މިޔަންމާގައި ކުރިއަށްދާ އަހުލީ ހަނގުރާމަ ހުއްޓައިލުމަށްޓަކައި ސަރުކާރުން ހުށަހެޅި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމާ، އެ ގައުމުގެ ހަނގުރާމަވެރި މައިގަނޑު ގްރޫޕްތަކުން ދެކޮޅުހަދައިފިއެވެ.
މި މަހު ތިނެއްގައި ގާނޫނު ހަދާ މަޖިލީހުން އިންތިހާބުކުރި ރައީސް މިން އަންގް ހަލައިންގް (ފޮޓޯ) ވިދާޅުވީ އަންނަ ޖުލައި 31 ގެ ކުރިން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދެއްވާ ކަމަށެވެ. ނަމަވެސް އެ ދައުވަތު އިދިކޮޅު މައިގަނޑު ޖަމާއަތްތަކުން ގަބޫލެއް ނުކުރިއެވެ.
"އަހަރެމެން ބޭނުންވަނީ އަސްކަރީ ނުފޫޒެއް ނެތް ފެޑެރަލް ނިޒާމުގެ ޑިމޮކްރެސީއެއް،" ޗިން ނެޝަނަލް ފްރަންޓުން ބުންޏެވެ.
ކަރެން ނެޝަނަލް ޔުނިއަނުން ބުނީ ސުލްހައިގެ ވާހަކަތަކެއް ކަމަށް ބުނެ ސަރުކާރުން ހުށަހެޅި މަޝްވަރާތަކުގެ ނިޔަތް ރަނގަޅުކަމާމެދު ޝައްކު ކަމަށެވެ.
ހަލައިންގް ހުށަހެޅުއްވި ސުލްހައާ މިޔަންމާގެ ހަނގުރާމަވެރި މައިގަނޑު ޖަމާއަތްތަކުން ދެކޮޅުހެދުމުން ހާމަވީ 2021 ގައި އަސްކަރީ ވެރިޔާގެ މަގާމުގައި ހުންނަވައި ހަލައިންގް، އަންގް ސަން ސޫ ކީގެ ޑިމޮކްރެޓިކް ސަރުކާރު ބަޣާވާތަކުން ވައްޓައިލުމުން މިޔަންމާގައި ފެށުނު އަހުލީ ހަނގުރާމަ ނިމުމުގެ ކޮޅުމަތި ފެންނަން ނުފަށާކަމެވެ.
ސޫ ކީގެ ހުކުމް މި ދިޔަ ހުކުރު ދުވަހު، މިޔަންމާގެ އާ އަހަރުގެ މުނާސަބަތުގައި ވަނީ 27 އަހަރުން 22 އަހަރަށް މަދުކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ހުންނާނީ ގޭބަންދުގައި ނުވަތަ އެހެން ތަނެއްގައިތޯ ހާމަކޮށްފައެއް ނުވެއެވެ.
އާ އަހަރުގެ މުނާސަބަތުގައި 4،300 ގައިދީން މިނިވަން ކުރިއިރު ކުރީގެ ރައީސް ވިން މިޔަންޓަށްވަނީ ފުރިހަމަ މާފެއް ދީފައި އެއްކޮށް މިނިވަންކޮށްފައެވެ.
ހަލައިންގްގެ ސަރުކާރު ބަލައިގަންފައިވަނީ މަދު ގައުމުތަކަކުންނެވެ. އަސްކަރީ ވެރިޔާގެ މަގާމު ދޫކޮށްލައްވައިފައި އަސްކަރީއަށް ތާއީދުކުރާ ސިޔާސީ ޕާޓީއެއްގެ ފަރާތުން އިންތިހާބު ކާމިޔާބުކުރެއްވުމުން ބައިނަލްއަގުވާމީ މުޖުތަމައުން ދެކެނީ ހަލައިންގަކީ ހަމައެކަނި މަދަނީ ފޭރާމެއް ތުރުކުރައްވައިގެން ހުންނެވި އަސްކަރީ ވެރިއެއްގެ ގޮތުގައެވެ.



advertisment