އީރާންގެ ހުރުމުޒު ކަނޑުއޮޅި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް ނުހުޅުވައިލައިފިނަމަ އީރާންގެ އިންޖީންގެތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާއިން އިންޒާރުދިނުމުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ ހަކަތަ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރުދީފިއެވެ.
ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ބޭރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމުތަކަށް ހުޅުވައިލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ ދެ ދުވަހުގެ މުހުލަތެއް އީރާނަށް ދީފައެވެ. އެއީ، އެމެރިކާ އާއި އެ ގައުމުގެ ރަހްމަތްތެރި ގައުމުތަކަށް އެ ކަނޑުއޮޅި އީރާނުން ބަންދުކޮށްލުމުން، އެ ކަނޑުއޮޅި ހިމާޔަތްކުރަން ގިނަ ގައުމުތަކަކުން އެބަ ދޭ ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނިކޮށެވެ.
"މި ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި، އެއްވެސް ނުރައްކަލެއް ނުކުރާނެ ގޮތަށް، ހުރުމުޒު ކަނޑުއޮޅި އީރާނުން އެއްކޮށް ހުޅުވައިނުލައިފިނަމަ، އީރާންގެ އެކިއެކި އިންޖީންގެތައް އެމެރިކާއިން ސުންނާފަތިކޮށްލައިނަން. އެންމެ ފުރަތަމަ ފަށާނީ އެންމެ ބޮޑު އިންޖީންގެއިން،" ޓްރަމްޕްގެ ސޯޝަލް މީޑިއާ މަންސަ ކަމަށްވާ ޓްރުތު ސޯޝަލްގައި އޭނާ އިއްޔެ ލިޔުއްވިއެވެ.
އެއީ ކޮން އިންޖީންގެއެއްކަން ޓްރަމްޕް ވިދާޅެއްނުވެއެވެ. އީރާންގައި ހުރި އެންމެ ބޮޑު އިންޖީންގެއަކީ ނިއުކްލިއަ ހަކަތަ ބޭނުންކުރާ ބޫޝަހްރު އިންޖީންގެ (ފޮޓޯ)އެވެ.
ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމުތަކަށް ހުޅުވައިލަން ޓްރަމްޕް އީރާނަށް މި އިންޒާރުދެއްވީ ދުނިޔޭގައި ހިއްސާގެ ބާޒާރުތައް އަޑިއަޅައިލުމުގެ އިތުރުން އީރާން ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 71 ޑޮލަރު (1،094ރ.)ގައި ހުރެފައި މިހާރު އެ އަގު 113 ޑޮލަރު (1،742ރ.)އަށް އަރައި، 150 ޑޮލަރު (2،313ރ.)ގެ އިތުރުން 200 ޑޮލަރު (3،084ރ.)އަށް ވެސް އަރައިފައިނެ ކަމަށް ބެލެވެން ފެށުމާއެކު ޓްރަމްޕަށް ދުނިޔޭގެ ގައުމުތަކުން ކުރިމަތިވަމުންދާ ޕްރެޝަރާހެދި ކަމަށް ސިޔާސީ ދިރާސާވެރިން ބުނެއެވެ.
ދެކުނު އޭޝިއާ، މެދުތެރޭ އޭޝިއާ އަދި މެދުއިރުމަތީގެ 20 ގައުމެއްގެ ކަނޑުތަކާއި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތައް ހިމާޔަތްކުރާ ޔޫ.އެސް ސެންޓްރަލް ކޮމާންޑް ނުވަތަ ކުރުކޮށް ސެންޓްކޮމް ކިޔާ އިދާރާގެ ވެރިޔާ، އެޑްމިރަލްގެ މަގާމުގައި ހުރި ބްރެޑް ކޫޕާ އިއްޔެ ބުނީ ބޯޓުފަހަރަށް ހަމަލާދޭ އީރާންގެ ކްރޫސް މިސައިލާއި މޮބައިލް ލޯންޗަރު ހުރި އީރާންގެ އައްސޭރިފަށުގައިވާ ބިންގަރާސް މަރުކަޒަކަށް 2،300 ކިލޯގެ ބޮން އަޅައިފައިވާތީ ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނަށް ދެވޭނެ ހަމަލާތައް މިހާރު މަދުވާނެ ކަމަށެވެ.
އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން މި ދިޔަ މަހުގެ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެންދާއިރު އެމެރިކާއިން ބުނެފައިވަނީ މަޑުމަޑުން ގޮސް އީރާން ހަނގުރާމަ ހުއްޓައިލައި، އީރާންގެ އިގުތިސާދީ ދިރުން ކަމަށްވާ ޚާރުޖު ޖަޒީރާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން ވިސްނާ ކަމަށެވެ.
އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ އިއްޔެއާ ތަފާތެއް ނޫނެވެ. އެ ގޮތުން މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން 18 މީހުން މަރުވެފައިވެއެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 21 މީހުން މަރުވެފައިވެއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީ އަރަބިއްޔާއިން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.



advertisment