Support Us

އީރާންގައި ނިއުކްލިއަ ޕްރޮގްރާމް ހިންގާ މަރުކަޒެއް

ނިއުކްލިއަ ޕްރޮގްރާމް ހުއްޓައިލަން އެމެރިކާއިން އެދޭ ޝަރުތާއެކު ސުލްހައިގެ މުއާހަދާއަކަށް އެއްބަހެއްނުވާނަން: އީރާން

ނިއުކްލިއަ ޕްރޮގްރާމް ހުއްޓައިލަން އެމެރިކާއިން އެދޭ ޝަރުތާއެކު ސުލްހައިގެ މުއާހަދާއަކަށް އެއްބަސްނުވާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން މިހެން ބުނީ އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ޕްލޭނާ ގުޅިގެން އީރާނުން ހުށަހެޅި ޕްލޭނެއްގައެވެ.

އީރާންގެ ހުށަހެޅުމުގައި ބުނެފައިވަނީ އީރާނުގައި ފައްކާކޮށްފައިވާ ޔުރެނިއަމް މާއްދާގެ ސްޓޮކް އެމެރިކާއާ ހަވާލުކުރަން އެމެރިކާއިން އެދުނަސް އެ ކަން ނުކުރާނެ ކަމަށެވެ. އަދި އީރާންގެ ބިންގަރާސް ނިއުކްލިއަ މަރުކަޒުތައް ނައްތައިލަން އެމެރިކާއިން އެދިފައިވާ އެދުމާ ވެސް ދެކޮޅުހަދާ ކަމަށެވެ.

އީރާނުން މި ޑީލް ހުށަހެޅީ އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް މިއަދު ދޭން ތައްޔާރުވެފައިވަނިކޮށް، ޑިޕްލޮމެޓިކް ފަހު ފުރުސަތަކަށް ޖާގަ ދޭން، އެ ހަމަލާތައް ނުދީ ދެތިން ދުވަހު މަޑުކޮށްލަން އެމެރިކާގެ ކިބައިން ގަލްފުގެ ގައުމުތަކުން އެދުމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ހިމެނެއެވެ. ގަލްފު ގައުމުތަކުގެ ނުތަނަވަސްކަން އޮތީ "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ނަމުގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އަލުން ކުރިއަށް ގެންގޮސްފިނަމަ، އީރާންގެ ހަމަލާތައް ގަލްފު ގައުމުތަކަށް އަނެއްކާވެސް އަމާޒުވެދާނެތީއެވެ.

އީރާންގެ އާ ހުށަހެޅުމާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ އެމެރިކާއިން ބޭނުންވާ ކަންތައްތަކަށް ދުލެއް ނުދެއްވާނެ ކަމަށެވެ.

"އަހަރެމެންގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް. ހިނދުކޮޅެއްގެ ތެރޭގައި ވެސް އީރާނަށް ފުރިހަމަ އަދި ފުޅާ ދާއިރާއެއްގެ ހަމަލާދެވޭނެ ގޮތަށް. އެއީ ސުލްހައިގެ ވާހަކަތައް ފޭލިވެއްޖެނަމަ،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އަދިވެސް ނުތަނަވަސްކަން އޮތުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 110 ޑޮލަރު (1،696ރ.)އަށް މައްޗަށް ޖެހިލައިފައެވެ. އެއީ އިއްޔެ 109 ޑޮލަރު (1،680ރ.)ގައި ހުރެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ އާއި އީރާނުން މިއަދު މެ ސުލްހަ ވިޔަސް، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާނުން ބަންދުކޮށްލިކޮށްލުމުގެ ނޭދެވޭ އަސަރު އަންނަ އަހަރަށް ވެސް ދެމިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *