ބައިޕޯލާ ޑިސްއޯޑާއަކީ ގިނަ ފަހަރަށް ފަހުމް ނުވާ ބައްޔެކެވެ. ސަބަބަކީ މި ބަލި ފެންނަނީ އާދަޔާހިލާފަށް ދެކޮޅަށް ދެކޮޅަށް ކިރޭ މޫޑުތަކެއްގައި ފިތިފައިވާ ގޮތަކަށެވެ. ނަފުސާނީ އަދި ޖިސްމާނީ ގޮތުން ހަކަތަ ވިއްސިވިހައިލި ވެފައިވާ ގޮތަކަށެވެ. ނަމަވެސް، ހަގީގަތުގައި، "ބައްޔެއް"ގެ ގޮތަށްވުރެ، މީހާގައި ހުންނަ "ހާލަތެއް"އްގެ ގޮތުގައި ބައިޕޯލާ ޑިސްއޯޑާއާއެކު އުޅުމަކީ ކޮން ކަހަލަ ކަމެއް ބާވައެވެ؟
ހަގީގީ ދުނިޔޭގައި ބައިޕޯލާ ޑިސްއޯޑާ މަސައްކަތްކުރާ ގޮތް:
ބައިޕޯލާ ޑިސްއޯޑާ ފާޅުވަނީ މޫޑު ކުއްލިކުއްލިއަށް ބަދަލުވެ، ހާމަ ވަމުންދާ، ހާލަތެއްގެ ގޮތުގައެވެ.
އެއީ:
- މެނިކް ނުވަތަ ހައިޕޮމެނިކް އެޕިސޯޑްތައް:

ރާޅު ބާންޏެއްގައި ޣަރަގު ކޮށްލައި ފަދަ އިހުސާސެއް ކުރެވޭ ދަރަޖައަށް މީހާ ވެއްޓޭ ހަކަތައިގެ އޮއިވަރެއް މުޅި ހަށިގަނޑުގައި ފެތުރި، އުއްމީދުން ފުރިފައިވާ ހިޔާލާތެއް ކުރިމަތިވެ، އަދި އުފެއްދުންތެރިކަމުގެ ކޮޅުންނެތް ފަދަ "އިލްހާމެއް" ވެރިވެއެވެ. މި ފަދަ ދަނޑިވަޅުގައި މި މީހުންގެ ވާހަކަ ދެއްކުމުގައި އަވަސް ގޮތްތަކެއް ހުރެ، އެއް ފަހަރާ އެތައް މަޝްރޫއުތަކެއްގައި މަސްއޫލުވެ، އަދި ނަފުސަށް ނުރައްކާވެދާނެ އަމަލުތައް ކުރުމަކަށް ވެއްޓިދާނެއެވެ. މިސާލަކަށް، ކެރިކުޅަދާނަކަން ނެތް މިންވަރަށް ހަރަދުބަރަދު ކުރުމާއި ގޮތެއްފޮތެއް ބަލައި ނުލައި މަގުމަތީގައި ދުއްވާ އެއްޗެހި އަވިއްސެއް އެނބުރޭހެން ދުއްވުމެވެ. އެންމެ ނުރައްކާތެރި ހާލަތްތަކުގައި މެނިއާގެ ސަބަބުން "ޑިލޫޝަން" ނުވަތަ ހަގީގަތް ނޫނަސް އަމިއްލަ ހަގީގަތެއް ކަމަށް ބަލައިގެން އަމިއްލަ ގޮތްތަކެއް ގަބޫލު ކުރުމާއި "ހެލޫސިނޭޝަންސް" ނުވަތަ ނެތް އެއްޗެއް ހުރި އެއްޗެއްގެ ގޮތުގައި ފެނުމާއި ނެތް އަޑުތަކެއް އެއީ އިވޭ އަޑުތަކެއް ކަމަށް އިހްސާސް ކުރެވުން ހިމެނެއެވެ. ޑިލޫޝަން އާއި ހެލޫސިނޭޝަންސް އެކުވުމުން ކިޔޭ "ސްކިޓްޒޮފްރޭނިއާ"އަކީ ބައެއް މީހުން ހަމަ ބުއްދި ފިލައި ދިއުމުން ނުވަތަ ދުނިޔެއިން މޮޔަވުމުން ކިޔާ "ސައިކޮސިސް"ގެ އަލާމާތެވެ.
- ޑިޕްރެޝަން އެޕިސޯޑްތައް:

މި ފަދަ އެޕިސޯޑްތަކުގައި ހިތާމަވެރިކަމާއި އުއްމީދު ގެއްލިފައިވުމާއި އަދި ކަންތައްތައް ކުރާ ހިތް ނުވުމުގެ އިހްސާސްތައް ކުރެވޭނެއެވެ. މިހެންވުމުގެ ސަބަބުން އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވެ، އެ ހަޔާތުން ބަރީއަވެ، ހަށިގަނޑުގައި ހަކަތަ ނެތް ކަމުގެ ވޭނާ ދެކޮޅަށް ހަނގުރާމަކޮށް، އަދި ކަންތައްތައްތަކަށް ސަމާލުކަން ދިނުމުގައި ދަތިތަކާ ކުރިމަތިވާނެއެވެ. އެންމެ ސީރިއަސް ހާލަތްތަކުގައި އަމިއްލަ ނަފުސަށް ގެއްލުން ދީ އަދި އަމިއްލަ އަތުން ފުރާނަ ގެއްލުވައިލައި ދަރަޖައަށް ވެސް މީހާ ވެއްޓިދާނެއެވެ.

މި ފަދަ މޫޑު ބަދަލުވުންތަކަކީ ދޭތެރެދޭރެއިން ހާލަތަކުން ފަހަރެއްގައި ދިމާވާ، އުފާވެރިކަމުން ހިތާމައަށް ބަދަލުވެ، އަނެއްކާ އޭގެ އަނެއްކޮޅަށް ޖަހާ ކަހަލަ ހާލަތްތައް އެކަންޏެއް ނޫނެވެ. ނަމަވެސް ދުވަހުގެ އާއްމު އާދައިގެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ވެސް ހުރަސް އަޅައިފައިނެ ފަދަ ހައްދުފަހަނަޅާ ހިނގައިދާނެ ހާލަތަކަށް ހިނގައިދާނެ ގޮތެކެވެ.

މި ހާލަތްތައް ކުރިމަތިވަމުން ހިނގައިދާނެ އަދަދާއި އަދި މި އެޕިސޯޑްތަކުގެ ވަރުގަދަކަން އެކި މީހުންނަށް ދިމާވުން އެކަށީގެންވަނީ އެކި ގޮތްގޮތަށެވެ. ސްޓްރެސްވުމާއި ނުވަތަ ނުކުރެވޭ ވަރުގެ ކަންތައްތައް ބޮލަށް ލައިގެން އުޅުމުން ސިކުނޑިއަށް ލިބޭ އުނދަގޫތަކާއި ނިދި ހަލާކުވުމާއި އަދި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ އަމަލުތަކުގެ ސަބަބުން މި ފަދަ އެޕިސޯޑްތަކުގެ ސީރިއަސްކަން އިތުރުވުން އެކަށީގެންވެއެވެ.
ބައިޕޯލާ ޑިސްއޯޑާއަށް ފަރުވާ ހޯދުން:

ބައިޕޯލާ ޑިސްއޯޑާ މެނޭޖް ކުރަން ކުރެވިދާނެ ކަންތައްތައްތަކުގެ ތެރޭގައި ސިއްހީ ފަރުވާ އާއި އަމިއްލަ ނަފުސަށް ފަރުވާތެރިކަމާއެކު ހިތުމާއި އަދި ތިމާ ދެކެ ލޯބިވާ މީހުންގެ ފަރާތުން ހިތްވަރު ލިބިގަތުން ހިމެނެއެވެ.
މި ފަދަ އެހީތައް ހޯދިދާނެ ގޮތްތައް:

- ސިއްހީ ގޮތުން ޑައިގްނޯސް ކުރުން ނުވަތަ ބައްޔެއް ނުވަތަ ހާލަތެއް ހޯދައިގަތުން:
ތިބާއަށް ނުވަތަ ތިބާ ދަންނަ މީހަކު ބައިޕޯލާ ޑިސްއޯޑާގެ ހާލަތާއެކު އުޅޭ ކަމަށް ޝައްކު ކުރެވޭ ނަމަ، ނަފުސާނީ އިލްމުން ތަމްރީންވެފައިވާ މީހެއްގެ މަޝްވަރާ ހޯދާށެވެ. "ސައިކޮލޮޖިސްޓެ"އް ނުވަތަ ނަފުސާނީ އިލްމުން ތަމްރީންވެފައިވާ ސިއްހީ އެހީތެރިއެއް، ނުވަތަ "ސައިކިއެޓްރިސްޓެ"އް ނުވަތަ "ބަލި" މީހުންނަށް ބޭސް ދިނުމަށް ހުއްދަ ދެވިފައިވާ ނަފުސާނީ އިލްމުވެރިއަކަށް ބައިޕޯލާ ޑިސްއޯޑާގެ ނިޝާންތައް ދެނެގަނެވޭނެއެވެ. އަދި ރަނގަޅު ޑައިގްނޯސިސްއެއް ދެވޭނެއެވެ.

- ބޭސް:
މޫޑު ހަމަޖައްސައިދޭ ބޭހާއި އެންޓިސައިކޮޓިކްސް އަދި އެންޓިޑިޕްރެސެންޓްސްއަކީ ބައިޕޯލާ ޑިސްއޯޑާގެ އަލާމާތްތަކަށް އާއްމު ގޮތެއްގައި ދޭ ބޭސްތަކެވެ. ބޭހުގެ ސަބަބުން މޫޑަށް އަންނަ ބަދަލުތައް ހަމައަކަށް އަޅުވައި އަދި ކުރިމަގުގައި މޫޑު އިރުއިރުކޮޅާ ބަދަލުވާ ހާލަތް ރަނގަޅު ކޮށްދިނުމަށް އެހީއަކަށްވެދެއެވެ.

ހ) އެންޓިސައިކޮޓިކްސް:
މިއީ ބުއްދި ފިލައި ދިއުމުން ނުވަތަ "ސައިކޮސިސް" ދިމާވުމުން މައިގަނޑު ގޮތެއްގައި ދޭ ބޭހެކެވެ. ސައިކޮސިސްއަކީ ހަގީގީ ދުނިޔެއަކީ ކޮން އެއްޗެއްކަން ސިކުނޑިއަށް އޮޅުން އެރުމުން ދިމާވާ ހާލަތެކެވެ. މިއީ ސްކިޓްޒޮފްރޭނިއާ އާއި ބައިޕޯލާ ޑިސްއޯޑާއާ ގުޅުން ހުރި ކަމެކެވެ. މި ފަދަ ބޭސްތަކުން ހައްލު ހޯދައިދެނީ "ހެލޫސިނޭޝަންސް" (ނެތް އެއްޗެހި ފެނި، ނެތް އަޑު އިވުން)، "ޑިލޫޝަންސް" (ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ތިމާގެ އަމިއްލަ ގޮތްތައް ގަބޫލު ކުރަމުން ދިއުން)، އަދި "ޑިސްއޯޑާޑް ތިންކިން"އަށެވެ.

ޑިސްއޯޑާޑް ތިންކިންއަކީ "ތޯޓް ޑިސްއޯޑާ"އެވެ. މި ކަމުގައި ވާ ގޮތަކީ މީހާގެ ސިކުނޑީގައި ހިޔާލުތައް އުފެދޭ ގޮތާއި އެ ތަކެތި ވިލަރެސް ވާ ގޮތަށް ބުރޫ އެރަނީއެވެ. ނަތީޖާއަކީ ސާފު ނޫން، ބުއްދި ހަމަނުޖެހޭ އަދި ވަކިވަކިވެފައިވާ ފަދަ ގޮތަކަށް ވިސްނުންތައް ނުވަތަ ހިޔާލުތައް ބައްޓަންވުމެވެ. މި ކަން ފާޅުވުން އެކަށީގެން ވަނީ ރަނގަޅަށް އަތުރާ ނުލެވޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ކަންތައްތަކަށް ސަމާލުކަން ނުދެވުމާއި އެއް ވާނެއްގައި ސިކުނޑީގައި އުފެދޭ ހިޔާލުތަކައިގެން ކުރިއަށް ނުދެވުމެވެ. ޑިސްއޯޑަޑް ތިންކިން އަކީ ސްކިޓްޒޮފްރޭނިއާ އާއި އެއާ ގުޅިފައިވާ ސައިކޮސިސްގެ މައިގަނޑު ސިފައެކެވެ. ނަމަވެސް ހަމައެއާއެކު ބައިޕޯލާ ޑިސްއޯޑާ، "ޑިޕްރެޝަން"، "ޑިލިރިއަމް" އަދި ބައެއް ކަހަލަ "ޑެމެންޝިއާ"ގެ ހާލަތްތަކެވެ.

"ޑިޕްރެސް"ވުމަކީ އާއްމުކޮށް ނަފުސާނީ ހާލަތަށް އަރާ "އޮޅުމެ"ކެވެ. މީގެ ސަބަބުން "ޑިޕްރެސްޑް" މޫޑެއް ނުވަތަ ކަންތައްތައް ކުރާ ހިތް ނުވުމާއި އުފާ ލިބޭ ކަންކަމާއި ޝައުގު ހުންނަ ކަންތައްތަކުން އެ ޝައުގުވެރިކަން ދިގު މުއްދަތަކަށް ގެއްލެއެވެ.

އެންޓިސައިކޮޓިކްސްއަކީ ސައިކޮޓްރޮޕިކް ބޭހުގެ ގިންތިއެކެވެ. މިއީ، މައިގަނޑު ގޮތެއްގައި "ސައިކޮސިސް" ނުވަތަ ހަގީގީ މާހައުލާ ގުޅުން ކެނޑި، ވިސްނުން އޮޅުންބޮޅުންވެ، އަދި ވާހަކަ ދައްކަން ދަތިވެ، ސްކިޓްޒޮފްރޭނިއާ އާއި ބައިޕޯލާ ޑިސްއޯޑާއާ ގިނަ ފަހަރަށް ގުޅުން ހުންނަ ހާލަތެކެވެ. މި ފަދަ ބޭސްތައް މަސައްކަތް ކުރަނީ ސިކުނޑީގެ ކެމިކަލް ވިއުގައަށް ނުފޫޒު ފޯރުވައިގެން ހެލޫސިނޭޝަން، ޑިލޫޝަން އަދި ޑިސްއޯޑާޑް ތިންކިންގެ އަސަރުތައް ކުޑަކޮށްގެންނެވެ.

އެންޓިޑިޕްރެސެންޓްސްއަކީ ޑިޕްރެޝަން އާއި "އެންޒައިޓީ ޑިސްއޯޑާ" ފަދަ އެހެނިހެން ނަފުސާނީ ހާލަތްތަކަށް މައިގަނޑު ގޮތެއްގައި ފަރުވާ ދޭ ގިންތިއެއްގެ ބޭހެވެ. އެންޒައިޓީ ޑިސްއޯޑާއަކީ "އެންޒައިޓީ" އަދި "ފިއާ" ނުވަތަ ބިރުވެރިކަމުގެ ސިފަތައް ޖެހިފައިވާ، ފާހަގަ ކުރެވޭ މިންވަރަށް އަދި ކޮންޓްރޯލެއް ނެތް މިންވަރުގެ ނަފުސާނީ އޮޅުންބޮޅުންތަކެއްގެ ބައިގަނޑެކެވެ. މި ކަމުގެ ސަބަބުން މީހާގެ އިޖުތިމާއީ، މަސައްކަތު ދާއިރާ އަދި ޒާތީ ދިރިއުޅުމަށް ފާހަގަ ކުރެވޭ މިންވަރަކަށް ބުރޫއަރައެވެ.

އެންޒައިޓީއަކީ ބިރުވެރިކަމާއި ބިރުވެރިކަމެއް ދިމާވެދާނެކަމަށް ހީކުރެވުމާއި އަދި މި ކަންތައްތަކާ ނުގުޅި ވެސް ބައެއް ފަހަރަށް ގޮތް ނޭނގޭ ގޮތަކަށް ސިކުނޑިއަށް ނުތަނަވަސްކަމެއް ލިބުމެވެ. މިހެން ވުމުގެ ސަބަބުން އެ މީހަކު ދާހިއްލައި، ސިކުނޑިއަށް ކޮންމެވެސް ކަހަލަ އުނދަގޫތަކެއް އިހްސާސް ކުރެވޭތީ މީހާއަށް ހަމަޖެހިލައިގެން މަޑުމައިތިރިކަމާއެކު އުޅެލަން އުނދަގޫވެ، އަދި ހާސްވުމުގެ ސަބަބުން ޖިސްމާނީ ގޮތުން ވެސް މީހާގެ ހަރަކާތްތެރިކަން ގަނޑުވާ ހިސާބަށް ދެއެވެ. އަދި ހިތުގެ ވިންދު ވެސް އަވަސްވެއެވެ.

މިއީ ސްޓްރެސް ނުވަތަ ހިތް ނޭދޭ ހާލަތެއް ދިމާވުމުން ނަފުސާނީ ގޮތުންނާއި ޖަޒުބާތީ ގޮތުން ކުރިމަތިވާ ހާލަތަކަށް އާއްމު ގޮތެއްގައި މީހާއަށް ދިމާވާ ހާލަތެކެވެ. މިސާލަކަށް، މަސައްކަތު ދާއިރާގައި ހައްލު ކުރަން ދަތި މައްސަލައެއް ނުވަތަ އިމްތިހާނެއް ހެދުމުގެ ކުރިން ނުވަތަ މުހިންމު ނިންމުމެއް ނިންމަން ޖެހޭ ހާލަތާ ކުރިމަތިވުމުން އެ އިހުސާސް ކުރެވޭ، ކުރިމަގުގައި ނަތީޖާ ނުކުންނާނެ ގޮތް ނޭނގޭ ކަމެއް ދިމާވުމުން ނާރުތަކަށް ލުއި ނުލިބުން ކަހަލަ ހާސްކަމެކެވެ.

އެންޓިޑިޕްރެސެންޓްސްއަކީ ޑިޕްރެޝަން އާއި އެންޒައިޓީ ޑިސްއޯޑާ ފަދަ އެހެނިހެން ނަފުސާނީ ސިއްހީ ހާލަތްތަކަށް އަސާސީ ގޮތެއްގައި ފަރުވާ ދޭ ގިންތިއެއްގެ ބޭހެވެ. މި ފަދަ ބޭސް މަސައްކަތް ކުރަނީ ސިކުނޑީގައި ހުންނަ ކެމިކަލް މާއްދާތަކުގެ މިންވަރަށް ނުފޫޒު ފޯރުވަމުންނެވެ. މި ކެމިކަލްތަކަށް ކިޔައީ "ނިއުރޯޓްރާންސްމީޓަރު"އެވެ. ގަބޫލު ކުރެވޭ ގޮތުގައި މި ކެމިކަލްތަކަކީ މޫޑާއި ޖަޒުބާތުތައް ބަލަހައްޓައި ދިނުމުގައި ދައުރެއް އަދާކުރާ މާއްދާތަކެކެވެ.

ޑިޕްރެޝަންގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށްޓަކައި އެންޓިޑިޕްރެސެންޓްސްއަކީ ކުޅަދާނަ ބޭހެވެ. ނަމަވެސް ފާހަގަ ކުރެވޭ މިންވަރެއްގެ ނަތީޖާ ފެންނަން އެތައް ހަފުތާއެއް ނަގައިފައިނެއެވެ.
"ތެރަޕީ" ނުވަތަ ކައުންސެލިން ފަރުވާ:

ނަފުސާނީ ހާލަތްތަކަށް ދޭ ކައުންސެލިން ފަރުވާ ނުވަތަ "ސައިކޯތެރަޕީ" ތެރޭގައި ހިމެނޭ "ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ" (ސީ.ބީ.ޓީ)އިން، ނަފުސާނީ ހާލަތްތަކަށް ހުށަހެޅޭ "ޓްރިގާ" ނުވަތަ ހަރަކާތްތެރިކަން ގެންނަން މެދުވެރިވާ ކަންތައްތަކާއި، އެ ކަމާ ކުރިމަތިލައި އެ ކަން ތަޖުރިބާކުރުމުގެ އުކުޅުތަކާއި އަދި ޖަޒުބާތުތައް ބެލެހެއްޓުމަށް ކުރިއެރުވުން ލިއްބައިދެއެވެ.

"ފެމިލީ ތެރަޕީ" ނުވަތަ އާއިލީ ކައުންސެލިންގެ ސަބަބުން، ކުއްޖާގެ ހާލަތް ދެނެގަނެ، އެ ކުއްޖާއާ މުއާމަލާތް ކުރުން ހަރުދަނާ ކުރުމަށް، އެ ކުއްޖާގެ ގާތް މީހުންނަށް އެހީއަކަށްވެއެވެ.
"ލައިފްސްޓައިލް" ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި އާއި ފޭޑިއަށް ބަދަލުތަކެއް ގެނައުން:

- ގަވައިދުން ނިދި ހަމަކުރުމަށް ދުވަސް ރައިވައިލުން
- ވަށާޖެހޭ ސިއްހީ ދުޅަހެޔޮކަމަށް ގަވައިދުން ކަސްރަތުކުރުން
- ނޭދެވޭ ނަފުސާނީ ހާލަތްތަކުގެ އަލާމާތްތައް އިތުރަށް ގޯސް ކުރުވައިފައިނެ ކަންތައްތައް ކަމަށްވާ ބަނގުރާ ބުއިމާއި މުނިފޫހިލުވައިދޭ މަސްތުވާތަކެތި އިސްތިއުމާލު ކުރުމާ ދުރުވުން
- މައިންޑްފުލްނެސް ނުވަތަ އެހެނިހެން ވެސް މެޑިޓޭޝަންގެ އުކުޅުތައް ބޭނުންކޮށްގެން ސްޓްރެސްއިން ދުރުވާން ފަރިތަކުރުން
"ސަޕޯޓް ނެޓްވޯކް" ނުވަތަ އެހީ ދޭ ފަރާތްތައް ހިމެނޭ ވިއުގަ:

މި ފަދަ ގްރޫޕްތަކާއި އޮންލައިން މުޖުތަމައުތަކުގައި ބައިވެރިވުމުން، މި ފަދަ ނަފުސާނީ ހާލަތްތައް ތަޖުރިބާ ކުރަމުންދާ އެހެނިހެން ފަރާތްތަކާ ގުޅުން ގާއިމު ކުރުމަށް އެހީއަކަށްވެއެވެ. އަމިއްލަ ތަޖުރިބާތަކުގެ ވާހަކަތައް ހިއްސާ ކުރުމުންނާއި އަދި ނަސޭހަތާއި އިރުޝާދު ލިބުމުން ތިބާ އެކަހެރިވެފައިވާ ކަމަށް ކުރެވޭ އިހްސާސްތައް ކުޑަކޮށްދެއެވެ.
"އެމަޖެންސީ ހެލްޕް" ނުވަތަ ކުއްލި އެހީ:

އަމިއްލައަށް މަރުވުމުގެ ހިޔާލުތައް ތަޖުރިބާކުރާ ފަރާތްތަކާއި ނުވަތަ ސީރިއަސް ނަފުސާނީ ހާލަތްތަކުގެ އަލާމާތްތައް ފެންނަ މީހެއް ތިބާއަށް އެނގޭ ނަމަ، "އެމަޖެންސީ ސާވިސަސް" ނުވަތަ ކުއްލި އެހީ ދޭ ފަރާތްތަކާއި ނުވަތަ "ކްރައިސިސް ހޮޓްލައިން" ނުވަތަ ނުރައްކާތެރި އަދި ވަރަށް ބޮޑަށް ދަތިވެއްޖެ ހާލަތެއްގައި ގުޅަން ޖެހޭ ފަދަ، 24 ގަޑިއިރުގެ ހިދުމަތް ހިލޭ ދޭ "ހޮޓް ލައިން" ނަންބަރަކާ ގުޅައިލައިށެވެ.
ހަގީގީ ދުނިޔޭގައި ބައިޕޯލާ ޑިސްއޯޑާ:

މިއީ މުޖުތަމައުގެ އެކި މަސައްކަތު ދާއިރާ އާއި އެކި ފަންތީގައި ހިމެނޭ ހުރިހާ އެންމެންނަށް ވެސް ކުރިމަތިވާ ނަފުސާނީ ހާލަތެކެވެ. އޭގެ ތެރޭގައި ދަރިވަރުންނާއި އެކި ދާއިރާތަކަށް ހާއްސަ މަސައްކަތްތެރިންނާއި ބެލެނިވެރިންނާއި އަދި ފަންނާނުން ވެސް ހިމެނެއެވެ.

މަޝްހޫރު ޝަހްސިއްޔަތުތަކާއި ލީޑަރުން ފަދަ ކާމިޔާބު ފަރުދުން، އެ މީހުންގެ ބައިޕޯލާ ޑިސްއޯޑާ ހާލަތާ ބެހޭ ގޮތުން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެ މީހުންގެ ތަޖުރިބާތައް ހިއްސާކޮށްފައިވެއެވެ. މި ކަމުގެ ސަބަބުން މިއީ ނުދައްކާ ވާހަކައެއްގެ ގޮތަށް އޮތް އޮތުމުން ތޮށިގަނޑު ފަޅައިލައިފައި އާއްމު މަންސަތަކަށް މިހާރު އައުމުގެ ސަބަބުން މި ނަފުސާނީ ހާލަތް ތަހައްމަލު ކުރަމުންދާ ފަރާތްތަކުން މި ކަމުގައި އެހީ ހޯދުމަށް ހިތްވަރަކަށްވެއެވެ.

މަސައްކަތު ދާއިރާގައި ބައިޕޯލާ ޑިސްއޯޑާ ހުންނަ ފަރުދުންނަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެ ގޮތުން މޫޑު ބަދަލުވުމުގެ މަރުހަލާތަކެއްގެ ތެރޭގައި ވެސް، އުފެއްދުންތެރިކަމުގައި ހަރަކާތްތެރިވުން ކުރިއަށްގެންދިއުމާއި ސްޓްރެސް ބެލެހެއްޓުން ހިމެނެއެވެ.

ސިކުނޑިއަށް ހަމަޖެހުން ލިބޭ ތަންވަޅުގައި، ވަޒީފާ ދޭ ފަރާތާ ދެމެދު ހުޅުވިފައިވާ ގޮތަކަށް މުއާމަލާތް ކުރުމާއި އަދި ނަފުސާނީ ގޮތުން ކުޅެދުންތެރިކަން ކުރިއަރުވައިދޭ ގޮތަށް ވަޒީފާގެ މާހައުލުގެ ކަންތައްތައް ބައްޓަން ކޮށްދިނުމުން ފާހަގަ ކުރެވޭ މިންވަރަކަށް، ބައިޕޯލާ ޑިސްއޯޑާ ހުންނަ މުވައްޒަފުންނަށް ނަފުސާނީ ހަމަޖެހުން ގެނުވައިދެއެވެ.

އިންސާނީ ގުޅުންތަކަށް ބަލާއިރު، ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހާގެ ހާލަތު ފަހުމްވެ، އަދި އޭނާއާމެދު ކެތްތެރިކަން ބެހެއްޓުމަކީ އޭނާ ދެކެ ލޯބިވާ މީހުންގެ ކިބައިން ފެންނަން ޖެހޭ ކޮންމެހެން މުހިންމު ސިފައެކެވެ. އޭނާގެ އެ ހާލަތާމެދު ހޭލުންތެރިވުމުން އޭނާއާމެދު ހަމްދަރުދީއާއެކު އަމަލުކޮށް، އަދި އޭނާއާއެކު އޮންނަ ގުޅުންތައް ހަރުދަނާ ކުރެވޭނެއެވެ.
ނިންމުން އަދި ހުށަހެޅުންތަކެއް:

ބައިޕޯލާ ޑިސްއޯޑާއަކީ މުޅި ހަޔާތަށް ދެމިގެންދާ ނަފުސާނީ ހާލަތެކެވެ. ނަމަވެސް ރަނގަޅު ފަރުވާ އާއި އެހީތެރިކަމުގެ ނިޒާމަކާއެކު ދިރިއުޅުން ނުހަނު ބޮޑަށް ފޮޅިގެންދާނެއެވެ. މި ކަމުގެ ތަޅުދަނޑިއަކީ ކުރީއްސުރެ ފަރުވާ ފަށައި، އެ ކަން ކުރިއަށް ގެންދިއުމުގައި ދެމިހުރެ، އަދި އިސްނަގައިގެން އަލާމާތްތައް ބެލެހެއްޓުމެވެ. ހޭލުންތެރިކަން އިތުރުކޮށް، އަދި އެ ފަދަ ނަފުސެއްގެ ނަފުސާނީ ހާލަތު ފަހުމްވުމުގެ މަތީގައި ދެމިހުރުމުން، އެހީތެރިކަން ހޯދައިގެން ފުރިހަމަ ދިރިއުޅުމެއް ލިބިފައިވުމުގެ އިހުސާސް ކުރެވޭ ބާރުވެރިކަމެއް ނަފުސުގައި އަށަގަނެވޭ ފަދަ ބައިޕޯލާ ޑިސްއޯޑާ ނަފުސާނީ ހާލަތް ހުންނަ މީހުންނަށް އަހަރެމެންނަށް ދުނިޔެއެއް އީޖާދުކޮށްދެވޭނެއެވެ.
- ނޯޓް: މިއީ ސިކުނޑީގެ ހާލަތްތައް ދިރާސާ ކުރައްވާ ދާއިރާގައި މަތީ ތައުލީމު ހާސިލު ކުރައްވަމުންދާ އަލީ އަލްޔާން ސައީދު ލިޔުއްވި ހާއްސަ ރިޕޯޓްގެ ތަރުޖަމާއެއް




advertisment