އަންނަ ހޮނިހިރު ދުވަހު ޕާކިސްތާންގައި އެމެރިކާ-އީރާން ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިޔަ ނަމަވެސް އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށް އެއްބަސްނުވާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން އިއްޔެ ބުނީ އެ ކަމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދޫދެއްވާނެ ކަމެއް ނޫން ކަމަށެވެ.
"ރައީސް (ޓްރަމްޕް) ކަނޑައަޅުއްވައިފައިވާ އިންތަކަށް ބަދަލެއް ނާދޭ،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ކެރަލައިން ލެވިޓް (ފޮޓޯ) ބުންޏެވެ.
އީރާނުން ބުނީ ސުލްހަވެރި ބޭނުންތަކަށްޓަކައި އީރާނުން އަމިއްލައަށް ނިއުކްލިއަ ހަކަތަ އުފެއްދުމަކީ އެ ގައުމުގެ "ސިޔާދަތީ ހައްގެއް" ކަމަށެވެ. އީރާނުން އަނެއްކާވެސް ބުނީ ޔުރެނިއަމް ފައްކާކުރަނީ ނިއުކްލިއަ ހަތިޔާރު އުފައްދަން ނޫން ކަމަށެވެ. އީރާނުން މިހެން ކުރިން ވެސް ބުނަމުންދިޔަ ނަމަވެސް އެމެރިކާއިން އެ ކަން ގަބޫލެއް ނުކުރެއެވެ.
"ސުލްހައިގެ ވާހަކަތައް ފޭލިވެއްޖެނަމަ މާ ހަރުކަށި ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅަން ޖެހިދާނެ،" އެމެރިކާއިން ބުންޏެވެ.
އީރާނުން ޔުރެނިއަމް ފައްކާކުރުމާމެދު ދެ ގައުމުން އެއްބަސްނުވާތީ ސުލްހައިގެ ވާހަކަތަކަކީ ނާޒުކު އެއްޗަކަށްވުން އެކަށީގެންވެއެވެ.
މީގެ އިތުރުން ސުލްހައިގެ ވާހަކަތައް ނާޒުކު އެއްޗަކަށްވާ އަނެއް ސަބަބަކީ އީރާނުން ވާގިވެރިވާ ހިޒްބުﷲއިން ލުބްނާންގައި ތިބެގެން އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް، އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލުމުން، ހިޒްބުﷲއިން އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލުމުން ވެސް އިސްރާއީލުން އަދިވެސް ލުބްނާނަށް ހަމަލާދެމުންދާތީއެވެ.
"އީރާނުން ޔުރެނިއަމް ފައްކާކުރުމާ އެމެރިކާއިން ދެކޮޅުހެދުމާއި އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދިއުމަކީ ސުލްހައިގެ ވާހަކަތައް ބޭއްވުމަށް އިންސާފުވެރި ގޮތެއް ނޫން،" އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވިއެވެ.
ސުލްހައިގެ ވާހަކަތައް އަލުން ކުރިއަށްގެންދަން އެމެރިކާ އާއި އީރާނުން އެއްބަސްވީ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރިތާ 38 ދުވަސް ފަހުން ހަނގުރާމަ ވަގުތީ ގޮތުން ދެ ހަފުތާއަށް މެދުކަނޑައިލުމަށް އީރާނުން 10 ހުށަހެޅުމެއް ހުށަހެޅުމުން އެ ކަމާ ވާހަކަ ދައްކަން އެމެރިކާއިން އެއްބަސްވުމުންނެވެ.



advertisment