Support Us

އީރާން ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭތީ އިތުރު 200 ބިލިއަން ޑޮލަރު އެމެރިކާ ސަރުކާރުން ހޯދަނީ

އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން މި ދިޔަ މަހު 28 ގައި ފެށި އީރާން ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް ބުނެ، ހަނގުރާމަ ކުރިއަށްގެންދިއުމަށް އިތުރު 200 ބިލިއަން ޑޮލަރު (ތިން ޓްރިލިއަން ރުފިޔާ) އެމެރިކާ ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދާ ހަމައަށް އެމެރިކާއިން ހަރަދުކުރި އަދަދު ހުރީ 20 ބިލިއަން ޑޮލަރު (309 ބިލިއަން ރުފިޔާ)ގައެވެ.

"ފަހަރުގައި މި އަދަދު ބަދަލު ވެސް ވެދާނެ. ނުބައި މީހުން މަރަން ފައިސާ ބޭނުންވޭ. ހަނގުރާމަ ނިންމާނެ ދުވަހެއް ކަނޑައެއް ނާޅަން،" އެމެރިކާގެ ހަނގުރާމަތަކާ ބެހޭ ވަޒީރު ޕީޓް ހެގްސެތު (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްގެ ކިބައިން އިތުރަށް ފައިސާ ހޯދަނީ މިހާތަނަށް ހަނގުރާމަ ހިނގައިފައިވާ ގޮތާއި އަދި ކުރިމަގުގައި ހަނގުރާމަ ހިނގަމުންދާނެ ގޮތަށް އެކަށީގެންވާ އަދަދަށް ފައިސާ ހޯދުމުގެ ގޮތުން ކަމަށެވެ.

ކޮންގްރެސްއިން 200 ބިލިއަން ޑޮލަރު އެމެރިކާގެ ދިފާއީ ވުޒާރާ ނުވަތަ ޕެންޓެގަންއަށް ދީފިނަމަ އެ ވާނީ ޕެންޓެގަންގެ މި އަހަރުގެ ބަޖެޓަށް ލިބޭ ވަރަށް ގިނަ އަދަދެއްގެ ފައިސާއަށެވެ. ކޮންގްރެސްއިން މި އަހަރަށް ދީފައިވަނީ 800 ބިލިއަން ޑޮލަރު (12 ޓްރިލިއަން ރުފިޔާ)ގެ ބަޖެޓެއް ކަމަށް ވިޔަސް އޭގެ އިތުރުން މި ދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޓެކްސް ކެނޑުމުގެ ބިލުގެ ދަށުން ކޮންގްރެސްއިން ޕެންޓެގަނަށް 150 ބިލިއަން ޑޮލަރު (ދެ ޓްރިލިއަން ރުފިޔާ) ވެސް ދީފައިވެއެވެ.

ޕެންޓެގަނުން 200 ބިލިއަން ޑޮލަރު ހޯދަން ފުރަތަމަ އެދުނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ނުވަތަ ވައިޓް ހައުސްގެ ކިބައިންނެވެ.

އީރާން ހަނގުރާމަ ފެށީ ކޮންގްރެސްއިން ހުއްދަ ނުދެނީސް ކަމަށްވާތީ ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ އެ ކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން 200 ބިލިއަން ޑޮލަރު އީރާން ހަނގުރާމައަށް އެހާ ފަސޭހައިން ކޮންގްރެސްއިން ދޭނެ ކަމަކަށް ނުފެނެއެވެ.

ހެގްސެތު ވިދާޅުވީ ހަނގުރާމަ އަދިވެސް ކުރިއަށްގެންދަނީ ހަނގުރާމަ ފެށި ދުވަހުގެ ވެސް އަމާޒުތަކާ އެއްގޮތަށް ކަމަށެވެ. އެއީ އީރާންގެ މިސައިލް ނިޒާމުތަކާއި އަސްކަރީ ސިނާއަތާއި ކަނޑުގެ ސިފައިންގެ ބާރު ކަނޑުވައިލުމުގެ އިތުރުން އީރާނަށް ނިއުކްލިއަ ހަތިޔާރެއް ހެދުމުގެ ފުރުސަތު ނުދިނުމެވެ.

ޓްރަމްޕް މިހާރު ވިދާޅުވެފައިވަނީ އެއްގަމު މަގުން އީރާނާ ހަނގުރާމަ ނުކުރާނެ ކަމަށެވެ.

ހެގްސެތު ވިދާޅުވީ ހަނގުރާމައަށް މުއްދަތެއް ކަނޑައަޅަން ބޭނުންނުވާ ކަމަށެވެ.

"ހަނގުރާމަ ކުރިއަށްދަނީ އަހަރެމެން ބޭނުންވާ ގޮތަށް. ނިންމާލާނީ ޓްރަމްޕް ވިދާޅުވުމުން. އެއީ އަހަރެމެންގެ މަގުސަދުތައް ހާސިލުވެއްޖެ ކަމަށް ވިދާޅުވުމުން،" ހެގްސެތު ވިދާޅުވިއެވެ.

ހަނގުރާމައަށް ތިން ހަފުތާ ވީއިރު އީރާންގެ 7،000 އަށްވުރެ ގިނަ އަމާޒުފަތްގަނޑަށް ހަމަލާދީފައިވާ ކަމަށާއި އިއްޔެއަކީ އެންމެ ބޮޑަށް ހަމަލާދިން ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން އީރާންގެ އައްސޭރިފަށުގެ ބިންގަރާސް މަރުކަޒުތަކުގައި ހުރި ކްރޫސް މިސައިލްތައް ނައްތައިލުމަށް އެމެރިކާއިން ފުރަތަމަ ފަހަރަށް ޖީ.ބީ.ޔޫ-72 އެޑްވާންސްޑް 5-ކޭ ޕެނިޓްރޭޓަރު ބަންކަރު ބަސްޓަރު ބޭނުންކުރި ކަމަށް ހެގްސެތު ވިދާޅުވިއެވެ. އާ ބެލިސްޓިކް މިސައިލާއި ޑްރޯން އުފެއްދިޔަ ނުދިނުމަށް ހަތިޔާރު މަރުކަޒުތަކަށް ހަމަލާދިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އީރާންގެ ވައިގެ ސިފައިންގެ ދާއިރާއަށް ބަލާއިރު، އޭނާ ވިދާޅުވީ، އީރާންގެ ވައިގެ ދިފާއީ ނިޒާމުތަކަށް ހަމަލާދިންލެއް ގިނަކަމުން އީރާންގެ ވައިގެ ސަރަހައްދުގެ ވަރަށް އެތެރެއަށް އެމެރިކާ-އިސްރާއީލުގެ އިއްތިހާދަށް މިހާރު ވަދެވޭ ކަމަށެވެ.

ކަނޑުގެ ސިފައިންގެ ދާއިރާއަށް ބަލާއިރު، ހެގްސެތު ވިދާޅުވީ، 120 އުޅަނދާއި މައިން ބަހައްޓާ 44 އުޅަނދު ހަލާކުކޮށްލެވުނު ނުވަތަ ފައްތައިލެވުނު ކަމަށެވެ.

އީރާން ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށެވެ. ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން ބުނީ މިހާތަނަށް އީރާނުން 1،444 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު އިސްރާއީލުން 18 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި އަދި އެ ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ގަލްފު ގައުމުތަކުން 21 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރިއެވެ. އެއީ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން އަށް މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ސައޫދީން ދެ މީހުން އަދި ބަހްރައިނުން ދެ މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *