Support Us

ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން (ވ) ޗައިނާގައި އިއްޔެ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވަނީ

ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ޗައިނާ، ރަޝިޔާ އެއްބައިވަންތަކަމުގައި ދެމިތިބޭނެ ކަމަށް ބުނެފި

ހުޅަނގުގެ ގައުމުތަކުން ކުރިމަތިކުރަމުންދާ ޕްރެޝަރާ ދެކޮޅަށް އެއްބައިވަންތަކަމުގައި ދެމިތިބޭނެކަމަށް ޗައިނާ އާއި ރަޝިޔާއިން ބުނެފިއެވެ.

ދެ ގައުމުން މިހެން އިއްޔެ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމުގެ ކުރިންނެވެ.

ޗައިނާގައި އިއްޔެ ޕުޓިން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުމުގެ އެތައް އެއްބަސްވުމެއްގައި ދެ ލީޑަރުން ސޮއިކުރެއްވިއެވެ. އެއްބާރުލެއްވުމަށް އެއްބަސްވެ ވަޑައިގަތް ދާއިރާތަކުގެ ތެރޭގައި ވިޔަފާރި، ހަކަތަ އަދި ޓެކްނޮލޮޖީ ހިމެނެއެވެ.

"ދުނިޔޭގައި ކަންތައްތައް މިހާރު ހުރި ގޮތުން ގައުމުތައް ޖަންގަލީގެ ގާނޫނަށް ވެއްޓިދާނެ. ދުނިޔޭގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ޗައިނާ އާއި ރަޝިޔާއިން އެކުގައި މަސައްކަތްކުރަން ޖެހޭނެ،" ޝީ ވިދާޅުވިއެވެ.

ޕުޓިން ވަނީ ޗައިނާ އާއި ރަޝިޔާއާ ދެމެދު އޮތް "ރަހްމަތްތެރިކަމުގެ ގުޑުމެއް ނާރާ ބިންގަލަ"ށް ތައުރީފުކުރައްވައިފައެވެ.

"ޗައިނާ އާއި ރަޝިޔާގެ ގުޅުންތަކަކީ ދުނިޔެއަށް ހަމަޖެހުން ގެނެސްދޭ ގުޅުންތަކެއް،" ޕުޓިން ވިދާޅުވިއެވެ.

ސިޔާސީ ދިރާސާވެރިން ބުނީ ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ކުރަމުންދާ ހަތަރު އަހަރުވީ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއިން ޗައިނާއަށް ބަރޯސާވުން އިތުރުވަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *