Support Us

އީރާނު ހަނގުރާމަ އަވަސްއަރުވާލައިގެން ނިންމައިލައިކަށް ނޫޅެން: ޓްރަމްޕް

އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ އަވަސްއަރުވައިލައިގެން ނިންމައިލައިކަށް ނޫޅޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.

"އީރާނާއެކު އަވަހަށް ސުލްހަވާކަށް ވެސް ނޫޅެން،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ ޑިޕްލޮމެޓިކް ހައްލަކަށް ފަހު ފުރުސަތެއް ދޭން ގަލްފުގެ ގައުމުތަކުން އެދިފައިވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އަދިވެސް އެންމެ އިސްކަން ދެއްވަނީ ޑިޕްލޮމެސީއަށްވުރެ އަސްކަރީ ހައްލަކަށް ކަމަށެވެ. އެ ގޮތުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމް ނައްތައިލަން ކޮންމެހެން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

އީރާނުން ބުނީ އެމެރިކާއިން އަލުން ހަނގުރާމަ ކުރިއަށް ގެންގޮސްފިނަމަ އީރާނުން "ވަރުގަދަ ރައްދެއް ދޭނެ" ކަމަށެވެ.

"ހަނގުރާމަ ދެން ފެތުރިގެންދާނީ މެދުއިރުމަތިން ބޭރަށް،" އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ބޭއްވި އީރާންގެ ޑެލިގޭޝަންގެ ވެރިޔާ މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވިއެވެ.

އިސްރާއީލުން ބުނީ ހަނގުރާމަ އަލުން ފެށިދާނެތީ އިސްރާއީލު އަލާޓަށް ގެނެސްފައިވާ ކަމަށެވެ. ޓްރަމްޕް އިއްޔެ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯން ކުރައްވާ ހަނގުރާމަ އަލުން ފެށުމުގެ ވިސްނެވުމަކާމެދު މަޝްވަރާކުރައްވައިފައެވެ. ކޯލަށްފަހު ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫ ހަދާނީ ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވާ ގޮތެއް ކަމަށެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އިއްޔެ ޗައިނާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވުމަށްފަހު ޝީ ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އީރާނަށް ހަމަލާދިނުމަކީ "އެދެވިގެންވާ ކަމެއް ނޫން" ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 108 ޑޮލަރު (1،665ރ.)އަށް ދަށްވެފައެވެ. އެއީ އިއްޔެ 110 ޑޮލަރު (1،696ރ.)ގައި ހުރުމަށްފަހުއެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *