Support Us

ފަސް އަހަރުގެ އެކަހެރި ބަންދަށްފަހު ސޫ ކީ ގޭބަންދަށް

ފަސް އަހަރުގެ އެކަހެރި ބަންދެއްގައި ބެހެއްޓުމަށްފަހު ވެރިކަމުން ވައްޓައިލި މިޔަންމާގެ ޑިމޮކްރެސީ ލީޑަރު އަންގް ސަން ސޫ ކީ ގޭބަންދަށް ބަދަލުކޮށްފިއެވެ.

ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ އުމުރުން 80 އަހަރުގެ ސޫ ކީ (ފޮޓޯ) ވަނީ 20 އަހަރު އެކި ބަންދުތަކުގައި ބަހައްޓައިފައެވެ. އެއީ ސިޔާސީ ބޭނުމުގައި ކޮށްފައިވާ ޝަރީއަތަށްފަހު ކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އޭނާގެ ވެރިކަން ވައްޓައިލީ 2021 ގައި ގެނައި ބަޣާވާތެއްގައި މިހާރުގެ ރައީސް، ކުރީގެ އަސްކަރީ ވެރިޔާ މިން އަންގް ހަލައިންގްއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނީ ސޫ ކީ ގޭބަންދަށް ބަދަލުކުރީ ހަލައިންގްގެ ސަރުކާރު ގިނަ ގައުމުތަކުން ގަބޫލުކުރޭތޯ މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

ވޭތުވެދިޔަ ފަސް އަހަރު ސޫ ކީ އެކަހެރި ބަންދުގައި ބެހެއްޓީ އޭނާގެ އާއިލާއަށް ވެސް އޭނާ ބަންދުކޮށްފައިވަނީ ކޮން ތަނެއްގައިކަން ނާންގައެވެ.

"އަހަރެން އުއްމީދުކުރަނީ މިއީ ތެދު ހަބަރެއް ކަމަށް. ގޭބަންދަށް މަންމަ (ސޫ ކީ) ބަދަލުކުރިކަމުގެ ހެއްކެއް އަހަރެންނަށް އަދި ލިބިފައެއް ނެތް. އެހެންވީމާ އަހަރެންނަށް މަންމައާ ސީދާ މުއާމަލާތް ނުކުރެވޭހާ ހިނދަކު ނުވަތަ މަންމަގެ ހާލަތާއި ހުރި ތަން މިނިވަން މުސްތަގިއްލު ފަރާތަކުން ކަށަވަރު ނުކޮށްދޭހާ ހިނދަކު، ސަރުކާރުން ކުރާ އެއްވެސް ކަމެއް އަހަރެން ގަބޫލެއް ނުކުރާނަން،" އިނގިރޭސި ވިލާތުގައި ދިރިއުޅޭ ސޫ ކީގެ ހަގު ފިރިހެން ދަރިފުޅު ކިމް އެރިސް އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ ބީ.ބީ.ސީއަށް ބުންޏެވެ.

ހުޅަނގުގެ ސަރުކާރުތަކާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައިވަނީ އެއްވެސް ޝަރުތައް ނެތި ސޫ ކީ މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

އޭނާ ގޭބަންދަށް ބަދަލުކުރީ މި ދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ ބުދިސްތު ދީނުގެ މުނާސަބަތަކާ ގުޅުވައިފައެވެ. އޭގެ ކުރިން މި ދިޔަ މަހު 17 ގައި ވެސް ސޫ ކީގެ ބަންދުގެ މުއްދަތު ހަބައިކުޅަ އެއްބައިން ވަނީ ކުރުކޮށްފައެވެ. އެއީ މިޔަންމާގެ ސަގާފީ އާ އަހަރުގެ މުނާސަބަތުގައި 4،500 ގައިދީންނަށް ދިން އަފޫއާއްމެއްގައެވެ.

ސޫ ކީ ގޭބަންދަށް ބަދަލުކުރިޔަސް ހައްގުތަކަށް މަސައްކަތްކުރާ މީހުން ހަލައިންގްގެ ނިޔަތާމެދު ސުވާލު އުފެއްދިއެވެ.

"ހަލައިންގްގެ ސަރުކާރުން އިސްލާހަށް ހަގީގަތުގައި ތާއީދުކުރާނަމަ، ހުރިހާ 14،000 ސިޔާސީ ކުށްވެރިން މިއަދު ދޫކޮށްލައިފީސް. މިއީ އެންމެ ފުރަތަމައިނުން ވެސް ހައްޔަރުކޮށްގެން ނުވާނެ ބައެއް. މިޔަންމާގެ އަސްކަރިއްޔާއިން ޑިމޮކްރެސީ އެކްޓިވިސްޓުން ހައްޔަރުކުރުން ހުއްޓުވިދާނެ. އަދި މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ގާނޫނުތައް ނައްތައިލެވިދާނެ. އެކަމަކު އެ ގޮތަށް ސަރުކާރުން ކަންތަކެއް ނުކުރި. ސޫ ކީ ގޭބަންދަށް ބުރާސްފަތި ދުވަހު ބަދަލުކުރިޔަސް އެ ބަންދަކީ ވެސް ގާނޫނާ ހިލާފު ބަންދެއް،" ބަރުމާ ކެމްޕެއިން ޔޫ.ކޭ ޖަމިއްޔާގެ މިން ޓެން ބޯ ބުންޏެވެ.

"ސޫ ކީ ގޭބަންދަށް ބަދަލުކުރީ ގައުމުގެ ހަމަޖެހުން ދަމަހައްޓަން،" ހަލައިންގް ވިދާޅުވިއެވެ.

ސޫ ކީގެ ވެރިކަން ވައްޓައިލުމާއެކު މިޔަންމާ މިހާރު ވަނީ އަހުލީ ހަނގުރާމައެއްގެ ތެރޭގައެވެ. އަދި ދާދި ފަހުން ހަނގުރާމަވެރިން ބުނެފައިވަނީ ސަރުކާރާ ސުލްހަ ވާނީ ފެޑެރަލް ނިޒާމެއްގެ ޑިމޮކްރެސީއެއް އަލުން ގެނައުމުން ކަމަށެވެ.

ސޫ ކީއަކީ އެއް އިރެއްގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރި ދަންމަރެކެވެ. އެ ގޮތުން އިނގިރޭސި ވިލާތުގެ ދިރިއުޅުން 1988 ގައި ދޫކޮށްލައްވައި، މިޔަންމާގެ އަސްކަރީ ވެރިންނަށް ގޮންޖެއްސެވުމަށް މިޔަންމާއަށް އެނބުރި ވަޑައިގަތެވެ. ނެޝަނަލް ލީގް ފޮ ޑިމޮކްރެސީ ޕާޓީ އުފައްދަވައި މިޔަންމާގައި 25 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބޭއްވި ހުޅުވައިލެވިފައިވާ އިންތިހާބުން 2016 ގައި ކާމިޔާބު ހޯއްދެވިއެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ސޫ ކީގެ އަގު ވެއްޓުނީ މިޔަންމާގެ މުސްލިމް މީހުން ކަމަށްވާ ރޮހިންގްޔާ މީހުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގި އުދުވާންތައް ދިފާއުކުރުމުންނެވެ. ނަމަވެސް މިޔަންމާގައި އަޣްލަބިއްޔަތު އޮތް ބުދިސްތު ދީނުގެ މީހުންގެ މެދުގައި އޭނާ އަދިވެސް މަގުބޫލެވެ.

ސޫ ކީގެ ޕާޓީއަށް 2016 ގެ އިންތިހާބުގައި ލިބުނު ކާމިޔާބީއަށްވުރެ ވެސް ބޮޑު ކާމިޔާބީއެއް 2020 ގައި ލިބުނެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއާމެދު އަސްކަރިއްޔާއިން ސުވާލު އުފައްދިއެވެ. އެއީ އަސްކަރިއްޔާއިން ތާއީދުކުރި ޕާޓީއަށް ބޮޑު ނާކާމިޔާބެއް ލިބުމުންނެވެ. އެހާތަނުން ޖެހިގެން އައި އަހަރު ހަލައިންގް ބަޣާވާތަކުން ސޫ ކީ ވެރިކަމުން ވައްޓައިލައި، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުނުކުރި ޝަރީއަތެއް ހިންގައި، ސޫ ކީ ޖަލަށް ލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *