މިޔަންމާގައި އަސްކަރީ ބަޣާވާތަކުން އަންގް ސަންގް ސޫ ކީގެ ޑިމޮކްރެޓިކް ވެރިކަން 2021 ގައި ވައްޓައިލުމުން ފެށުނު އަހުލީ ހަނގުރާމައިގެ ތެރެއިން ވެސް ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ އިންތިހާބަށްފަހު، އަސްކަރިއްޔާއަށް ތާއީދުކުރާ ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތުން، ބަޣާވާތް ރޭވި އަސްކަރީ ވެރިޔާ މިން އައުންގް ހަލައިންގް މިޔަންމާގެ ރައީސްކަމަށް މިއަދު ހޮވައިފިއެވެ.
އުމުރުން 69 އަހަރުގެ ހަލައިންގް (ފޮޓޯ) ރައީސްކަމަށް ހޮވުނީ 664 މެންބަރުން ހިމެނޭ ޕާލަމަންޓްގައި މިއަދު ވަގުތުން ދުރަށް ދެއްކި 584 މެންބަރުން ލީ ވޯޓުން 429 ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.
ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންފައިވާ ސޫ ކީ ވެރިކަމުން ދުރުކުރައްވައި، ގޭބަންދަށް ލުމުން ބައިނަލްއަގުވާމީ މުޖުތަމައިން ވަނީ އިންތިހާބު ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ.
ހަލައިންގް އިންތިހާބަށް ކުރިމަތިލެއްވީ އަސްކަރިއްޔާއަށް ތާއީދުކުރާ ޔުނިއަން ސޮލިޑެރިޓީ އެންޑް ޑެވެލޮޕްމަންޓް ޕާޓީގެ ފަރާތުންނެވެ. ގާނޫނު ބުނާ ގޮތުން އަސްކަރީ އެންމެ އިސް ވެރިޔާ ނުވަތަ ކޮމާންޑާ-އިން-ޗީފްގެ މަގާމުގައި ހުންނަ މީހަކަށް އެ މަގާމުގައި ހުރެގެން ރައީސްކަން ނުކުރެވޭތީ އޭނާ ވަނީ ސީނިއާ ޖެނެރަލްގެ މަގާމާ ހަވާލުވެ ވަޑައިގަންފައެވެ. ހަލައިންގަށް ވަފާތެރި، އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުރި ޔީ ވިން އޫ ވަނީ ހޯމަ ދުވަހު ކޮމާންޑާ-އިން-ޗީފްގެ މަގާމާ ހަވާލުވެފައެވެ.
އިންތިހާބުގައި ހަލައިންގްގެ ޕާޓީވަނީ އިލެކްޝަނަށް ހުށަހެޅުނު ޕާލަމަންޓްގެ 80 ޕަސެންޓަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. އިލެކްޝަނަށް ކުރިމަތިނުލެވޭ ގޮތަށް ހުރި އިންތިހާބު ނުކުރާ ގޮނޑިތަކަށް ހޮވީ ސިފައިންނެވެ. އެއީ ދެ ގެ ހިމެނޭ ޕާލަމަންޓްގެ ހަތަރުބައިކުޅަ އެއްބައި ގޮނޑިއެވެ.
އަސްކަރީގައި 2011 އިން ފެށިގެން ހިދުމަތް ކުރައްވަން ފެއްޓެވި ހަލައިންގްގެ އިތުރުން އިންތިހާބުގައި ކުރިމަތިލީ ދެ ކެންޑިޑޭޓުންނެވެ. އެ ދެ މީހުން ވަނީ ހަލައިންގްގެ ނައިބު ރައީސްކަމަށް ހޮވައިފައެވެ.
ވޭތުވެދިޔަ ހަ ދަހަރުގެ ތެރެއިން ފަސް ދަހަރު މިޔަންމާގައި ވެރިކަން ކޮށްފައިވަނީ ސީދާ އަސްކަރިއްޔާއިންނެވެ. މިހެންވެ މި ފަހަރުގެ އިންތިހާބުގައި ހަލައިންގް ސިޔާސީ ޕާޓީއަކުން ބައިވެރިވެ ވަޑައިގަތުމަކީ މިޔަންމާގެ އަސްކަރީ ވެރިކަމުގައި މަދަނީ ފޭރާމެއް ލައްވައި، އޭނާގެ ސިޔާސީ ބާރުވެރިކަން ރަސްމީ ކުރެއްވުމާއެކު، އަސްކަރިއްޔާގެ މަސްލަހަތު ހިމާޔަތްކުރެއްވުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ސޫ ކީގެ ޕާޓީ ހިމެނޭ ގޮތަށް، މިޔަންމާގެ އިދިކޮޅު ޕާޓީތަކާއި ހަނގުރާމަވެރި ގްރޫޕްތަކުން، ސިޔާސީ އަދި އަސްކަރީ ގޮތުން އަސްކަރިއްޔާއަށް ޕްރެޝަރުކުރަން މި ދިޔަ ހޯމަ ދުވަހު އެކުލަވައިލައިފައިވާ ޖަމާއަތް، ސްޓިއަރިން ކައުންސިލް ފޮ ދަ އެމާޖަންސް އޮފް އަ ފެޑެރަލް ޑިމޮކްރެޓިކް ޔުނިއަނުން ބުނީ މިޔަންމާގައި ލާމަރުކަޒީ ޑިމޮކްރެސީއެއް ގާއިމުކުރަން މަސައްކަތްކުރާނެ ކަމަށެވެ.
"އަހަރެމެންގެ ތަސައްވުރާއި އަމާޒަކީ ހުރިހާ ބާވަތެއްގެ ހުދުމުހުތާރު ނިޒާމުތައް ނައްތައިލުން. އޭގެ ތެރޭގައި އަސްކަރީ ހުދުމުހުތާރު ވެރިކަން ހިމެނޭ. އަދި ސިޔާސީ އާ މައިދާނެއް ގާއިމުކުރާނަން،" އެ ކައުންސިލުން ބުނެފައިވެއެވެ.
މިޔަންމާގެ އަސްކަރީ ޕްރެޝަރާއި ހަލައިންގާ ގުޅުން ގާއިމުކުރަން ބޭނުންވާ މިޔަންމާގެ އަވަށްޓެރި ގައުމުތަކުގެ ޕްރެޝަރު އެ ކައުންސިލަށް ކުރިމަތިވުން އެކަށީގެންވާ ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.



advertisment