މިޔަންމާގައި އަސްކަރީ ބަޣާވާތަކުން އަންގް ސަންގް ސޫ ކީގެ ޑިމޮކްރެޓިކް ވެރިކަން 2021 ގައި ވައްޓައިލުމުން ފެށުނު އަހުލީ ހަނގުރާމައިގެ ތެރެއިން ވެސް ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ އިންތިހާބުގެ ފަހު މަރުހަލާ މިއަދު ފަށައިފިއެވެ.
ތިން މަރުހަލާއަކަށް ރާވައިގެން ކުރިއަށްގެންދާ އިންތިހާބުގައި އެތައް މިލިއަން މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ އަސްކަރީ ސަރުކާރާ ދެކޮޅުވެރި ހަނގުރާމަވެރިން ހިފައިފައިވާ ސަރަހައްދުތަކަށް ވައިގެ ހަމަލާދެމުންދާތީއެވެ.
އިދިކޮޅު ލީޑަރުން ޖަލަށް ލައި ނުވަތަ އިންތިހާބުގައި ބައިވެރިވުމުން މަހްރޫމުކޮށްފައިވާތީ މިއީ އަސްކަރިއްޔާގެ ވެރިކަން ވަރުގަދަކޮށް، ހަގީގީ ޑިމޮކްރެސީ ނައްތައިލަން ބާއްވާ އިންތިހާބެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
"މިއީ އަސްކަރީ ވެރިކަމުގައި މަދަނީ ފޭރާން ލާން ބާއްވާ އިންތިހާބެއް،" އދ.ގެ ހައްގުތަކާ ބެހޭ މަންދޫބު ޓޮމް އެންޑްރޫސް ބުންޏެވެ.
އަސްކަރިއްޔާއިން ބުނީ މިއީ "ފުޅާ ދާއިރާއެއްގައި ތަރުހީބު ލިބިގެން ބާއްވާ އިންތިހާބެއް" ކަމަށެވެ.
"މި އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް،" އަސްކަރީ ވެރިޔާ މިން އައުންގް ހަލައިންގް ބުންޏެވެ.
ވޯޓު ލާން ދަނީ މަދު ބަޔަކު ކަމަށް ވިޔަސް، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަން ދެކޮޅު ހަދައިފައިވާ މި އިންތިހާބު ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރާނީ އަސްކަރިއްޔާއާ ގުޅިފައިވާ ޔުނިއަން ސޮލިޑެރިޓީ އެންޑް ޑެވެލޮޕްމަންޓް ޕާޓީ (ޔޫ.އެސް.ޑީ.ޕީ) ކަމަށް ބެލެވެއެވެ.



advertisment