އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާނާ ދެކޮޅަށް މި ދިޔަ މަހު 28 ގައި ފެށި ހަނގުރާމަ މަޑުމަޑުން ގޮސް ހުއްޓައިލައިފައި އީރާންގެ އިގުތިސާދީ ދިރުން ކަމަށްވާ ޚާރުޖު ޖަޒީރާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަން އެމެރިކާއިން ވިސްނަން ފަށައިފިއެވެ.
އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާ ނުވަތަ ޕެންޓަގަންއިން މިހާރު ވަނީ 2،500 އެއްހާ ސިފައިން ޚާރުޖު ޖަޒީރާ (ފޮޓޯ)އާ ދިމާއަށް ފޮނުވަން ފަށައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިސްނުން ހުރީ ޚާރުޖަށް އެއްގަމުމަގުން އެމެރިކާ ސިފައިން އެރުން ނުވަތަ އީރާން ސިފައިންނަށް ޚާރުޖަށް ނޭރޭނެ ގޮތް ހެދުމެވެ.
ޚާރުޖު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާއިން މަސައްކަތް މި ފެށީ އީރާން ހަނގުރާމަ ނިމޭނީ ކޮން އިރަކުން ކަމެއް ނޭނގޭ ކަމަށް ބުނެ ހަނގުރާމަ ކުރިއަށްގެންދިއުމަށް އިތުރު 200 ބިލިއަން ޑޮލަރު (ތިން ޓްރިލިއަން ރުފިޔާ) އެމެރިކާގެ ސަރުކާރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކިބައިން ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އީރާންގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ހިމެނޭ ގޮތަށް އެ ގައުމުގެ އާއްމު ދިފާއީ ނިޒާމު މިހާރު އެއްކޮށްހެން ސުންނާފަތި ކޮށްލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ. އެމެރިކާގެ ހަނގުރާމަތަކާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވެސް ވިދާޅުވީ ބުރާސްފަތި ދުވަހަކީ އީރާނަށް އެންމެ ގިނަ ހަމަލާތައް ދިން ދުވަސްކަމަށާއި އީރާންގެ ދިފާއީ ނިޒާމު ގާތްގަނޑަކަށްހެން އެއްކޮށް ސުންނާފަތިކޮށްލެވިއްޖެ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގު ފީފާއެއް 113 ޑޮލަރު (1،742ރ.)އަށް އަރައިފައިވާތީ ތެލުގެ އަގު ހެޔޮކުރުމުގެ ގޮތުން އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީ، ތެޔޮ ޓޭންކަރުތަކަށް މިހާރު ވެސް ބަރުކޮށްފައިވާ އީރާންގެ 140 މިލިއަން ތެޔޮ ފީފާ ވިއްކަން ހުއްދަ ދީފި ކަމަށް އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސަންޓް ވިދާޅުވިއެވެ.
އީރާން ބަލިކޮށްލެވިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުން އީރާނުން ދޮގުކުރިއެވެ.
"އެމެރިކާއަށް ވަރުގަދަ ރައްދެއް ދެވިއްޖެ. އަހަރެމެންގެ ދުޝްމިނު ބަލިކޮށްލެވިއްޖެ،" އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީ މިއަދު ވިދާޅުވިއެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވީ އީރާނަށް ހަމަލާދޭން ބޭނުންވި މަގުސަދުތައް ހާސިލުވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަކީ މި ވަގުތު ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމަށްވުމުގެ އިތުރުން އެމެރިކާއަކީ ހުރުމުޒު މަގުން ބޭރުކުރާ ތެލުގެ 10 ޕަސެންޓް ވެސް ބޭނުންނުކުރާ ގައުމަކަށްވެފައި، އެމެރިކާ ބޮޑަށް ބަރޯސާވަނީ އެމެރިކާ އާއި ކެނެޑާ އާއި މެކްސިކޯގެ ތެލަށް ކަމަށްވާތީ އީރާންގެ ހުރުމުޒު ކަނޑުއޮޅިން ގަލްފު ގައުމުތަކުގެ ތެޔޮ ބޭރުކުރަން ގަލްފު ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކަށް ހިމާޔަން ދޭން ޖެހޭނީ ހުރުމުޒުން ދަތުރުކުރާ ތެޔޮ ބޭނުންކުރާ ގައުމުތަކުން ކަމަށެވެ.
ނަމަވެސް އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް އީރާނުން ހުރުމުޒު ބަންދުކޮށްލުމުން ދުނިޔޭގައި ތެލުގެ އަގު މައްޗަށް ދިއުމުން އެ ކަމުގެ އަސަރު އެމެރިކާއަށް ވެސް ކުރާނެ ކަމަށް އިގުތިސާދީ މާހިރުން ބުނެއެވެ. ސަބަބަކީ ތެލަކީ ދުނިޔޭގެ ފެންވަރުގައި އަގުކޮށްގެން ވިއްކާ އެއްޗަކަށްވާތީއެވެ. އީރާނުން ބުނީ އެމެރިކާގެ ރަހްމަތްތެރި ގައުމުތަކަށް ހުރުމުޒު ބަންދުކޮށްފައި އޮތްއޮތުން ކުރިއަށްގެންދާނެ ކަމަށެވެ.
ޚާރުޖުއަކީ އީރާނަށް "މާލީ އޮކްސިޖަން" ލިބޭ އެ ގައުމުގެ "އިގުތިސާދީ ހިތެ"ވެ. އެ ތަން އެމެރިކާއިން ކޮންޓްރޯލްކުރަން ބޭނުންވަނީ އީރާނުން ނިއުކްލިއަ ހަކަތަ އުފެއްދުން ހުއްޓުވައިލުމާއި ބެލިސްޓިކް މިސައިލް އުފެއްދުން މަދުކުރުވުމަށް އެމެރިކާއާއެކު މުއާހަދާއެއް ގާއިމުކުރުމަށް ޕްރެޝަރުކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޚާރުޖު އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފިނަމަ އީރާން ސަރުކާރަށް ލިބޭ އާމްދަނީ އެމެރިކާއަށް ހުއްޓުވައިލެވޭނެއެވެ. އަދި އެ ކަން ވެގެންދާނީ އީރާންގެ މައި ބިން ހިފުމުގެ ބުރައަށްވުރެ ކުޑަ ގޮތަކުން އީރާންގެ ސަރުކާރުގެ ބާރު ކަނޑުވައިލެވޭނެ ގޮތަކަށެވެ.
"ޚާރުޖު އަހަރެމެންގެ ބާރުގެ ދަށަށް ގެނެވުމުން ކުރިމަގުގައި އީރާނާއެކު ބާއްވާ ވާހަކަތަކުގައި އަހަރެމެންގެ ކޮޅަށް ކަންތައްތައް އަނބުރާލަން ފަސޭހަވާނެ،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
ތެލަކީ ދުނިޔޭގެ ފެންވަރުގައި އަގުކުރެވޭ އެއްޗަކަށްވާތީ ޚާރުޖުގެ ފާލަންތަކާއި 31 މިލިއަން ފީފާގެ ތެޔޮ ރައްކާކުރެވޭ ތާނގީތަކަށް ގެއްލުން ލިބިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އަރައި، މުޅި ދުނިޔޭގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް ޖޭ.ޕީ މޯގަން ފަދަ ހަކަތަ ވިޔަފާރީގެ މައުލޫމާތު ދިރާސާކުރާ ކުންފުނިތަކުން ބުންޏެވެ. އަދި އީރާން ހަނގުރާމަ އިތުރަށް ކުރިއަށް ގެންގޮސްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރު (3،084ރ.)އަށް އެރުން ވެސް އެކަށީގެންވާ ކަމަށް އެ ފަދަ ދިރާސާވެރިން ބުނެއެވެ.
އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ އިއްޔެއާ ތަފާތެއް ނޫނެވެ. އެ ގޮތުން މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ. އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން 18 މީހުން މަރުވެފައިވެއެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 21 މީހުން މަރުވެފައިވެއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.



advertisment