރަސީ ދައުރުގައި އޭނާ ވަނީ ގްރޭޑް ނުވައެއްއަކުން ފޭލިވެފައެވެ.

މީގެ އިތުރުން ނިކްސަނަށް ފާރަލައިގެން އުޅެފައި ފަހުން އަލަބާމާ ސްޓޭޓްގެ ގަވަރުނަރު ޖޯޖް ވޮލެސް އަވަހާރަކޮށްލަން އުޅުނު އާތަރ ބްރެމަރ އަކީ ރެސްޓޯރަންޓެއްގައި އަތްގާތްކޮށްދޭން އުޅުނު މުވައްޒަފެއްގެ އިތުރުން ފާހާނާ ސާފުކުރާ މީހެއްގެ ވަޒީފާގައި ވެސް އުޅުނު މީހެކެވެ. އަދި އޭނާއަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހުރިހާ ލޯބިވެރިންނާއެކު އޮތް ލޯބީގެ ގުޅުންތައް ވެސް ފޭލިވި މީހެކެވެ.

"ހަޔާތަކީ އަހަރެންގެ ދުޝްމަނެއް،" އާތަރ އޭނާގެ ޑައިރީގައި ލިޔެފައިވެއެވެ.

ރައީސް ރޮނަލްޑް ރޭގަން އަވަހާރަކޮށްލަން މަސައްކަތްކުރި ޖޯން ހިންކްލީއަކީ ވެސް ހަޔާތުގައި ނާކާމިޔާބު މީހެކެވެ. އޭނާ އުޅުނީ އޭނާގެ ކާމިޔާބު ބައްޕަގެ ހިޔަނީގައެވެ. އޭނާ އެއްވެސް ވަޒީފާއެއްގައި ހަރެއްނުލިއެވެ. އަދި ކިޔެވުމުގައި ވެސް ފޭލިވިއެވެ.

ގައުމުތަކުގެ ވެރިން އަވަހާރަކޮށްލަން މަސައްކަތް ކުރަނީ ހަޔާތުގައި ނާކާމިޔާބުވެފައިވާ މީހުންކަން އެންމެ ބޮޑަށް ހާމަވަނީ ފަހަރުގައި އޮސްޓްރޭލިއާގެ އިދިކޮޅު ލީޑަރު އާތަރ ކަލްވެލް އަވަހާރަކޮށްލަން މަސައްކަތްކުރި ޕީޓަރ ކޮކަންގެ މިސާލުން ކަމަށް ވެދާނެއެވެ. އޭނާ ބުނެފައިވަނީ "އާދަޔާ ހިލާފު ކަމެއް އަހަރެން ނުކޮށްފި ނަމަ އަހަރެން އެއްވެސް މީހަކަށް ނުވާނެ" ކަމަށެވެ.

އެމެރިކާގެ ރައީސް ޖެރަލްޑް ފޯޑް އަވަހާރަކޮށްލަން މަސައްކަތްކުރި ސާރާ ޖޭން މޯ އާއި ލިނެޓް ފްރޮމްއަކީ ވެސް ހަޔާތުގައި ނާކާމިޔާބު ބައެކެވެ. އެ ގޮތުން 1975 ވަނަ އަހަރަށް އެޅިއިރު ސާރާގެ ފަސް ކައިވެނި ވަނީ ރޫޅިފައެވެ. އޭނާއަށް ހަތަރު ދަރިން ލިބިފައިވެއެވެ. އެ ތަނުން ތިން ކުދިން ބެލެހެއްޓީ އޭނާގެ މަންމައެވެ. ލިނެޓްއަކީ ސާނަވީ ސްކޫލުން ފޭލިވި އަންހެނެކެވެ. ދުވަހަކު ވެސް ވަޒީފާއެއް އަދާނުކުރެއެވެ. ހަމައެކަނި ކުރިހާ ވެސް ކަމަކީ އޭނާ ބަތަލަކަށް ދުށް މިއުޒިކް ކުޅުންތެރިޔާ ޗާލްސް މޭންސަން ޖަލުން ދޫކޮށްލަދޭތޯ އެކި އިދާރާތަކަށް ހިނގުމެވެ.

އެމެރިކާގެ ވެރިން އަވަހާރަކޮށްލީ އަދި ކޮށްލަން މަސައްކަތްކުރީ ހަޔާތުގައި ނާކާމިޔާބުވެފައިވާ ބައެއް ކަމަށް ވިޔަސް އޭގެ ތެރެއިން ބައެއް މީހުން އެ މީހުންގެ ނަފުސާމެދު ދުށީ އެއީ ވަރަށް އާދަޔާހިލާފު މޮޅު ބައެއް ކަމަށެވެ. އެ ގޮތުން ގޫޓެއޮ ގަބޫލު ކުރީ އޭނާއަކީ "ވަރަށް ހާއްސަ އަދި އުއްމީދީ މީހެއް" ކަމަށެވެ.

ބްރެމަރ ގަބޫލު ކުރީ އޭނާއަކީ "ދެވަނަ ބޮޑު ހަނގުރާމައިގެ ފެށުންހާ މުހިންމު" މީހެއް ކަމަށެވެ.

"އަންޒަމާނުގެ އިންސާނުން ހޮހަޅަތަކުގައި ލިޔެފައިވާ ލިޔުންތައް ފަދައިން އަހަރެންގެ ޑައިރީގެ ސަފުހާތަކަކީ ވެސް އެންމެ ގިނައިން މީހުން ކިޔާނެ ތަކެތި ކަމަށް ވާނެ،" ބްރެމަރ ބުނެފައިވެއެވެ.

އޯސްވޯލްޑްގެ ނަޒަރުގައި އޭނާގެ ކުރިމަގު އޮތީ "މަޝްހޫރު އިންގިލާބީ ލީޑަރަކަށްވެ، ކިއުބާގެ ކުރިމަގުގެ ބޮޑު ވަޒީރަކަށް"ވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *