Support Us

ސީޒްފަޔާ އިއުލާންކުރުމުން އީރާންގެ ވެރިރަށް ތެހްރާންގެ މަގުތަކަށް މީހުން ނިކުމެ މިއަދު އުފާ ފާޅުކުރަނީ

އީރާން އާއި އެމެރިކާގެ ސީޒްފަޔާ- މަގުފަހިވާނީ ދާއިމީ ސުލްހައަކަށް ނުވަތަ މާ ވަރުގަދަ އާ ހަނގުރާމައަކަށްބާ؟

ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމުތަކަށް ހުޅުވައިލަން އެމެރިކާއިން ދިން މުހުލަތު ހަމަވަނިކޮށް އީރާނުން ހުށަހެޅި ސުލްހައިގެ ވާހަކަތަކަށް އެމެރިކާއިން އެއްބަސްވެއްޖެއެވެ.

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެލާއި ގޭސް ދަތުރުކުރާ ހުރުމުޒު އެއްކޮށް ހުޅުވައިނުލައިފިނަމަ އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށް އެމެރިކާއިން ކުރިން ވަނީ ބުނެފައެވެ.

"ހުރުމުޒު ހަމަ މިހާރުން މިހާރަށް އެއްކޮށް ހުޅުވައިލަން ޖެހޭނެ،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

ސީޒްފަޔާ ނުވަތަ ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑައިލީ އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އެމެރިކާއަށް ހުށަހެޅުއްވި 10 ޝަރުތަކާ ބެހޭ ގޮތުން ވާހަކަދައްކަން އެމެރިކާއިން އެއްބަސްވުމުންނެވެ. ހުރުމުޒު ހުޅުވައިލުމަށް އީރާންގެ އެއް ޝަރުތަކީ އީރާނަށް އަޅައިފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅެއް ނައްތައިލުމެވެ.

ސީޒްފަޔާގެ ސަބަބުން އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލައިން އެމެރިކާ އާއި އީރާނުން އެއްބަސްވުމުން، އެ ލިބުނު ސުލްހައިގެ ދެ ހަފުތާ ބޭނުންކުރެވިދާނެ ގޮތަކުން ދާއިމީ ސުލްހައެއް ގާއިމުކުރަން ނުވަތަ މި ދިޔަ މަހެއްހާ ދުވަސް ތެރޭގައި ހިނގި ހަނގުރާމައަށްވުރެ ވަރުގަދަ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމަށް މެދުއިރުމަތީގެ ގައުމުތަކުން ބުންޏެވެ.

"އަންނަ ހުކުރު ދުވަހު ޕާކިސްތާންގައި އެމެރިކާ އާއި އީރާނުން ފަށާ ސުލްހައިގެ ވާހަކަތަކަކީ މެދުއިރުމަތި މިހާރަށްވުރެ ބޮޑު ހަމަނުޖެހުމަކަށް ވެއްޓުމުން ސަލާމަތްވުމަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ވެދާނެ"، އިރާގު، މިސްރު އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ބުންޏެވެ.

މި ސީޒްފަޔާ ނާޒުކު އެއްޗަކަށްވަނީ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ އެއް ކަމަކަށް އީރާނުން އެއްބަސްނުވާތީއެވެ. އެއީ ނިއުކްލިއަ ހަކަތަ އުފައްދަން ޔުރެނިއަމް ފައްކާކުރަން އީރާނުން ކުރިއަށްގެންދަން ބޭނުންވާތީއެވެ. ނިއުކްލިއަ ބޮމެއް ނުއުފައްދާނެ ކަމަށް އީރާނުން ބުނަމުން ދިޔަ ނަމަވެސް އެމެރިކާ އާއި އިސްރާއީލުން އެ ވާހަކަ ގަބޫލެއް ނުކުރެއެވެ.

ސީޒްފަޔާގެ ނާޒުކު އަނެއް ކަމަކީ މި ސީޒްފަޔާގައި "ލުބްނާން މައްސަލަ" ނުހިމެނޭނެ ކަމަށް އިސްރާއީލުން ބުނުމެވެ. އެ ގޮތުން އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ލުބްނާންގައި ތިބެގެން އިސްރާއީލަށް ހަމަލާދޭތީ ލުބްނާންގެ ދެކުނު ސަރަހައްދަކީ އިސްރާއީލުގެ "ސަލާމަތީ ސަރަހައްދަ"ކަށް ހަދަން އެ ސަރަހައްދަށް އިސްރާއީލު ސިފައިން އަރައި، އެ ސަރަހައްދުގައި އިސްރާއީލުން ފަށައިފައިވާ އަސްކަރީ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް އިސްރާއީލުން ބުންޏެވެ.

ސީޒްފަޔާއާ ގުޅިގެން ހިޒްބުﷲއިން މިއަދު ވަނީ އިސްރާއީލުގެ އުތުރު ސަރަހައްދަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލައިފައެވެ. ނަމަވެސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. މިހެންވެ، ހިޒްބުﷲއިން މަޑުމަޑުން ތިބޭނީ ކިހާ ދުވަހަކު ކަމެއް ނޭނގެއެވެ.

ސީޒްފަޔާ އިއުލާންކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އިއްޔެ ހުރީ 111 ޑޮލަރު (1،711ރ.)ގައި ކަމަށްވީއިރު މިއަދު ހުރީ 93 ޑޮލަރު (1،434ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް ފެތުރުނު ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ އިއްޔެއާ ތަފާތެއް ނޫނެވެ. އަލްޖަޒީރާއިން މިއަދު ގެނެސްދިން އަދަދުތައް ތިރީގައި މި ވަނީއެވެ:

  • އީރާން – 2،076
  • އިސްރާއީލު – 26
  • އެމެރިކާ (ސިފައިން) – 13
  • ލުބްނާން – 1،497
  • އިރާގު – 109
  • ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12
  • ކުވައިތު – 7
  • ބަހްރައިން – 3
  • އުމާން – 3
  • ސައޫދީ އަރަބިއްޔާ – 2

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *